Support Us

އެފް-16ގެ ހަނގުރާމަމަތީ މަތިންދާބޯޓު ތުރްކީއަށް ވިއްކަން އެމެރިކާ ބޭނުންވަނީ ކީއްވެ

 

އެފް16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ތުރްކީއަށް އަލުން ވިއްކަން އެދޭކަން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިކަން އިއްޔެ މި ވަނީ  އިޢުލާންކޮށްފައެވެ. މިއީ ރަޝިޔާގެ ދިފާޢީ މިސައިލް ނިޒާމު ގަތުމަށް އަންކަރާއިން މޮސްކޯއާއެކު އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި ތުރްކީއާ ދެމެދުގައި ނުތަނަވަސްވެފައިވާ ވެށި ރަނގަޅުވަމުން އަންނަ ކަމުގެ ޢަލާމާތެކެވެ. އެމެރިކާގެ ޚާރިޖިއްޔާ ބުނާގޮތުގައި މިކަމަކީ އެމެރިކާގެ ޤައުމީ ސަލާމަތީ މަޞްލަޙަތާ އެއްގޮތަށް އެޅޭ ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން ދުރު ރާސްތާގައި ނޭޓޯގެ ބާރު ވަރުގަދަވާނެ ކަމަށް ވެސް ކޮންގްރެސްއަށް ފޮނުވި ރަސްމީ ސިޓީގައި ބުނެފައި ވެއެވެ.

ތުރްކީ އަތުގައި އެފް16 މަރުކާގެ 240 ބޯޓު އެބަ އޮތެވެ. އެހެންކަމުން ތުރްކީއަކީ މި ބާވަތުގެ ބޯޓު އެންމެ ގިނައިން އޮތް ތިންވަނަ ޤައުމެވެ. ދެވަނަ ޤައުމަކީ އިސްރާއީލެވެ. ތުރްކީއަށް ވިއްކާ އެފް16 މަރުކާގެ  ބޯޓުފަހަރުގެ އިންޖީނުފަދަ މުހިއްމު ބައިތައް ޖަމާކޮށް އުފައްދަނީ ތުރްކީގައެވެ.

އެފް16 މަރުކާގެ ޑީލަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އަޖުމަ ބެލުމެއްބާ!

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު އެމެރިކާ ތުރްކީ ގުޅުންތައް ވަނީ ވަރަށް ނުތަނަވަސް ވަޅުގަނޑަކަށް ވެއްޓިފައެވެ. އެހެންވެ، އެފް16 މަރުކާގެ މަތިންދާބޯޓު ތުރްކީއަށް ވިއްކަން އެމެރިކާ ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅުވަމުން އަންނަ އެ ދެ ޤައުމުގެ ގުޅުމުގެ އަޖުމަ ބެލުމެއްކަމަށް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ރަޝިޔާގެ ދިފާޢީ މިސައިލް ނިޒާމު އެސް 400 ގަތުމާ ބެހޭގޮތުން އަންކަރާއާއި މޮސްކޯއާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމާ ވިދިގެން އެމެރިކާ ސަރުކާރުން ވަނީ އެފް35 މަރުކާގެ ބޯޓު އުފެއްދުމުގެ މަޝްރޫޢުން ތުރްކީ ބޭރަށް ލައިފައެވެ.ރައީސް ޓްރަމްޕް ވަނީ އެމެރިކާ ދުޝްމަނުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލާ ((CAATSA) ޤާނޫނުގެ ދަށުން ތުރްކީއަށް ބޭނުންވާ ދިފާޢީ ހަތިޔާރާއި ސާމާނު ވިއްކުން މަނާކުރައްވައިފައެވެ.

ޔުކްރޭންގެ މަސްއަލައިގެ ކުރީން ތުރްކީ އެމެރިކާ ގުޅުން ވަނީ ރަނގަޅުވާން ފަށައިފައި

ބައިޑްންގެ ރިޔާސީ ޙަމަލާތަކުގައި ތުރްކީގެ ރައީސް އުރްދުޣާނާ ދެކޮޅަށް ފާޑުވިދާޅުވެފައި ވިޔަސް ބައިޑްން ވެރިކަމަށް ވަޑައިގަތުމާއެކު މި ގުޅުން ވަނީ ކުޑަކޮށް ރަނގަޅުވާން ފަށައިފައެވެ. މި ދިޔަ އޮކްޓޯބަރު މަހު  ތުރްކީން ވަނީ އެފް16 މަރުކާގެ 40 ބޯޓު ގަތުމަށް ހުށައަޅައިފައެވެ. މީގެ އިތުރަށް ތުރްކީ އަތުގައި ހުރި މި މަރުކާގެ ބޯޓުތަކުގެ ތެރެއިން 80 ބޯޓު ޒަމާނީ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ވެސް ވަނީ އެދިފައެވެ. މި ކަމާ ބެހޭގޮތުން އެ ދެ ޤައުމުގެ ދެމެދުގައި ވާހަކަދެއްކުންތައް ބޭއްވުނަސް ވޮޝިންގޓަން އާނ ބަސް ބުނުމާ ވަނީ ދެކޮޅު ހަދައިފައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން މި ހަތިޔާރުތައް ތުރްކީއަށް ވިއްކުމަށް އެދޭކަމުގެ ސިޓީ ކޮންގްރެސްއަށް ފޮނުވައިފައި ވަނީ އެޕްރީލު ހައެއްގައެވެ. އެހެނަސް މި ސިޓީ ލިޔެފައި ވަނީ 17 މާރިޗުގައި ކަމަށް ރޮއެޓަރޒް ބުނެއެވެ. މި ސިޓީގައި މި ހަތިޔާރުތައް ތުރްކީއަށް ވިއްކުމާ ބެހޭގޮތުން ވަކި ތާވަލެއް ކަނޑައަޅައިފައެއް ނުވެއެވެ. މި ސިޓީ ބުނާގޮތުގައި ރަޝިޔާ އަތުން އެސް 400 މަރުކާގެ މިސައިލް ގަންނާތީ އެމެރިކާއިން ތުރްކީއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވޮޝިންގް ޓަން ގަސްތުކުރާކަން ފާހަގަކޮށްފައި ވެއެވެ.މި ސިޓީ ބުނާގޮތުގައި ތުރްކީއާއެކު ދިފާޢީ ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަކީ އެމެރިކާގެ ޤައުމީ ސަލާމަތީ މަޞްލަޙަތު ނިޔާކުރާ ކަމެކެވެ. އަދި މިކަމަކީ ނޭޓޯގެ ބާރު ވަރުގަދަކޮށް ދެމަހައްޓައިދޭނެ ކަމެކެވެ.

އެފް16 ޑީލައިގެން ކުރިއަށް ދާން ވޮޝިންގްޓަނުން ނިންމީ ކީއްވެ؟

ބައެއް ދާރިސުން ވިދާޅުވާގޮތުގައި އެމެރިކާއިން މި ގޮތަށް ނިންމީ އެފް 35 މަރުކާގެ ބޯޓުތައް ގަތުމަށް ތުރްކީން ދައްކައިފައިވާ ފައިސާ ތުރްކީއަށް ނުދޭންވެގެންނެވެ. ކުރީގެ ޑީލް މި ޑީލަށް ބަދަލުކޮށްލީއެވެ.

މިއަދުގެ ޙާލަތަށް ބަލާއިރު އެމެރިކާއިން ތުރްކީއަށް އެފް16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވިއްކަން ނިންމީ ޔުކްރޭން ހަނގުރާމައިގައި ނޭޓޯއަށް ތުރްކީގެ އެހީ ވަރަށް ބޮޑަށް ބޭނުންވާތީއެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ކޮންގްރެސްއަށް ފޮނުވި ނޯޓު ބުނާގޮތުގައި ރަޝިޔާ– ޔުކްރޭން ހަނގުރާމައިގައި ތުރްކީން ޔުކްރޭނަށް ދެމުންގެންދާ އެހީއާއި މަދަދަށް ބަލާއިރު "މިއީ އެ ސަރަޙައްދުގައި ރަޝިޔާއިން ގެންގުޅޭ މަކަރުވެރި ރޭވުންތައް މައިތުރިކުރުމަށް ލިބިފައިވާ ބާރެކެވެ."

ރަޝިޔާ– ޔުކްރޭން ހަނގުރާމައިން އެމެރިކާއަށާއި ހުޅަނގަށް ކަށަވަރުވަމުންދާ ގޮތުގައި ތުރްކީއަކީ ޢަސްކަރީގޮތުންނާއި އިސްތިރާތީޖީ ގޮތުން ނޭޓޯއަށް ވަރަށް މުހިއްމު ޤައުމެކެވެ.  ތުރްކީން ޔުކްރޭނަށް ދިން ޑްރޯނަކީ ޔުކްރޭނުން އެކަމަށް ތާރީފު ކުރާ ވައިގެ ދިފާޢީ ބާރެކެވެ.

މީގެ އިތުރަށް ތުރްކީން ވަނީ މޮންޓްރޭ އެއްބަސްވުމާ އެއްގޮތަށް ކަޅުކަނޑަށް ވަދެވެން އޮންނަ ތުރްކީ ކަނޑުއޮޅީގައި ރޫސީ މަނަވަރުތަކަށާއި ހަނގުރާމަމަތީ އުޅަނދުތައް ދަތުރު ކުރުން މަނާކޮށްފައެވެ. ކަޅު ކަނޑަށް ވަދެވެން އޮންނަ ހަމައެކަނި ދޮރަކީ ތުރްކީގެ މި ކަނޑުއޮޅިއެވެ.

މި ކަމުގެ ސަބަބުން ރަޝިޔާއަށް ކަނޑުގެ ބާރުތައް ކަޅުކަނޑުގައި ބޭނުންކުރުން މަނާވެގެން ދިޔައެވެ. މީގެ އިތުރަށް ހުޅަނގުގެ ޤައުމުތަކާ އެއްގޮތަށް ތުރްކީން ވެސް ރަޝީޔާގެ "ޙަމަލާތައް" ކުށްވެރި ކުރިއެވެ.

އެހެނަސް ހުޅަނގުގެ ޤައުމުތަކާ އެއްބީދައިން ރަޝިޔާއާ ދެކޮޅަށް ތުރްކީން ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައެވެ. ރަޝިޔާ އަތުން ތުރްކީ ދަނީ ހަކަތަ ހޯދަމުންނެވެ. ތުރްކީގެ ބޭންކުތަކުން ދަނީ ރަޝިޔާއާ އެކު މުޢާމަލާތު ކުރަމުންނެވެ. އަދި ތުރްކީން ދަނީ ޞުލްޙައާ ބެހޭ ވާހަކަދެއްކުންތަކަށް މެހެމާންދާރީ އަދާކުރަމުންނެވެ.

ޔުކްރޭން ރަޝިޔާ ހަނގުރާމައިގައި ތުރްކީގެ ދައުރު މުހިއްމުވާ އެތައް ސަބަބުތަކެއް އެބަ އޮތެވެ. އޭގެތެރޭގައި

  • ތުރްކީގެ ރައީސް އުރްދުޣާނާ ރަޝިޔާއާއި ޔުކްރޭނުގެ އިސް މަސްއޫލުވެރީންނާ ދެމެދުގައިވާ ޝަޚްޞީ ގުލުން ފާހަގަ ކުރެވެއެވެ.
  • ތުރްކީން ޔުކްރޭންގެ މިނިވަންކަން ދަމަހައްޓަން ބޭނުންވެއެވެ.
  • ތުރްކީން ރަޝިޔާގެ އިޤްތިޞާދު ކަސާދުވުމަކަށް ނޭދެއެވެ.
  • ތުރްކީއަކީ ރަޝިޔާގެ އަވަށްޓެރި ޤައުމެކެވެ. އެ ދެ ޤައުމުގެ ސަރަޙައްދީ ރޮނގު އޮތީ ކޯކަސް ސަރަޙައްދާ ވަރަށް ކައިރީގައެވެ.
  • ރަޝިޔާއާއި ތުރްކީއަކީ ތާރީޚީގޮތުން ބަލާއިރު ބޯލްކަން ސަރަޙައްދާއި ކޯކަސް ސަރަޙައްދުގައި ވަރަށް ވާދަވެރި ދެ ޤައުމެވެ.
  • ތުރްކީއަކީ ރަޝިޔާއާ ވަރަށް ކައިރީގައި އޮތް ނޭޓޯގެ ބާރުގަދަ ޤައުމެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *