...

Support Us

ނޭޓޯއިން ރަޝިޔާގެ ސަރަޙައްދަށް ބާރުތައް ޖަމާކުރުމުން ޔޫރަޕަށް އަމާންކަން ލިބޭނެތަ؟

ރަޝިޔާއިން ޔުކްރޭނަށް ޢަސްކަރީ ޚާއްޞަ ޙަމަލާތަކެއް ދޭން ފެށުމުގެ ކުރިން އެމެރިކާގެ ޒަޢާމަތުގެ ދަށުގައި އޮންނަ ނޭޓޯ އިން އިރުމަތީ ޔޫރަޕްގައި އެ ޖަމާޢަތުގެ ސިފައިންނާއި ބާރުތައް ޖަމާކުރާން ވަނީ ފަށައިފިއެވެ. ރަޝިޔާ- ޔުކްރޭން ހަނގުރާމަ ނިމުމުން ނޭޓޯގެ ސިފައިންނާއި ބާރުތައް ފައިބާނެބާވައެވެ؟ މި ބާރުތައް އޮތުމުން ޔޫރަޕަށް ލިބޭ އަމާންކަން އިތުރުވެގެންދާނެ ބާވައެވެ؟

އެމެރިކާއިން މިހާރުވެސް ދަނީ އިރުމަތީ ޔޫރަޕްގެ ނޭޓޯ ޤައުމުތަކަށް ސިފައިންނާއި ހަތިޔާރު ފޮނުވަމުންނެވެ. ރޯމޭނިޔާގެ މިހަޔިލް ކޮގަނިޗިޔަނޯ ޢަސްކަރީ ބޭސް ކުރިން އޮތީ ނޭޓޯގެ ބާރުތައް ވަގުތީ ގޮތުން މަޑުކޮށްލާ މަރްކަޒެއްގެ ގޮތުގައެވެ. ކަޅު ކަނޑު ކައިރީގައި އޮންނަ މި ބޭސް ނޭޓޯގެ ދިފާޢީ އެންމެ ކުރީ ސަފުގައި އޮތް ތަނަކަށް މިއަދު ވަނީ ބަދަލުވެފައެވެ. ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި އެމެރިކާއިން މިހާރު ދަނީ މި ބޭހަށް އިތުރު ސިފައިންނާއި ހަތިޔާރުތައް ފޮނުވަމުންނެވެ.

ޔުކްރޭންގެ ބޮޗާގައި ރަޝިޔާ ސިފައިން ހިންގިކަމަށް ބުނާ ޤަތުލުޢާންމެއްގެ ތުހްމަތާއެކު ނޭޓޯގެ އަމީންޢާއްމު ޔެންސް ސްޓޮލްޓެންބަރގް ޔުކްރޭނަށް އިތުރު ހަތިޔާރު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ޔުކްރޭން- ރަޝިޔާ ހަނގުރާމަ އެ ސަރަޙައްދުން ބޭރަށް ފެތުރުން މަނާކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޗާގެ ޖަރީމާއާ ބެހޭ ގޮތުން މޮސްކޯ ބުނާގޮތުގައި އެއީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ޔުކްރޭނާ ގުޅިގެން ހަދާފައިވާ މަސްއަލައެކެވެ. އެއީ މޮސްކޯގެ ބުރުސޫރަ ހުތުރު ކުރުމަށް ޓަކައި  އޮޅުވައިލައިފައިވާ އޮޅުވައިލުންތަކެކެވެ. ނޫސް އޭޖެންސީތައް ބުނާގޮތުގައި ދެ ފަރާތުން ދައްކާ ވާހަކަތައް ބަލައި ޙަޤީޤަތް ހޯދުމަކީ ވަރަށް ދަތި މަސްއަލައެކެވެ. ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯފް ވިދާޅުވާ ގޮތުގައި "ބޮޗާގެ ހިސްޓީރިޔާ"އާ ހެދި ޞުލްހައިގެ ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްއެޅިފައެވެ.

ނޭޓޯއިން މެންބަރު ޤައުމުތައް ދިފާޢު ކުރާނެ

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރޯމޭނިޔާގެ މި ބޭސް ނޭޓޯއިން ބޭނުންކޮށްފައި ވަނީ އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ބާރުތަކަށް މަދަދު ފޮނުވުމަށް ޓަކައެވެ. އެހެނަސް ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާއިން ވަނީ 1800 ސިފައިންނާއި ތަފާތު ބާވަތްބާވަތުގެ ހަތިޔާރާއި ޢަސްކަރީ އުޅަނދުތައް ފޮނުވައިފައެވެ. ނޭޓޯގެ ޢަސްކަރީ އިސްވާރަކު ވޯލް ސްޓްރީޓް ޖަރނަލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އޭނާގެ ބާރުގެ ދަށުގައި އެ ބޭހުގައި ފަރަންސޭސި 500 ސިފައިންނާއި ބެލްޖިއަމްގެ 300 ސިފައިން އެބަ ތިއްބެވެ. އޭނާ ރަޝިޔާއަށް އިންޒާރު ދެއްވަމުން ރަޝިޔާއިން އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނޭޅުމަށް ވިދާޅުވިއެވެ. ނޭޓޯގެ މި ބާރު އެ ބޭހަށް ފޮނުވީ 2014ގައި ރަޝިޔާއިން ޔުކްރޭންގެ ކްރިމިއާ ސަރަޙައްދު ހިފުމުންނެވެ.

މި ބާރުގެ އެންމެ މުހިއްމު މަސައްކަތަކީ ނޭޓޯގެ އިރުމަތީ ޔޫރަޕްގެ ޤައުމުތައް ދިފާޢުކޮށްދިނުމެވެ. އެ ހިސާބުގައި އޮންނަ ރޯމޭނިޔާއާއި ހަންގެރީއާއި ސްލޮވާކިޔާއަކީ ޔުކްރޭނާ ސަރަޙައްދީގޮތުން އެއްގަމު މަގުން އިންވެފައި އޮތް ޤައުމުތަކެކެވެ. މި ޤައުމުތަކާ ޚިލާފަށް ބުލްގޭރިޔާއަކީ ކަޅުކަނޑުގެ އަނގަމަތީގައި ސަރަޙައްދީ ގޮތުން އިންވެފައިވާ ޤައުމެކެވެ.

ނޭޓޯގެ ސަމިޓަށް ފަހު ނޭޓޯގެ އަމީން ޢާންމު ވިދާޅުވިގޮތުގައި ރަޝިޔާއިން ޔުކްރޭނަށް އެރުމުގެ ސަބަބުން ނޭޓޯގެ ދުރު ރާސްތާ އަމާންކަމަށް ބަދަލުގެނެސްފިއެވެ.

ރަޝިޔާއިން ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް މި ދެމުންދާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގެ ބޭނުމަކީ ޔުކްރޭން ހުޅަނގުގެ ޢަސްކަރީ ބޭހަކަށް ވެގެން ދިޔުމަށް ހުރަސްއެޅުމެވެ. އެއީ ރަޝިޔާގެ އަމްނު ރައްކައުތެރިކުރުމަށް ޓަކައި އަޅަން ޖެހުނު ފިޔަވަޅެކެވެ. ރަޝިޔާއިން އެދުނު ސަލާމަތީ ޖާމިނުވުން ހުޅަނގުންނާއި އެމެރިކާއިން ދިނުމާ ދެކޮޅު ހެދުމުން އަޅަން މަޖްބޫރުވި ފިޔަވަޅެކެވެ.

އެމެރިކާއާއި ހުޅަނގުން ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތައް ދިނުމަށް އެއްވެސް ބަހަނާއެއް ނެތެވެ. ރަޝިޔާގެ މި ޙަމަލާތަކާ ވިދިގެން ނޭޓޯ މިހާރު އޮތީ ވަރަށް ތައްޔާރީ ޙާލަތެއް ގައެވެ. ރޫސީ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި މޮސްކޯއިން ބޭނުންވަނީ އިރުމަތީ ޔޫރަޕްގެ ޤައމުތަކުގައި ތިބި ނޭޓޯ ސިފައިން ފޭބުމަށެވެ. އެހެނަސް މިކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި ނޭޓޯއިން ދަނީ މި ޤައުމުތަކަށް ސިފައިންނާއި ހަތިޔާރުތައް ފޮނުވައި ރަޝިޔާއަށް ބިރުދައްކަމުންނެވެ. ނޭޓޯ ބުނާގޮތުގައި އެ ސަރަޙައްދުގައި މި ވަގުތު ނޭޓޯގެ 40 ހާސް ސިފައިން އެބަ ތިއްބެވެ.

އެމެރިކާ ސިފައިންގެ ތަރްޖަމާނު މާރކޮސް ވިޗެލް ސިފަކުރެއްވި ގޮތުގައި ރޯމޭނިޔާގައި ހުރި ނޭޓޯ ސިފައިންގެ މަރްކަޒަކީ "ސަހަރެކެވެ." ކުރިއަށް އޮތް މަސްތަކުގައި ނޭޓޯގެ އިތުރު ސިފައިންނަށް އެ ބޭހަށް ފޮނުވޭނެއެވެ.

ޔޫރަޕްގެ އަމާންކަން ވާނީ ބޮޑުތަ؟

ސޮވިއެޓް ޔުނިއަން 1991 ގައި ރޫޅުމާ ވިދިގެން ޔުކްރޭނިޔާ މިނިވަން ޤައުމަކަށް ވިއެވެ. އެ ޤައުމުގެ ރައްޔިތުން އެދޭގޮތް ބެލުމަށް ޓަކައި ނެގުނު ފެންނަނުފެންނަ ވޯޓުގައި 90% ށް ވުރެ ގިނަމީހުން ބޭނުންވީ މިނިވަން ދައުލަތަކަށް ވުމަށެވެ. އެހެނަސް 2004ގައި އެ ޤައުމުގައި ހުޅުފަޅައިގެން ދިޔަ "އޮރެންޖް އިންޤިލާބު"ގެ ސަބަބުން އޭރު އޮތް ޔެންކޮވިޗްގެ ސަރުކާރު ވެއްޓި ޔުޝްޗިންކޯ ވެރިކަމަށް ވަޑައިގެންނެވިއެވެ. މިކަމާ ވިދިގެން ޔުކްރޭން ހުޅަނގާ ދިމާއަށް ދަތުރުކުރާން ފެށިއެވެ.

ދެހާސް ދިހަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޔެންކޮވިޗް ކާމިޔާބު ކުރެއްވުމާ ވިދިގެން ޔުކްރޭންގެ ސިޔާސަތަށް ބަދަލުތަކެއް އައެވެ. ޔުކްރޭން އަނެއްކާ ވެސް ހުޅަނގާ ދުރަށް ދާން ފެށިއެވެ. މިކަމާ ވިދިގެން  ޔުކްރޭންގެ ސިޔާސީ މަސްރަޙު ދެ ބައިވެގެން ދިޔައެވެ. އެއްބަޔަކު ބޭނުންވަނީ ރަޝިޔާއާއެކު ގުޅުންތައް ދެމެހެއްޓުމަށެވެ. އަނެއް ބަޔަކު ބޭނުން ވަނީ ރަޝިޔާއާ ދުރަށް ގޮސް ހުޅަނގާ ގުޅުމަށެވެ. މި މަސައަލައިގައި ޔުކްރޭންގެ ހުޅަނގު ބިތާއި އިރުމަތީ ބިތުގެ ޚިޔާލު ވަރަށް ތަފާތެވެ. އިރުމަތީ ބިތަކީ ރަޝިޔާ ބަސް އަސާސީ ބަހެއްގެ ގޮތުގައި ބޭނުންކުރާ ރައްޔިތުންތަކެއް އުޅޭ ސަރަޙައްދެކެވެ. ހުޅަނގު ބިތުގެ ރައްޔިތުން ބޭނުންވަނީ ޔޫރަޕްގެ އިއްތިޙާދުގައްޔާއި ނޭޓޯގައި ޔުކްރޭން ބައިވެރިވެ ހުޅަނގުގެ ފޭލިގެއަށް ވަންނާށެވެ.

މި ޚިޔާލު ތަފާތުވުމުގެ ތެރޭގައި ރައީސް ޔެންކޮވިޗާ ދެކޮޅަށް އޮރެންޖް އިންޤިލާބާ އެއްފަދަ އިންޤިލާބެއް ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. މި އިންޤިލާބު މައިތިރި ކުރުމަށް ޓަކައި ރައީސް ޔެންކޮވިޗް ގެންގުޅެއްވި ހަރުކަށި ސިޔާސަތުގެ ސަބަބުން ޢާންމުންގެ އެތައް ބަޔަކު މަރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔެންކޮވިޗް ވެރިރަށް ދޫކުރައްވާ އިރުމަތީ ސަރަޙައްދަށް ވަޑައިގެންނެވިއެވެ.

ރައީސް ޔެންކޮވިޗް އިރުމަތީ ސަރަޙައްދަށް ވަޑައިގަތުމުން ހުޅަނގަށް ތާއީދުކުރާ އިދިކޮޅު މީހުން ކިއީފްގެ ވެރިކަމަށް އިސްވިއެވެ. މިހެންވެ މޮސްކޯ ދެކޭގޮތުގައި ކިޔީފްގެ މިއަދުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެކެވެ. ނަތީޖާއެއްގެ ގޮތުން  ޔުކްރޭންގައި ދެ ސަރުކާރެއް ޤާއިމުވިއެވެ. ޔުކްރޭންގެ އިރުމަތީ ސަރަޙައްދު އޮތީ ރަޝިޔާއާއެކު ގައެވެ. ހުޅަނގު ސަރަޙައްދު އޮތީ ހުޅަނގާ އެމެރިކާއާއެކުގައެވެ. އިރުމަތީ ސަރަޙައްދުގައި ހިމެނޭ ސަރަޙައްދުތަކުގެތެރޭގައި ޑޮންބާސް ސަރަޙައްދާއި ކްރިމިޔާ ސަރަޙައްދު ހިމެނެއެވެ. މި ކަންތައްތަކާ ގުޅިގެން ޔުކްރޭންގެ ކިޔީފް ސަރުކާރާ މި ސަރުކާރުން ވަކިވެ ގަތުމަށް ބޭނުންވާ ސަރަޙައްދުތަކާ ދެމެދުގައި ހަނގުރާމަ ފެށުނެވެ. މި ހަނގުރާމައިގެ ތެރޭގައި ކްރިމިޔާ މީހުން ޔުކްރޭނާ ވަކިވެ މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ރޫސީ އިއްތިޙާދުގައި ބައިވެރިވިއެވެ.

ރޫސީ ރައީސް ޕޫޓިން އެމެރިކާގެ ކިބައިން އެދިވަޑައިގަތީ ނޭޓޯ އިރުމަތީ ބިތަށް ފުޅައު ނުކުރާނެކަމުގެ ޖާމިނުވުމަކަށެވެ. މި ޖާމިނުވުމެއް ލިބިވަޑައެއް ނުގަތެވެ. އެމެރިކާއާއި ނޭޓޯއިން ޢަމަލު ކުރަމުން ދިޔައީ  މުޅިން ޚިލާފަށެވެ. އިރުމަތީ ޔޫރަޕްގެ ޤައުމުތައް ހުޅަނގުގެ ފޭލިގެއަށް ވެއްދުމާއި ރަޝިޔާއާ ހަތުރުވެރި ކުރުވުމެވެ.

މި ސީނާރިޔޯއަށް ބަލާއިރު ރަޝިޔާގެ ސަރަޙައްދު ކައިރިއަށް ނޭޓޯގެ ބާރުތައް ޖަމާކުރުމަކީ ޔޫރަޕްގެ އަމްނާއި ހަމަޖެހުން ޖާމިނުކޮށްދޭނެ ކަމެއް ނޫންކަމަށް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި ކިއެއްހެއްޔެވެ؟ މި ކަމުގެ ސަބަބުން ގާތްވަމުންދާނީ "ހަނގުރާމަ"އާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.