Support Us

އެޗްޑީސީގެ "ރޯދަ ސާފު" ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް: ޝަރީފު

އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރޯދަ ސާފު" ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެޗްޑީސީން އިންތިޒާމްކޮށްގެން ހުޅުމާލެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޝަރީފު ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގެދޮރާއި ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ރީތި އާދައެއް ކަމަށާއި، އެ އާދަ މިހާރު ނެތެމުން ދިޔަނަމަވެސް، އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރޯދަ ސާފް" ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ އެ ހަރަކާތައް ހުރިހާ މުއައްސަސާއަކުންވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ ވަރަށް މުހިއްމު އަދި އެދެވޭ ކަމެއް ކަމަށެވެ. އަދި އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށާއި ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފުކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުނާއި ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަގައިއިގެން ނޫން ގޮތަކަށް އަޅުގަނޑުމެން އުޅޭ ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމުގައި ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކުން ހާއްސަކޮށް، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާ އެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައިވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.