...

Support Us

ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ވަރަށް ގިނަ ތަޖުރިބާކާރުންތަކެއްގެ ލިއުންތަކާއެކު "އަދިވެސް" ނުކުމެއްޖެ

ދިވެހި ނޫސްވެރިކަމާއި ލިއުންތެރިކަމުގައި ތަޖުރިބާކާރު ވަރަށް ގިނަ ބޭފުޅުންތަކެއްގެ ލިއުންތައް ހިމެނޭ "އަދިވެސް އޮންލައިން" ނިއުސް މެގަޒިން މިއަދު ނެރެން ފަށައިފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީކޮށްފައިވާ "އަދިވެސް އޮންލައިން"ގެ މަސްއޫލުވެރިޔާ، ސީ.އީ.އޯ އަދި ޗީފް އެޑިޓަރަކީ ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، "ހަވީރު" އޮންލައިނާއި "ހުވާސް"ގެ އެޑިޓަރުކަން ކުރެއްވި މުހައްމަދު ޝަހީބެވެ.

"އަދިވެސް" ވުޖޫދަށް މި އައީ އެކި ދާއިރާތަކުގެ 50 އަށްވުރެ ގިނަ ލިއުންތެރިންގެ 100 އަށްވުރެ ގިނަ ލިއުމާ އެކުގައެވެ.

ފުރަތަމަ އަދަދުގެ އެޑިޓޯރިއަލްގައި ޝަހީބު ވިދާޅުވެފައިވާ ގޮތުގައި ކިއުންތެރިން އެންމެ ބޭނުންވާ ހުރިހާ ރަހަތަކެއް "އަދިވެސް"ގައި ހިމެނޭނެއެވެ. މިގޮތުން ޚަބަރާއި ރިޕޯޓާއި ހަގީގީ ހާދިސާތަކާއި ސިޔާސީ އަދި އިޖުތިމާޢީ ތަފާތު ދާއިރާތަކުން ދިރާސާ ރިޕޯޓާއި ކޮލަމްގެ އިތުރުން، ކާޓޫނާއި ވާހަކަ ވެސް ހިމެނެއެވެ. އަދި މުނިފޫހިފިލުވުމާއި ފަރުދުން ޕޭޖާއި ކުޅިވަރާއި ވިޔަފާރި އާއި ތާރީޚާއި ދީނާއިދުނިޔެ އާއި ކަސްރަތާއި ފޮޓޯ ގެލެރީ އާއި ވީޑިއޯގެ ޚާއްސަ ބައިތަކެއް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަދިވެސް"ގެ ފުރަތަމަ އަދަދުގައި ލިއުއްވައިފައިވާ ގިނަ ލިއުންތެރީންނަކީ، ދިވެހި ނޫސްވެރިކަމާއި ލިއުންތެރިކަމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި، ކަމުގެ ތަޖުރިބާކާރުންނެވެ. ބައެއް ބޭފުޅުންނަކީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި ލިއުންތެރިކަމުގެ ގައުމީ އިނާމާއި އަލިމަސް ގަލަމާއި ރަން ގަލަމާއި ރިހި ގަލަން ވެސް ހާސިލްކުރައްވައިފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރޭގައި ޝަހީބުގެ އިތުރުން ހަވީރުގެ ސެކްޝަން އެޑިޓަރުކަން ކުރައްވައިފައިވާ މަޝްހޫރު ލިއުންތެރިން ކަމަށްވާ އިމާދު ލަތީފާއި މުހައްމަދު ސައީދު މޫސާ ވަޖުދީގެ އިތުރުން މަޝްހޫރު ކޮލަމިސްޓް މުހައްމަދު ބުޝްރީގެ އިތުރުން ވެސް އިތުރު ލިއުންެތެރިން ހިމެނެ އެވެ.

"އަދިވެސް"ގައި ހާއްސަ ދާއިރާތަކުން ލިއުއްވައިފައިވާ ބައެއް ބޭބޭފުޅުންނަކީ އެ ބޭފުޅެއްގެ ފަންނީ ދާއިރާއިން ދުނިޔޭގެ އެންމެ މަތީ ފާސްތައް ނަންގަވައިފައިވާ ތަޖުރިބާކާރުންނެވެ. އެ ބޭފުޅުންގެ ތެރޭގައި، ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަލްއުސްތާޒު އަހުމަދު ފާއިޒު ހުސެއިނާއި އަލްއުސްތާޒު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއާއި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ހިމެނިވަޑައިގަނެ އެވެ. އަދި މަޝްހޫރު ލިއުންތެރިން ކަމަށްވާ އޮގަރު އިބްރާހިމް ވަހީދާއި ޑރ. އަބްދުލްޣަފޫރު އަބްދުއްރަހީމާއި އަހުމަދު ޝިޔާމާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު ޢަބޫބަކުރާއި ޕީއެސްއެމްގެ ކުރީގެ އެމް.ޑީ ހޯރަފުށީ އިބްރާހިމް ޚަލީލާއި ޕީއެސްއެމްގެ ކުރީގެ ޑީ.އެމް.ޑީ މުހައްމަދު އިކްރާމް އަބްދުއްލަތީފު ވެސް ހިމެނިވަޑައިގަނެ އެވެ.

ޚާއްސަ ދާއިރާތަކަށް، "އަދިވެސް"ގެ ފުރަތަމަ އަދަދުގައި ލިއުއްވައިފައިވާ އިތުރު ލިއުންތެރިންގެ ތެރޭގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދާއި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ އިތުރުން ރައްޔިތުންގެ މަޖުލިސްގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ފިލްމު ޑައިރެކްޓަރު އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ސުޖާއުއާއި ކަސްރަތާއި ދުޅަހެޔޮކަމާ ބެހޭ ތަޖުރިބާކާރުން ކަމަށްވާ ޢަބްދުއްރައްޒާގު އިބްރާޙިމާއި ގޯލްޑް މެނޭޖަރު މުހައްމަދު ހާނިމާއި ލިއުންތެރިޔާ އަދި ފިލްމު އެކްޓަރ/ޑައިރެކްޓަރ އަހުމަދު ޝާޒު (ތަޖޫ) އާއި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒު އާދަމް ޝަމީމާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ތަރި މުހައްމަދު އަނީސް އާއި ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޝަރީފާއި ވިޔަފާރީގެ ދާއިރާގެ ލިއުންތެރިން ކަމަށްވާ އާމިނަތު އަރޫޝާ އާއި މުހައްމަދު މަތީނުގެ އިތުރުން އަބްދުﷲ ނައީމާއި މުހައްމަދު ސައީދާއި އަހުމަދު ސާލިމް އާއި ޝަރަފުއްދީން އަބޫބަކުރު ހިމެނިވަޑައިގަނެއެވެ. އަދި ކުރީގެ ތަޖުރިބާކާރު ޖާނަލިސްޓުން ކަމަށްވާ މަރިޔަމް ރާނިޔާ އާއި އުންމު ސަލްމާ އާއި މުހައްމަދު ޔޫޝައު އާއި މުހައްމަދު އަޚުތަރުގެ އިތުރުން ވާހަކަ ލިއުންތެރިން ކަމަށްވާ ޝަބީބު ތައުފީގާއި ހައްވާ ޒާހިރާ (ޒާހީ) ވެސް ހިމެނެ އެވެ. މީގެ އިތުރުން ފިލްމު ޑައިރެކްޓަރ އަދި ކުރެހުންތެރިޔާ އަޝްހަރު ވަހީދު ވެސް "އަދިވެސް" ޓީމުގައި ހިމެނެއެވެ. މީގެ އިތުރުން ވެސް ބައެއް ލިއުންތެރިން "އަދިވެސް"ގައި ލިއުއްވަ އެވެ.

ރާއްޖޭގައި މިހާރު ނުކުންނަ އޮންލައިން ނޫސްތަކުގައި ނުހިމެނޭ ވަރަށް ޚާއްސަ ބައިތަކެއް ވެސް "އަދިވެސް"ގައި ހިމަނައިފައިވެއެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ބަޔަކީ ދިވެހި ޅެންވެރިކަމަށް ޚާއްސަކޮށްފައިވާ "ޅެންހަރެ"ވެ.

"ބޭނުމަކީ ދިވެހި އަދަބީ ގުލްޝަންގައި ފަރިވެ ފޮޅެމުންދާ ވަސްމީރު މާމެލާމެލީން ޒުވާނުންނާއި ޅަ ދަރީންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން ފޯރުކޮށްދީ، ޅެންވެރިކަން ކުރިއެރުވުމަށް ޒުވާން ދަރިވަރުންނަށް ހިތްވަރުދީ، ކިއުންތެރިންގެ އަދަބީ ޚަޒާނާ މުއްސަނދިކުރުމެވެ." އެޑިޓޯރިއަލްގައި ޝަހީބު ލިއުއްވާފައި ވެ އެވެ.

"އަދިވެސް"ގެ ފުރަތަމަ އަދަދުގައި ލިއުއްވައިފައިވާ ޅެންވެރީންގެ ތެރޭގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީއާއި ރާއްޖޭގެ އެންމެ މަޝްހޫރު ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ޅެންވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅެއް ކަމުގައިވާ ކުރީގެ ވަޒީރު ޢަބްދުއްރަޝީދު ހުސެއިނާއި އުތީމު އާދަމް ޢަބްދުއްރަހުމާނާއި ރަމްލާ ޢަބްދުލްޣަނީއާއި ތިނަދޫ ޢަބްދުﷲ އަފީފު ހިމެނިވަޑައިގަނެ އެވެ. އަދި ޅެންވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މަޝްހޫރު ލިއުންތެރިން ކަމަށްވާ އާދަމް ނަސީރު އިބްރާހިމާއި ރޯނުގޭ ހަސަންމަނިކުގެ އިތުރުން މަޝްހޫރު ޅެންވެރިން ކަމަށްވާ އޮގަރު އިބްރާހިމް ވަހީދާއި ޑރ. މުހައްމަދު ގުބާދާއި އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު ޢަބޫބަކުރާއި މުހައްމަދު ޝާހިދު ހަލީމާއި ޢީސާ ޝަރީފާއި ހަތިފުށީ ޢަބްދުﷲ ޝާކިރު (ޝާކިރުބެ) އާއި ކުރޮޅި މުހައްމަދު ޒާހިރާއި ޢިއްޒާ އަހުމަދު ނިޒާރާއި ޝަރަފުއްދީން އަބޫބަކުރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

"އަދިވެސް" ގައި މުޅިން އާބަޔެއްގެ ގޮތުގައި ހިމެނޭ ދެވަނަ ބަޔަކީ "ސިޓީބިޓީ" އެވެ. މިއީ މުޖުތަމައުގައި ހުރި ރައްޔިތުން ކަންބޮޑުވާ އެކިއެކި ކަންކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި، ކަމާ ބެހޭ ފަރާތަށް ނިސްބަތްކޮށް ކިއުންތެރިން ފޮނުއްވާ ސިޓީތަކަށް ޚާއްސަ ބައެކެވެ. "ހުޅުވާލެވިފައިވާ ސިޓީ" އަށް ސިޓީ އާއި ފޮޓޯ ފޮނުވުމުގެ ދައުވަތު ހުރިހައި ކިއުންތެރިންނަށް ވަނީ ހުޅުވާލައިފައެވެ.

"އަދިވެސް"ގައި ދެން ހިމެނޭ މުޅިން އާ ބަޔަކީ "ފަންނުވެރީން"ގެ ބައެެވެ. މި ބަޔަކީ ފަންނުވެރިކަމުގެ ތަފާތު ދާއިރާތަކުގައި އެކިއެކި އުފެއްދުންތައް އުފައްދާ ދިވެހިން ކިއުންތެރިންނާ ގުޅުވައިދޭ ބައެކެވެ. މިގޮތުން "ފަންނުވެރިން"ގެ ބައިގައި ހިމެނެނީ މަގުބޫލް ފެޝަން ޑިޒައިނަރުންގެ އުފެއްދުންތަކާއި ކޭކު އެޅުމުގައި މަޝްހޫރު ބައެއް ކަނބަލުންގެ ކޭކުތަކާއި ހަދިޔާއަށް ދޭ ކަހަލަ އެކިއެކި އުފެއްދުންތަކެވެ.

"އޭރުން، މުހިންމު ހަފުލާއަކަށް ހެދުމެއް ފައްސަވާލައްވަންވިޔަސް، ކޭކެއް އަޅުއްވަންވިޔަސް، ނުވަތަ ދިވެހިވަންތަ ހަދިޔާއެއް ހޯއްދަވަން ބޭނުންފުޅު ވިޔަސް، "ފަންނުވެރިން"ގެ ޕޭޖުން ފޮޓޯތައް ބައްލަވައިލެއްވުމަށްފަހު، ވަރަށް ފަސޭހައިން އެ ފަރާތްތަކާ ގުޅާލެއްވޭނެ،" ކަމަށް އެޑިޓޯރިއަލްގައި ޝަހީބު ލިއުއްވާފައިވެއެވެ.

"ފަރުދުން"ގެ ސަފުހާ އަކީ ވެސް ވަރަށް މުހިންމު ބައެކެވެ. މި ސަފުހާގައި ހިމެނެނީ އެކިއެކި ކަންކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރުދުންނާ ބެހޭ ވާހަކަ ކޮޅެކެވެ. "އަދިވެސް"ގެ އިފްތިތާހީ އަދަދުގައި ވެސް ތަފާތު ތިން ބޭފުޅެއް މި ސަފުހާގައި ހިމަނައިފައި ވެ އެވެ.

"އަމިއްލަ ނޫހެއް، މަޖައްލާއެއް، ނުވަތަ މީޑިއާގެ އެހެން ވަސީލަތެއް އުފަންކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވަރަށް ކުރިއްްސުރެ ވެސް އަޅުގަނޑު ހިތަށްއަރައެވެ. އެހެންވެ ފާއިތުވި 30 އަހަރު ތެރޭގައި އެ މަގުން ތަފާތު މަސައްކަތްތައް ކުރީމެވެ. ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވުނެވެ." އެޑިޓޯރިއަލްގައި ޝަހީބު ލިއުއްވާފައިވެއެވެ. "ބައެއް ކަހަލަ ހުވަފެންތަކަކީ ދުވަހުން ކުލަޖެހޭ ހުވަފެންތަކެވެ. އެކަމަކު، ދެކޭތާ އެތައް ދުވަހެއް ފަހުން ކުލަޖެހޭ ހުވަފެންތަކުގެ ކުލަތައް، ނަލަވެފައި ހިތްގައިމުވާނެ ކަމަށް ބުނެވެ އެވެ. ހަމަ ޔަގީނުން ވެސް އަޅުގަނޑަށް މި ދިމާވީ އެކަހަލަ ގޮތަކަށެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
631411
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ވަރަށް ފުރިހަމަ ނޫހެއްގެ ގޮތުގައި ވުޖޫދު ވެ ބޭނުންތެރި މައުލޫމާތު ލިބޭނެ ކަމަށް އުއްމީދު ކުރަން ވވމޮޅު ބޭފުޅުންގެ ޓީމެއް ކުރި އެރުމާ ކާމިޔާބަށް އެދެން….

  2. މިރާއްޖޭގެ ނޫސްވެރީންނާއި ލިޔުންތެރީންގެ ކްރީމްކޮޅު ތިޔައީ. ޤައްުމަށް ބޭނުންތެރި ހުރިހާ ދާއިރާއަކުން ބޭނުންތެރި ލިޔުންތައް މޫނަކަށް ކަނދުރާއަކަށް ނުބައްލަވައި ޙައްޤަށް ލިޔުއްވާނެ ކަމަށް އުއްމީދުކުރަމެވެ. ކާމިޔާބީއަށް އެދެމެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *