Support Us

ޕޫޓިންގެ ޢަޤީދާ- މި ވަގުތު ޔުކްރޭނަށް އަރަން ރައީސް ޕޫޓިން ނިންމެވީ ކީއްވެ؟  

ރަޝިޔާއިން ޔުކްރޭނަށް އެރުމާއެކު ރައީސް ޕޫޓިންގެ ސިޔާސީ އަދި ޢަސްކަރީ ޢަޤީދާ (ވިސްނުންފުޅާ) މެދު ވަރަށް ގިނަ ބަޔަކު ސުވާލު ކުރަން ފަށައިފިއެވެ.

ދާރިސުން ވިދާޅުވާގޮތުގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި މި ފެށުނު ހަނގުރާމައަކީ 30 އަހަރުވަންދެން ހިފުމާއި ބެއްދުމުގެ ނަތީޖާއެކެވެ. އެއީ ޔުކްރޭނަށްވުރެ ބޮޑު މަސްއަލައެކެވެ. އަދި އެއީ ޔުކްރޭން ނޭޓޯއަށް ވައްދަން ކުރެވޭ މަސައްކަތަށް ވުރެ ވެސް ބޮޑު ކަމެކެވެ. މި ކަންކަމުގެ އިތުރަށް އެއީ ސޮވިއެޓް ޔުނިއަން ރޫޅުމާ ވިދިގެން ޤާއިމުވެގެން ދިޔަ ޔޫރަޕްގެ ނިޒާމުގެ ކުރިމަގާ ވެސް ގުޅިފައިވާ ކަމެކެވެ. މިދިޔަ ސައްތައިގެ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއާއި އެމެރިކާގެ އެކުވެރީން މި ނިޒާމު އެކުލަވައިލައި ބައްޓަންކޮށްފައި ވަނީ މި ނިޒާމުގައި ރަޝިޔާއަށް އެއްވެސް ދައުރެއް ދިނުމަކާ ނުލައެވެ. މޮސްކޯއަށް އެއްވެސް ކަށަވެތިކަމެއް ވެސް ނުދީއެވެ.

ރަޝިޔާގެ ވެރިކަމާ ޕޫޓިން ޙަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން އޭނާ ދަނީ މި ނިޒާމަށް ގޮންޖައްސަވަމުންނެވެ. ބައިނަލްއަޤްވާމީ ނިޒާމުގައި ރަޝިޔާގެ ސަލާމަތަށް ކަނު ލޮލެއް ދީފައިވާތީ ޕޫޓިން ތަކްރާރުކޮށް ދަނީ ޝަކްވާ ކުރައްވަމުންނެވެ. ކުރީގެ ސޮވިއެޓް ޔުނިއަންގެ ދާއިރާގެ ތެރޭގައި ރަޝިޔާއަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބެން ޖެހޭނެ ކަމަށް ޕޫޓިން ދެކެވަޑައިގަންނަވައެވެ. މި ފިކުރާއި ޚިޔާލުގެ ދަށުން ރަޝިޔާއިން ވަނީ ރަޝިޔާގެ ފަލަކުން ބޭރަށް ނުކުންނަން މަސައްކަތް ކުރާ ޤައުމުތަކާ ދެކޮޅަށް ކުދިކުދި ފިޔަވަޅުތައް އަޅައިފައެވެ. ޖޯރޖިޔާއަކީ މި ކަމުގެ ރަނގަޅު މިސާލެކެވެ. މިފަދަ ފިޔަވަޅުތައް އަޅައިފައި ވަނީ ހުޅަނގާ ދިމާއަށް މި ޤައުމުތަކުން މިސްރާބު މުޅިން ބަދަލުކޮށްފާނެތީއެވެ.

ރައީސް ޕޫޓިން މިފަހަރު ޔުކްރޭނާ ދެކޮޅަށް މި އެޅުއްވި ފިޔަވަޅަކީ ކުރީގެ ފިޔަވަޅުތަކަށްވުރެ މާ ބޮޑު ފިޔަވަޅެކެވެ. އެއީ ކްރިމިޔާ ސަރަޙައްދު ރަޝިޔާގެ ބަޔަކަށް ހެދުމާއި، 2014 ގައި ޔުކްރޭންގެ ޑޮންބާސް ސަރަޙައްދަށް އެރުމަށްވުރެ ބޮޑު ކަމެކެވެ. މިހާރު ރަޝިޔާއިން ދޭން މި ފެށި ޙަމަލާގެ އަމާޒަކީ ސަރަޙައްދީ ނިޒާމު މުޅިން ރޫޅައިލުމެވެ. ޔޫރަޕްގެ ބައްރުގައި ރަޝިޔާއަށް ލިބޭން ޖެހޭ މަޤާމު ހޯދައިދިނުން ކަމަށް ވެދާނެއެވެ.

ރަނގަޅު ފުރްޞަތެއް

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ޙަރަކާތްތެރިވުމަށް ވަރަށް ރަނގަޅު ފުރްޞަތެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ވަގުތު އެމެރިކާ އޮތީ ބަލިކަށި ޙާލަތެއްގައެވެ. އެމެރިކާ އޮތީ ބައިބައިވެފައެވެ. ހަރުދަނާ ޚާރިޖީ ސިޔާސަތެއް އެކަށައެޅުމަށް ވޮޝިންގްޓަން ވަނީ ނުކުޅެދިފައެވެ.

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި މި ވަގުތަކީ ޙަރަކާތްތެރިވާން އެންމެ ރަނގަޅު ވަގުތެވެ. އޭނާގެ ނަޒަރުގައި އެމެރިކާ އޮތީ އެތެރެއިން ބައިބައިވެފައެވެ. ދެ ދަހަރު ވެރިކަމުގައި ހޭދަކުރެއްވުމުގެ ސަބަބުން އޭނާއަށް ވަނީ އެމެރިކާގެ ފަސް ރައީސަކާ ބައްދަލުވެވަޑައިގެންފައެވެ. އެ ފަސް ރައީސުންގެ ތެރެއިން އެންމެ ބަލިކަށި ރައީސަކީ ޕޫޓީންގެ ނަޒަރުގައި ރައީސް ބައިޑްނެވެ. މި 20 އަހަރުގެ ހިތި ތަޖްރިބާތަކުން ރައީސް ޕޫޓިނަށް ލިބިވަޑައިގެންނެވި ފިލާވަޅަކީ އެމެރިކާއަށް އިތުބާރެއް ނުކުރެވޭނެއެވެ. ޖަރްމަނުގެ އައު ސަރުކާރަށް އަދި އެ އުޅެނީ ސިޔާސީ މަސްރަޙުގައި ފައިތިލަ ހަރުކޮށް ނުލެވިގެންނެވެ. މީގެ އިތުރަށް ހުޅަނގު ޔޫރަޕްގެ ގިނަ ޤައުމުތައް އޮތީ ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ.

މި ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތް ތާނގައި ޔޫރަޕްގައި ހަމަނުޖެހުންތައް އުފެދޭނެއެވެ. މި ހަމަނުޖެހުންތަކުގެ އެއްފަރާތް ކަމުގައި ރަޝިޔާ ވާނެއެވެ.

ޕޫޓިން ޤަބޫލުކުރައްވާ ގޮތުގައި ހުޅަނގުން ރަޝިޔާއާއެކު މުޢާމަލާތު ކުރާން ވަނީ ސޮވިއެޓް ޔުނިއަނާއެކު މުޢާމަލާތު ކުރިގޮތަށް އިޙްތިރާމާއި ހައިބަތާއެކުގައެވެ. ބައިނަލްއަޤްވާމީ ހުރިހާ މަސްއަލަތަކެއްގައި ރަޝިޔާގެ އަޑުއަހަން ޖެހޭނެއެވެ. ރަޝިޔާގެ އަވަށްޓެރީންނާއެކު އޮންނާން ޖެހޭނީ ޚާއްޞަ ގުޅުމެކެވެ. އެހެން ޤައުމުތަކުން މި ގުޅުމާ ބެހިގެން ނުވާނެއެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ސޮވިއެޓް ޔުނިއަން ނެތިގެން ދިޔުމާއެކު ނޭޓޯ ވެސް ނެތިގެންދާން ޖެހޭނެއެވެ. ފިނި ހަނގުރާމަ ނިމިގެންދިޔުމާއެކު ޖޯގްރަފީގޮތުން ހަމަޖައްސަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިކަމާ ބެހޭގޮތުން ވާހަކަދައްކަން ވަނީ ޖެހެއެވެ. މިއަށް ޕޫޓިންގެ ޢަޤީދާއޭ (ނުވަތަ ވިސްނުމޭ) ކިޔިދާނެއެވެ.

މާޒީގެ ޠޫފާނެއް

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ބައިނަލްއަޤްވާމީ ބޮޑެތި ނިންމުންތައް ނިންމާ މޭޒުދޮށުގައި ރަޝިޔާއަށް ގޮނޑިއެއް ހުންނާން ޖެހޭނެއެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި 20ވަނަ ސައްތައިގެ ނުވަދިހައިގެ އަހަރުތަކަކީ މޮސްކޯއަށް އިހާނެތި އަހަރުތަކެކެވެ. ރަޝިޔާ އެންމެ ބަލިކަށިވެފައި އޮތް ވަގުތުގައި އެމެރިކާއާއި އެމެރިކާގެ އެކުވެރީން ވަނީ އެ މީހުންގެ އެޖެންޑާ ޤަބޫލު ކުރާން މޮސްކޯއަށް މަޖްބޫރުކޮށްފައެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ޙާލަތު ވަނީ ބަދަލުވެފައެވެ. ޖޯޖިޔާއާ ދެކޮޅަށް 2008ގައި ކުރި ހަނގުރާމައަށްފަހު ރަޝިޔާއިން އެ ޤައުމުގެ ޢަސްކަރީ ބާރުތައް ވަނީ އަލުން ބިނާކޮށްފައެވެ. މިއަދު އެ ސަރަޙައްދުގައި އޮތް އެންމެ ބާރުގަދަ ޤައުމަކީ ރަޝިޔާކަމަށް ޕޫޓިން ދެކެވަޑައިގަންނަވައެވެ. މޮސްކޯގެ އަތް މުޅި ދުނިޔެއަށް ދިގުކޮށްލެވޭވަރު ވެއްޖެކަމަށް ވެސް ޕޫޓިން ދެކެވަޑައިގަންނަވައެވެ. އަވަށްޓެރީންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރު މިއަދު ރަޝިޔާއަށް ލިބިފައިވާތީ ވާހަކަދެއްކުމަށް ޓަކައި މޭޒު ކައިރިއަށް ރަޝިޔާ ގެންދާން ހުޅަނގަށް މަޖްބޫރުވާނެއެވެ. ރަޝިޔާއިން ކްރިމިޔާ ސަރަޙައްދު ހިފުމާ ވިދިގެން ޖީ8 ން ރަޝިޔާ ބޭރަށްލިޔަސް ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިފައިވާތީއާއި ޖޯގްރަފީ ގޮތުންނާއި ނިޔުކްލިއަރ ގޮތުންނާއި ހަކަތައިގެ މައިދާނުގައި ރަޝިޔާއަށް ލިބިފައިވާ ޤާބިލުކަމުގެ ސަބަބުން މޮސްކޯގެ ބަހާމެދު އެހެން ޤައުމުތަކުން ވިސްނަން ވަނީ ޖެހިފައެވެ.

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިޔާގެ އަމްނާއި އަމާންކަން ހިރާސަށް ހާސާވެގެންދާނަމަ މި އަމްނު ރައްކައުތެރިކުރުމަށް ޓަކައި ބާރުގެ ބޭނުންކުރުމުގެ ޙައްޤު ރަޝިޔާއަށް ވެސް ލިބިގެންވެއެވެ. ހުޅަނގުގެ މަޞްލަޙަތުތައް ރައްކައުކުރެވޭ ގޮތަށް ރަޝިޔާ މަޞްލަޙަތުތައް ވެސް ރައްކައުތެރި ކުރެވެން ވާނެއެވެ. ޕޫޓިން ކަށަވަރުކޮށް ދެއްވާގޮތުގައި އޭނާގެ ޤައުމުގެ މަޞްލަޙަތަށް އެމެރިކާއާއި ހުޅަނގުން ދެމުންދަނީ ބީރު ކަންފަތެކެވެ.

ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުން ރަޝިޔާއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ޔުކްރޭން މިނިވަން ދައުލަތަކަށް ވުމެވެ. މި "އަނިޔާވެރިކަމުގެ" ވާހަކަ އަހާން ވޮޝިންގްޓަނެއް ބޭނުމެއް ނުވެއެވެ. ޕޫޓިން ސިފަކުރައްވާގޮތުގައި ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމަކީ "ވިހިވަނަ ސައްތައިގެ އެންމެ ބޮޑު ޖިއޯސިޔާސީ ކާރިސާ" އެވެ. އޭނާ ކީރިތިކުރައްވާ ކަރުނަފޮދު އޮއްސަވަނީ ރަޝިޔާއަށް ގެއްލިގެން ދިޔަ 25 މިލިޔަން ރޫސީންނަށް ޓަކައެވެ. މީގެތެރެއިން 12 މިލިއަން ރޫސީން ދިޔައީ ޔުކްރޭނަށެވެ. މި ދިޔަ ހޫނު މޫސުމުގައި ޕޫޓިން "ރަޝިޔާއާއި ޔުކްރޭން ތާރީޚީ އެއްބައިވަންތަކަން" އާ ބެހޭގޮތުން ވަރަށް އަސަރުވެރި ޢިބާރާތްތަކަކުން މަޒުމޫނެއް ލިޔުއްވައިފައި ވެއެވެ. ނުވަދިހަ އެއްވަނަ އަހަރު ނިދާފައި ތެދުވިއިރު ބައެއް މީހުންނަށް އެމީހުންގެ ޤައުމިއްޔަތު ގެއްލިއްޖެއެވެ. ތާރީޚީ މައިމީހާއާ ދުރަށްލައި ގަދަކަމުން "މައިފިލުވައިފިއެވެ." ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރީން ރޫސީ ސިފައިންނަށް މި މަޒްމޫން ދެވުނެވެ.

ހުޅަނގުން އެތައް ފަހަރަކު ރަޝިޔާއަށް ޙަމަލާދީފައިވާ ކަމަށް ޕޫޓިން މި މަޒްމޫނުގައި ވިދާޅުވެފައިވެއެވެ. މި ވާހަކަތައް ވިދާޅުވެ ދެއްވަމުން ޕޫޓިން ވިދާޅުވަނީ ދެން މި ފުރްޞަތު ހުޅަނގަށް ދީގެން ނުވާނެއެވެ. އަދި 1917- 1922 އާ ދެމެދުގައި ރަޝިޔާގައި ހިނގި އަހްލީ ހަނގުރާމައިގައި އެމެރިކާ ވަނީ ރޫސީ ރައްޔިތުންނާ ދެކޮޅަށް އެހީވެފައެވެ. އޭގެފަހުން ޖަރްމަނުން ވަނީ ރަޝިޔާއަށް ދެ ފަހަރަކު އަރައިފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ރަޝިޔާގެ 26 މިލިއަން މީހުން ވަނީ މަރުވެފައެވެ. ރަޝިޔާ ސަރަޙައްދު ކައިރީގައި ނޭޓޯ ވަކި ހިއްޕަމުންދާތީ ޕޫޓިން އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. ރަޝިޔާގެ އަމްނާ ބެހޭގޮތުން ޖާމިނުވުން ދިނުމަށް އެމެރިކާއަށާއި ނޭޓޯއަށް ގޮވައިލެއްވިއެވެ. އެހެނަސް ނޭޓޯއިން މި ހުށައެޅުއްވުމަށް ދިނީ ނައްސި ޖަވާބެކެވެ. ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރޭން ވާނީ އޭނާގެ ޤައުމަށް ޙަމަލާދިނުމަށް ޓަކައި ނޭޓޯއިން ބިނާކުރާ ޢަސްކަރީ ބޭހަކަށެވެ.

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ކުރީގެ ސޮވިއެޓް ޔުނިއަންގެ ސަރަޙައްދުގައި ރަޝިޔާއަށް ޚާއްޞަ އިމްތިޔާޒު ލިބެން ޖެހޭނެއެވެ. މީގެ މާނައަކީ ރަޝިޔާގެ އަވަށްޓެރީން ރަޝިޔާއާ އިދިކޮޅު އެއްވެސް ޖަމާޢަތެއްގައި (ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދު ފަދަ އެއްވެސް ޖަމާޢަތެއްގައި) ބައިވެރިވެގެން ނުވާނެއެވެ. މި ދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ޕޫޓިން އެމެރިކާއަށް ހުށައެޅުއްވި ދެ މުޢާހަދާގެ އަސާސަކީ މި ވިސްނުމެވެ. މި ދެ މުޢާހަދާ ބުނާގޮތުގައި ޔުކްރޭނާއި ކުރީގެ ސޮވިއެޓް ޔުނިއަންގެ ޤައުމުތަކާއި ސްވިޑްނާއި ފިންލެންޑް އޮންނަން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހިއެވެ. މިއިން އެއްވެސް ޤައުމަކުން ނޭޓޯއަށް ވަންނާން އުޅެގެން ނުވާނެއެވެ. އެމެރިކާއިން ވެސް އަދި ހުޅަނގުގެ އެއްވެސް ޤައުމަކުން ވެސް ޕޫޓިންގެ މި ދެ އިސްނެންގެވުމަށް ފައްސި ބަހެއް ބުނެފައެއް ނުވެއެވެ. އަދި ކީއްތޯއެވެ! އެ ޤައުމުތަކުން ކުރިއަށް ގޮސްފައި ވަނީ ދިމާ އިދިކޮޅަށެވެ. ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކުން ބައިވެރިވާން އެދޭ ޖަމާޢަތަކާ ގުޅި އެއްބައިވުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަމަށް ހުޅަނގުން ބުންޏެވެ.

 

ބޮޑެތި ޤައުމުތައް

ޕޫޓިން ވިދާޅުވާ ގޮތުގައި ބޮޑެތި ބާރުތަކަކީ ވަރަށް މަދު ޤައުމުތަކެކެވެ. މިއަދުގެ ދުނިޔޭގައި ބޮޑެތި ބާރުތަކަކީ އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއި އިންޑިޔާކަމަށް ޕޫޓިން ވިދާޅުވެއެވެ. މި ޤައުމުތަކަށް ފުރިހަމަ ސިޔާދަތު ލިބިގެންވެއެވެ. އެހެނަސް ކުދި ޤައުމުތަކަށް ފުރިހަމަ ސިޔާދަތު ލިބިގެނެއް ނުވެއެވެ. މެދުތެރޭ އެމެރިކާއާއި ދުކުނު އެމެރިކާގެ ޤައުމުތައް ވޮޝިންގްޓަނަށް ކިޔަމަންކުރުވައިފައި ބާއްވާ ގޮތަށް ޔުކްރޭނާއި ޖޯރޖިއާ ފަދަ ޤައުމުތައް ރަޝިޔާގެ ބަސްއަހަން ޖެހޭނެއެވެ.

ޕޫޓިން ވިދާޅުވާގޮތުގައި ހުޅަނގަކީ ދުނިޔެ ގަޑުބަޑުކުރާ ބައެކެވެ. ޢިރާޤަށް 2003ގައި އަރައި އެ ޤައުމުވަނީ ގަޑުބަޑުކޮށް ހަލާކުކޮށްލައިފައެވެ. އަދި 2011 ގައި ޢަރަބި ރަބީޢުގައި ހުޅަނގުން ވަނީ ޢަރަބި ޤައުމުތައް އެފުށްމިފުށަށް ޖެހޭތޯ މަސައްކަތްކޮށްފައެވެ. މިއާ ޚިލާފަށް ރަޝިޔާއަކީ ޤައުމުތަކަށް ހަމަޖެހުން ގެނައުމަށް ޓަކައި އެ ޤައުމުތަކުގެ ސަރުކާރުތަކަށް ވާގިވެރިވާ ޤައުމެކެވެ.

ޕޫޓިންގެ ވިސްނުންފުޅުގައި އޮތީ ނޭޓޯ ބަލިކަށިކުރަމުން ގޮސް މިއަދު ހުޅަނގުން ޤާއިމުކޮށްފައިވާ ބައިނަލްއަޤްވާމީ ނިޒާމު ވައްޓައިލައި ރަޝިޔާއަށް ޤަބޫލުކުރެވޭ ފަދަ ބައިނަލްއަޤްވާމީ ނިޒާމެއް ޤާއިމު ކުރުމެވެ. ޕޫޓިން ވިސްނުންފުޅު ގެންގުޅުއްވަނީ 1945 ގައި އެއްބަސްވެވުނު (ޔޯލްޓާ އެއްބަސްވުން ފަދަ) ނިޒާމެއް ޤާއިމު ކުރެއްވުމަށެވެ. މި އެއްބަސްވުމުގައި އޮތީ ސޮވިއެޓް ޔުނިއަނާއި އިނގިރޭސިވިލާތާއި އެމެރިކާ އެވެ. ޕޫޓިން ވިދާޅުވާގޮތުގައި މިއަދުގެ ތިން ބާރަކީ އެމެރިކާއާއި ރަޝިޔާއާއި ޗައިނާއެވެ.ޗައިނާ ރަޝިޔާ ގުޅުންތައް އަމާޒު ކުރަނީ މި ފަދަ އައު ނިޒާމަކަށެވެ.

ރަޝިޔާ އަލުން އަނބުރާއައުން

ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައަށް ބަލާއިރު ޕޫޓިން ކުރިއަށް މި ވަޑައިގަންނަވަނީ އޭނާގެ މި ޢަޤީދާއާ އެއްގޮތަށް ކަމަށް ދާރިސުން ވިދާޅުވެއެވެ. ޕޫޓިން ޤަބޫލު ކުރައްވާ ރަޝިޔާގެ މަޞްލަޙަތުތައް ޙާޞިލުކޮށް ދެއްވުމަށް ޓަކައެވެ. ޕޫޓިން މަސައްކަތްޕުޅު ކުރައްވާނީ ވޯރސޯ ޖަމާޢަތުގައި ހިމެނުނު ޤައުމުތަކުގެ މައްޗަށް ރަޝިޔާގެ ނުފޫޒު ހިނގާގޮތަށް އަލުން މިސްރާބު ބަދަލު ކުރުވުމަށެވެ. އެއީ ބާރުގެ ބޭނުންކޮށްގެން ކަމުގައި ވިޔަސްމެއެވެ.

ދާރިސުން ވިދާޅުވާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވެސް މި ކަންކަމާމެދު ވިސްނާނެއެވެ. ރަޝިޔާއިން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަސް ފިޔަވަޅުވެސް އަޅާނެއެވެ. މި ކަން ދަނީ ފެންނަމުންނެވެ. އެހެނަސް މި ފިޔަވަޅުތަކުން ޕޫޓިންގެ އަމާޒުފަތްގަނޑަށް ހުރަސްއެޅޭނެކަމާމެދު ޝައްކެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ޕޫޓިން ވެރިކަމުގައި ހުންނަވާނަމަ އޭނާގެ މި ޢަޤީދާ ކުރިއަށް ގެންދަވާނެއެވެ. އެ ސިޔާސަތުގެ ހިޔަނި މުޅި ދުނިޔެއަށް އެޅެމުންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *