...

Support Us

ފޮޓޯ ފީޗަރ: ރިޒްމީންގެ ފޯކަސް- ދިވެހިވަންތަ، ސަގާފީ ފޮޓޯތަކަށް

ފޮޓޯ ނެގުމަކީ އެންމެ ކުޑަ އިރުއްސުރެވެސް، ހަސަން ރިޒްމީން ކުރާހިތްވާ މަސައްކަތެކެވެ. އެހެން ނަމަވެސް ރަނގަޅު ކެމެރާއެއް ނެތުމުން އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް އޭނާއަށް ކުރެވޭ ގޮތެއް އޮތީ ނުވެފައެވެ. އެހެންވެ ކެމެރާއެއް ލިބުމުން، ވަރަށް އާދައިގެ ގޮތަކަށް މީގެ ދެތިން އަހަރު ކުރިން މަސައްކަތް ފަށައި، ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން ރިޒްމީނުގެ ހުވަފެނުގައި މިއަދު ވަނީ ހަގީގީ ކުލަޖެހެން ފަށައިފައެވެ. މިއަދު ރިޒްމީން ހަރަކާތްތެރިވަނީ ފޮޓޯ އާއި ވީޑިއޯގެ ހިދުމަތް ދޭ އެންމެ ޒަމާނީ އާލާތްތަކާއެކުއެވެ. އޭނާގެ ބްރޭންޑަކީ "ރިޒްމީން ފޮޓޯގްރަފީ"އެވެ.

"މިއަދު އިރާދަކުރެއްވީތީ ފޮޓޯގްރަފީއަށް ބޭނުންވާ ހުރިހާ ސާމާނެއް އެބަހުރި. އެއީ މީހެއްގެ އަތުން ހޯދި އެއްޗިއްސެއްވެސް ނޫން އަދި ލޯނެއް ނަގައިގެން ހޯދި އެއްޗިއްސެއްވެސް ނޫން. ހަމަ އަމިއްލަ މަސައްކަތުން އެއްކުރި ސާމާނު،" ރ. އަލިފުއްޓަށް އުފަން ރިޒްމީން، 35، ބުންޏެވެ.

ކައިވެންޏާއި އުފަންދުވަހުގެ ހަފުލާތަކާއި އެކިއެކި މުނާސަބަތުތަކުގެ ފޮޓޯ ނެގުމަށް "ރިޒްމީން ފޮޓޯގްރަފީ"އަކީ މާލޭގައި މިހާރު އެންމެ ހިނގާ އެއް ނަމެވެ. ފޮޓޯ ނަގަން ރިޒްމީންގެ އެހީ ހޯދާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

ފޮޓޯ ނެގުމުގައި ރިޒްމީންގެ ފޯކަސް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ސަގާފީ ގޮތްގަނޑު ހުންނަ، ދިވެހިވަންތަ ފޮޓޯތަކަށެވެ. އޭނާގެ މޮޅު ކެމެރާތަކުން އެންމެ ނަގާ ހިތްވަނީވެސް އެ ކަހަލަ ފޮޓޯއެވެ. ރިޒްމީން ނަގައިފައިވާ ފޮޓޯތައް ބަލައިލުމުން އެކަން ކިތަންމެ ރަނގަޅަކަށް ވެސް އެނގޭނެއެވެ.

ރިޒްމީން އެންމެ ފަހުން ނަގައިފައިވާ މި ފޮޓޯތަކަކީވެސް ވަރަށް ތަފާތު ފޮޓޯތަކެކެވެ. އެއީ ހެދުން ފަރުމާކުރާ "ޔޫޝާ އައިރިސް ޓެއިލާރސް"ގެ އެދުމަކަށް އޭނާ ނަގައިދީފައިވާ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ދައްކުވައިދެނީ ރަސްކަމުގެ ކޮއެލުތެރޭގައި، ރަސްގެފާނު އަރިހަށް ރަނިކަމަނާ ގުޑުގުޑާކޮޅު ގެނެސްދެއްވުމުން، ރަސްގެފާނު އެ ހިއްޕަވާތަނެވެ. އަދި ރަސްގެފާނަށް އަޑަފިކޮޅު އަރުވާތަނެވެ.

މި ފޮޓޯތައް ނަގައިފައި ވަނީ ސޯސަންމަގުގައި ހުންނަ "ރެހެންދި މައިޒާން" ތެރޭގައެވެ.

ރިޒްމީން ބުނާގޮތުގައި އެ ފަދަ ފޮޓޯތައް ސްޓޫޑިއޯތެރޭގައި ސެޓް ހަދައިގެން ނެގުމަށްވުރެ، ބޭރުތެރޭގައި ހުރި އެކަހަލަ ތަނެއްގައި ނެގުމުން މަންޒަރު ރީތިވެފައި، އަސްލާ އެއްގޮތްކަން ބޮޑެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕާކުތަކާއި މައިޒާންތަކުން، ކުރީ ޒަމާނުގެ ދިވެހިވަންތަ ދިރިއުޅުން ދައްކުވައިދޭ ވަރަށް ގިނަ ތަކެތި- އުނދޯލި، ޖޯލިފަތި، ހޮޅުއަށި- ހުރުން އެއީ ރިޒްމީނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"ނަމަވެސް ބޭރުގަ ފޮޓޯ ނަގާއިރު މީހުންތައް އައިސް ވަށައިލުމުން، މޮޑެލްކުރާ ކުދިންނަށް އުނދަގޫތައް ކުރިމަތިވޭ. އެކުދިން ޖެހިލުންވޭ،" ރިޒްމީން ބުންޏެވެ.

ދިވެހިވަންތަ ހެދުމުގެ ފޮޓޯ ނަގާހިތްވާލެއް ބޮޑުކަމުން، އަމިއްލަ ހަރަދުގައި ހެދުން ހޯދައިދީގެން ވެސް ވަރަށް ގިނަ ކުދިން ލައްވާ ރިޒްމީން މޮޑެލްކުރުވައެވެ. އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބޭކަން ވެސް ރިޒްމީން ފާހަގަކުރެއެވެ.

"ދިވެހިވަންތަ ހެދުމުގައި ތިބޭ ގިނަ ފޮޓޯތައް އެއީ ހަމަ އަޅުގަނޑު އަމިއްލައަށް ރިކުއެސްޓްކޮށްގެން އެ ކުދިން ލައްވާ މޮޑެލް ކުރުވައިގެން ނަގައިފައި ހުންނަ ފޮޓޯ. ދަސްކުރުމުގެ ބޭނުމުގަޔާ އެއްކޮށް އެގޮތަށް ނަގަނީ. އެ ފޮޓޯތަކާ އެމީހުން ހިތްހަމަޖެހުނީމާ އަޅުގަނޑަށް ކުރިއެރުން ލިބޭނެ ނޫންތޯ؟"

އަދި އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން، ދިވެހިވަންތަ ހެދުމުގައި ފޮޓޯ ނަގަން ބޭނުންވާ މީހުންނަށް ވެސް ރިޒްމީން ކުޑަ އަގެއްގައި އެކަން ކޮށްދެއެވެ.

ރިޒްމީން ބުނީ އޭނާ ނަގައިދޭ ފޮޓޯތަކާއި ވީޑިއޯތައް ކުލަތައް ހެޔޮވަރުކޮށް އެޑިޓްކުރުމަށްފަހު، ސީ.ޑީ ނުވަތަ ޕެން އަކަށް އަޅައިފައި އެ ބަޔަކަށް ދޭ ކަމަށެވެ. އޭރުން ބޭނުންވާ ބަޔަކު، އެ ބަޔަކު ބޭނުންވާ ފޯމެޓަކަށް ޕްރިންޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިޒްމީން ނަގައިފައިވާ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް "ރިޒްމީން ފޮޓޯގްރަފީ" ފޭސްބުކް ޕޭޖުގައިވެސް އެބަހުއްޓެވެ. ނަމަވެސް ރިޒްމީން ބުނީ އެއީ ހުރިހާ ފޮޓޯތައް ނޫން ކަމަށެވެ.

"ބައެއް ކަސްޓަމަރުން ބޭނުމެއްނުވޭ ސޯޝަލް މީޑިއާއަށް އެ ފޮޓޯތައް ލާކަށް. އެހެންވެ ހުރިހާ ފޮޓޯތައް ނެތީ،" ރިޒްމީން ކިޔައިދިނެވެ.

ފޮޓޯ ނެގުމުގެ މަސައްކަތް ރިޒްމީން ކުރަނީ އެމް.ޑަބްލިއު.އެސް.ސީގައި ރަސްމީ ވަޒީފާ އަދާކުރަމުން، ލިބޭ ހުސް ވަގުތުތަކުގައެވެ. ރިޒްމީން ބުނީ ރާވައިލައިގެން ކުރުމުން، އޮފީހުގައި އުޅެމުން ވެސް އެ މަސައްކަތް ކުރުމަކަށް ދައްޗެއް ނެތް ކަމަށެވެ.

ރިޒްމީން އޭނާގެ އަންހެނުންނާއި ދެ ކުދިންނާއެކު..

"އޮފީސް ނިންމައިފައި އިސް އެ މަސައްކަތުގައި އަބަދުވެސް އުޅެނީ،" ރިޒްމީން ބުންޏެވެ.

ފޮޓޯގްރަފީގެ މަސައްކަތުގައި ރިޒްމީނަށް އަބަދުވެސް އެންމެ އެހީތެރިވަނީ އޭނާގެ އަންހެނުންނެވެ. އެކަމަށްޓަކައި އޭނާ އަބަދުވެސް ހުންނަނީ ޝުކުރުން ފުރިފައެވެ.

ރިޒްމީންގެ އުންމީދަކީ މި ދާއިރާގައި ވީހާ ބޮޑަކަށް ކުރިއަށްދިއުމެވެ. އޭނާގެ ކުޑައިރުގެ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައިގެން ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ. އެންމެން ހިނިތުން ކުރުވަމުންނެވެ.

ރިޒްމީން އޭނާގެ އަންހެނުންނާއެކު..

ރިޒްމީން ފޮޓޯގްރަފީ ފޭސްބުކް