...

Support Us

ރަމީޒު ޓީޗަރުގެ ހިމޭން ހަނދާންތައް

ފުރަތަމަ އެއީ އަޅުގަނޑުމެންގެ "ކެނދިކޮޅު ޓީޗަރެ"ވެ. ފަހުން ކިޔަންފެށުނީ "ރަމީޒު ޓީޗަރެ"ވެ. އެއީ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. އަޅުގަނޑަށް އެ މަޑުމައިތިރި ކަމުން ފެނުނީ ސީރިއަސް ކަމެވެ. އަބަދުވެސް ހުންނަވަނީ ވަރަށް ނަލަކޮށް ރީތިކޮށެވެ. ބަސްމަދެވެ. އަޅުގަނޑު އެންމެ ހަނދާން ހުންނަނީ ރަމީޒު ޓީޗަރުގެ އޭރުގެ ހެއަރ ސްޓައިލެވެ. ފުނާ އަޅުއްވާފައި ހުންނަނީ މައްޗަށެވެ. ދާން މި ޖެހެނީ 1980ގެ އަހަރުތަކަށެވެ. އޭރު އަޅުގަނޑަކީ ނ. އަތޮޅު މަދަރުސާގެ ދަރިވަރެކެވެ.

ނ. ކެނދިކުޅުދޫ، އަމާޒު، އަޙްމަދު ރަމީޒަކީ މުދައްރިސުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގެވި ފަސްވަނަ ކޯސް ފުރިހަމަކުރެއްވުމަށްފަހު ކިޔަވައިދިނުމުގެ ބުރަ ޒިންމާއަށް ނުކުންނެވި ޚިދުމަތްތެރިއެކެވެ. ފުރަތަމަ ޕްރައިމަރީ ޓީޗަރެކެވެ. ފަހުން ހެޑްމާސްޓަރކަން ވެސް ކުރެއްވިއެވެ. ކިޔަވައި ދެއްވުމުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވިއިރު ރަނގަޅު ހެޔޮލަފާ އެތައް ދަރިންތަކެއް މުޖުތަމަޢުއަށް ނެރެދެއްވިއެވެ. އެތައް ކާމިޔާބުތަކެއް ހޯއްދެވިއެވެ.

މުދައްރިސުން ތަމްރީނު ކުރާ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ރަމީޒު ޓީޗަރު ފުރަތަމަ ވަޑައިގަތީ އުފަން ރަށް ކަމުގައިވާ ކެނދިކުޅުދޫއަށެވެ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއަށް ބަދަލުވެވަޑައިގަތީ ދެ އަހަރު އުފަން ރަށުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތަށް ގެންނެވި ކުއްލި ބަދަލަކާ ގުޅިގެންނެވެ. ތަމްރީނު ވެފައިވާ ޓީޗަރުންނަށް ސަރުކާރުގެ ސްކޫލެއްގައި ނޫނީ ޚިދުމަތް ނުކުރެވޭ ގޮތަށް ނިންމެވީއެވެ. އޭރު ގިނަ އަތޮޅުތަކުގައި ހުރި ސަރުކާރުގެ ސްކޫލުތަކަކީ ހަމައެކަނި އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު މަދަރުސާއެވެ. ރަމީޒު ޓީޗަރު ފުރަތަމަ ހަމަޖެއްސެވީ ރ. މީދޫގައި ހުންނަ ރ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ފަހުން ނ. އަތޮޅު މަދަރުސާއަށް ބަދަލު ކުރެއްވީއެވެ. އެބުރުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ވަޑައިގަތީ ފުރަތަމަ ނ. އަތޮޅު މަދަރުސާއަށް ހަމަޖެއްސެވި ކުޑަފަރީ މުޙައްމަދު ފަހީމެވެ.

ނ. އަތޮޅު މަދަރުސާއަށް ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ރަމީޒު ޓީޗަރު ޚިދުމަތް ކުރައްވަން ފެއްޓެވިއިރު ސްކޫލު ހިންގަވަނީ "ނާޒިރު ތުއްތުބޭ" (ޢަބްދުލް ޢަޒީޒް ޤާސިމް) އެވެ. އޭރު އިތުރު ޕްރައިމަރީ ޓީޗަރެއް ހުންނެވިއެވެ. އެއީ މިލަދޫ ޓީޗަރު، އަބޫބަކުރު މުޙައްމަދެވެ. ސްކޫލުގެ ހިންގެވުމާއި ކިޔަވައިދެއްވުމުގައި އެ ތިން ބޭފުޅުން ކުރިއަށް ވަޑައިގެންނެވީ އެކުވެރިކަމާއިއެކު އެކަތިގަނޑެއްގެ ގޮތުގައެވެ. އެއީ އޭރު އުފާވެރި ޖައްވެކެވެ. ހުރިހާ ވަގުތެއް ސްކޫލަށް ހުސްކުރައްވައިގެން އެ ބޭފުޅުން އުޅުއްވި ދުވަސްވަރެކެވެ. އިތުރު ހަރަކާތެއްގެ ގޮތުގައި ނ. އަތޮޅު މަދަރުސާއިން އޭރު ނެރުނު "ހަފުތާ ޚަބަރު" ނެރުމުގެ މަސައްކަތުގައި ރަމީޒު ޓީޗަރަކީ ވެސް ބޮޑު ހިއްސާދާރެކެވެ. ރަމީޒު ޓީޗަރު އަޅުގަނޑުގެ ކައިރީގައި އެއް ފަހަރަކު ވިދާޅުވިއެވެ. އޭރުގެ ހަނދާންތަކުގެ ތެރެއިން ހިތުން ފޮހެ ނުލެވޭނެ ހަނދާނަކީ އޭރު ސްކޫލުގެ ކަންތައްތަކުގައި އެ އުޅެވުނު ގޮތެވެ. ދެން ނާޒިރު ތުއްތުބޭގެ ދެކަނބަލުންގެ ހިތްހެޔޮކަމާއި ރަމީޒު ޓީޗަރާމެދު ބެހެއްޓެވި ގާތްކަމެވެ.

ރަމީޒު ޓީޗަރަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަނަދޫގެ ރައްޔިތުންގެ ހިތުގައި ޚާއްޞަ ގަދަރަކާއި އިހުތިރާމު އޮތްތަން އަޅުގަނޑު ދުށީމެވެ. އެހެން ދިމާވީ އޭރު ނ. އަތޮޅު އަތޮޅުވެރިޔާގެ މަޤާމުގައި ހުންނެވީ ރަމީޒު ޓީޗަރުގެ އަނބިކަނބަލުންގެ ބައްޕަ، ކެނދިކުޅުދޫ ޢަބްދުއްރަޙުމާން މުޙައްމަދަށް ވީތީ އެކަންޏެއް ނޫނެވެ. ރަމީޒު ޓީޗަރުގެ ޝަޚްޞިއްޔަތުގައި ހުރި މަޑުމައިރިކަމާއި ރިވެތި އަޚްލާޤުގެ ސަބަބުން ވެސް މެއެވެ.

މަނަދޫގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެކެވެ. ހަނދާންވަނީ ސްކޫލުގެ ކުޅިވަރު ހަރަކާތެއް ނިންމާލުމަށްފަހު ބޭއްވި ޚާއްޞަ މެޗެއް ކަމަށެވެ. ސަރުކާރުގެ މުވައްޒަފުންނާއި މަނަދޫ ޒުވާނުންނާ ދެމެދު ކުޅެވުނު މެޗެކެވެ. މެޗް ކުޅެވުނީ ހުޅަނގުކޮޅުގައި އޮންނަ ސްކޫލު ކުދިންގެ ދަނޑުގައެވެ. ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއެކު ގިނަ ބަޔަކު އެ މެޗު ބަލަން ގޮސް ތިއްބެވެ. އެކަމަކު މެޗު ފަށަން އޮތް ވަގުތު ޖެހުނު އިރު ވެސް ރެފްރީއަކަށް ނާދެވުނެވެ. އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކަށް އާދޭސްކޮށްފައި އަނެކަކަށް އާދޭސްކޮށްފައި އުޅެއެވެ. ދެ ޓީމަށް ބަލާފައި މެޗުގެ ފޯރި ހުންނާނެ ވަރު އެނގޭތީ އެކަމަށް އެއްބަސްވާނެ މީހަކު ނުވިއެވެ. އެންމެފަހުން ކަށިގަނޑު ހިފައިގެން ދަނޑަށް ނުކުންނެވީ ރަމީޒު ޓީޗަރެވެ. މެޗު ނުބޭއްވިދާނެތީ ގިނަ ބަޔަކު މާޔޫސް ވެފައިވަނިކޮށް ކުރިމަތިލެއްވީ ތަފާތު ތަޖުރިބާއެކެވެ. ގައިމު ވެސް އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވިއެވެ. އޭގެ ކުރިން ދުވަހަކު ވެސް ދަނޑެއްގެ މަތިން ފެނިފައި ނުވާތީއެވެ.

ވަރަށް ފޯރީގައި މެޗް ކުރިއަށް ދަނިކޮށް ޒުވާނުންގެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން އިދިކޮޅު ޓީމަށް ހިލޭ ޖެހުމެއް ދެއްވައިފިއެވެ. ގޯލް ކީޕަރު ބޯޅަ ބިންމައްޗަށް ވައްޓާލުމަށްފަހު ނެގީ ކަމަށް ނިންމެވީއެވެ. ކީޕަރާއި އެ ޓީމުން ބުނަނީ ސައްޕު ޖެހުމުގެ ކުރިން ބިންމަތީގައި ބޯޅައިން ޖަހާލީ ކަމަށާއި އެއީ ބޯޅަ ވައްޓާލާފައި ނެގީ ކަމަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް ރަމީޒު ޓީޗަރުގެ ނިންމެވުން ބަދަލެއް ނުކުރެއްވިއެވެ. މެޗްގެ ނަތީޖާ ނުކުތީ އެ ޖެހުމުންނެވެ. އެއީ އެ ދުވަހު އެ މަގާމުގައި އެހެން މީހަކު ނިންމި ނިންމުމެއްނަމަ އެ މެޗަކީ 90 މިނިޓް ހަމަވާނެ މެޗެއް ހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މެޗު ކުރިއަށް ގެންގޮސް ފޯރީގައި ނިންމާލެވުނީ ރަމީޒު ޓީޗަރުވީމައެވެ. އަނެއްކޮޅުން އެއީ ރަށްރަށުގެ ވެރިންނަށާއި ޓީޗަރުންނަށާއި ކަމުވޮށިވެގެންވާ ބޭފުޅުންނަށާއި ދުވަސްވީ އިސް ރަށްވެހިންނަށް ވެސް މުޖުތަމަޢުގައި އިހުތިރާމާއި ލޯބި އޮތް ޒަމާނެވެ.

އަޅުގަނޑުމެންގެ ރަށަކީ ސަޤާފީ ކުޅިވަރަށް ވަރަށް ފޯރިހުންނަ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ދަނޑިޖެހުމާއި ބަނޑިޔާޖެހުމާއި ނެށުމަކީ އަޅުގަނޑުމެންގެ ޖީލަށް އައިއިރު ވެސް ކުޅޭ ކުޅިވަރުތަކެވެ. އެކަމަކު ރަމީޒު ޓީޗަރަކީ މަނަދޫގައި ބަނޑިޔާ ޖެހުމުގެ ވައްޓަފާޅި ބަދަލުކޮށްލެއްވި ފަންނާނެވެ. ސްކޫލުގެ އަންހެން ދަރިވަރުންގެ ތެރެއިން ކުދިންކޮޅެއް ނަންގަވައިގެން ފުރަތަމަ އެ ކުދިންލައްވާ ފަރިތަކުރުވުމުގައި އިސް ބޭފުޅަކަށް ހުންނެވީ ރަމީޒު ޓީޗަރުގެ އަނބިކަނބަލުންގެ ބައްޕައެވެ. އޭރުގެ ނ. އަތޮޅުވެރިޔާ ޢަބްދުއްރަޙްމާން މުޙައްމަދެވެ. ފަހުން އެ މަސައްކަތް ރަމީޒު ޓީޗަރާ ހަވާލު ކުރެއްވީއެވެ. ޢަބްދުއްރަޙްމާނަކީ ހަރުމަނިޔާ ކުޅުއްވުމުގައި ކުޅަދާނަ ބޭފުޅެކެވެ. އޭރު މުޅި ރާއްޖެއަށް މިއުޒިކީ ރޮނގުން ކެނދިކުޅުދޫ މަޝްހޫރެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ދިޔަ ކެނދިކުޅުދޫ ވަފިއްޔާ ޝަމީމުގެ ހިތްގައިމު ރީތި ލަވަތަކުންނެވެ. އެ ލަވަތަކަށް މިއުޒިކުން ދިރުން ގެނެސްދެއްވި އެއް ފަންނާނަކީ ކެނދިކުޅުދޫގައި ކަތީބުކަން ވެސް ކުރެއްވި ޢަބްދުއްރަޙްމާނުގެ ހުނަރުވެރިކަމާއި ފަންނުވެރިކަމެވެ. އެ ފަންނުގައި އަޅުގަނޑުމެންގެ "ހީރޯ" އަކީ ރަމީޒު ޓީޗަރެވެ. އެކިއެކި ހިތްގައިމު ރާގުތައް އޯގަންގެ ކީބޯޑުން ފަރިތަކަމާއެކު ކުޅުއްވުމަކީ އަޅުގަނޑުމެންގެ ހިތުގައި ރަމީޒު ޓީޗަރަށް އޮންނަ އިހުތިރާމު އިތުރުވާ ކަމަކަށް އޮތީވެފައެވެ.

ރަމީޒު ޓީޗަރުގެ އިނގިލިތައް ކީބޯޑުގެ ފިއްތަކަށް ފަރިތަވެގެން ދިޔައީ އެކަނިމައި އެކަނި ރަށުގައި ހުންނަވަން ޖެހިވަޑައިގެންނެވި ފަހަރެއްގައެވެ. އެއީ އަނބިކަނބަލުން، ސުވޭދާ ޢަބްދުއްރަޙުމާނުގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ގޭ އެންމެން މާލެއަށް ދާން ޖެހުނު ފަހަރެކެވެ. އޭރު ރަމީޒު ޓީޗަރު ހުންނެވީ ކެނދިކުޅުދޫ ސްކޫލުގައެވެ. އަނބިކަނބަލުންގެ ބައްޕަ ގެންގުޅުއްވާ ހަރުމަނިޔާގެ ފިއްތަކަށް ފުރަތަމަ ފިތާލެއްވީ ފޫހިފިލުވާލުމަށެވެ. އެކަމަކު ފަހުން ޝައުޤުވެރިކަން އުފެދިގެން އެ ފަންނަށް ހިތް ޖެހުނީއެވެ. މަނަދޫގައި ވަގުތުން މިއުޒިކު ކުޅެމުން ބަނޑިޔާ ޖަހަންފެށުނީ ރަމީޒު ޓީޗަރުގެ ހުނަރުވެރިކަމާ އެކުއެވެ. ބަނޑިޔާ ޖެހުމުގައި އިނގިރޭސީން ތަފާތު އަކުރުތައް އެޅުމަކީ އެ ޒަމާނުގައި އެ ބަނޑިޔާ ގުރޫޕެއްގެ ފަންނުވެރިކަން ދައްކުވައިދޭ ކަމެކެވެ. ހުނަރުގެ ގޮތުން އެއަށްވުރެ ކުރިއަށް ސްކޫލުގެ ދަރިވަރުންނާއެކު ރަމީޒު ޓީޗަރު ވަޑައިގެންނެވިއެވެ. ބައެއް އަވަސް ލަވަތަކުގައި ދެ ކުއްޖަކު، އެއް ކުއްޖަކު އަނެއްކުއްޖެއް އަތަށް ބަނޑިޔާ އުކާ ހެދުންފަދަ ހުނަރުތައް ދައްކައި ދިނެވެ. އޭރު އެކަންވީ ގިނަ ބަޔަކު ހައިރާން ކުރުވި އާދަޔާ ޚިލާފު ހުނަރުވެރި ކަމަކަށެވެ.

މިލަދޫ ޓީޗަރު، އަބޫބަކުރު މުޙައްމަދަށްފަހު އަޅުގަނޑުމެންގެ ކްލާސް ޓީޗަރަކީ ރަމީޒު ޓީޗަރެވެ. އޭރު ކިޔެވި ހުރިހާ މާއްދާއެއް ވެސް ކިޔަވައިދެއްވިއެވެ. އޭރު އަޅުގަނޑުމެންގެ ވަރަށް ބޮޑު ޝަކުވާއެއް އޮވެއެވެ. ފޮތް މާކު ކުރައްވާފައިވާ މިލަދޫ ޓީޗަރު ކުރައްވާގޮތަށް ރަމީޒު ޓީޗަރު ފޮތުގައި ސޮއި ނުކުރައްވާ މައްސަލައެވެ. އެގޮތަށް ޝަކުވާކުރުމުން ބައެއް ފަހަރު ހީފާ އިންނަވައިގެން ސޮއެއް ކުރައްވާނެއެވެ. އެކަމަކު އެއީ އަސްލު ސޮއި ހެނެއް ހިޔެއް ނުވެއެވެ.

އަޅުގަނޑުމެންގެ ޓީޗަރެއްގެ ގޮތުގައި ރަމީޒު ޓީޗަރު ހުންނެވި ދުވަސްވަރުގެ ތަފާތު އެހެން ހަނދާނެއް ކުއްލިއަކަށް އާވެގެން ހިނގައްޖެއެވެ. އެއީ ވަރަށް ބޮޑުކަމެއް ދިމާވެގެން ރަމީޒު ޓީޗަރު އުޅުއްވި ދުވަހެކެވެ. މީހުންތައް ކޮޅުކޮޅަށް ބާރުބާރަށް ހިނގައި އަތޮޅުގެ ކައިރީގައި އުޅުނު ގޮތުން އެއީ ކުޑަކަމެއް ނޫންކަން އެނގެއެވެ. އެކަމެއް ދިމާވެގެން އުޅެނީ ރަމީޒު ޓީޗަރުގެ އަނބިކަނބަލުންނަށްކަމާއި އެއީ ފުރާނައާ ގުޅިފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ވެސް އެނގެއެވެ. ނޭނގެނީ ވެގެން އުޅޭގޮތެކެވެ. އަޅުގަނޑުމެން ވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ކަމުގެ ޙަޤީޤަތް އެނގުނީ މާފަހުންނެވެ. އެއީ ރަމީޒު ޓީޗަރުގެ އަނބިކަނބަލުންނަށް ވިހެއުމުގެ ތެރޭގައި ދިމާވި ހާދިސާއެކެވެ. ދުވަސް ފުރި ބަނޑުގައި ރިހިފައި ނުވިހިގެން ހާލު ސީރިއަސްވީއެވެ. ފުރަތަމަ ގެންދިޔައީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އޭރު އެ ހޮސްޕިޓަލްގައި ޑރ. އަހުމަދު ރާޒީ ހުންނެވިއެވެ. އެކޮޅުން ބަލާފައި ވިދާޅުވީ ސިޒޭރިއަން ހެދުން ނޫންގޮތެއް ނެތް ކަމަށާއި އަވަހަށް މާލެދިއުމަށެވެ. އެއީ އިންޖީނު ދޯނީގެ ޒަމާނެވެ. އަނގަމަތި މަސްދޯނި ފަހަރުގައި މަތިން ރިޔަލެއް ނުވަތަ ސަތަރިއެއް ލަމާލައިގެން ބަލި މީހުން އެއްރަށުން އަނެއް ރަށަށް ގެންދިޔަ ދުވަސްވަރެވެ. މާލެ އަތޮޅު ގާފަރާ ހަމަތަނަށް އާދެވުނުތަނާ މާތްﷲގެ ރަޙުމަތްފުޅާއެކު ވިހީއެވެ. ދެމައިންގެ ފުރާނަ ވެސް ސަލާމަތްވީއެވެ. އެފަހަރު ރަމީޒް ޓީޗަރުގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ދަރިކަނބަލަކީ މަރިޔަމް ޔުމްނާއެވެ.

އުފަން ރަށުގެ ތަޢުލީމަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އިތުރުން ދެން އެންމެ އަގުހުރި ޚިދުމަތެއް ރަމީޒް ޓީޗަރު ކުރެއްވީ ނ. އަތޮޅު މަދަރުސާއަށެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ކުރެއްވި ޚިދުމަތުގެ އިތުރުން 2000ގެ އަހަރުތަކުގެ ކުރީކޮޅު ހެޑްމާސްޓަރެއްގެ ގޮތުގައި ވެސް ނ. އަތޮޅު މަދަރުސާއަށް ޚިދުމަތް ކޮށްދެއްވިއެވެ. އެތައް ދަރިވަރުންނެއް ބިނާކޮށްދެއްވާ ރަނގަޅު ކުދިބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރެދެއްވިއެވެ. އަޅުގަނޑު ދުށް ރަމީޒު ޓީޗަރުގެ ހިމޭން ހަޔާތަކީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ނ. އަތޮޅު މަދަރުސާގައި ހޭދަކުރެއްވި ދުވަސްތަކެވެ. ރަމީޒު ޓީޗަރުގެ އެ މަޑުމައިތިރި ކަމަކީ އާއިލީ ކަމެކެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރަމީޒު ޓީޗަރުގެ މަންމައަކީ ވެސް އެހާ މަޑުމައިތިރި ބޭފުޅެކެވެ. އެއީ  ކެނދިކުޅުދޫ ރަޝީދާ ޢަބްދުއްރަޙްމާނެވެ. ބައްޕައަކީ ޢަބްދުއްރަޙީމް އަޙްމަދެވެ. ރަމީޒު ޓީޗަރުގެ އުފަން ގެއަކީ ކެނދިކުޅުދޫ ފިނިހިޔާގެއެވެ. އެއީ ކާފަގެ ގެއެވެ. ފަހުން އުޅުއްވީ މަންމަ އުޅުއްވި ދޭލިޔާގޭގައެވެ. ކައިވެންޏަށް ފަހު އަނބިކަނބަލުންގެ ބައްޕަގެ ގެ އޯކިޑްމާގޭގައި ވެސް އުޅުއްވިއެވެ. އަމިއްލަ ގެދޮރު ބިނާކުރައްވައިގެން އާއިލާއާއެކު "އަމާޒު" އަށް ބަދަލުވެ ވަޑައިގަތީއެވެ. ދިރިއުޅުމުގައި ކޮންމެ މީހެއްގެ ވެސް އަމާޒެއް ވާނެއެވެ. އިހުސާސްތަކަކާއި ހަނދާންތަކެއް ވާނެއެވެ. ރަމީޒު ޓީޗަރަކީ އަޅުގަނޑުގެ ހަޔާތުގައި ޚިދުމަތްތެރި އެއް ޓީޗަރެވެ. އަޅުގަނޑަށް ހަޔާތުގެ އަމާޒަށް ވާސިލުވުމުގައި އެއް ހިއްސާދާރެވެ. ތަކުރާރުކޮށް ވެސް ދަންނަވަން އޮތީ އެންމެ ލަފުޒެކެވެ. ރަމީޒު ޓީޗަރުގެ ހިމޭން ހަނދާންތައް އާވާ ކޮންމެ ފަހަރަކު ވެސް އެ ލަފުޒު ހިތަށް އާދެއެވެ. ތަކުރާރުކޮށް ދަންނަވަން ބޭނުންވެއެވެ. ޝުކުރިއްޔާއެވެ. އަޅުގަނޑު އެދެނީ ރަމީޒު ޓީޗަރަށާއި ލޮބުވެތި ޢާއިލާއަށް ފުރިހަމަ ޞިއްޙަތަކާއި ބާއްޖަވެރި އުފާވެރި ހަޔާތެއް މިންވަރުކޮށް ދެއްވުމެވެ.

 

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *