...

Support Us

ފެލިވަރު މަސް ކާރުހާނާގައި މަސްބަންދުކުރަނީ -ފޮޓޯ: މިފްކޯ:

ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ އިކޮނޮމީއެއް އޮތުމަކީ ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް

ރާއްޖޭގެ އިގުތިސާދި ނާރެސްގައި ހިނގާ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދި އިމާރާތް ކުރުމުގެ ސިނާޔަތްތަކުގެ ތެރެއިން އެ ވިޔަފާރީތަކުގެ ރައުސުލްމާލާއި މަސައްކަތްތެރިންގެ ނިސްބަތުން ދިވެހިންގެ އެންމެ ބޮޑު ހިއްސާއެއް އޮތީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައެވެ. މަސްވެރިކަމުގެ ސިނާޔަތުގެ ލައިފް ސައިކަލް އަށް ބަލާއިރު، މަސްބޭނުމަށް ބަންނަ އުޅަނދެއް ފަރުމާކޮށް ކުރެހުމުން ފެށިގެން އެ އުޅަނދެން އުފައްދާ ބޭލުމާ ހަމައަށް ވެސް ކުރާންޖޭހޭ ހުރިހާ ފަންނީ އަދި އާދައިގެ މަސައްކަތްތައް ވެސް ކޮށް އުޅެނީ ދިވެހިންނެވެ. އެންހިފުމާއި މަސްބޭނުމަކީވެސް ދިވެހިންގެ މަސައްކަތެކެވެ. މަސް ކެއްކުމާއި އަދި މަހުން އުފައްދާ ތަފާތު ބައި ޕްރޮޑަކްޓުސް ތަކަކީވެސް ދިވެހިންނަށް ފަރިތަ މަސައްކަތްތަކެކެވެ.

މި ސިނާޔަތުން ދުނިޔޭގަ ބާޒާރުތަކުގައި ދިވެހިންގެ އުފެންދުންތަކަށް ޖާގަ ފުޅާކޮށް އަދި ގައުމުގެ އިމްޕޯޓަށް ބޭނުންވާ ބޭރުފައިސާ ހޯދިދާނެއެވެ. ޒަމާނީ އަދީ ފަންނީ އިލްމާއި ޓެކުނޮލޮޖީގެ ހައްލުތައް މެދުވެރިކޮށް ދަނޑުވެރިކަމުންވެސް ދިވެހިން ނަފާ ހޯދަން ދަސްކޮށްފިއެވެ. އެކަމަކު ސްކޭލް އޮފް އެކޮނޮމީއަށް ބޭނުންވާ ވަރަށް ދިވެހިންގެ އުފެއްދުންތަކަށް ބަޒާރުގައި ޖާގަ ނެތީ ކޮން ސަބަބުތަކަކާ ހެދިހެއްޔެވެ؟

މަސްވެރިކަމާއި ދަނޑުވެރިކަމުން އެކަނި ވެސް ދިވެހިންނަށް އުފާ ފާގަތިކަން ހޯދިދާނެ އެވެ. އިގުތިސާދީ ހަރުދަނާ ސިޔާސަތުތަކެއް ގާއިމްކޮށްގެންނެވެ. މާޒީގެ ހިސާބުތަކަށް ބަލާއިރު ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީން މަހެއްގެ މައްޗަށް 41 ކޮންޓެއިނަރުގެ ދަޅުމަސް ވިލާތަށް އެކްސްޕޯޓު ކުރެފިވައިވާއިރު އެފަދަ ފަސް ފެކްޓްރީން މަހަކު 205 ކޮންޓެއިނަރުގެ ދަޅުމަސް އެކްސްޕޯޓު ނެކުރެވެންވީ ސަބަބެއްނެތެވެ. މި ދެންނެވި އަހަރަކު 2460 ކޮންޓެއިނަރުގެ އެކްސްޕޯޓު ވެލިޔޫ އަށް ގާތްގަނޑަކަށް 318 މިލިއަން ޑޮލަރު ޖެހޭނެއެވެ.

ފެލިވަރު ކާރުހާނާގައި މަސްބަންދުކުރަނީ -ފޮޓޯ:ފެލިވަރުޑޮޓްކޮމް

މަހުގެ އުފެންދުންތަކުން ބޭރުފައިސާ ހޯދޭނެ ގޮތަކީ މަހާއި މަހުގެ ތަފާތު ބާވަތްތަކުގެ އެކްސްޕޯޓު އިތުރުކުރުމެވެ. މި ގޮތުން ބަލާއިރު މަހުގެ އުފެއްދުންތަކަށް، ހާއްސަކޮށް މަސް ޕުރޮސެސްކޮށް ބަންދުކުރާނެ ފެކްޓްރީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކޮށް އަދި މި ދާއިރާގައި ޕުރައިވެޓު ސެކްޓަރުގެ ދައުރު ފުޅާކުރެވޭނެ ގޮތެއް ހޯދައިދޭންޖެހެއެވެ. މަސް ޕްރޮސެސް ކުރުމަކީ މި ވިޔަފާރީގެ ވާދަވެރި ގައުމުތަކުގެ މުހިއްމު ސިނާޔަތަކަށް ވާއިރު އެ ވާދަވެރިންގެ ނުފޫޒުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބަޒާރުތަކުން މަސް ޕްރޮސެސްކުރަން އިންސްވެސްޓްމަންޓުތައް ހޯދުމަކީ މިހާލަތުގައި ރާއްޖެއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ކަމަށް އޮތީ ގާނޫނީ ފަރުވާއެކެވެ. އެއީ ލޯކަލް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ވަކި މިންވަރެއް މި ސިނާއަތް ތަރައްގީކުރަން ދިނުމަށް ލާޒިމް ކުރުމެވެ.

ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް އާރޯކަން ގެނެސްދޭނެ ގާނޫނީ ފަރުވާ އެބަހުއްޓެވެ. މިގޮތުން ފަޅޯ، ދޮންކެޔޮ ފަދަ އެތެރޭގެ ކޮންސަމްޝަންއަށް ގައުމުން ލިބޭ ބާވަތްތައް އިމްޕޯޓުކުރާނަމަ ޑިއުޓީ ނެގުން ފަދަ ކަންކަމަކީ މި ސިނާޔަތުގެ މަސައްކަތްތެރިންނަށް ލިބޭނެ ބޮޑު ހިއްވަރެކެވެ. މިހާރު ހުރި ގާނޫނުތަކުގައި މި ދެންނެވި ފަރުވާއެއްނެތެވެ.

ހުރިހާ ވިޔަފާރި ތަކެއްގައިވެސް އެންމެ މުހިއްމު ރައުސުލްމާލަކީ މަސައްކަތްތެރިންނެވެ. ހާއްސަކޮށް ޒުވާނުންގެ ދައުރު ވަރަށް މުހިއްމުވާނެއެވެ. އިގުތިސާދު ކުރިއަރުވާ އިންޖީނުގެ ބުރަފައްޗަކީ ތަމްރީނާއި ފަންނީ ގޮތުންނާއި އަދި ހުނަރުން މުއްސަނދި އިންސާނީ ވަސީލަތެވެ. ގައުމެއް ނުވަތަ ކުންފުންޏެއްގެ ކުރިއެރުމާއި ކާމިޔާބީވެސް ބިނާވެފައި އޮންނަނީ އެ ތަނެއްގައި އިންސާނީ ވަސީލަތް ބޭނުން ކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ސިޔާސަތުގެ މައްޗަށެވެ.

މި ރާއްޖޭގައި ހާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގައި އިންސާނީ ވަސީލަތްތައް ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ދެނެނުގަނެ މި ދާއިރާ ކުރިއަރުވައި ދުނިޔޭގެ ބާޒާރުގެ ސަފުތަކުން ޖާގަ ހޯދުމަކީ ވަރަށް ދަތި ކަމެކެވެ.

އުތުރު ރަށަކުން ދިމާވި އޮޑިވެރިއަކާ، މަސްވެރިކަމާ ބެހޭގޮތުން ސުވާލު ކޮށްލިއިރު މި އޮޑިވެރިއާގެ ދޯނި ފަޅުގައި އަޅާފަ އޮންނަތާ ހަތް މަހެއްހާ ދުވަސް ވެއްޖެއެވެ. އޭނާގެ ދޯނިން މަހަށް ފުރާ ތިން ފަޅުވެރިއެއްގެ އަނބިންނަށް، ސަރުކާރުން ހިންގާ ނާސްތާ ޕްރޮގުރާމަށްް ކެއްކުމުގެ ވަޒީފާ ލިބުނު ހިސާބުން މި ތިން މީހުން ގޭގައި މަޑުކުރަން ނިންމީއެވެ.

ބައެއް ޒުވާނުން މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބުނަސް އެހެން ދާއިރާތަކަށް ދާން ބޭނުންވާ އެހެން ސަބަބުތަކެއް ވެސް ފާހަގަ ކުރެއެވެ. މި ގޮތުން އެ ޒުވާނާއާ އެކު މަސްވެރިކަމުގައި މިހާރުވެސް އުޅޭ ރިޓަޔަރްޑް މެޖިސްޓުރޭޓަރަކުގެ ޕެންޝަނަށް މަހަކު 18000ރ. ލިބޭ ވާހަކަ އޭނާ ފާހަގަކުރިއެވެ. އަދި ފަނޑިޔާރަކު ރިޓަޔަރ ކުރާއިރު މަހަކު 70000ރ. ލިބޭއިރު، ފުލުހުންނާއި އަދި އަސްކަރިއްޔާގެ ރިޓެޔަމަންޓު ބެނެފިޓްސް ތަކުގެ ތަފާތަކީވެސް ބައެއް ޒުވާނުންގެ ހިއްތައް އެ ދިމަދިމާލަށް ފުރޮޅާ ފަދަ ބާރެއްގެ ގޮތުގައި އެ ޒުވާނާ ސިފަކުރިއެވެ. މިފަދަ ސަބަބުތަކާ ހުރެ މި ސިނާޔަތްތަކަށް ޒުވާނުން ދުރުކުރުވާނަމަ މި ދާއިރާއަށް އިންވެސްޓުކުރާ ފަރާތްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ކޯވިޑު19ގެ އާލަމީ ވަބާގެ އިގުތިސާދީ ހީނަރުކަމާއި އަދި ދުނިޔޭގެ އިގުތިސާދީ ބާރުތަކުގެ މެދުގައި ވިޔަފާރީގެ ކޯޅުމާއި އަރާރުންތަކުގެ ހުޅުތައް ރޯވަމުންދާއިރު ދިވެހި ރާއްޖެއަކީ ކެއުމާއި ބުއިމަށް ބޭރުގެ އުފެންދުންތަކަށް ބަރޯސާވާ (ކޮންސަމްޝަން) އެކޮނޮމީއެއްގެ ގޮތުގައި އޮތުމަކީ ގައުމީ ސަލާމަތަށް ވެސް އިންތިހާއަށް އޮތް ބޮޑު ނުރައްކަލެކެވެ. މި ފަދަ ހާލަތެއްގައި ގައުމުގެ ސިނާއަތްތަކަށް އާރޯކަން ހޯދޭނެ ގާނޫނީ އަދި އިޖުތިމާއީ ފަރުވާ މިވަނީ ނުހަނު ބޮޑަށް ބޭނުންވެފައެވެ.

ދައުލަތުގެ ވެލްފެއަރ އާއި ސޯޝަލް ސެކިއުރިޓީ ނުވަތަ އިޖުތިމާއީ އެހީތަކަކީ ޓެކްސް ޕޭޔަރުންގެ ފައިސާއިން ކުރާ ހޭދައަށް ވާއިރު ނާސްތާ ޕްރޮގްރާމްގެ ސަބަބުން މަހަށްދާނެ ފަޅުވެރިން ނުލިބޭނަމަ މަސް އެކްސްޕޯޓުކުރެވޭ މިންވަރު ދަށްވެ ދައުލަތުގެ އާމްދަނީވެސް މަދުވާނެއެވެ. އެކަކު ކުރަމުންދިޔަ އިދާރީ މަސައްކަތަށް ހަތް ސިޔާސީ މަގާމު އުފެއްދުމުން ޓެކްސް ދައްކާ ވިޔަފާރިވެރިންނަށް ދިވެހިން ވަޒީފާތަކަށް ލިބުން ދަތިވެ ބޭރުމީހުން ގެންނަށް މަޖުބޫރުވީއެވެ. ރިޓަޔަރމެންޓު ބެނެފިޓު ތަކާއި ޕެންޝަން ސްކީމްތަކުގެ ފަރަގު ކުޑަކޮށް ތިލަފަތުން ވަޒަންކުރެވި އެކި ފަންތިތަކާއި ގިންތިތަކުގެ ހުރި ފަރަގު ނައްތާނުލެވި އެއް ގޮވާމުގެ ސިނާޔަތުން އަރައިގަނެ މަސްވެރިކަމާއި ދަނޑުވެރިކަމުން މި ގައުމުގެ އިމްޕޯޓަށް ބޭނުންވާ ކަނާއާއި ތެލާއި ބޭސް ގަންނާނެ ބޭރުފައިސާ ހޯދަން ކުރާ މަސައްކަތުގައި ނަތިޖާ ހާސިލު ކުރަން ދަތިވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.