ރާއްޖޭގެ ހުޅަނގުން އެފުރިކާގައި އޮންނަ ދެކުނު މަޑަގަސްކަރައިގެ ކުޑަކުދީންނަށް ރަނގަޅު ކާނާއާއި ބޯފެން ނުލިބުނުގެ ސަބަބުން ކާޑު ބަލިޖެހިފައިވާ ކުދީން ދަނީ އިތުރުވަމުންނެވެ. މި ކަމުގެ މައިގަނޑު ސަބަބަކީ ދިގު ދެމިގެންދާ ހަނަފަސްކަމުގެ ސަބަބުން ޢާއިލާތަކަށް ޚުދު އެ ބައިމީހުންނަށް ބޭނުންވާ ކާނާ ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި އެކަމަށް ޓަކައި ވާންޖެހޭ ޤުރުބާނީއެވެ.
ޔުނިސެފުން ލަފާކޮށްފައިވާ ގޮތުގައި 2022ގެ ކުރީކޮޅަށް އަންނައިރު ކާޑުބަލިޖެހިފައިވާ ކުޑަކުދީންގެ ޢަދަދު މަދުވެގެން ބައިމިލިއަނަށް އަރާނެއެވެ. އޭގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ކުދީންނަށް ބޭނުންވާ ކަނާދު ނުލިބުމުގެ ސަބަބުން އެ ކުދީން ނުރައްކާތެރި ޙާލަތަކާ ކުރިމަތިލާންޖެހޭނެއެވެ.
ފަސް އަހަރަށް ދެމިގެން ދިޔަ ހަނަފަސްކަމުގެ ސަބަބުން މިލިއަނެއްހައި މީހުންނަށް ވަނީ ކާނާއާއި އިންސާނީ ކުއްލި އެހީއަށް ބޭނުންވެފައެވެ. ގިނަ ޢާއިލާތަކަށް ވަނީ އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އެ މީހުންގެ އަތުގައި ހުރި ހިފައިގެންގުޅޭ މަދު ސާމާނުކޮޅު ވިއްކޭތޯ މަސައްކަތްކުރާންޖެހިފައެވެ.

މި ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ހަ ކުދީންގެ މަންމައެއް ކަމުގައިވާ، އުމުރުން 26 އަހަރުގެ ވަހާސޯޏަވެރީ އޭނާގެ އަތުގައި ހުރި ހިފައިގެންގުޅޭ މަދު ސާމާނުކޮޅު ކުރިމަތީގައި އަތުރައިގެން އިންނަ މަންޒަރެވެ.
ވަހާ ދިރިއުޅެނީ ކާނާގެ އިތުބާރެއް ނެތް އަވަށެއް ކަމުގައިވާ އެމްބޮވޯމްބޭގައެވެ. އޭނާގެ ދެ ކުދީން ވަނީ ކާޑުބަލީގެ ނުރައްކާތެރި ޙާލަތުގައެވެ. މިއީ މަރާ ހަނގުރާމަކުރާންޖެހިފައިވާ ނުރައްކާތެރި ޙާލަތެކެވެ.

ވަހާއަކީ ހަގީގަތުގައި ދަނޑުވެރިއެކެވެ. ނަމަވެސް ދިގުދެމިގެންދާ ހަނަފަސްކަމުގެ ސަބަބުން މިހާރު އޭނާ އާމްދަނީ ހޯދާން ކުރާ މަސައްކަތަކީ ކުނބުރާންކޮށުމެވެ. އެ ގޮތުން ކޮށާ ދަރުތައް އުފުލުމަށް ޓަކައި ބޭނުންކުރަނީ އަވައްޓެރިއެއްގެ އަތުން ކުއްޔަށް ހޯދާ ގެރި ގާޑިއަލެވެ.
މިއި މިއަދު މި ސަރަހައްދުތަކުގެ ގިނަ ރައްޔިތުންގެ ޙާލަތެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ހަނަފަސް ސަހަރާގައި ހެދޭ ކެކްޓަސް ގަސްތަކުގައި އަޅާ މަދު މޭވާއެއް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރާންޖެހިފައެވެ. މި ފަދަ ރަތް ކެކްޓަސް (މޭވާ) ހޯދުމަށް ޓަކައި، އެ މީހުންގެ ސާދަ ފަނަރަ އަހަރުގެ ކުޑަކުދީން ބުރަ މަސައްކަތްތަކެއް ކުރެއެވެ.

"އެކޯ"އާއި ޔޫއެސްއެއިޑާއި އިނގިރޭސި ސަރުކާރުންދޭ މާލީ އެހީގައި ޔުނިސެފުން މި މުޖުތަމައަށް އެހީ ފޯރުކޮށްދޭން މަސައްކަތްކުރެއެވެ. ނަމަވެސް މި އެހީއަކީ އެކަށީގެންވާ އެހީއެއް ކަމުގައި އޮންނަނީ ނުވެފައެވެ.
މިކަން މިހެން އޮތުމާއެކު ސާފު ބޯފެން ހޯދުމަކީ އެ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ ކޯރުތައް ހިކި ހަނަފަސްކަން ވެރިވުމުން އެ މީހުންނަށް މިއަދު މަޖުބޫރުވެފައިވަނީ ލިބުނު ކޮންމެ ފެނެއް ބޯށެވެ. އެހީދޭ ފަރާތްތަކުން ޤާއިމުކޮށްފައިވާ މަރުކަޒުތަކުން ދުވާލަކަށް ޢާއިލާއަކަށް 20 ލިޓަރުގެ ދެ ހަމުގެ ބޯފެން ދޫކުރެއެވެ. ނަމަވެސް މި އެހީ ވެސް އެންމެންނާ ހަމައަކަށް ނުފޯރައެވެ.

ޔުނިސެފްގެ ފަރާތުން މި މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް އިތުރު އެހީއަށް ވަނީ އިންތިހާއަށް ބޭނުން ވެފައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މިއަދު އެ ޤައުމަށް ވަނީ އިންސާނީ ބަނޑޫހައިހޫނުކަމުގެ ކާރިސާއަކާ ކުރިމަތިވެފައެވެ. މި ޙާލަތު ދިގުދެމިގެން ދާނަމަ، ކާޑުބަލީގައި އެތައް މިލިއަން ބަޔެއްގެ ފުރާނަ ނެތި ދިޔުމުގެ ބިރު ވަނީ ހީވެފައެވެ.



advertisment
One Response
ހަގީގަތުގައި ވެސް އަސަރުގަދަ ވާހަކައެއް. މި ފަދަ ވާހަކަތައް އަޑުއެހުމަށް ފަހު ދިވެހީންނަށް ލިބިފައިވާ މަތިވެރި ނިޢުމަތްތަކާ މެދު ޙަމްދާއި ޝުކުރުކުރަން. ނަމަވެސް ދިވެހީންނަށް ލިބިފައިވާ ނިޢޫމަތްތަކަށް ހަސަދަވެރިވާ ބަޔެއްގެ ރިޝްވަތަށް ދިވެހީންގެ ތެރެއިން މަދު ބަޔަކު ހެއްލި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ޢަމަލުތައް ތާރީޚުގައިވަނީ ހިންގައިފައި. އަދި މިއަދު މި ކަމުގެ ނުރައްކާ މި ވަނީ މާ ބޮޑަށް، ދިވެހި ޤައުމަށް ދެން ދުވަހަކު ވެސް ސަލާމަތް ނުވެވޭވަރަށް ދިވެހި ޤާއުމަށް ކުރިމަތިވެފާ.