Support Us

އެންމެ ފަހު ދެ ފިލްމާއެކު މުހައްމާ އަލްވަދާއު ކިޔަނީ

މަޝްހޫރު ކޮމޭޑިއަން މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) އެންމެ ފަހުން އުފެއްދި ދެ ފިލްމު، ނިމިފައި އޮންނަތާ ދުވަސްތަކަކަށްފަހު، ނެރުމުގެ މަސައްކަތް އޭނާ ފަށައިފި އެވެ. މި ދެ ފިލްމު މުހައްމާ ނެރޭނީ އޭނާގެ ވަދާއީ ދެ ފިލްމުގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލިސްގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަން 2014 އިން 2019 އަށް ކުރި މުހައްމާ ބުނީ، މަޖިލިހަށް އިންތިހާބުވިއިރު، "ތިންފަށް ލޯބި" އާއި "ގާނޫނުގެ ހުކުމް"ގެ ޝޫޓިން ނިމި، އެޑިޓިންގެ ވެސް ބޮޑުބައި ނިމިފައިވާ ކަމަށެވެ.

"އޭރު ހިތަށްއެރީ މި ދެ ފިލްމު ނެރުން އިހަށް މަޑުޖައްސާލާނީއޭ. ފަހުންނޭ ނެރޭނީ. އެހެންވެ މަޑުކޮށްލީ،" ކޮމޭޑިއަން ކެރެކްޓަރ މުހައްމާކަލޯގެ ގޮތުގައި މަޝްހޫރުކަން ހޯދައިފައިވާ ފަންނާނު ބުންޏެވެ. "މިހާރު މި މަސައްކަތް ކުރަނީ އެ ދެ ފިލްމު ނިންމަން. ވަރަށް އަވަހަށް ނިމޭނެ."

މުހައްމާގެ "ދެކެދެކެވެސް ޕްރޮޑަކްޝަން"ގެ ފަރާތުން މި ދެ ފިލްމު ވެސް ޕްރޮޑިއުސްކުރަނީ މުހައްމާއެވެ. ސްކްރިޕްޓް ލިޔެ، ޑައިރެކްޓްކުރަނީ އަހުމަދު ފަލާހެވެ. މީގެ ތެރެއިން ސީރިއަސް ކޮމެޑީ "ތިންފަށް ލޯބީ"ގައި އުޅެނީ މުހައްމާގެ އިތުރުން ކޮޕީ އިއްސެ އާއި ރިޝްމީ އާއި ޝަހޫ އާއި ހަމްދާނެެވެ. "ގާނޫނުގެ ހުކުމް"ގައި އުޅޭނީ މުހައްމާ އާއި ނިއުމާ މުހައްމަދާއި ކޮޕީ އިއްސެ އާއި ހަމްދާނެވެ.

މުހައްމާ ބުނީ މިހާރު ކުރިއަށް ދަނީ ދެ ފިލްމުގެ ވެސް އެޑިޓިންގެ މަސައްކަތް ކަމަށެވެ. އެޑިޓްކުރަނީ ގޮޅާއައްޔަ އެވެ.

"ދެ ފިލްމު ވެސް ނިންމާފަ ވަރަށް އަވަހަށް ނެރޭނަން. އެކަމަކު ރިލީޒް ވާނީ އޮލިމްޕަހުގައިތޯ ޓީވީ ޗެނަލެއްގައިތޯ ނޫނީ ބައިސްކޯފުގައިތޯ އަދި ނުނިންމަން،" މުހައްމާ ބުންޏެވެ. "މި ދެ ފިލްމަށްފަހު މުހައްމާ ދެން ސްކްރީނުން ނުފެންނާނެ. ވަދާއީ ދެ ފިލްމުގެ ގޮތުގައި މި ދެ ފިލްމު ބެލުންތެރިންނާ ހަމައަށް މި ގެނެސްދެނީ."

"ދެކެދެކެވެސް ޕްރޮޑަކްޝަން"ގެ ކޮމެޑީ ޓީވީ ސީރީޒެއް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ. "ފުރަބަންދު" ނަމަކަށް ކިޔާ މި ސީރީޒް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ދައްކަނީ އައިސް ޓީވީންނެވެ. ފަސް އެޕިސޯޑުގެ މި ސީރީޒްގެ ދެ އެޕިސޯޑު މިހާރު ވަނީ ދައްކައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *