...

Support Us

ޖުހާގެ ވާހަކައެއް: ކަލޭމެން އެންމެންގެ ވާހަކަ ވެސް ރަނގަޅެވެ!

އެއް ދުވަހަކު، މައްސަލައަކާ ބެހޭ ގޮތުން، އެއްބަނޑު އެއް ބަފާ ދެބެންގެ ދެމެދުގައި، ވަރަށް ވަރުގަދަ ބަހުސެއް ކުރެވުނެވެ. ކޮންމެ ކުއްޖަކު ވެސް މައްސަލައާ ބެހޭ ގޮތުން އެ ކުއްޖާ ދެކޭ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމިއެވެ. އަދި މިކަން ޔަގީންކޮށްލުމުގެ ގޮތުން ހިކުމަތްތެރި ހަކީމު ޖުހާއާ ބައްދަލުކުރިއެވެ.

ދެބޭން، ވަކިވަކީން، ޖުހާގެ ގެއަށް ގޮސް އެ ކުއްޖެއްގެ ވާހަކަ ކިޔައިދިނެވެ. އެއްމެ ފުރަތަމަ ކޮއްކޮއެވެ. ހުއްޖަތާއި ދަލީލާއެކު ވަރަށް ތަފްސީލުކޮށް މައްސަލަ ހުށަހަޅައިލިއެވެ. އެއަށްފަހު ޖުހާއާ މުޚާތަބުކޮށް ބުންޏެވެ. "ޖުހާއެވެ! ބުއްދިވެރި ހަކީމެވެ! ހައްގުވަނީ އަހަރެންނާއެކު ނޫންހެއްޔެވެ؟"

ކުޑަކޮށް ވިސްނައިލުމަށްފަހު ޖުހާ ޖަވާބުގައި ބުންޏެވެ. "އެއްވެސް ޝައްކެއްނެތެވެ. ކަލޭގެ ވާހަކަ ހަމަ އެންމެ ރަނގަޅެވެ. ހައްގުވަނީ ކަލެއާ އެކުގައެވެ." ދެން، ވަރަށް އުފާވެފައި، ހަމަޖެހިލައިގެން، ކޮއްކޮ ގެއަށްދިޔައެވެ.

ކޮއްކޮ ދިޔުމުން، ބޭބެ އައިސް ޖުހާއާ ބައްދަލުކޮށް މައްސަލަ ހުށަހަޅައިލިއެވެ. އޭނާގެ ވާހަކަތައް ހުރީ ކޮއްކޮގެ ވާހަކައާ ދިމާއިދިކޮޅަށެވެ. ކޮއްކޮ ފަދައިން، ބޭބެވެސް ހުއްޖަތާއި ދަލީލު ދެއްކިއެވެ. އެއަށްފަހު ޖުހާގާތު ބުންޏެވެ. "ހިކުމަތުގެވެރި ޖުހާއެވެ! އަޅެ ނިކަން ބުނެބަލާށެވެ! ސައްހައީ އަހަރެންގެ ވާހަކަ ނޫންހެއްޔެވެ؟ ރަނގަޅު ގޮތަކީ އަހަރެންގެ ގޮތް ނޫންހެއްޔެވެ؟ ހައްގުވަނީ އަހަންނާ އެކުގައި ނޫން ހެއްޔެވެ؟"

ޖަވާބުގައި ޖުހާ ބުންޏެވެ. "އެއްވެސް ޝައްކެތް ނެތެވެ. ކަލޭގެ ވާހަކަ ހަމަ އެންމެ ރަނގަޅެވެ. މުޅީން ސައްހައެވެ." ދެން ބޭބެވެސް، އުފަލުން ހެމުން، ނިކުމެގެން ހިނގައްޖެއެވެ.

ދެބެންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި، ޖުހާގެ އަންހެނުންވެސް އިނެވެ. ދެބެން ދިޔުމުން އަނބިކަނބުލޭގެ ޖުހާއާ މުޚާތަބުކޮށް ބުންޏެވެ. "ޖުހާއެވެ، ފިރިސާހިބު ދެންމެ ތިޔަ ނިންމި ނިންމުމަކީ ހާދަހާވާ ހެއްވާ، ތާކުންތާކުނުޖެހޭ ނިންމުމެކެވެ. އެ ދެ ކުދިންގެ ވާހަކަ، އެކަކު އަނެކަކުގެ ވާހަކައާ ފުށުއަރައެވެ. އެކަކުގެ ވާހަކަ، އަނެކަކުގެ ވާހަކައާ ދިމާ އިދިކޮޅެވެ. ނަމަވެސް ފިރި ސާހިބު ތިޔަ ނިންމީ ދެބެންގެ ވާހަކަ ވެސް ހަމަ ސައްހަ ކަމަށެވެ. ދެބެންގެ ވާހަކައަކީ ވެސް ހަމަ ހައްގު ކަމަށެވެ. ތިޔަ ނިންމި ނިންމުން ރަނގަޅު ކަމަކަށް، އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ދިމާ އިދިކޮޅު ދެ ގޮތް ސައްހަވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ބުއްދި ނިޔާކުރަނީ މިތަނުން އެއް ކުއްޖެއްގެ ވާހަކަ ސައްހަވެފައި އަނެއްކުއްޖާގެ ވާހަކަ ސައްހަ ނުވާނޭކަމެވެ."

އަންހެނުންނާ ދިމާއަށް ބަލައިލުމަށްފަހު، ކުޑަކޮށް ހީނލާފައި، ޖުހާ ބުންޏެވެ. "އަނބިކަނބުލޭގެއެވެ. ކަނބުލޭގެ ވާހަކަ ވެސް ހަމަ އެންމެ ރަނގަޅެވެ. ކަނބުލޭގެ ތިޔަ ދެކޭ ގޮތް ވެސް ހައްގުގެ މަގުން އެއްކިބާވެގެން ނުވެއެވެ!"

އާދެ! ބައެއް ކަހަލަ މައްސަލަތަކާ ބެހޭގޮތުން، މީހުންނަށް ރަނގަޅު ގޮތް ކަނޑައަޅައިލެވެނީ އެމީހަކު ބަލާ ރޮނގުވަޅެއްގެ މައްޗަށް ބިނާކޮށެވެ. އޭނާގެ ހެއްކާއި ދަލީލުތައް މާނަކުރެވެނީ އޭނާ ބަލާ ރޮނގުވަޅަކުން ފެންނަގޮތަށް ބުރަވެވޭ ގޮތަށެވެ. އެހެންވެ، މިފަދަ މައްސަލަތަކުގައި، ޖުހާ ފާހަގަ ކުރިގޮތުގައި، ތަފާތު ސައްހަ ގޮތްތަކެއް ފެނިގެން ހިނގައިދާނެއެވެ.

ޖުހާގެ މިވާހަކަ ލިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހަރުކަށިފިކުރުގެ މައްސަލަ މި ވާހަކައާ ގުޅޭ ކަމަށް ފެންނާތީއެވެ. ހަރުކަށި ފިކުރޭ ހެއްޔެވެ؟ ހުރިހާ ކަމެއްގައި ވެސް ތިމާ ދެކޭ ގޮތަކީ ހަމަ އެކަނި ރަނގަޅު ގޮތް ކަމަށް ވެފައި، ދެން އެހެން އެންމެން ދެކޭ ގޮތަކީ ބާތިލު ގޮތް ކަމަށް ވެއްޖެ ނަމަ ފިކުރު ހަރުކަށިވީއެވެ. އެހެންވެއްޖެ ނަމަ، ތިމާގެ ފިކުރު، ތިމާ ދެކޭ ގޮތް، ކުޑަކޮށް ވެސް ލަންބާލެވުމުގެ އެކަށޭނަކަން ނެތުމުން، އެހެން މީހުން ދެކޭ ގޮތުގައި ވެސް ތެދެއް އޮވެދާނެ ކަމަށް ނުފެނި، ތިމާގެ ފިކުރު، ތިމާ ދެކޭގޮތް 'ހަރުދަނޑިވަނީއެވެ'.!

ފިކުރު ހަރުކަށިވުމުގެ މި ނަންގަތް ތައުރީފަށް ބަލާލުމުން، ފިކުރު ހަރުކަށިވުން ހުއްޓިފައި އޮންނަނީ ވަކި ބާވަތެއްގެ ފިކުރެއްގެ މައްޗަކަށް ނޫނޭ ބުނެވިދާނެއެވެ. ދީނީ ފިކުރާއި ސިޔާސީ ފިކުރުވެސް ހަރުކަށިވެދާނެއެވެ. އިގުތިސާދީ ފިކުރާއި އިޖުތިމާއީ ފިކުރުވެސް ހަރުކަށި ވެދާނެއެވެ. މިއިން ދާއިރައެއްގައި ވިސްނާ މީހަކު، ހުރިހާ ވަތުގެއްގައި ވެސް، އެންމެ ރަނގަޅު ގޮތަކީ އޭނާގެ ގޮތް ކަމަށް ދެކި، އެހެން އެންމެންގެ ގޮތަކީ ނުރަނގަޅު ގޮތް ކަމަށް ނިންމައި، ތިމާގެ ގޮތް އެންމެންގެ މައްޗަށް، ގަދަ ބާރުން ހިންގަން އުޅެފި ނަމަ، އެވާނީ ހަރުކަށި ފިކުރަކަށެވެ.

މި ދުވަސް ވަރު، މުސްލިމު މުޖުތަމައުގައި އެންމެ އަޑު ގަދަ އެއް ވާހަކައަކީ އިސްލާމީ ދީނީ ފިކުރު ހަރުކަށިވުމުގެ ވާހަކަ ކަމުން، މިކަމާ ދޭތެރޭ ކޮންމެ ވެސް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. މިއީ މިކަމާ ބެހޭ އެންމެ ފަހުގެ ބަހެއް ނޫނެވެ. އަދި، އެންމެ ރަނގަޅު ވާހަކައަކަށް ވެސް ނުވެ ހިނގައިދާނެއެވެ. އެހެންވެ، މިވާހަކަ ގަބޫލުކުރުން ލާޒިިިމެއް ނޫނެވެ. އަދި، މިވާހަކަ ބުނެ، އެހެން މީހެއްގެ ފިކުރާއި ޚިޔާލު ހުއްޓުވަން ގަސްދެއް ނުކުރަމެވެ.

ދީނީ ފިކުރު ހަރުކަށިވުމުގެ މައްޗަށް ނަޒަރު ހިންގާލާއިރު، މިވަގުތު ދެތިން ކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ އިސްލާމީ އިލްމީ ތާރީޚުގެ މައްޗަށް ނަޒަރު ހިންގާލާއިރު ފެންނަ މަންޒަރެކެވެ. އެއީ ކޮން މަންޒަރެއް ހެއްޔެވެ؟ އިލްމީ ބޮޑު ކުރިއެރުމެއް، ކުޑަ މުއްދަތެއްގެ ތެރޭގައި މުސްލިމުން ހޯދިކަމެވެ. މިކަމުގެ ތަފްސީލަށް މި މަގާމަކު ނުދެވޭނެއެވެ. ފާހަގަކޮށްލަން ބޭނުންވަނީ ތަފާތު އިލްމީ މައިދާންތަކުގައި މުސްލިމުން ކުރިއަރައި ދިޔަކަމެވެ. ދީނީ އިލްމީ މައިދާނުގައެވެ. ބަހާ ބެހޭ އިލްމުތަކުގެ މައިދާންތަކުގައެވެ. އަދަބީ މައިދާނުގައެވެ. ސައެންސުގެ އެކިއެކި މައިދާންތަކުގައެވެ. ތާރީޚާއި ޖިއޯގުރަފީގެ މައިދާނުގައެވެ. ފަލްސަފާގެ މައިދާނުގައެވެ. ފަލަކީ އިލްމުގެ މައިދާނުގައެވެ. މި ހުރިހާ މައިދާނެއްގައި ވެސް، މުސްލިމުން އަގުހުރި ފޮތްތަކެއް ލިޔެ، އެ މައިދާންތަކުގެ އިލްމުވެރިކަން ކުރިއެރުވިއެވެ. އަދި، ފަހުން، މުސްލިމުންގެ އެ ފޮތްތައްވީ، އެ މައިދާންތަކުގެ އިތުރުކުރިއެރުން އޭގެ މައްޗަށް ބިނާވި ފޮތްތަކަށެވެ.

ދެން އޮތް ނުކުތާ ގުޅެނީ މި ނަންގަތް ފުރަތަމަ ނުކުތާއާއެވެ. މި ފަދަ އިލްމީ ކުރިއެރުމެއް ލިބެން މެދުވެރިވާނޭ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮންނާނެތާއެވެ. އެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ ފުރަތަމަ ސަބަބަކީ އިލްމުވެރިކަމަށް މުސްލިމުން ލޯބިކުރުމެވެ. އަދި، އެ މީހުންގެ އިލްމުވެރިކަން މާނަކުރެވިފައި އޮތީ ހުރިހާ އިލްމެއް ވެސް އިލްމުވެރިކަމުގެ މާނައިގައި ހިމެނޭ ގޮތަށެވެ. މިސާލަކަށް އިބްނު ރުޝްދަކީ ފަލްސަފާވެރިއެކެވެ. ހުޅަނގުގައި އޭނާ މަޝްހޫރުވެފައި ވަނީ ބުއްދީ ހަމަތަކުގެ މައްޗަށް ބާރުއަޅައި އެކަމުގެ ވާހަކަތައް ދެއްކުމުގެ ބައްޕަގެ ގޮތުގައެވެ. އިސްލާމީ ދުނިޔޭގައި އޭނާ މަޝްހޫރުވީ ފިގުހު އިލްމުވެރިޔެއް، އާދެ، ދީނީ އިލްމުވެރިޔެއްގެ ގޮތުގައެވެ. މި ދާއިރާތަކުގެ އިތުރުން، ބޭސްވެރިކަމާއި، ނަފްސާނީ އިލްމުވެރިކަމާއި އަދި މިނޫން ދާއިރާތަކުގެ ފޮތްތައް ވެސް އޭނާ ލިޔުއްވިއެވެ.

މުސްލިމުންގެ އިލްމުވެރިކަން ކުރިއެރުމަށް މެދުވެރިވި ދެވަނަ މައިގަނޑު ސަބަބަކީ ވެރިންނަކީ ވެސް އިލްމަށް ލޯބިކުރި އިލްމުވެރިނަންވީ ކަމެވެ. އެކަމުގެ ސަބަބުން، އިލްމުވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ފައިސާ ޚަރަދުކުރިއެވެ. އިލްމީ ފޮތްތައް ބޭރުން ހޯދުމަށެވެ. އެ ފޮތްތައް އަރަބި ބަހަށް ތަރުޖަމާކުރުމަށެވެ. އިލްމުވެރިންނަށް ޚަރަދުކުރުމެވެ. މަދަރުސާތަކާއި ޔުނިވަރސިޓީތައް ބިނާކުރުމަށެވެ. މުސްލިމުން ތަނެއް ފަތަހަކޮށް އެތަނެއްގައި އެމީހުންގެ ވެރިކަން ހިނގަން ފެށުމުން އެންމެ ފުރަތަމަ ކުރާ އެއްކަމަކީ މަދަރުސާތަކާއި ޔުނިވަރސިޓީތައް ބިނާކުރުމެވެ.

މިފަދަ ގޮތެއްގައި އިލްމުވެރިކަން ކުރިއަރުވައި، މަތީގައި ނަންގަތް ފަދަ ފުޅާ ދާއިރާއެއްގައި މުސްލިމުންގެ ވިސްނުމާއި ފިކުރުކުރުން ހިންގާލެވޭނީ ވިސްނާ ފިކުރުކުރުމުގެ މިނިވަން މާހައުލެއް ވެސް އޮވެގެން ނޫން ހެއްޔެވެ؟ ތިންވަނަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވި ކަމަކީ މިއެވެ. މުސްލިމުންގެ ދީނީ ވިސްނުން ލާޒިމުކުރަނީ އެހެން ހުރިހާ ރައުޔަކީ ބާތިލު ރައުޔެއް ކަމަށްވީ ނަމަ، އަދި، އިދިކޮޅު ރައުޔަކީ ކަނޑިއާއި ބަޑި ބޭނުންކޮށްގެން ނައްތާލަން ޖެހޭނޭ ރައުޔެއް ކަމަށް ދުށް ނަމަ، އިހުގައި މުސްލިމުން އުފެއްދި ވަރުގަދަ އިލްމީ ހަޟާރަތެއް ނުއުފެއްދޭނެކަން ޔަގީނެވެ. އިހުގައި، ތަފާތު ރައުޔުތަކަށް ތަން ނުދެވުނު ނަމަ، ޚުދް، އިސްލާމީ ދީނީ ފިކުރުވެސް އެހާ މުއްސަނދި ގޮތެއްގައި އުފެދިފައި ނޯތީސް ކަން ކަށަވަރެވެ. މިކަން ފާހަގަކުރައްވާ ބޭކަލުންގެ ތެރޭގައި އައްލާމާ މުހައްމަދު އިގުބާލު ހިމެނެއެވެ. އޭނާގެ އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން، މިފޮތް ބަލާލާށެވެ. މިކަމަށް އިޝާރަތްކުރެވިފައި އޮންނާނެއެވެ.

މިކަމުން ހެކި ލިބިގަންނަން މަސައްކަތަކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ ދީނީ ހަރުކަށި ފިކުރު- އާދެ، އެހެން ރައުޔުތަކަށް އެއްވެސް ޖާގައެއް ނުދޭ ފިކުރު- އެއީ އިހުގެ އިސްލާމީ ސަގާފަތުގެ ތެރޭގައި ހިމެނުނު ކަމެއް ނޫނޭ ބުނުމެވެ. މީގެ މާނައަކީ މީހަކު ދެކޭ ގޮތް އޭނާ ދިފާއު ނުކުރާ ވާހަކައެއް ނޫނެވެ. ކޮންމެ ދީނީ އިމާމުވެރި ބޭކަލެއްވެސް، އަދި އެބޭކަލުންގެ ދަރިވަރުން ވެސް، އަދި ފަހުން އުފެދުނު އިލްމުވެރިން ވެސް، އެބޭކަލުންގެ ރައުޔުތައް ދިފާކުރިއެވެ. ނަމަވެސް، އެހެން މީހުންގެ ރައުޔުތަކަށް ވެސް، އެބޭކަލުން އިހުތިރާމު ކުރިއެވެ. މިކަން އެންމެ ރިތިކޮށް ފެނިގެންދާ ފިގުހުގެ އެއް ފޮތަކީ އިބްނު ރުޝްދުގެ ބިދާޔަތެވެ. ފިގުހީ ރައުޔުތައް ޚުލާސާކޮށް، ލިޔެވިފައިވާ ދެ ޖިިލްދުގެ ފިގުހު ފޮތެވެ. އޭގެ ކުރިއަށް ޖެހިލާ ނަމަ، ތަބަރީގެ އަލްޖާމިއު ބަލާލާށެވެ. ކީރިތި ގުރުއާނުގެ އާޔަތްތައް ތަފްސީރުކުރުމުގައި ފުރަތަމަ ދެތިން ޖީލުގެ މުސްލިމު މުފައްސިރުންގެ ރައުޔުތައް އެ ފޮތުގައި ބަޔާންކުރެވިފައިވެއެވެ. އެ ތަފްސީރު ފޮތަކީ އޭ ތިނެއްގެ ސައިޒުގެ ސަފުހާތަކުގެ މައްޗަށް އެކުލެވޭ ފަނަރަ ޖިލްދުގެ ފޮތެކެވެ. މިއިން ވެސް، އެދުވަސްވަރު- ތަބަރީ އަވަހާރަވީ ހިޖުރައިން 310 ވަނަ އަހަރު- ތަފާތު ރައުޔުތަކަށް ތަންދެވިފައި އޮތް ތަނަވަސް މިންވަރު ހިތަށް ގެނެވޭނެއެވެ. އަދި، އިދިކޮޅު ރައުޔަކީ އެއާ މެދު ބިރުގަނެއް، އެ ނައްތާލުމަށްޓަކައި ކަނޑިއާއި ބަޑި ބޭނުން ކުރަން ޖެހުނު އެއްޗެއް ނޫންކަން ވެސް އެނގެއެވެ.

ދެން އޮތް ސުއާލަކީ، ކަންތައް މިހެން އޮތް އިރު، ދީނީ ފިކުރުގެ ދާއިރާ މިހާރު އެހާ ހަނިވެ، އެހެން އެއްވެސް ރައުޔަކަށް ޖާގަ ނުލިބޭ ގޮތަށް ވާހަކަތައް މިއަދު ބިނާވަނީ ކީއްވެ ހެއްޔެވެ؟ މިއީ ދިގު ވާހަކަތަކެވެ. ކުރު ގޮތަކަށް ބުނާނަމަ، އަޅުގަނޑުމެން މުސްލިމުންގެ އަމިއްލަ އިލްމުވެރިކަމުގެ ތާރީޚު ނޭނގުމެވެ. އަގުލާނިއްޔަތު (އިންޓަލެކްޓުއަލިޒިމް، ސިކުނޑި ބޭނުންކޮށްގެން މައްސަލަތަކުގެ މައްޗަށް ނަޒަރުހިންގައި ބެލުން) އަޅުގަނޑުމެންގެ އިސްލާމީ ތައުލީމު ދިނުމުގެ ތެރެއިން ކުޑަވެގެން ދިޔުމެވެ. ޚާލިސް ދީނީ ކަމަކީ ކޮބައިކަން ފާހަގަ ނުކުރެވުމެވެ. ޝަރުއީ ހުރިހާ ނައްސުތައް، އެއް ބީދައިން މާނަކުރުމެވެ. ނައްސުތަކުގައި ލަފްޒަށް ބާރުލެވިފައިވަނީ ކޮން ނައްސުތަކެއް ކަމާއި އަދި އުސޫލުތަކަށް ބާރު ލެވިފައި ވަނީ ކޮން ނައްސުތަކެއް ކަމުގައި ވަކިނުކުރެވުމެވެ. މި މައްސަލަ އިތުރަށް ބަހުސް ކުރަން ބޭނުންވެއްޖެ ނަމަ ބަހުސް ކުރެވިދާނެއެވެ.

ނިންމާލަމުން ބުނަން ޖެހެނީ ފިކުރީ މައްސަލަތަކުގައި ގާނޫނުތައް ފާސްކޮށް، މީހުންގެ ފިކުރުކުރުން ހުއްޓުވައިގެން މައްސަލަތަކަށް ހަައްލެއް ނުގެނެވޭނޭ ކަމެވެ. އެކަމުން، އެދެވޭ ނަތީޖާއެއް ވެސް ނުނިކުންނާނޭ ކަމެވެ. ފާޅުގައި، މިނިވަންކަމާއެކު، މައްސަލަތަކާ މެދު ބަހުސް ނުކުރެވޭ ނަމަ، އެކަން ކުރާނީ ސިއްރިއްޔާތުގައެވެ. އެހެން ނޫނަސް، މިއަދަކީ އެކަން ހުއްޓުމުގެ ކުޅަދާނަކަން ލިބިގެންވީ ޒަމާނެއް ނޫނެވެ. މިނިވަންކަމާއެކު ޚިޔާލުތައް ފާޅުކުރެވޭނޭ ވަސީލަތްތަކާއި މިމްބަރުތައް ގިނަކަމުންނެވެ. އެކަމުގެ ހައްލަކަށް ވާނީ އެންމެން ވެސް އަމިއްލައަށް ވިސްނައި މުސައްގަފު، ކިޔުންތެރި، މައުލޫމާތު މުއްސަނދި، ބަޔަކަށް ވުމެވެ. އަދި ޖުހާ ފާހަގަކުރި ފަދައިން، މައްސަލަތައް ބަހުސްކުރުމުގައި، ތަފާތު ރޮނގުވަޅުތަކުން ބެލުމުގެ އެކަށޭނަކަން އަޅުގަނޑުމެންގެ ސިކުނޑިތަކުގައި އުފެއްދުމެވެ. ހައްގަކީ އެ ނަގައި ކޮޅަށް ޖަހަން، ގާނޫނެއްގެ އެހީ އެއަށް ބޭނުންވާނޭ އެއްޗެއް ނޫނެވެ. ހައްގު، ހައްގުގެ ގޮތުަގައި ކޮޅަށް ހުރުމުގެ ބާރު އެއަށް ލިބިގެން ވެއެވެ! ހަމަ އެހެންމެ ބާތިލަކީ އޭގެ ޒާތުގައި ކޮޅަށް ހުރުމުގެ ބާރު ލިބިގެންވާ އެއްޗެއް ނޫނެވެ. އެ ވައްޓާލަން ކަނޑިއެއްގެ ނޫނީ ބަޑިއެއްގެ ބޭނުން ކުރާކަށް ވެސް ނުޖެހޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.