Support Us

ތުޅާދޫ ދެކުނު ކަންމަތީ ޓީމަށް ލިޔަލާޖެހި ތަށި ހަވާލުކުރަނީ، އަދި ބައެއް ކުދިންގެ ކަރުގައި ލިޔެލާ ޖެހި ރަންމެޑަލް އަޅުވާފައި

ލިޔެލާޖެހި ތައްޓާއެކު ލިބުނު ހިނިތުންވުން

ތުޅާދޫ އަންހެނުންގެ ފުޓުސެލް މުބާާރާތުގެ ހުރިހާ އިނާމަކަށް ވެސް ދިނީ ލިޔެލާޖެހި އެއްޗެތި

ބ. ތުޅާދޫގައި ބޭއްވި އަންހެނުންގެ ފުޓުސެލް މުބާރާތް ނިމުނު ވަގުތު އެންމެ ބޮޑު އުފަލެއް ލިބުނީ، ރަން މެޑަލާއި ޗެމްޕިއަން ތަށި އުފުލައިލި ދެކުނު ކަންމަތީ ޓީމަށް އެކަންޏެއް ނޫނެވެ؛ މުޅިން ދިވެހިވަންތަ ގޮތަށް، ލިޔެލާ ޖަހައިގެން އެ ތައްޓާއި މެޑަލްތައް ހެދި ހާފިޒު އަބްދުއްރަހީމު ވެސް ހުރީ އުފަލުން ފެންކަޅިވެފައެވެ.

ލިޔެލާ ޖެހުމުގެ މަސައްކަތަށް ރާއްޖޭގެ އެންމެ މަޝްހޫރު ރަށް ކަމުގައިވާ ތުޅާދޫގެ، ތުޅާދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން މި ޖުލައި މަހުގެ 8-11 އަށް އިންތިޒާމްކުރި މި މުބާރާތުގައި 10 ޓީމެއް ވާދަކުރި އެވެ. މި މަހު 11 ވަނަ ދުވަހު ކުޅުުނު ފައިނަލްގައި ނޮރިންމަ ޓީމާ ވާދަކޮށް ދެކުނު ކަންމަތީ ޓީމުން ތަށި އުފުލައިލީ 3-2 އިން މޮޅުވެގެންނެވެ.

ހާފިޒު، ތަށީގައި ލާޖެހުމުގެ މަސައްކަތުގައި

"އަޅުގަނޑު ވަރަށް އުފާވި މުޅިން ދިވެހިވަންތަ ތައްޓެއް ހަދައިދެވުނީމަ،" ހާފިޒު، 30، ބުންޏެވެ. "ކްލަބުން އައިސް ބުނީ ޗެމްޕިއަން ޓީމަށް ތައްޓެއް ހަދައިދޭންވެއްޖޭ. ދެން އަޅުގަނޑުގެ ވިސްނުމަށް އައި ގޮތް އެއީ. އެހެންވެ އަމިއްލަ އަށް ލަކުޑިގަނޑެއް ލިޔެގެން ތަށި ތައްޔާރުކޮށްލީ. ތިން ބަޔަކަށް (ތަށި) ހަދައިފައި ހިއްޕާފައި ހުންނާނީ. އެއީ ފުލާއި މައިގަނޑާއި ބޯޅަ ވަކިން."

ހާފިޒު ބުނި ގޮތުގައި ތަށީގެ ބައްޓަން ގެނައުމަށް ލިޔަން، ލަކުޑިގަނޑު ހަނަށް ލެއްވިއިރުން ފެށިގެން ހުރިހައި ކަމެއް ނިިމި، ތަށިން އަތްދޫކޮށްލުމަށް ހަތަރު ފަސް ދުވަސް ނެގި އެވެ.

ލިޔެލާ ޖަހައި ޒީނަތްތެރިކޮށްފައިވާ ކޮންމެ އެއްޗަކީ ވެސް، ހަގީގަތުގައި އެކަކުގެ މަސައްކަތެއް ނޫނެވެ. ލިޔެލާ ޖެހުމުގެ މަސައްކަތާ ގުޅޭ ތަފާތު ފަންނުތައް ހުރެއެވެ. އެއީ ހަނުގައި ބަހައްޓައިގެން ލަކުޑިގަނޑު ލިއުމާއި ލާޖެހުުމުގެ އިތުރުން، ކުރެހުމާއި ލާނެގުމެވެ. މި ތަށި ލިޔެލާ ޖެހީ ހާފިޒު ނަމަވެސް، ކުރެހީ އެކަމަށް ތުޅާދޫގައި އެންމެ މޮޅު ހައެއްކަ މީހުންގެ ތެރޭގައި ހިމެނޭ އަބްދުލް މަތީނެވެ. ލާ ނެގީ އެކަމަށް ވެސް އެންމެ ކުޅަދާނަ ހައެއްކަ މީހުންގެ ތެރޭގައި ހިމެނޭ ނިއުމާ އާއި ޝަހީމާ އެވެ.

"ލިޔެލާ ޖެހީމާ އަޅުގަނޑުގެ ބައި ނިމުނީ. އެކަމަށް ނެގި ދެ ދުވަސް. ދެން، ކުރެހުމާއި ލާނެގުން އެހެން ބަޔަކު ކުރާނީ. އެކަމަކަށް ވެސް ދެ ދުވަސް ނޫނީ ތިން ދުވަސް ނަގާނެ،" ހާފިޒު ބުންޏެވެ. "މި ރަށުގައި މުޅިން ވެސް އެގޮތަށް އެކި މީހުން އެކި މަސައްކަތްކުރާނީ. ކޮންމެ ކަމަކީ ވެސް އެކަމަށް ވަކި ހުނަރެއް ބޭނުންވާ، ކަވި، ބުރަ މަސައްކަތެއް."

ހާފިޒު ތައްޔާރުކުރި ލިޔެލާޖެހި ރަން މެޑަލާއި ރިހި މެޑަލްތައް މުޅޯށިތެރޭގައި އަތުރާފައި

ޗެމްޕިއަން ޓީމަށް ދިން ތަށީގެ އިތުރުން ރަންމެޑަލާއި ރިހި މެޑަލް ވެސް ހެދީ ހާފިޒެވެ. ލަކުޑި ފޮއްޗެއްގައި ރޯނުން ފަށެއް އެލުވައިގެންނެވެ. ނިންމުމުގެ ރަސްމީޔާތުގައި މެޑަލްތައް އަތުރާފައި ހުރީ ވެސް އިހުޒަމާނުގައި ބޭނުންކުރި ކަހަލަ ދެ މުޅޯށިތެރޭގަ އެވެ. ވަރަށް ވެސް ފުރިހަމަކޮށެވެ.

ރަން މެޑަލާއި ރިހި މެޑަލްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށާއި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ އަށް ވެސް ދިނީ ލިޔެލާޖެހި އެއްޗިއްސެވެ. މިގޮތުން ދީފައި ވަނީ ލިޔެލާޖެހި ގަލަންހަރާއި ދަޅެވެ. އެކަމަކު އެ ތަކެތި ހެދީ އެހެން ފަންނާނުންނެވެ.

"މުބާރާތުގެ ހުރިހާ އިނާމަކަށް ވެސް ދިނީ ލިޔެލާޖެހި އެއްޗެތި،" ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރާ އެންމެ ހަގު ފަންނާނު ކަމަށްވާ ހާފިޒު ބުންޏެވެ.

ހާފިޒު ބުނީ ތަށީގެ މަސައްކަތާއި އެހެނިހެން އިނާމުތަކަށް ހުރިހައި އެއްޗެއް ވެސް އެންމެން ވެސް ހަދައިދިނީ، ރައްޔިތުންގެ ކަމެއްގެ ގޮތުގައި ބަލައިގެން ހިލޭސާބަހަށް ކަމަށެވެ.

"އަގު ކިޔާނަމަ އެއީ ގާތްގަނޑަކަށް ހަތަރު ފަސް ހާސް ރުފިޔާގެ ތައްޓެއް،" ހާފިޒު ބުންޏެވެ.

"މުބާރާތް ފެށުނީއްސުރެ އަޅުގަނޑުމެން ހުރިހާ ކުދިންގެ އަޒުމަކަށްވީ، މިއީ މިކަހަލަ ފުރަތަމަ މުބާރާތް ކަމަށް ވެފައި އެހާ ރީތި ތައްޓެއް ވީމާ، ކޮންމެ ގޮތަކުން ވެސް އެ ތަށި ހޯދަން. ވަރަށް އުފާވި ތަށި ލިބުނީމަ. ވަރަށް ވެސް ބޮޑު ފަޚުރެއް އެއީ،" ޗެމްޕިއަން ޓީމުގެ ކުއްޖެއް ނަން ނުޖެހުމަށް އެދި ބުންޏެވެ. "މި ރަށުގައި ލިޔެލާ ޖެހުމުގެ މަސައްކަތް ކިތަންމެ ވަރަކަށް ކުރި ނަމަވެސް، މިކަހަލަ ޚާއްސަ ތައްޓެއް ހެދި މިއީ ފުރަތަމަ ފަހަރު."

އުމުރުން 18 އަހަރުގައި ހަނުދޮށުގައި އިށީނދެ މަސައްކަތް ދަސްކުރުމަށްފަހު ހާފިޒު ވަޒީފާއަށް ދިޔައީ ރިސޯޓަކަށެވެ. ނަމަވެސް އެނބުރި ރަށަށް ދިޔައީ އާއިލާއާއެކު ރަށުގައި ހުންނަ ބޭނުންވެގެންނެވެ.

ފަންނު އެކްސްޕޯ އިން ދެ ވަނަ ހޯދި ހާފިޒުގެ ލިޔެލާޖެހި މޭޒު

ލިޔެލާ ޖަހައިގެން ތަފާތު އެއްޗެތި ހާފިޒު ހަދައެވެ. ގަލަމާއި ދަޅާއި ހާރާއި މިހެން ގޮސް ބައިވަރެވެ. މިދިޔަ އަހަރު މާލޭގައި ބޭއްވި "ފަންނު އެކްސްޕޯ"ގައި މޭޒެއް ބައިވެރިކޮށް ހާފިޒު ވަނީ ލިޔެލާޖެހުމުގެ ބައިން ދެ ވަނަ ހޯދައިފަ އެވެ. އެ މޭޒު އޭނާ ހެދީ 10 ދުވަހުންނެވެ.

"މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭ ހަމަ. އެކަމަކު މައްސަލައަކީ އެކަށީގެންވާ ގޮތެއްގައި މާކެޓް ނުކުރެވޭތީ. މި މަސައްކަތް މާކެޓް ކުރެވި، ވިއްކޭނެ ދޮރުތައް ހުޅުވިއްޖެނަމަ، ވަރަށް ބޮޑު ފައިދާއެއްވާނެ،" އަންބަކާއި ދެކުދިން ތިބި ހާފިޒު ބުންޏެވެ.

"މި ތަށި ފޭސްބުކުން ފެނިގެން ވެސް ވަރަށް ގިނަ މީހުން އެބަ ގުޅާ. ހިތްވަރުދޭ އެންމެން ވެސް. ވަރަށް އުފާވޭ ހަގީގަތުގައި ވެސް،" ހާފިޒު ބުންޏެވެ.

ޗެމްޕިއަން ދެކުނު ކަންމަތީ ޓީމާއި ރަނަރަޕް ނޮރިންމަ ޓީމު (ރީނދޫ) ތައްޓާއެކު ފޮޓޯއަކަށް އެތުރިގެން

މި ރިޕޯޓަށް މައުލޫމާތާއި ފޮޓޯ ހޯދުމުގައި އެހީތެރިވީ: ބ. ތުޅާދޫން ފިނާ ފިރާގު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް