މުރުއްޥަތުގެ ފަސްބައި އަޅޭ ހަޑި ވަނީހޭ
ދުރުން ބުރުވި ކަޅު ހިރަފުހުން ކަޅިވަނީހޭ
އަރައިގެން އެއައި އިރުގެ އަލި ތޫނު ދެކެލަން
މަރައިގެން ދެލޯ ފަހެ މަށަށް ހުރެވުނީހޭ
ކަރާމަތުގެ ކަންވާރުގައި މާކުރިއްސުރެ
ބަރާކޮށް އެހުރި މީރުފެން ހުސްވަނީހޭ
ފެހޭ އުސްޥަތުން ހުދު އޮމާން ރީތި ފޭރާން
މެހޭ ކަށިތަކުން ތޫނު ހަސްނެތި ދަނީހޭ
ދިހޭ ރަންމުތުން ފަދަ އޮހޭ ފޮނި ލަފުޒުތައް
ފިހޭ ހޫނު އަލިފާނަކުން ވިރި ދަނީހޭ
ޖަމާގައި އަމާންވީ ސަމާޙަތުގެ ހިއްޞާ
ދަމާ އޮއިވަރެއްގައި ދަމާ ގެންދަނީހޭ
ނިދަން އޮތް ޙަޤީޤަތުގެ ހުދު ތަންމަތީ ގައި
މިދަންވަރުގެ ކަޅު ހުވަފެނެއް ފެންނަނީހޭ



advertisment