Support Us

ޞާހިބުއްސަޢާދާ އިބްރާހީމް ރަޝީދު (ވ) އާއި ކުރީގެ ބޮޑުވަޒީރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު 

ކަރަންކާ އިބްރާހީމް ރަޝީދު: ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރެއްވި

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ ޞާހިބުއްސަޢާދާ އިބްރާހީމް ރަޝީދު ނުވަތަ ކަރަންކާ ރަޝީދު (21 މާރިޗު 1928 – 31 ޖަނަވަރީ 2021) އަކީ ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރެވުނު ޤައުމީ މަސައްކަތްތަކުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަރިހުގައި ޢަމަލީގޮތުން މަސައްކަތްކުރެއްވި އެންމެ ފާހަގަކުރެވޭ އެއް ޝަޚުޞިއްޔަތެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ހާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް، ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކުގައި ދާޚިލީ ވަޒީރުގެ ގޮތުންނާއި، ބޮޑުވަޒީރުގެ ނާއިބްގެ ހައިޘިއްޔަތުން އިބްރާހީމް ރަޝީދު އަދާކުރެއްވި ވާޖިބާއި އުފުއްލެވި ބުރަ މަސްއޫލިއްޔަތު ދިވެހި ތާރީޚްގައި ފާހަގަވެފައިވެއެވެ.

އަދި މިނިވަންކަމުގެ ރަމްޒެއް ކަމުގައިވާ ރާއްޖޭގެ އަމިއްލަ ވައިގެ ބަނދަރެއް ބިނާކުރުމުގެ ބުރަ މަސައްކަތްތަކުގައާއި، މިނޫންވެސް އެދުވަސްވަރު ދައުލަތުން ކުރެއްވި ބޮޑެތި ހުރިހާ މަސައްކަތްކެއްގައި އިބްރާހީމް ރަޝީދު ވަނީ އެންމެ އިސްދައުރެއް އަދާކުރައްވާފައެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން 26 ޖުލައި 1965 ގައި ލިބުނީ މި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އަދި 1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި ޤައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢްލީމުދޭން ފެށުމާއި، ގަވަރމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ޞިއްޙީ މަރުކަޒު ހުޅުވުމާއި، މާލޭ އެއަރޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުތަކުން އެދުވަސްވަރު ޤައުމަށް އައި ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ޙިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ.

ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ ޢަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.

އެމަނިކުފާނު އަދާކުރެއްވި އެންމެއިސް މަގާމުތަކަކީ ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ވަޒީީރުއްދާޚިލިއްޔާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް، ވަޒީރުއްޞިއްޙަތު، މިނިސްޓަރ އޮފް ހެލްތު ކަމެވެ. 11 ނޮވެންބަރު 1978 އިން ފެށިގެން އެމަނިކުފާނަކީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގަައި މީގެ 60 އަހަރުކުރިން ފެށިގެން ޙަރަކާތްތެރިވެވަޑައިގެންނެވި އެންމެ ތަޖުރިބާކާރު ހިންގުންތެރިވެރިއެކެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *