Support Us

ހަމްދީ އޭނާގެ ދަރިފުޅު މުހައްމަދާއެކު

"އަދިވެސް"ގެ ލޯގޯގެ ހިތްގައިމު ފަރުމާ ހަމްދީގެ އަތުން

ނަން ލިޔެލަން ހަމްދީއަށް ބޭނުންވީ އެންމެ 41 މިނިޓް

"އަދިވެސް"ގެ ލޯގޯ ފަރުމާކުރާ ހިސާބަށް ދިއުމުން އަޅުގަނޑުގެ ހިތަށް އެންމެ ފުރަތަމަ ވެސް އައީ މަސްއޮޑި އިބްރާހިމް ހަމްދީގެ ނަމެވެ. އެއީ ލޯގޯއާ ލަވައަކާ ގުޅުވާކަށް ނޫނެވެ. އެކަމަކު ހަމްދީ، 74، އަކީ އަތުލިއުމާއި ބޮޑު އަކުރު ލިއުމަށް ވެސް ރާއްޖޭގައި ދެވަނައެއް ނެތް ފަދަ ފަންނާނަކަށް ވާތީ، އެންމެ ހިތްގައިމުކޮށް އެކަން ކޮށްލަދެއްވާނީ ހަމްދީކަން ކަށަވަރުވުމުންނެވެ.

"ތިކަން ކޮށްލެވިދާނެ. ތިއީ އެއްވެސް ކަމެއް ނޫން،" "ހަވީރު" ނޫހުގައި އަޅުގަނޑާ އެކު އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި ހަމްދީ ވަގުތުން ވިދާޅުވިއެވެ. ހަމްދީ ވަނީ "ހަވީރު"ގައި ބާވީހަކަށް އަހަރު ދުވަހު ކެލިގްރަފަރަކަށް މަސައްކަތް ކުރައްވައިފަ އެވެ. އޭނާގެ ސުރުޚީތަކާއި ލިއުންތައް އެންމެ ގިނައިން ފެންނާނީ "ހަވީރު"ގެ ފުރަތަމަ އަދި "ފަހު ސަފުހާ" އިންނެވެ.

"ހަވީރު"ގެ ފަރާތުން 2001 ވަނަ އަހަރު ނެރެން ފެށި "ހުވާސް" މަޖައްލާގެ ލޯގޯގެ އަސްލު ފަރުމާކުރެއްވީ ވެސް ހަމްދީއެވެ. އެއީ ވެސް އަޅުގަނޑު އެދުނު އެދުމެއްގެ މައްޗަށް ހަމްދީ ކުރެއްސެވި ފަރުމާއެކެވެ.

"އަދިވެސް"ގެ ލޯގޯ ފަރުމާ ކުރުމާބެހޭ ގޮތުން ހަމްދީއާ ވާހަކަ ދައްކާލައިފައި އަޅުގަނޑު ފޯނު ބޭއްވީ އެއް ރެއެއްގެ 11 ޖަހަން ވަރަށް ކައިރިވެފައި ހުއްޓައެވެ. އޭގެ ބަރާބަރު 41 މިނިޓު ފަހުން އައީ ވައިބަރ ފޮޓޯއެކެވެ. ފޮޓޯ ބަލަން އިންދާ ހަމްދީ ގުޅުއްވި އެވެ.
"ދޮންބެއަށް ފެންނަ ތިން ގޮތަކަށް މިއޮތީ ނަން އަޅައިލައިފައި. ގަލަންތަކާ ހުރިހާ ސާމާނެއް މި ވަގުތު އަތުޖެހެން ނެތީމާ، ފަސޭހައިން އަތުޖެހުނު އެއްޗަކުން މި އަޅާލީ،" ހަމްދީ ވިދާޅުވި އެވެ. ("ހަވީރު"ގައި މަސައްކަތް ކުރެއްވިއިރު އުފެދިފައިވާ ގާތްކަމެއްގެ ސަބަބުން އަޅުގަނޑުމެން އެންމެން ވެސް ހަމްދީ އަށް ނިސްބަތްކުރަނީ ދޮންބެގެ ނަމުންނެވެ.)

ހަމްދީ ލިއުއްވި "އަދިވެސް"ގެ އޮރިޖިނަލް

ނޯޓު ފަޮތެއްގައި ފަންސުރަކުން ހަމްދީ ލިއުއްވި ތިން ނަމުގެ ތެރެއިން، ހަމްދީއަށް އެންމެ ރީތިވީ ދެ ވަނަ އަށް އޮތް ޑިޒައިނެވެ. ހަމްދީ ވިދާޅުވި ގޮތުގައި އެއީ އޭނާގެ ވެސް އުސްތާޒެއް ކަމަށްވާ މަރުހޫމް ސައިކުރާ އިބްރާހީމް ނައީމުގެ ޑިޒައިނެކެވެ. ކަން ދިމާކުރި ގޮތުން، އަޅުގަނޑު ލަފާ އެހި އެންމެނަށް ވެސް، އަދި އަޅުގަނޑަށް ވެސް އެންމެ ކަމުދިޔައީ އެ ޑިޒައިނެވެ.

ފަންސުރަކުން ލިޔެ، ކަޅާއި ހުދުން އޮތް އެ ނަމުގައި ހަގީގީ ފުރާނަ އެޅި، ދިރުން ލިބިގެންދިޔައީ އަޅުގަނޑާއެކު "ހަވީރު"ގައި މަސައްކަތްކުރި ކުޅަދާނަ ގެރްފިކްސް ޑިޒައިނަރ މުހައްމަދު ޝާޒުގެ ކޮމްޕިއުޓަރު ތެރެއިން އެ ނަން ނުކުތުމުންނެވެ.

މުހައްމަދު ޝާޒު

ހަމްދީގެ ލިއުންކޮޅު ޝާޒަށް ފޮނުވީ އެއް ރެއެއްގެ ދަންވަރު އެކެއް ޖެހި ފަހުންނެވެ. އަޖައިބުވެ އަންތަރީސްވީ ފޮޓޯޝޮޕުން ޑިޒައިންކޮށްލުމަށްފަހު ރަތް ކުލައިގެ "އަދިވެސް" އަޅުގަނޑުގެ ފޯނަށް ޝާޒު ފޮނުވީ ވެސް ބަރާބަރު 41 މިނިޓްތެރޭގައި ކަމަށް ވުމުންނެވެ. ޝާޒް ފޮނުވީ ހަމްދީ ލިއުއްވި އަސްލާ އެއްވެސް ތަފާތެއް ނެތް ލޯގޯ އަކާއި އަރިމަތީގައި ކުޑަ ހިޔަންޏެއް ހުރި ލޯގޯއެކެވެ. ޝާޒަށް ރީތިވީ އެ ލޯގޯ އެވެ. ހަމްދީއަށް ދައްކާލުމުން އޭނާ އަށް ވެސް ރީތިވީ އެ ލޯގޯއެވެ. ތިޔަ ބޭފުޅުންނަށް ވެސް މި ލޯގޯ ރީތިވި ކަމަށް ހީކުރަމެވެ.

ޝާޒު ފަރުމާކޮށް ނިމިފައިވާ "އަދިވެސް"ގެ ލޯގޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
42
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *