Support Us

އެޑަމް އާއި އޭނާގެ އަންހެނުން މާޖިދާ -އަދިވެސް ފޮޓޯ

އެޑަމް: ފައެއް ބުރިކޮށްލިޔަސް ހިތްވަރަކަށް ބަދަލެއް ނާދޭ، ދެމިހުރީ ޤައުމީ ޚިދުމަތުގައި

އާދަމް ހަސަން އެންމެން ދަންނަ ނަމުންނަމަ އެޑަމް އެންމެ ފުރަތަމަ އަޅުގަނޑާ ދިމާވީ 2001 ވަނަ އަހަރު އީ.ޕީ.އެސް ސްކޫލުގައި ބޭއްވި އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާގެ ތެރެއިންނެވެ. އެއިރުވެސް އެޑަމް ފެނުނީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ ދަރިވަރެއްގެ ގޮތުގައެވެ.

އެޑަމް އާއި ލިއުންތެރިޔާ ޒީނާ ވާހަކަ ދައްކާލަނީ…
ދެ ދަނޑިބުރީގެ އެހީގައި ހިނގާ އުޅުނު ކަމުގައިވިއަސް އެޑަމް އެކޭ އާދައިގެ އެހެން މީހުންނެކޭ ތަފާތެއް ނެތެވެ. ވަޒީފާގެ މާހައުލުގައި ވެސް އެޑަމް އެދަނީ އެކަން ސާބިތުކުރަމުންނެވެ. ސޯޝަލް މީޑިއާއިން މިދިޔަ އަހަރު ފެނުނު ޕޯސްޓްތަކުން އެޑަމް ވަރަށް ބަލިކޮށް އުޅުނުކަން އެނގުނެވެ. މިހާރު އެޑަމްގެ ހާލަކީ ކޮބައިތޯ ބަލައި މިއަދާ ހަމައަށް އެޑަމް ކަޑައްތު ކުރި އުނދަގޫ މަރުހަލާތައް ކިޔުންތެރިންނާ ހަމައަށް ގެނައުމުގެ ޝައުގުވެރިކަން އުފެދުނެވެ.

ވ. ފުލިދުއަށް އުފަން އެޑަމްގެ އުމުރުން އެންމެ 7 މަހުގައި މަންމަ ވަނީ ނިޔާވެފައެވެ. އެޑަމް ކުޑައިރު ބެލީ މަންމަ ފަރާތު ބޮޑުދައިތައެވެ. އެންމެ ފުރަތަމަ އެޑަމްގެ އުމުރުން އެންމެ ދެ އަހަރުގައި ދިމާވި ހިތާމަވެރި ހާދިސާ އަށް ބަލައިލާނަމެވެ.

"ރަށުގައި ކަޅު ވެނެއް ބާނައިގެން އުޅުނު ތަނަށް ބައްޕަ ދިޔައީ އަޅުގަނޑު ގޮވައިގެން. ކަޅު ވެން ތެޅިތެޅި އޮއްވާ ބައްޕަ ހެދި ގޮތަކީ ކިހިލިފަތްދަށުގައި ހިފައިފައި ކާލާށޭ ކިޔާފައި ކަޅުވެނާ ދިމާލަށް އަޅުގަނޑު ދިއްކޮށްލީ. އެ ވަގުތު ކަޅުވެން އައިސް ދަތްއެޅީ އަޅުގަނޑުގެ ވައަތުފައިގައި،" އުމުރުން 39 އަހަރުގެ އެޑަމްގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ހާދިސާގެ ފެށުން އޭނާ ކިޔައިދިނެވެ. "އެއީ ވަރަށް ބޮޑު ކަޅުވެނެއް. ވައަތުފައިގައި މައްސަލަ ދިމާވާން ފެށީ އޭގެ ފަހުން. ފަހުން އެކަން ރަނގަޅުވި. ރަސްދޫ އަށް ގޮސްފައި ބޭސްވެސް ކުރިން. އަނެއްކާ ފަހުން ބޯޅަ ކުޅެގެން ފައިގެ މައްސަލަ ދިމާވާން ފެށީ."

އެޑަމް ގަބޫލުކުރާ ގޮތުގައި ބައްޕަ އެކަންކުރީ އެޑަމް އަށް ދެރައެއް ދިނުމުގެ ގަސްދުގައެއް ނޫނެވެ. އެއީ ލޯބިން އެޑަމް، ސިއްސުވާލަން ކުރި ކަމެކެވެ. އެފައިގެ އެކި ތަންތަނުގައި ބޮޑެތި ލަކުނުތައް އަދިވެސް ފެންނަން އެބަހުއްޓެވެ.

އެޑަމް ބުނިގޮތުގައި އެއް ދަނޑިބުރީގެ އެހީގައި އުޅެން ފެށީ 1991 ހިސާބުގައެވެ. އެއިރުވެސް ދަނޑިބުރި ގެންގުޅެނީ ތަދުވާ ދުވަސް ދުވަހުގައެވެ. ދަނޑިބުރި ގޯލް ކައިރީގައި ބޭއްވުމަށްފަހު އެއިރު ފުޓްބޯޅަ ވެސް ކުޅެއެވެ.

"ނުވަދިހަ ހަތެއް ހިސާބުގައި އަނެއްކާ ބޮޑަށް ފައި ސަކަރާތްވީ. އެހާ ހިސާބުން މާލެ އައީ. އެޑަމް ގައިގައި ހުންނަނީ ލޭ މަނާނުވާ ބަލި. ބާރަށް ޖެހުނަސް ރަތްވާނެ. އެތަންތަނުގައި ލޭގަނޑުވާނެ. ތަނެއް ކަނޑައިގެން ދިޔަސް ލޭމަނާނުވާނެ. އެންމެ ކުޑައިރުން ފެށިގެން ވާކަމެއް އެއީ. ކުރިން ހީކުރީ އެއީ ވެން ދަތްއެޅީމާ ވާކަމެއް ކަމަށް. އެކަމަކު ފަހުން އެނގުނީ އެއީ ލޭމަނާނުވާ ބައްޔެއް ހުރެގެން ވާކަމެއްކަން. ލޭ މަނާނުވެގެން ބޭނުންކުރާ އިންޖެކްޝަނަކީ ވަރަށް އަގުބޮޑު އިންޖެކްޝަނެއް."

ދެހާސް ދެ ވަނަ އަހަރު އަމީރު އަހުމަދު ސްކޫލުން ގުރޭޑު 10 ނިންމި އެޑަމް ބުނީ އެންމެ ފުރަތަމަ ވަޒީފާއަށް ކުރިމަތިލުމުން ހިތްދަތިވާ ކަހަލަ ޖަވާބުތައް ލިބުނު ކަމަށެވެ. އެހެން ނަމަވެސް ނަސީބު ދިމާކުރި ގޮތުން 2003 ވަނަ އަހަރު އިމިގްރޭޝަނުން ވަޒީފާ ހަމަޖެހި މިއަދު އެޑަމް ހުރީ ސީނިއާ އިމިގްރޭޝަން އޮފިސަރުގެ މަޤާމްގައެވެ. ދުވަހަކު ގަޑިނުޖެހޭ ކަމަށް އެޑަމް ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

އިމިގްރޭޝަންގައި އެޑަމްއާ އެކު މަސައްކަތްކުރާ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޒާހިރު އަލީގެ ބަހެއް ހޯދާލީމެވެ.

"އެޑަމްގެ ހާލަތަށް ބަލާއިރު އެފަދަ އެހެން މުވައްޒަފުންގެ ހުންނަ ވަރަށްވުރެ ވަރަށް ހިތްވަރު ގަދަ މީހެއް އެއީ. ދުވަހަކުވެސް އޮފީހަށް ގަޑިޖެހުނުކަން ފާހަގަނުކުރެވޭ. އެއާޕޯޓުގައިވެސް މަސައްކަތްކުރި. ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ އަނެއްކާ ހިތްހެޔޮވާނެ. ހުރިހާ އެންމެނާ ގުޅޭނެ."

ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި މީހެއްގެ ބަލިހާލަތު ހުރިގޮތުން މުޖުތަމައުން އެކަހެރިކުރުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ކަމެއް މެދުވެރިވެދާނެ މީހެއް ކަމަށާއި، އެފަދަ ހުރިހާ މީހުންނަށްވެސް އެހީތެރިވެދީގެން މަސައްކަތް ކުރުމަކީ މުޖުތަމައަށް ބޭނުންތެރި ކަމެއް ކަމުގައި ޒާހިރު ދެކެވަޑައިގަންނަވައެވެ.

އެޑަމްއާއެކު އޮފީހުގައި އުޅޭ އެހެން އެކުވެރިއަކު ވެސް ބުނީ އެޑަމް އަކީ ވަރަށް އެކުވެރި، ކުޅިވަރުގެ މީހެއް ކަމަށެވެ.

"އެޑަމް އަކީ ކުޅިވަރު ކުޅުމުގައި ވެސް ވަރަށް ފޯރި ހުންނަ މީހެއް. އޭނާ އަށް ނުކުޅެވުނަސް އެކަމަށް ހިތްވަރުދީ ޚަރަދުވެސް ކުރާނެ. މަހަށް ދާން ވެސް ވަރަށް ފޯރި ހުންނާނެ،" ސީނިއަރ އިމިގްރޭޝަންގެ އޮފިސަރ އަލީ ނާޝިދު ބުންޏެވެ. "ގްރޫޕު ހަދައިގެން ފުލިދުއަށް ވެސް ދަން މަސް ބާނަން ވެސް. އެޑަމް ވަރަށް ފޯރި ހުންނާނެ ފަތަން ވެސް. ވަރަށް ސްޕޯޓީ، އެންޓަޓެއިނިން ފްރެންޑެއް އެޑަމް އަކީ."

އެޑަމްގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ 2011 ވަނަ އަހަރުގައެވެ. ބައްޕާއޭ ކިޔާ ގޮވާލާނެ ލޯބިލޯބި ކުއްޖެއް 2012 ވަނަ އަހަރު ލިބުނުއިރު އެކައިވެނި ދެމިއޮތީ ހަތް އަހަރެއްހާ ދުވަހަށެވެ. މިހާރު އުމުރުން އަށް އަހަރުވެފައިވާ ދަރިފުޅަށް ކިޔަނީ މުހައްމަދު ޔުއާން އާދަމެވެ. މާލޭގައި ދިރިއުޅޭ ދަރިފުޅު ބަލަނީ ދަރިފުޅުގެ މަންމައެވެ.

އެޑަމް އިންޓަވިއުދެމުން ދިޔައިރުވެސް ކައިރީގައި ވަރަށް ލޯބިން ބަލަން އިން މިހާރު އަނބި މީހާ، މާޖިދާ އަހުމަދާ ދިމާވީ ކިހިނެއްތޯ އަހާލުމުން އެޑަމް ބުނީ ހާލު ބެލުމަށް އެންމެ ފުރަތަމަ ސޯޝަލް މީޑިއާއިން މާޖިދާ މެސެޖު ކުރަން ފެށީ ކަމަށެވެ. އެއަށްފަހު ބޭސްފަރުވާ އަކަށް މާޖިދާ 2019 ވަނަ އަހަރު އިންޑިއާއަށް ދިޔަ ދަތުރުގައި އެޑަމްއާ ދިމާވެގެން ރަށްޓެހިވީ ކަމަށެވެ. ފަރެސް މާތޮޑާއަށް އުފަން މާޖިދާއާއި އެޑަމް ކައިވެނި ކުރީ 2019 ވަނަ އަހަރު ނޮވެންބަރު މަހު އިންޑިއާގައެވެ.

މާޖިދާ ބުނީ ބައެއް މީހުންގެ ނަޒަރުގައި އެޑަމްއަކީ ނުކުޅެދޭ މީހެއް ކަމުގައިވިއަސް އޭނާއަށް އެގޮތަށް އިހުސާސް ނުކުރެވޭ ކަމަށެވެ. އެޑަމްގެ ފަރާތުން ލޯތްބާއި އަޅާލުމާއި އެހީތެރިކަން ފުރިހަމައަށް ލިބޭ ކަމަށެވެ.

"ބޭނުމީ ލޯތްބާއި އޯގާތެރިކަމާއި އިތުބާރު. އަޅުގަނޑު ފަހުރުވެރިވޭ އެޑަމް އަކީ ފިރިމީހާއޭ ބުނަން،" މާޖިދާ ލޯތްބާއެކު ބުންޏެވެ.

ކުޑައިރުއްސުރެ އެޑަމް ބެލުމުގައި މާލީ ގޮތުން ހުރިހާ ޒިންމާއެއް ނެގި މިހާރުވެސް އެންމެ އެހީތެރިކަން ފޯރުކޮށްދޭ އެޑަމްގެ ބޮޑުބޭބެ، މަޑިހާ ކޮމްޕެނީގެ ޗެއާމަން މޫސާ އަހުމަދަކީ އެޑަމް ދެކޭގޮތުގައި އެޑަމްގެ ނަސީބެވެ. އެހާވެސް އެހީތެރިވެ އަޅައިލުމާއި ލޯބި ބޮޑުބޭބެގެ ފަރާތުން ލިބެއެވެ.

މޫސާ އަހުމަދު ވިދާޅުވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރަނގަޅަށް އުޅޭ މީހުންނަށް މާތްﷲ ކާމިޔާބު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އެޑަމް ބަލައި ބޮޑުކުރީ. މިހާރު އަނެއްކާ އަޅުގަނޑު މިއުޅެނީ އެއްކޮޓަރީގެ ތަނެއްގައި އެޑަމް ބަހައްޓައިގެން،" މޫސަ ވިދާޅުވިއެވެ.

އެޑަމް ކުޑައިރުއްސުރެ އެކުގައި އުޅުނު އެންމެ ގާތް ރަހުމަތެރިޔާ އިބްރާހިމް ޝަފީޤު ދެކޭ ގޮތުގައި އެޑަމްއަކީ ވަރަށް ރަނގަޅު ރަހުމަތްތެރިއެކެވެ.

ދެން އޮތީ އެޑަމްގެ ފައިބުރިކޮށްލަން ޖެހުނުގޮތެވެ. އެޑަމް ބުނިގޮތުގައި 2016 ވަނަ އަހަރު ލަންކާގައި ވަނީ އޭނާގެ ކަނައަތުފައިގެ ކުޑަހުޅުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެފަޔަށް ހުރިހާ ބަރެއްވާތީ ކުޑަހުޅަށް ހުރީ ލޭތައް އެޅިފައެވެ. އެއަށްފަހު 2018 ވަނަ އަހަރު އެޑަމް ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރުން ލަފާދިނީ ކަކުލުންތިރި ބުރިކުރުމަށެވެ. ވަރަށް ބޮޑަށް އިންފެކްޓްވެފައި ހުރި ފައިގެ ފަރުވާއަށް އިންޑިއާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ދިޔައީ 2018 ވަނަ އަހަރު ސެޕްޓެމްބަރ 14 ވަނަ ދުވަހު އެވެ. އެޑަމްގެ ފައިބުރިކުރީ ނޮވެންބަރުމަހު 14 ވަނަ ދުވަހުގައެވެ. އެ ހުރިހާ ދުވަހު ނޯޕޭލީވްގައި ހުރި އެޑަމް އަށް ފަރުވާ އަށްފަހު ރާއްޖެ އާދެވުނީ މި އަހަރު ފެބްރުއަރީ މަހު 14 ވަނަ ދުވަހުގައެވެ.

ބޭސްފަރުވާ ކަންތައް އާސަންދައިން ހަމަޖެހުނަސް 17 މަހެއްހާ ދުވަހު އިންޑިއާގައި މަޑުކޮށްގެން ހިނގި ހުރިހާ ހަރަދަކަށް އެޑަމްގެ ބޮޑުބޭބެގެ އިތުރުން ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނެވެ. އެ ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއެވެ.

އެޑަމްގެ ހަޔާތުގައި ދިމާވި ހުރިހައި ހުރަސްތަކަކަށް، ކެތްތެރިކަމާއެކު ކުރިމަތިލައި އޭނާ އަންނަނީ އޮޅިތައް ގިރާކުރަމުންނެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އޭނާއަށް ހާސިލްނުވެ އޮތް އުންމީދެއް އެބައޮތެވެ.

"އަޅުގަނޑު ވަރަށް ބޭނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރަން. އެ ނަސީބު ނުލިބޭތީ ވަރަށް ދެރަވޭ. މިހާރު އެންމެ ބޭނުން ކަމަކީ އެއީ،" އެޑަމް ބުންޏެވެ.

ނިންމާލަމުން އެޑަމް މުޖުތަމައަށް ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. "އަދިވެސް އެހާ ރަނގަޅެއް ނޫން މީހުން ދެކޭގޮތް. ހުރިހާ އެންމެންނަކީ ހަމަހަމަ މީހުންނެއް ނޫން. ސަރުކާރުންވެސް އެބަޖެހޭ ޖަމްއިއްޔާތަކުންވެސް އެބަޖެހޭ އެހީތެރިކަމަށް ބޭނުންވާ މީހުން ބޭނުންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރަން. ގޮނޑީގައި އިނދެގެން މަސައްކަތް ކުރެވެންޏާ ތައުލީމީ ފެންވަރު ހުރި ވަރަކުން ވަޒީފާ ދޭށޭ. ހޯދަން މަސައްކަތްކޮށްދޭށޭ."

އެޑަމް އެ ބުނިގޮތަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއެކު އެޑަމް ފަދަ މީހުންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދިދާނެއެވެ. އެކަން ވާނީ އެންމެން ވެސް ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
224
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *