Support Us

އީރާނުގެ މަޝްހޫރު ނިޔުކްލިއަރ ސައެންޓިސްޓެއް ކަމުގައިވާ މުޙްސިން ފަޚްރީ ޒާދާ

އީރާނުގެ ނިޔުކްލިއަރ ޢިލްމުވެރިއާ ފަޚްރީ ޒާދާ އަވަހާރަކޮށްލުމުގައި އިސްރާއީލުގެ އަތެއްވޭތަ؟

ނިރުބަވެރި ޙަމަލާއެއްގައި އީރާނުގެ މަޝްހޫރު ނިޔުކްލިއަރ ސައެންޓިސްޓެއް ކަމުގައިވާ މުޙްސިން ފަޚްރީ ޒާދާ އިއްޔެ އަވަހާރަކޮށްލި ޚަބަރަކީ ދުނިޔެއަށް ސިހުން ލިބުނު ވަރަށް "ނުތަނަވަސް" ޚަބަރެކެވެ. އިރާނުގެ ޢަސްކަރީ ބާރުތަކުގެ މައި މަރްކަޒުން ނެރުނު ބަޔާނެއް ހާމަކުރި ގޮތުގައި އޭނާގެ ފުރާނަފުޅު ސަލާމަތް ކުރެވޭތޯ ޑަކްޓަރުން ވަރަށް މަސައްކަތް ކުރިއެވެ.

ޑރ. މުޙްސިން ފަޚްރީ ޒާދާއަކީ ކޮންބޭފުޅެއް؟

ޑރ. މުޙްސިން ފަޚްރީ ޒާދާއަކީ މަޝްހޫރު ނިޔުކްލިއަރ ސައެންޓިސްޓެކެވެ. އޭނާ އަވަހާރަވީ ވެރިރަށް ޠަހަރާނާ ކައިރީގައި އޮންނަ ދަމާވަންދު ސަހަރުގައެވެ. ޑރ. މުޙްސިން ޒާދާ އަވަހާރަވީ އޭނާގެ ކާރުކޮޅުގެ ކުރިމަތީގައި ކާރުބޮމެއް ގޮއްވައިލުމަށްފަހު ދިން ބަޑީގެ ޙަމަލާއެއްގައެވެ. ޑރ. މުޙްސިނު ޒާދާއަށް ޙަމަލާދިން ނިރުބަވެރީންނާ އޭނާގެ  ހަށިފާރަވެރިން ކުރިމަތިލައި ޙަމަލާތައް ބަދަލުކުރިއެވެ. ނިރުބަވެރީންގެ ތެރެއިން ތިން ހަތަރު މީހުން މަރުވި ކަމަށް ފާރިސް ނޫސް އޭޖެންސީ ބުންޏެވެ.

ޕްރޮފެސަރ މުޙްސިން ފަޚްރީ ޒާދާއަކީ އީރާނުގެ ދިފާޢީ ވުޒާރާގެ ދިރާސާކުރުމާ ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ މަރްކަޒުގެ ރައީސެވެ. ޕްރޮފެސަރ ޒާދާއަކީ އީރާނުގައި ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަންފައިވާ ބޭފުޅެކެވެ. އީރާނުގެ އިންޤިލާބީ ހަށިފާރަވެރީންގެ ލަޝްކަރުގެ ވެރިޔާ ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވި ގޮތުގައި އީރާނުގެ ސައެންޓިސްޓުން އަވަހާރަކޮށްލައި ނައްތައިލުމަށްޓަކައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ހުއްޓާނުލައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަމާނީ ސައެންސްގެ ރޮނގުގައި އީރާނު ކުރިއެރިއަ ނުދިނުމަށްޓަކައި އެ ދެ ޤައުމުން ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެއެވެ.


އީރާނުގެ ސައންޓިސްޓުން އަވަހާރަކޮށްލުމުގެ މަސައްކަތް

ދެހާސް ދިހަ ވަނަ އަހަރާއި 2012 ވަނަ އަހަރަ ދެމެދުގައި އީރާނުގެ ހަތަރު ސައެންޓިސްޓަކު ވަނީ އަވަހާރަކޮށްލައިފައެވެ. އެއީ މަސްޢޫދު ޢަލީ މުޙައްމަދާއި، މާޖިދު ޝަހްރިއާރީ އާއި، ދާރިއޫޝް ރިޒާ އާއި، މުޞްޠަފާ  އަޙްމަދީ ރޯޝަން އެވެ. މީގެ ތެރެއިން ދެ ބޭފުޅަކު އަވަހާރަކޮށްލައިފައި ވަނީ އެ ބޭފުޅުންގެ ކާރުކޮޅުތަކުގައި ހަރުކުރި ދަގަތްފާނަ ބޮންތަކެއް ގޮއްވައިލައިގެންނެވެ. ދާރިއޫޝް ރިޒާ އަވަހާރަކޮށްލައިފައިވަނީ އޭނާގެ ގައިކޮޅަށް ބަޑި ޖަހައިގެންނެވެ. މަސްޢޫދު ޢަލީ މުޙައްމަދީ އަވަހާރަކޮށްލައިފައި ވަނީ މޮޓޯސައިކަލް ބޮމަކުންނެވެ. އިރާނުން ވަނީ މި ޙަމަލާތައް ދިނުމުގައި ބައިވެރިވި  އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. އީރާނުން ތުހްމަތު ކުރާ ގޮތުގައި މި މީހުންނަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ (މޯސާދު) ގެ އޭޖެންޓުންނެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުންނާއި އެމެރިކާގެ މަސްއޫލުވެރީން ވަނީ މި ނިރުބަވެރި ޢަމަލުތަކާ އިސްރާއީލާ ގުޅުމެއް އޮތްކަމަށް ވިދާޅުވެފައެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އީރާނު ސަރުކާރުން އިޢުލާނުކުރި ގޮތުގައި މި ޙަމަލާތަކުގައި ބައިވެރިވި ހުރިހާ ޢިންޞުރުތަކެއް ވަނީ ހައްޔަރު ކުރެވިފައެވެ.

އިސްރާއީލު މި ކަންކަމާ ބެހޭގޮތުން ނޫނެކޭ ވެސް އަދި އާއެކޭ ވެސް ބުނެފައެއް ނުވެއެވެ. އެހެނަސް އިސްރާއީލުގެ ދިފާޢީ ވަޒީރު މޫޝޭ ޔަޢުލޫން ވިދާޅުވިއެވެ. ((އަހަރެމެން ނިޔުކްލިޔަރ ހަތިޔާރު އީރާނަށް ލިބުނުކަ ނުދޭނަމެވެ. އަހުރެމެން މި ކަމަށް ޓަކައި ޙަރަކާތްތެރިވާނަމެވެ. ފިޔަވަޅު އަޅާނަމެވެ. އަހުރެމެން މި ކަން ކުރަން އިސްކަންދޭނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. އިސްރާއީލަށް އެމީހުންގެ އަމިއްލަ ނަފްސު ދިފާއު ކުރެވެން ޖެހޭނެއެވެ. މިއީ އަހުރެމެންގެ މަޤްޞަދެވެ.)) އިސްރާއީލުގެ "މެރުމުގެ ޙަމަލާ" ހުއްޓާލީ 2013ގައި އެމެރިކާއިން އެ ޙަމަލާ ހުއްޓައިލުމަށް އަމުރު ކުރުމުންނެވެ.

އެންބީސީ ނޫސް އޭޖެންސީ ބުނާގޮތުގައި އެމެރިކާގެ އިސް ދެ މަސްއޫލުވެރިއަކު ކަށަވަރުކޮށް ދެއްވި ގޮތުގައި މި ޙަމަލާތައް ދެމުންދަނީ އީރާނުގެ "ޕީޕަލްސް މުޖާހިދީން އޮފް އީރާން" ނަމަކަށް ކިޔާ ޖަމާއަތުންނެވެ. އެމީހުންނަށް ތަމްރީނުދީ ފައިސާދީ އެހީވަނީ އިސްރާއީލުންނެވެ. އެންބީސީގެ މި ރިޕޯޓް ބުނާގޮތުގައި 2007ވަނަ އަހަރު މި ޖަމާޢަތުން އީރާނުގެ ސައެންސްވެރިއަކު އަވަހާރަކޮށްލިއެވެ. އަދި 2015ވަނަ އަހަރު އީރާނުގެ ސައެންސްވެރިއަކު އަވަހާރަކޮށްލަން މަސައްކަތް ކުރިއެވެ. އީރާނު ސަރުކާރުން ހާމަކުރި ގޮތުގައި ޠަހަރާނުން ވަނީ މި ޙަމަލާ ހުއްޓުވައިފައެވެ.

އިސްރާއީލުން މި ޙަމަލާއަށް އިޝާރަތްކޮށްފައިވޭ

ޑރ. މުޙްސިން ޒާދާ އަވަހާރަކޮށްލި ޚަބަރާ ބެހޭ ރިޕޯޓެއް ގެނެސްދެމުން އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތައް މީގެ ދެ އަހަރު ކުރިން މި ސައެންސްވެރިޔާއާ ބެހޭގޮތުން ބޮޑު ވަޒީރު ނަތަންޔާހޫ ދައްކަވާފައިވާ ވާހަކަފުޅަކަށް އިޝާރަތްކޮށްފައި ވެއެވެ. އިސްރާއީލުގެ ޖާސޫސީ އޭޖެންސީން އީރާނުގެ ނިޔުކްލިއަރ މުހިއްމު ލިޔުންތަކެއް 2018ވަނަ އަހަރު ހޯދައިފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. "އީރާނުން ނިޔުކްލިއަރ ހަތިޔާރު ތަރައްޤީ ކުރަން މަސައްކަތް  ކުރަމުންދާ ކަން ޔަޤީންވާ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އެހިނދު ނަތަންޔާހޫ ވިދާޅުވިއެވެ… މި ނަން މަތިން ތިޔަބައިމީހުން ހަނދާން ބަހައްޓާށެވެ. އެއީ ފަޚްރީ ޒާދާ އެވެ."


ހުޅަނގުގެ ޑިޕްލޮމެޓަކު ރޮއިޓަރސް އަށް މި ސައެންސްވެރިޔާއާ ބެހޭގޮތުން ވިދާޅުވިއެވެ. ((އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ހަކަތަ ފައްކާކުރަން ފަށައިފިނަމަ އެ ޤައުމުގެ ނިޔުކްލިއަރ ބޮމުގެ ބައްޕައަކަށް ވާނީ ފަޚްރީ ޒާދާއެވެ.))

ފަޚްރީ ޒާދާ އަތްޕުޅުގައި ތިން ޕާސްޕޯޓް އޮންނަ ކަމަށް ވެއެވެ. އޭނާ ދޭތެރެދޭތެރެއިން އޭޝިޔާގެ ބައެއް ޤައުމުތަކަށް ވަޑައިގެން އެންމެ ފަހުގެ މަޢުލޫމާތުތައް ހޯއްދަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *