Support Us

އެމެރިކާއާއި އިސްރާއީލަށްވުރެ ކުރިން ރޫސީވިލާތް ރަތްކަނޑަށް ނުކުންނަނީތަ؟

މޮސްކޯއިން ސޫދާނުގައި ޢަސްކަރީ ބޭހެއް ޤާއިމުކުރަން ގަސްތު ކުރާކަން މި ވަގުތު އިޢުލާން ކުރީ ކީއްވެގެންބާ!

ސޫދާނުގެ ރަތްކަނޑުގެ އައްސޭރީގައި ރޫސީވިލާތުގެ ކަނޑުގެ ޢަސްކަރިއްޔާގެ ލޮޖިސްޓިކް ބޭހެއް ޤާއިމުކުރަން ގަސްތުކުރާކަން އިޢުލާނު ކުރުމަށް ގަސްތުކުރާކަން އިޢުލާނު ކުރުމާ ވިދިގެން، ސޫދާނާއި އެ ސަރަޙައްދުގެ ޤައުމުތަކަށް މޮސްކޯއިން ވަނުމުގެ މަސައްކަތް ފަށައިފި ކަމަށް ނޫސް އޭޖެންސީތަކުން ބުނެފިއެވެ.

މޮސްކޯއިން މިފަދަ ފިޔަވަޅެއް އަޅަން ގަސްތު ކުރާކަން އިޢުލާނު މި ކުރީ ނިރުބަވެރިކަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސޫދާނުގެ ނަން ފޮހެލާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެކަމަށް މަސައްކަތްކުރަން ހަމަ ފެށިތަނާއެވެ. އަދި އިސްރާއީލާ ސޫދާނާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުންތަކާއި މަޝްވަރާތައް ފެށިގެން ކުރިއަށް ދާން ހަމަ ފެށިތަނާއެވެ.

މިފަދަ ވަގުތެއްގައި ސޫދާނުގެ ބިމުގައި ރޫސީވިލާތުގެ މި ފަދަ މަރްކަޒެއް ޤާއިމު ކުރެވިދާނެކަމުގެ އިޙްތިމާލާމެދު ވަރަށް ބޮޑަށް ސުވާލު ކުރެވެއެވެ. ރޫސީވިލާތުން މި ކަން އިޢުލާނު ކުރިނަމަވެސް ސޫދާނު ސަރުކާރުން މި ކަމާބެހޭގޮތުން އަދި ހަމަ އެންމެ ޗުއްޕެއް ނުބުނެއެވެ. ސޫދާނުގައި ވެރިކަން ކުރާ ޖަމާޢަތްތަކާއި ޕާޓީތަކުގެ މެދުގައި ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން އެއްގަލަކަށް އެރިފައިނުވުން މިކަމުގެ ސަބަބަކަށް ވެދާނެއެވެ. ވެރިކަންކުރާ ކޯލިޝަނާއި، ސިޔާދަތީ މަޖިލީހާއި، ވަޒީރުންގެ މަޖިލިސް މިފަދަ މަސްއަލަތަކުގައި އެއްޗެއް ބުނުމަށް ވަނީ ނުކުޅެދިފައެވެ.

އަނާޟޫލް ނޫސް އޭޖެންސީން މިކަމާ ބެހޭގޮތުން ސޫދާނުގެ ޢަސްކަރީ ބާރުތަކުގެ އޮފީހުގެ ރަސްމީ ތަރްޖަމާނު މޭޖަރ ހިޝާމު ޢުޘްމާނު ޙުސައިނާ ސުވާލު ކުރުމުން  ދެއްވި ޖަވާބަކީ "އަދިއެއް ނުވެއެވެ." މި ނޫސް އޭޖެންސީން ސޫދާނުގެ ތަފާތު މަސްއޫލުވެރީންނާ ގުޅައިގެން ތަފްޞީލެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ރައީސް ޕޫޓިން ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޢަބްދުލް ފައްތާޙުލް ބުރްހާނާއެކު

މަރްކަޒު އުފެއްދުމުގެ ބޭނުމާއި އެ ތަނުގެ ޠަބީޢަތު

ރޫސީވިލާތުގެ ރައީސް ފްލެޑިމީރު ޕޫޓިން މިކަމާ ބެހޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު (19 ނޮވެންބަރު ގައި) ނެރުއްވި ޤަރާރުގައި ރަޝިޔާ ސަރުކާރުން ސޫދާނާއެކު ސޮއި ކުރަން ހަމަޖެހިފައިވާ އެއްބަސްވުން ތަޞްދީޤު ކުރައްވާފައި ވެއެވެ. އެއީ ސޫދާނުގެ ބިމުގައި ރޫސީވިލާތުގެ ކަނޑުގެ ފްލީޓުގެ ބާރުތަކަށް ބޭނުންވާ މާއްދީ ފަންނީ އެހީ ފޯރުކޮށްދިނުމާ ބެހޭ މަރްކަޒެއް ޤާއިމު ކުރުމާ ބެހޭ އެއްބަސްވުމެކެވެ. "ރަޝިޔާ ޓު ޑޭ"ގެ ޖާލު ޞަފްޙާ ބުނާގޮތުގައި "މިއީ އެ ސަރަޙައްދުގައި ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ވަރުގަދަ ކުރުމަށް ޓަކައި ޤާއިމު ކުރެވޭ މަރްކަޒެކެވެ. އެއީ އޭގެ ޠަބީޢަތުގައި ދިފާޢީ ކަމެކެވެ. އަދި އެއީ އެއްވެސް ޤައުމަކާ ދެކޮޅަށް އަމާޒު ކުރެވިފައިވާ ކަމެއް ވެސް ނޫނެވެ."  ރޫސީވިލާތުން މި މަޝްރޫޢު އިޢުލާނު ކުރުމުގެ ކުރިން އެ ޤައުމުގެ ބޮޑުވަޒީރު މީޚާއީލް މިޝޮސްޓީން އެ މަޝްރޫޢާ ބެހޭގޮތުން ދިފާޢީ ވުޒާރާއާއި ޚާރިޖީ ވުޒާރާއާއެކު ވިލަރެސް ކުރައްވާފައިވާ ކަން ހާމަކުރެއްވިއެވެ.

ލަފާކުރެވޭ ގޮތުގައި މި މަރްކަޒުގައި 300 ސިފައިންނާއި މުވައްޒަފުން ތިބޭނެއެވެ. މި މަރްކަޒު ވާނީ  ހަނގުރާމަމަތީ 4 އުޅަނދަކަށް ބަނދަރު ކުރެވޭވަރުގެ ޖާގަ އޮތް ތަނަކަށެވެ. އޭގެތެރޭގައި ނިޔުކްލިއަރ ހަކަތައާ ބެހޭ ސާމާނު އުފުލާ އުޅަނދެއްވެސް އޮންނާނެއެވެ. މި އުޅަނދު މަސައްކަތް ކުރާނީ ނިޔުކްލިއަރ ރައްކައުތެރިކަމާއި  ތިމާވެށީގެ ރައްކައުތެރިކަމާ އެއްގޮތަށެވެ.

މިފަދަ މަރްކަޒެއް ޤާއިމު ކުރުމުގެ ޚިޔާލަކީ 2017 ވަނަ އަހަރާ ހަމައިން އުފެދިފައިވާ ޚިޔާލެކެވެ. އެ ދުވަސްވަރު ސޫދާނުގެ ކުރީގެ ރައީސް ޢުމަރުލް ބަޝީރު މޮސްކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޢަސްކަރީ މައިދާނުގައި އެއްބާރުލުމާ ބެހޭގޮތުން އެތައް އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރައްވައިފައެވެ. އެއީ ތަމްރީނު ދިނުމާއި ، ތަޖްރިބާ ބަދަލު ކުރުމާއި، ދެ ޤައުމުގެ ހަނގުރާމަމަތީ އުޅަނދުތައް އެ ދެ ޤައުމުގެ ބަނދަރުތަކަށް ޒިޔާރަތް ކުރުމާ ބެހޭގޮތުން އެއްބަސްވެވުނު އެއްބަސްވުންތަކެކެވެ. ރައީސް ބަޝީރުގެ މި ދަތުރުފުޅުގެތެރޭގައި ރަތްކަނޑުގައި ރޫސީވިލާތުގެ ޢަސްކަރީ ބޭހެއް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. ނަމަވެސް  ރޫސީވިލާތުން މި ކަމަށް ޝައުޤުވެރިކަން އޮތްކަން އޭރު ދައްކައިފައެއް ނުވެއެވެ.

މި ވަގުތު މި ކަން އިޢުލާން ކުރީ ކީއްވެ

މި ވަގުތު މިފަދަ ލޮޖިސްޓިކް މަރްކަޒެއް ސޫދާނުގައި ޤާއިމުކުރަން  ރޫސީވިލާތުން އިޢުލާނު މި ކުރީ ކީއްވެގެން ހެއްޔެވެ؟ ސޫދާނުގެ ސިޔާސީ އަދި ޢަސްކަރީ މުޙައްލިލެއްކަމުގައިވާ (ރިޓަޔަރޑް) ބްރިގެޑިއަރ ޖެނެރަލް އަމީން އިސްމާޢީލް މަޖްޒޫބު މި ކަމާ ބެހޭގޮތުން ވިދާޅުވިއެވެ. ((އެ އެއްބަސްވުމަށް ޢަމަލު ކުރުމަށް މޮސްކޯއިން މި ވަގުތު މި އިޢުލާން ކުރީ ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ 2018ގެ އިންޤިލާބަށްފަހު ސޫދާނުގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކެވެ.))

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރޫސީވިލާތުގެ ސޫޗީގައި ބޭއްވި ރަޝިޔާ- އެފްރިކާ ސަމިޓްގެ ހަވާސާމަތީގައި ރައީސް ޕޫޓީން ސުދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޢަބްދުލްފައްތާހުލް ބުރްހާނާ ބައްދަލު ކުރެއްވިއެވެ. ސުދާނުގެ ދާޚިލީ ސިޔާސީ ޙާލަތު ރަނގަޅުކޮށްދެއްވުމަށް ރައީސް ޕޫޓިން މަސައްކަތްކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކު ރޫސީ ޚާރިޖީ ވަޒީރު ސަރްގޭ ލެވަރޯފާ  އދގެ ޢާއްމު ޖަމްޢިއްޔާގެ 74 ވަނަ ދައުރުގެތެރޭގައި ވަނީ ބައްދަލުކުރައްވައިފައެވެ. ސޫދާން ނޫސް އޭޖެންސީ ބުނެފައިވާ ގޮތުގައި، މި ބައްދަލު ކުރެއްވުމުގެތެރޭގައި އެ ދެ ޤައުމުގެ ދެމެދުގައި މުހިއްމު މަސްއަލަތަކާ ބެހޭގޮތުން ވިލަރެސްކުރުމާއި ތަފާތު މައިދާންތަކުގައި އެއްބާރުލުން ޤާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މަޖްޒޫބު ވިދާޅުވާ ގޮތުގައި ދެވަނަ ސަބަބަކީ "ސޫދާނުގެ ނަން ނިރުބަވެރީންނަށް އެހީވާ ޤައުމުތަކުގެ ލިސްޓުން ކަނޑައިލުމާއި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް މަސައްކަތް ފެށުމެވެ."

ސިޔާސީ މުޙައްލިލެއް ކަމުގައިވާ މުޙައްމަދު ޢަބްދުލްޢަޒީޒު ވިދާޅުވާ ގޮތުގައި: ރަތްކަނޑުގެ ސޫދާނު އައްސޭރީގައި ރޫސީވިލާތުގެ ލޮޖިސްޓިކް މަރްކަޒެއް ޤާއިމުކުރުމަށް މޮސްކޯއިން ނިންމި ނިންމުމަކީ ރޫސީންގެ ޢަސްކަރީ ދަނޑިއެނބުރުމެކެވެ. އެހެނީ މި ދުވަސްވަރަކީ ޚުރްޠޫމުން، ވޮޝިންގްޓަނާ ހުޅަނގުގެ ޤައމުތަކާއެކު ވަރަށް ގާތް ގުޅުންތަކެއް ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ދުވަސްވަރެކެވެ. އަދި އެ ޤައުމުތަކުން ދެކޭގޮތުގައި  ރަތްކަނޑަކީ ވަރަށް އިސްތިރާތީޖީ ދޮރޯށްޓެކެވެ. އޭނާ އަނާޟޫލު ނޫސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި މި ފިޔަވަހީގައި ރޫސީ- ސޫދާނު ގުޅުން ބަދަހިވުމަކީ ސޫދާނުގެ ހުޅަނގުގެ އެކުވެރިން އެކާމާމެދު ކަންބޮޑުވާނެ ކަމެކެވެ.

ރޫސީން އިސްނެގުން

މަޖްޒޫބު ވިދާޅުވާ ގޮތުގައި ރޫސީވިލާތުގެ މި ފިޔަވަޅަކީ އެމެރިކާއާއި އިސްރާއީލަށް ހުރަސްއެޅުމެކެވެ. އެ ދެބައިމީހުންނަށްވުރެ ކުރިން ރަތްކަނޑުގެ އައްސޭރީގައި އޮންނަ ސޫދާނަށް ވަނުމަށް މަސައްކަތް ފެށުމެވެ. ރޫސީވިލާތުން ސޫދާނުގައި ޤާއިމުކުރާ މި ލޮޖިސްޓިކް މަރްކަޒު ވާނީ ސޫރިޔާގެ ލާޛުޤިއްޔާގައި ނުވަތަ ޠަރްޠޫސުގައި ރަޝިޔާއިން ޤާއިމުކޮށްފައިވާ ޢަސްކަރީ ބޭސްތަކާ އެއްފަދަ ބޭހަކަށެވެ.

މަޖްޒޫބު ވިދާޅުވި ގޮތުގައި ސޫދާނުން މި ކަން އިޢުލާނުނުކޮށް ލަސްވަމުންދަނީ ޢަސްކަރީ ބާރުތަކާ ބެހޭ ރަސްމީ ތަރްޖަމާނަކު މި ވަގުތު ސޫދާނުގައި ނެތީމައެވެ. ބަޝީރުގެ ޒަމާނުގައި ހުރި ތަރްޖަމާނު ވަނީ މަޤާމުން ވަކިކޮށްފައެވެ.

އޭނާ ވިދާޅުވިގޮތުގައި ވަރަށް ކުއްލިގޮތަކަށް މޮސްކޯއިން މި ކަން އިޢުލާނު ކުރުމުން ޚުރްޠޫމަށް ވެސް ސިހުން ލިބުނެވެ. މި ކަމާބެހޭގޮތުން އާއެކޭ ވިޔަސް ނޫނެކޭ ވިޔަސް ބުނެވޭނީ ސޫދާނަށް މި ލިބުނު ސިހުމުން ބޭރުވެ ހަމަނޭވާ ލެވިގެންނެވެ.

ސޫދާނުގެ އެތެރޭގެ ބަހަކީ ކޮބާ!

    މުރާޤިބުން ބުނާގޮތުގައި އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރުމުގެ މަސްއަލައިގައި ސޫދާނުގެ އެތެރެ ބައިބައިވެފައިވާ ވަގުތެއްގައި މި މަސްއލައިގެ ސަބަބުން އެތެރެ އިތުރަށް ބައިބައިވާނެ ކަމަށް ފެނެއެވެ. މި އެއްބަސްވުމަކީ ޙަޤީޤަތުގައި ކުރީގެ ޒަޢީމު ބަޝީރު ގެ އެއްބަސްވުމަކަށް ވާތީ ވަޒީރުންގެ މަޖިލީހުން މި އެއްބަސްވުން ޤަބޫލު ކުރާނެކަމަކަށް ނުފެނެއެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބައެއް ބޭފުޅުން ޚާއްޞަކޮށް ކޮމްޔުނިސްޓުން މި އެއްބަސްވުމާއިގެން ކުރިއަށް ވަޑައިގަންނަވަން ބެނުންފުޅު ވިޔަސް އެމެރިކާއާއެކު ގުޅުން ބަދަހި ކުރަން ބޮޑަށް ބޭނުންވާތީ ޚުރްޠޫމުން ބޮޑަށް މަސައްކަތް ކުރާނީ ތިލަފަތްހަމަ ސިޔާސަތެއް ގެންގުޅުމަށް ކަމަށް ނިމުތު ކުރެވެއެވެ.

މިފަދަ މަޝްރޫޢަކާއެކު ކުރިއަސް ދިޔުމުގެ ސަބަބުން އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން ސޫދާނުގެ ނަން ފުހެލުމުގެ މަސައްކަތަށް ހުރަސްއެޅިދާނެތީ ޚުރްޠޫމު ވަރަށް ބިރުގަނެއެވެ. އެއީ މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ މަޞްލަޙަތުގެ މައްޗަށް ރަޝިޔާގެ މަޞްލަޙަތު އިސްވެގެން ހިނގައިދާނެތީއެވެ.

ރަތްކަނޑުގައި ވާދަވެރިކަން

މަޖްޒޫބު ވިދާޅުވާ ގޮތުގައި  މިއީ ރަތްކަނޑާހެދި އުފެދެމުންދާ ވާދަވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ގަލްފްގެ ތެޔޮ ދުނިޔޭގެ ތަފާތު ޤައުމުތަކަށް ގެންދިޔުމަށް ހުޅުވާލެވިފައިވާ އެންމެ މުހިއްމު ނެރެވެ. ޖިބޫޓީގައި އެމެރިކާއާއި ޗައިނާއާއި ފަރަންސޭސިވިލާތުގެ ވުޖޫދެއް އޮތީތީ  ރަޝިޔާއިން ވެސް މި ކަނޑަށް ނުކުންނަން ބޭނުންވަނީއެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ސަރަޙައްދު އޮތީ ވަރަށް ބިރުވެރި ޙާލަތެއްގައެވެ. މި ހަނގުރާމައިގެ އެއް ފަރާތަކީ އީރާނެވެ. އީރާނަކީ ރަޝިޔާއާ ގުޅުން ރަނގަޅު ހުޅަނގުގެ ވާދަވެރި ޤައުމެކެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެ ސަރަޙައްދުގައި "ބަނދަރު ހަނގުރާމަ" ނަމަކަށް ކިޔާ ހަނގުރާމައެއް ހިނގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އުޅަނދުތަކަށް ބަނދަރު ޚިދްމަތް ދިނުމުގައި ކުރާ ހަނގުރާމައެކެވެ. އެހެންކަމުން ބޮޑެތި ބާރުތަކުން ސޫދާނުގެ ރަތްކަނޑު ބަނދަރުތައް ކުއްޔަށް ހިފުމަށް ބޭނުންވާނެއެވެ. ޞޫމާލާއި ޖިބޫތީގެ މުޞައްވަޢުއާއި  ޢަޞަބު ބަނދަރު މިހާރުވެސް ވަނީ ކުއްޔަށް ދީފައެވެ.

ރޫސީވިލާތުގެ ހަނގުރާމަމަތީ އުޅަނދުފަހަރަށް ސޫދާނުގެ ބަނދަރުތަކަށް ވަދެނުކުމެވުމަށް ހުއްދަ ދޭ އެއްބަސްވުމަށް 2019 ވަނަ އަހަރުގެ މޭ މަހުގައި ވަނީ ޢަމަލު ކުރަން ފަށައިފައެވެ. ބަޝީރު ވެރިކަމުން ވައްޓައިލެވުނު ނަމަވެސް މިފަދަ އެއްބަސްވުންތަކަށް ޚުރްޠޫމުން ދަނީ ޢަމަލު ކުރަމުންނެވެ.

ސޫދާނަށް ލިބޭނީ ކޮން ފައިދާތަކެއް

މަޖްޒޫބު ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ސޫދާނަށް ދިފާޢީ ހަތިޔާރު މޮސްކޯއިން ލިބޭނެއެވެ. ތަފާތު ބާވަތްބާވަތުގެ މަތިންދާބޯޓު ވެސް ލިބޭނެއެވެ. ރަޝިޔާގެ ބޮޑުވަޒީރު ހާމަކުރެއްވި ފަދައިން ލޮޖިސްޓިކް މަރްކަޒާއި ސޫދާނުގެ އައްސޭރި ރައްކައުތެރިކޮށް އަމާންކުރުމަށް ބޭނުންވާ ދިފާޢީ ޖައްވީ ހަތިޔާރު ރުސީވިލާތުން ސުދާނަށް ދޭނެއެވެ. މި މަރްކަޒު ޤާއިމު ކުރެވޭނެ ކަމަށް ބެލެނީ ސޫދާނުގެ މަޝްހުރު ބަނދަރެއް ކަމުގައިވާ ޕޯޓް ސޫދާނު ސަހަރުގެ އުތުރުގައެވެ.  މި މަރްކަޒު ސޫދާނުގެ ޙަލާއިބާއި ޝަލާތީނާ ހަމައަށް ދެމިގެން ފުޅައުވެގެންދާނެއެވެ. މި އެއްބަސްވުމުގައި ބުނާ މަރްކަޒު ހުންނާނީ ކޮން ތަނެއްގައި ކަމެއް ބުނެފައެއް ނުވެއެވެ.

މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ރޫސީވިލާތުން ސޫދާނަށް ހަނގުރާމަމަތީ ތަމްރީނު އުޅަނދެއް ހަދިޔާ ކުރިއެވެ. ސޫދާނުގެ ކަނޑުގެ ބާރުތަކުން ވަނީ މި ކަން ކަށަވަރުކޮށްދީފައެވެ. މޮސްކޯއިން ހަދިޔާކުރި މި އުޅަނދުގެ ނަމަކީ " ފްލެމިންގޯ" އެވެ. ސޫދާނުން ބުނިގޮތުގައި މިއީ ޢަސްކަރީ މައިދާނުގައި އެއްބާރުލުމުގެ ގިއުގަނޑުގެ ތެރޭގައި އެޅުނު ފިޔަވަޅެކެވެ.

ރަޝިޔާގެ ނުފޫޒު އެފްރިކާގެތެރެއަށް

ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޢަބްދު ﷲ ރިޒްޤު ވިދާޅުވާގޮތުގައި ރަޝިޔާއިން އެފްރިކާއަށް ވަނުމަށް ޓަކައި ބޮޑެތި މުހިއްމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ހަތިޔާރު ވިއްކުމާއި، ޢަސްކަރީ ބޭސްތައް ހެދުމާއި ޢަސްކަރީ މައިދާނުގައި އެއްބާރުލުން ޤާއިމުކުރުން ފަދަ އެތައް ކަމެއް ދަނީ ކުރަމުންނެވެ.

މޮސްކޯއިން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ މެދުތެރޭ އެފްރިކާއަށެވެ. ސޫދާނަށްވުރެ ކުރިން މެދުތެރޭ އެފްރިކާ ޖުމްއހޫރިއްޔާ ވަނީ މި ކަމުގައި އިސްނަގައިފައެވެ. މި ކަމާހެދި ފަރަންސޭސިވިލާތުން ރޫސީވިލާތްދެކެ ވަރަށް ބޮޑަށް ރުޅި އައެވެ. ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމުތަކާ  މޮސްކޯއިން ބެހެމުންދާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *