Support Us

ބައިޑްން އިސްކަން ދެއްވާނީ ފަލަސްޠީނުގެ މަސްއަލައަށް ބާ! ނުވަތަ އީރާނަށް ބާ!

އެމެރިކާ – އިސްރާއީލު ގުޅުންތަކާމެދު ނުތަނަވަސްކަން އުފެދިފައިވާ ބައެއް ނުކުތާތަކަށް އިޝާރަތް ކުރައްވައި އެމެރިކާގެ މުންތަޚަބު ރައީސް ޖޯ ބައިޑްން، ވޮޝިންގްޓަންގައި ހުންނަވާ އިސްރާއީލުގެ ސަފީރަށް ފާޅުގައި ވިދާޅުވިއެވެ. ((ބީބީއަށް ދަންނަވާށެވެ! އަހުރެމެންނަކީ އަދިވެސް ރަޙްމަތްތެރީންނެވެ.)) މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިޑްން – ނަތަންޔާހޫ ގުޅުން އޮންނާނެ ގޮތުގެ ވަރަށް ވަރުގަދަ ޢަލާމަތެކެވެ.

ރައީސް އޮބާމާގެ ވެރިކަމުގައި ބައިޑްން ވެފައިވަނީ ނަތަންޔާހޫ މައިތިރި ކުރައްވާ އެންމެ މުހިއްމު ޖޯކަރު ކަމަށެވެ. އީރާނާއެކު ވާހަކަ ދެއްކުންތައް ފެށްޓެވުމުން އެކުވެރި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

މެދުއިރުމައްޗާ ބެހޭ މަންދޫބު ޑެނިސް ރޮސް ވިދާޅުވެފައިވާ ގޮތުގައި ((ބީބީއާއެކު ސާފު ޞަރީޙަ ބަހުން ވާހަކަފުޅު ދެއްކެވުމުގެ ޤާބިލުކަން ބައިޑްނަށް ލިބިވަޑައިގެންފައި ވެއެވެ.)) އޭނާ ވިދާޅުވި ގޮތުގައި "މަސްއަލައެއްގައި ހޫނުވެއްޖެނަމަ" ފެންޖައްސަވަން ގެނެވެނީ ބައިޑްނެވެ. ދެހާސް ސާދަ ވަނަ އަހަރު ބައިޑްން މަލާމާތުގެ ރާގެއްގައި ވިދާޅުވިއެވެ. ((ބީބީ! މަނިކުފާނު ވިދާޅުވާ ލަޢުނަތް ދޭ އެއްވެސް ވާހަކައަކާ  އަޅުގަނޑު އެއްބަހެއް ނުވާނަމެވެ. އެހެނަސް އަޅުގަނޑު މަނިކުފާނު ދެކެ ލޯބިވަމެވެ.)) ބައިޑްން- ނަތަންޔާހޫ ގުޅުމަކީ 38 އަހަރުވީ ވަރަށް ބަދަހި ގުޅުމެކެވެ.

އެމެރިކާއަކީ އިސްރާއީލު ވުޖޫދަށް ގެނައި ދުވަހުން ފަށައިގެން އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ އެމެރިކާގެ "ދޮންދަރި"އެވެ. ރައީސް އޮބާމާގެ ވެރިކަމުގައި އިސްރާއީލަށް ވޭންދެނިވި އިމްތިޙާނުތަކަކާ ކުރިމަތިލާން ޖެހުނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ 2015 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްގައި ވަރަށް ހޫނު ތަޤްރީރެއް ކުރެއްވިއެވެ. އެއީ އެމެރިކާއިން އީރާނާއެކު ހެދި ނިޔުކްލިއަރ އެއްބަސްވުމާ ހެދި ކޯފާވެގެން ދެއްވި ޚިޠާބެކެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލަށް ވަނީ "ދަރިއެއް" ކަމުގެ އިމްތިޔާޒު ލިބިފައެވެ. މި ނިޔުކްލިއަރ އެއްބަސްވުމުން ވަނީ އެމެރިކާ ވަކިވެފައެވެ. "ސައްތައިގެ ޑީލް"ގެ ނަމުން މަޝްހޫރުވެފައިވާ މަޝްރޫޢުގެ ދަށުން ޢަރަބި ޤައުމުތަކުން ދަނީ ފުލުފުލުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރަމުންނެވެ.

ކުރިއަށް އޮތް ފިޔަވަހީގައި ބައިޑްން – ނަތަންޔާހޫ ގުޅުން

އެމެރިކާގެ ރައީސްކަމާ ޙަވާލުވެ ވަޑައިގަތުމަށް ބައިޑްން ތައްޔާރުވެ ވަޑައިގަންނަވަމުންދާއިރު ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ އިސްރާއީލު ގުޅުމަށް ނުތަނަވަސްކަން ގެންނާނެ އެއްވެސް ކަމެއް ނެތެވެ. އީރާނާއެކު އެއްބަސްވެފައިވާ ނިޔްކުލިއަރ އެއްބަސްވުން މެނުވީއެވެ. ޓްރަމްޕް ވަނީ މީގެ ދެ އަހަރު ކުރިން މި އެއްބަސްވުމުން ވަކިވެވަޑައިގެންފައެވެ.

މެދުއިރުމައްޗާ ބެހޭ ވާހަކަ ދެއްކުންތަކުގައި އެމެރިކާ ތަމްސީލު ކުރެއްވި މަންދޫބެއް ކަމުގައިވާ އެރޯން ޑޭވިޑް މިލަރ ވިދާޅުވާ ގޮތުގައި ނިޔުކްލިއަރ މަސްއަލައިގައި އީރާނާއެކު އޮތް ނުތަނަވަސްކަންނޫން އެހެން މަސްއަލައެއް ނެތެވެ. މިއީ ވަރަށް ޙައްސާސު މަސްއަލައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިލަރަކީ އެމެރިކާގެ ތަފާތު ސަރުކާރުތަކާއެކު މަސައްކަތް ކުރެއްވި ސިޔާސީ ތަޖްރިބާކާރެކެވެ.

ރޮސް ސިފަކުރައްވާ ގޮތުގައި ނިޔުކްލިއަރ އެއްބަސްވުމަށް އެމެރިކާ މަޑުމަޑުން އަނބުރާ ދިޔުމަކީ "ސިޔާސީ ގޮތުން ނަތަންޔާހޫއަށް ވަރަށް ގެއްލުން ލިބިވަޑައިގަންނަވާނެ ކަމެކެވެ." އޭނާ ވިދާޅުވި ގޮތުގައި މަޑުމަޑުން ލަސްލަހުން މި މަސްއަލައާ މެދު މުޢާމަލާތުކޮށްފިނަމަ އިސްރާއީލުގެ ރުޅި ހިންދައިލެވިދާނެއެވެ.

ފަލަސްޠީނުގެ މަސްއަލައިގައި ބައިޑްން އިސްރާއީލަށް ދޫތަކެއް ދެއްވާނެ

އެމެރިކާއާ އިސްރާއީލާ ދެމެދުގައި ދެބަސް އުފެދުން އެކަށީގެންވާ ދެވަނަ މަސްއަލައަކީ ފަލަސްޠީނު މަސްއަލައެވެ. މިއީ އެމެރިކާ- އިސްރާއީލު ގުޅުމުގެ ކަރުގައި އަޅއިގެންފައިވާ އެންމެ ބޮޑު ކަށްޓެވެ. މިލަރ ވިދާޅުވާ ގޮތުގައި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި އީރާނުގެ މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ފަލަސްޠީނު މަސްއަލައިގައި އިސްރާއީލަށް ދޫ ދެއްވާނެއެވެ.

ރައީސް ޓްރަމްޕުގެ ވެރިކަމުގައި އޭނާ ވަނީ ނަތަންޔާހޫ ބޭނުންފުޅުވާ ހުރިހާ ކަމެއް ކޮށް ދެއްވައިފައެވެ. އިސްރާއީލުގެ ވެރިރަށަކީ ޤުދްސު ކަމަށް ވަނީ ޤަބޫލު ކުރައްވައިފައެވެ. ތައްލު އަބީބުގައި ހުރި އެމެރިކާ އެމްބަސީ ވަނީ ޤުދުސަށް ބަދަލު ކުރައްވައިފައެވެ. އިސްރާއީލުގެ މަޞްލަޙަތު ނިޔާކުރާގޮތަށް ޞުލްޙަޔާ ބެހޭ އެއްބަސްވުމެއް ވަނީ ހުށައަޅުއްވައި ތަންފީޒު ކުރައްވަން ފަށްޓަވައިފައެވެ. މި އެއްބަސްވުމުގެ ދަށުން ޢަރަބި ތިން ޤައުމަކުން މިހާރު ވަނީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައެވެ.

އިސްރާއީލުގައި މި ދިޔަ އަހަރު ބޭއްވުނު ޢާއްމު އިންތިޚާބުގެ ކުރިން ސޫރިޔާގެ ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް ޓްރަމްޕު ވަނީ ޤަބޫލު ކުރައްވައިފައެވެ. މިއީ 1967ގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ބިމެކެވެ. ބައިނަލް އަޤްވާމީ ހުރިހާ ޤަރާރުތަކެއްގައި މި ކަން އޮތީ ފާހަގަކޮށް ފައެވެ. ނަތަންޔާހޫ މި ކަމަށް ޝުކްރު އަދާކުރެއްވުމުގެ ގޮތުން ޔަހޫދީ އާބާދީއަކަށް ވަނީ ޓްރަމްޕްގެ ނަން ދެއްވައިފައެވެ.

ދެ ދައުލަތް ޤާއިމު ކުރުމަށް ނުފިއްތާނެ

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރައީސް ބައިޑްން ފަލަސްޠީނުގެ ބިމުގައި ދެ ދައުލަތް ޤާއިމު ކުރުމުގެ މަސްއަލައިގައި އިސްރާއީލަށް ފިއްތުންތައް ނުފިއްތަވާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ. މި މަސްއަލަ ރަނގަޅު މަގަކަށް ނެރުމަށް މަގުފަހިވެފައި ނުވާ ކަމަށް އެ ބޭފުޅުން ނިމުތު ކުރައްވައެވެ. ބައިޑްންގެ ވެރިކަމުގައި ރައީސް ޓްރަމްޕްގެ ޞުލްޙައިގެ މަގު ޗާޓަށް ބަދަލެއް ނުގެންނަވާނެއެވެ. އިރުމަތީ ޤުދްސުގައި ހުރި އެމެރިކާގެ ކޮންސްލޭޓް އަލުން ހުޅުއްވާނެ ކަމަކަށް ވެސް ނުފެނެއެވެ. އަދި ރައީސް ޓްރަމްޕް ބަންދު ކުރެއްވި ވޮޝިންގްޓަންގައި ހުރި ޕީއެލްއޯގެ އޮފީސް ވެސް ނުހުޅުއްވާނެއެވެ.

އޮބާމާގެ ވެރިކަމުގައި މެދުއިރުމަތީގެ ކަންތައްތަކާ ބެހޭ އޮފީހުގެ ޑިރެކްޓަރު ކަމުގައި ހުންނެވި ރޮބަރޓް މާލީ ވިދާޅުވާ ގޮތުގައި "ޓްރަމްޕް ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމުން ނަތަންޔާހޫއަށް ލިބިވަޑައިގެންފައި އޮތް ރަން ޒަމާން ނިމުމަކަށް އަންނާނެއެވެ." އޭނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ ކަނާތަފިޔައިގެ އެޖެންޑާއަށް ޓްރަމްޕް ދެއްވާފައިވަނީ "ލޯމަރާލައިފާވާ ތާއީދު" އެކެވެ.

މާލީ ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުން

ރޮބަރޓް މާލީ ވައިޓްހައުސްގައި އުޅުއްވި އިރު މެދުއިރުމަތީގެ ޞުލްޙައިގެ މަސައްކަތުގައި އޭނާ އަދާކުރައްވާފައި ވަނީ ދޭތެރެމެދުގައި ހިނގާ މީހެއްގެ ދައުރެވެ. އޭނާ ބިލް ކްލިންޓަންގެ މުސްތަޝާރެއްގެ ކަމުގައި ހުންނެވިއެވެ. މުރާޤިބުން ވިދާޅުވާގޮތުގައި ރޮބަރޓް މާލީގެ އައު މަސައްކަތަކަށް ވާނީ ގަލްފުގެ އެކުވެރީންނާ އެމެރިކާއާ ދެމެދުގައި އުފެދިފައިވާ "ނުތަނަވަސްކަން" ކުޑަކުރުމެވެ. މާލީއަކީ ޢަރަބި ޒަޢާމަތްތަކާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. އޭނާގެ ކާބަފައިންނަކީ މިޞްރުގެ ޔަހޫދީ ޢާޢިލާއެކެވެ.

ޚަބަރުތައް ބުނާގޮތުގައި ރައީސް އޮބާމާ މި އަންނަ މަހު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އެމެރިކާއިން އީރާނާއެކު ނިޔުކްލިއަރ ޕްރޮގޮރާމާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ގަލްފުގެ ޤައުމުތައް ކަންބޮޑުވާ ކަމެކެވެ. ރައީސް އޮބާމާގެ ދަތުރުފުޅުގައި އެމެރިކާއިން ގަލްފުގެ އަމްނަށާއި އަމާންކަމަށް ޖާމިނުވާނެކަމުގެ "ކަށަވަރުކަން" ދެއްވާނެއެވެ.

ނަތަންޔާހޫ އަކީ ޑިމޮކްރެޓުންނަށް މަސްއަލައެއް

އިސްރާއީލުގައި ވެރިކަން ޙިއްޞާކުރުމުގެ އެއްބަސްވުމުގެ ދަށުން މި އަންނަ އަހަރު ނަތަންޔާހޫއަށް އިސްރާއިލުގެ ބޮޑުވަޒީރުކަން އަލުން ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ބަޖެޓްގެ "ތާށިކަމުގެ" މަސްއަލައިގައި ސަރުކާރު ވެއްޓިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. އޭރުން އިސްރާއީލީންނަށް ޖެހޭނީ އަލުން އިންތިޚާބަކަށް ދާށެވެ. ޓްރަމްޕް ވެރިކަމުގައި ހުންނެވިނަމަ އެއީ ނަތަންޔާހޫއަށް ލިބިވަޑައިގަންނަ ވާނެ އަރަނި ޕޮއިންޓެކެވެ. ނަމަވެސް ބައިޑްނާއެކު މި ޕޮއިންޓް ވަނީ ގެއްލިފައެވެ. ނަތަންޔާހޫ އިސްރާއީލުގެ ރައްޔިތުންނަށް ހާމަކޮށް ދެއްވަން ބޭނުންފުޅު ވަނީ ބައިޑުނާއެކު އޮތީ " ރަނގަޅު " ގުޅުމެއް ކަމެވެ. ރޮބަރޓް މާލީ ވިދާޅުވާގޮތުގައި ޑިމޮކްރެޓުންގެ ވައިޓް ހައުސްގައި އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ މީހުންގެ އަނގަ ބަންދު ކުރައްވަން ނަތަންޔާހޫއަށް މާ ފަސޭހަފުޅު ވާނެއެވެ.

ޑިމޮކްރެޓުންނަށް ބަލާއިރު އެމީހުންނަކީ އިސްރާއީލަށް ދޫކުރާ ބައެއް ނޫނެވެ. ބިލް ކްލިންޓަން، 1996ވަނަ އަހަރު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށްފަހު ވަރަށް ޙައިރާންކަމާއެކު ވިދާޅުވިއެވެ. ((އުޑު ގަންދީ ބުނަމެވެ. މި ތާނގައި ބޮޑު ބާރަކީ ކޮބައި ހެއްޔެވެ؟)) މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މިލަރ ވިދާޅުވާ ގޮތުގައި ނަތަންޔާހޫ ބައިޑުނަށް "އުނދަގޫ" ކުރައްވާނެއެވެ. ކޮންމެއަކަސް ބައިޑުނަކީ އިސްރާއީލު ދެކެ ލޯބިފުޅުވާ ޞިހްޔޫނީއެއް ކަމަށް ސިފަކުރެވޭތީ އޭނާ ހުރިހާ ނުތަނަވަސްކަމެއްގެ މައްޗަށް ބާރު ފޯރުއްވާނެ ކަމަށް ލަފާ ކުރެވެއެވެ.

ފަލަސްޠީނު މީހުން މުޢުޖިޒާތަކަށް އިންތިޒާރެއް ނުކުރޭ

ފަލަސްޠީނުގެ ކުރީގެ ވަޒީރެއް ކަމުގައިވާ ޣައްސާން ޚަޠީބު ވިދާޅުވާ ގޮތުގައި ބައިޑްނަށް ކާމިޔަބު ލިބިވަޑައިގަތުމުން ފަލަސްޠީނު މީހުންނަށް "ހިތްހަމަޖެހުމެއް" ލިބުނެވެ. އެހެނަސް އެ މީހުން މުޢުޖިޒާތަކަށް އިންތިޒާރެއް ނުކުރެއެވެ.

އިސްރާއީލުގެ Rand Corporation މަރްކަޒުގެ ތަޖްރިބާކާރެއް ކަމުގައިވާ ޝީރާ އެވްރޯން ވިދާޅުވާ ގޮތުގައި ރައީސް އޮބާމާއަށްފަހު އިސްރާއީލުން ވަނީ ޑިމޮކްރެޓުން "ނޭނގޭ ކަމަށް" ހަދައިފައެވެ. މި ކަމުގެ ސަބަބުން ކޮންގްރެސްއިން އެކުވެރިން ހޯދަން އިސްރާއީލަށް ދަތިވާނެއެވެ.

އިސްރާއީލުގެ ބައެއް މީހުން ބުނާގޮތުގައި އޮބާމާ ނޫން ކޮންމެ ރައީސެއް ވެސް އެމީހުންނަށް ރަނގަޅުވާނެއެވެ. އޮބާމާގެ ވެރިކަމުގެ ދުވަސްވަރުގައި ވޮޝިންގްޓަންގައި ހުންނެވި އިސްރާއިލު ސަފީރު މައިކަލް އޫރީން ވިދާޅުވެފައިވާ ގޮތުގައި "އޮބާމާ ވަނީ ޔަހޫދާއާއި ސާމިރާގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވުމަށް ހައިބަތު  ދައްކަވައިފައެވެ." ބައިޑްން މި ގޮތަށް ޢަމަލު ނުކުރައްވާނެ ކަމަށް ޝީރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބައިޑްނަކީ އައިޑިޔަލޮޖިސްޓެއް ނޫނެވެ. އެހެނަސް އެއީ ސިޔާސީ ބޭފުޅެކެވެ. އޮބާމާއާ ބައިޑުންގެ ތަފާތަކީ މިއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *