Support Us

އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ރައީސް ޖޯ ބައިޑްން ގެންނަވާނީ ކޮން ކަހަލަ ބަދަލުތަކެއް؟ – 3

ރަޝިޔާ ބޮޑަށް ބޭނުން ވަނީ ޓްރަމްޕް

ރޫސީ ވިލާތް… ބައިޑްން އިންތިޚާބުވެ ވަޑައިގަތުމަކީ އުނިކަމެއް.. އަދި މޮޅުކަމެއް

އިންތިޚާބީ ޙަމަލާތަކުގެ ތެރޭގައި ދެ ކެންޑިޑޭޓުންވެސް ވިދާޅުވެފައިވާ ގޮތުގައި ހަތިޔާރުގެ ވާދަވެރިކަން ކުޑަ ކުރުމަށް ކުރުމަށް އެ ދެބޭފުޅުން ވެސް އިސްކަން ދެއްވާނެތެވެ. އެހެނަސް މި ދެ ބޭފުޅުންގެ ސިޔާސަތު ވަރަށް ތަފާތެވެ. ޓްރަމްޕް ބޭނުންފުޅު ވަނީ މި އަހަރު ނިމުމުގެ ކުރިން ޕޫޓިނާއެކު ނިޔްކްލިއަރ އައު އެއްބަސްވުމެއްގައި ސޮއި ކުރައްވާށެވެ. ކުރިމަގުގައި އެއްބަސްވެވޭ މުޢާހަދާގައި ހުރިހާ ބާވަތެއްގެ ނިޔުކްލިއަރ ހަތިޔާރު ހިމެނޭނެއެވެ. މި ކަމަށް ރަޝިޔާ އެއްބަސްވެއްޖެނަމަ އައު މުޢާހަދާއެއް އެކުލަވާލައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިހާރު ޢަމަލު ކުރެވެމުންދާ މުޢާހަދާގެ މުއްދަތު 2021ގެ ފެބްރުއަރީގައި ހަމަވާނެއެވެ. ޓްރަމްޕް އުއްމީދު ކުރައްވަނީ މި މުޢާހަދާގައި މޮސްކޯއާއެކު ބޭޖިންގް ވެސް ބައިވެރި ކުރެއްވުމަށެވެ.

ބައިޑްން ވިދާޅުވާ ގޮތުގައި އޭނާގެ އަމާޒަކަށް ވާނީ އެމެރިކާގެ ޢަސްކަރީ ޢަޤީދާގައި އައިސްފައިވާ ނިޔްކްލިއަރ ހަތިޔާރުގެ ދައުރު ކުޑަކުރެއްވުމެވެ. އައު އެއްބަސްވުމަކާ އައު މިންގަނޑުތަކަކާ ހަމައަށް ވާޞިލުވެވެންދެން މިހާރުގެ މުޢާހަދާ އައު ކުރައްވަން ބައިޑްން ގަސްތުކުރައްވައެވެ.

ބައިޑްން މި އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ މޮސްކޯ ހިތްހަމަޖެހޭ ކަމެއްނޫނެވެ. އެއީ ބައިޑްން ނޭޓޯގެ ދައުރު ވަރުގަދަ ކުރެއްވުމަށް މަސައްކަތް ފައްޓަވާނެތީއެވެ. މީގެއިތުރަށް އިރުމަތީ ޔޫރަޕްގައި އޮތް މޮސްކޯގެ ނުފޫޒު ކުޑަކުރައްވަން މަސައްކަތް ކުރައްވާނެތީއެވެ.

މިހެން ކަންއޮތް ކަމުގައި ވިޔަސް ބައިޑްނަށް މި އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގަތުމަކީ ރަޝިޔާއަށް "ވަންހަނާ" ފައިދާތަކެއް ކުރާނެ ކަމެކެވެ. މީގެ އަހަރެއްހާ ދުވަސްކުރިން  އެމެރިކާގެ Forbes މަޖައްލާގައި އެލެން ވާލްޑް ލިޔުއްވާފައިވާ މަޒްމޫނެއް ބުނާގޮތުގައި ރަޝިޔާއާއި ސަޢޫދީ ޢަރަބިއްޔާއިން ތާއީދު ކުރަނީ ޑިމޮކްރެޓިކް ކެންޑިޑޭޓަށެވެ. މި ދެ ޤައުމަކީ އެ ދެޤައުމުގެ އިޤްތިޞާދު ތެލާއި ގޭހުގެ މަތީގައި ބިނާވެފައިވާ ދެ ޤައުމެވެ. އެ ދެ ޤައުމުގެ ވެސް އުއްމީދަކީ ތެލާއި ގޭހުގެ އަގު 2014 ގެ އަގުތަކާ އެއްވަރަށް މައްޗަށް އުފުލުމެވެ. މި ކަން ކުރެވޭނީ ތެޔޮ އުފެއްދުން މަދު ކުރަން އެމެރިކާއަށް ވެސް މަޖްބޫރު ކުރެވިގެންނެވެ. ބައިޑްނަކީ ތިމާވެށްޓަށް އިސްކަންދެއްވާ ބޭފުޅަކަށް ވާތީ އޭނާ ތެޔޮ އުފެއްދުން މަދު ކުރައްވާނެއެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ތެޔޮ އުފެއްދުން ވަރަށް ބޮޑަށް ފުޅައުކޮށްފައެވެ.

ޗައިނާ … ވިޔަފާރީގެ ވާދަވެރިކަން

ޗައިނާއާއެކު މުޢާމަލާތު ކުރެއްވުމަށް ޓަކައި ހަތަރު އިސްތިރާތީޖީއެއް ގެންގުޅުއްވާނެ ކަމަށް ބައިޑްން ވިދާޅުވެފައި ވެއެވެ. އެމެރިކާގެ އެކުވެރީންނާއެކު ވިޔަފާރީގެ މުޢާމަލާތުތައް ވަރުގަދަކޮށް ހަރުދަނާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއާ ކުރިމަތިލުމަށް ޓަކައި އެކުވެރީންގެ އެއްބާރުލުމެއް ޤާއިމު ކުރައްވަން ގަސްތު ކުރައްވާ ކަމަށް ބައިޑްން ވިދާޅުވިއެވެ.

ބައިޑްން ވިދާޅުވާ ގޮތުގައި ޗައިނާއިން ވިޔަފާރީގެ މައިދާނުގައި ގެންގުޅެނީ ޢަދްލުވެރި ސިޔާސަތެއްނޫނެވެ. އެހެންކަމުގައި ވިޔަސް ޗައިނާއިން އެތެރެކުރާ މުދާތަކުން ނަގާ ޓެކްސް އިތުރު ނުކުރައްވާނެ ކަމަށް ބައިޑްން ވިދާޅުވިއެވެ. ޓެކްސް އިތުރު ކުރުމުން އެ ކަމުގެ  ބުރަ އުފުއްލަން ޖެހެނީ  ޙަޤީޤަތުގައި އެމެރިކާގެ ރައްޔިތުން ކަމަށް ބައިޑްން ވިދާޅުވިއެވެ. މި ކަމުން ޗައިނާއަށް ލިބޭ ގެއްލުމަށްވުރެ އެމެރިކާގެ ދަނޑުވެރީންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާއަށް އެމެރިކާއާ ވާދައެއް ނުކުރެވޭނެއެވެ. އެމެރިކާގެ  ޓެކްނޮލޮޖީއާއި  ސައެންސީ ދިރާސާތާއި  ތަޢުލީމުގެ ފެންވަރު  މާ މަތިވާނެއެވެ.

ބައިޑްން ވިދާޅުވާ ގޮތުގައި ޗައިނާއަށް ފިއްތުމަށް ޓަކައި އެމެރިކާއަށް އެތައް ވަސީލަތްތަކެއް ލިބިފައި އެބަ އޮތެވެ. އޭގެތެރޭގައި ޗައިނާގެ މުސްލިމުންނާމެދު ބޭޖިންގުން ކުރާ ލާއިންސާނީ މުޢާމަލާތުގެ މަސްއަލައާއި، ކޮވިޑް 19އާ ބެހޭ މައުލޫމާތު ސިއްރުކޮށް ހިފަހައްޓައިގެން އުޅޭ މަސްއަލައާއި ، ވިޔަފާރީގައި ޗައިނާއިން ގެންގުޅޭ ބޭއިންސާފު ސިޔާސަތުފަދަ ޢަމަލުތައް ހިމެނެއެވެ. ބައިޑްނާ ބެހޭގޮތުން ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބައިޑްނަކީ ޗައިނާގެ ޒަޢާމަތާއެކު ވާހަކަދެއްކުމުގައި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ޒަޢީމެކެވެ. އޭނާ ތަޞްވީރު ކުރައްވާ ގޮތުގައި ޗައިނާއަކީ އިތުބާރުކުރަން ހެޔޮނުވާނެ ބާރެކެވެ. މި ކަމުގައި ދީމުޤުރާޠީ ބާރުތައް އެކަތިގަނޑަކަށް ވާން ޖެހޭނެއެވެ. ޗައިނާ ސަރުކާރުން މިހާރުވަނީ އެ ޤައުމުގެ ދައުލަތުގެ މުއައްސަސާތަކަށް ޞިނާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ދިރާސާކުރެވޭނެ މަގުތައް ތަނަވަސްކޮށްދީފައެވެ. ބައިޑްން އެމެރިކާގެ Foreign Affairs މަޖައްލާގައި ލިއުއްވި މަޒްމޫނެއް ބުނާގޮތުގައި ޗައިނާއަށް ރަނގަޅަށް ފާރަނުލައިފިނަމަ  އެމެރިކާގެ ޓެކްނޮލޮޖީތައް ޗައިނާއިން ވަގަށް ނަގަން ފަށައިފާނެއެވެ. އަދި އެމެރިކާގެ ކުންފުނިތަކުގެ ފިކްރީ މިލްކިއްޔާތުތައް ޖަހައިގަންފާނެއެވެ.

އޭނާ ކަށަވަރުކޮށް ދެއްވި ގޮތުގައި އުތުރު ކޮރެއާގެ މަސްއަލައާއި ޖައްވު ހޫނުވުން އިތުރުވަމުންދާ މަސްއއަލައާއި ތިމާވެށްޓާ ނިޔުކްލިއަރ ހަތިޔާރުފަދަ މަސްއަލަތަކުގައި ޗައިނާއާއެކު އެމެރިކާ އެއްބާރުލާނެއެވެ. ބައިޑްން ކަށަވަރުކޮށް ދެއްވާގޮތުގައި ޗައިނާއަށް ފިއްތުމަށްޓަކައި އެކުވެރި ރަޙްމަތްތެރީންގެ ބޭނުން ހިފޭނެއެވެ. (ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *