Support Us

އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ރައީސް ޖޯ ބައިޑްން ގެންނަވާނީ ކޮން ކަހަލަ ބަދަލުތަކެއް؟ – 2

ޗައިނާ ، ރަޝިޔާ ، މެދުއިރުމަތި ފަދަ ޙައްސާސު ފައިލްތަކާއެކު ބައިޑްން މުޢާމަލާތު ކުރައްވާނީ ކިހިނެއް!

އީރާން… ނިޔުކްލިއަރ ޕްރޮގްރާމަށް އެމެރިކާ އަނބުރާ ދާނެބާ!

މި މަސްއަލައިގައި ޓްރަމްޕާ ބައިޑްންގެ ޚިޔާލު ވަރަށް ތަފާތެވެ. ބައިޑްން އިސްކަން ދެއްވަނީ 2015ވަނަ އަހަރުގެ ނިޔުކްލިއަރ އެއްބަސްވުމަށް އެމެރިކާ ރުޖޫޢަވުމަށެވެ. އެއީ އީރާނުން ވެސް މި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަމުންދާނަމައެވެ. ޓްރަމްޕް މި އެއްބަސްވުމުން ވަކިވެވަޑައިގަތުމާ ވިދިގެން އީރާނުން ވަނީ ޔޫރާނިއަމް އަލުން މުއްސަނދިކުރަން ފަށައިފައެވެ. ބައިޑްން ވިދާޅުވިގޮތުގައި  އީރާނާއެކު ވަރަށް ހަރުދަނާ ވާހަކަ ދެއްކުންތަކެއް އޭނާ ފަށްޓަވާނެއެވެ. އެހެނަސް ބައިޑްން މިކަމާ ބެހޭގޮތުން ތަފްޞީލުތަކެއް ނުދެއްވައެވެ.

އޯގަސްޓް 2019ގައި ބައިޑްން އެމެރިކާގެ ޚާރިޖީ ގުޅުންތަކާބެހޭ މަޖިލީހަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އީރާނުން ވަޢުދުވެފައިވާ ގޮތަށް ނިޔުކްލިއަރ ޕްރޮގްރާމަށް ޠަހަރާން ބޯލަނބައިފިނަމަ ކުރިން އެއްބަސްވެފައިވާ މަޝްރޫޢާ އެއްގޮތަށް އެމެރިކާއިން ޢަމަލު ކުރަން ފަށާނެއެވެ. އީރާނުން އެ ސަރަޙައްދުގައި ގެންގުޅޭ "ހަޑިމުޑުދާރު" ސިޔާސަތާ ކުރިމަތިލުމަށްޓަކައި އެމެރިކާއިން މަސައްކަތް ފަށާނީ މި ނުކުތާއިން ކަމަށް ބައިޑްން ވިދާޅުވިއެވެ. ގިނަ ޑިމޮކްރެޓުން އެދެނީ މި ގޮތެވެ. މިއީ އޮބާމާގެ ޚާރިޖީ ސިޔާސަތުގައި ފާހަގަކޮށްލެވޭ އެއް ރާސްތާއެވެ.

ބާހިސުންނާއި ދާރިސުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމަކީ ކަރުދާހުގައި އޮތް ދެލިފޮދެކެވެ. އެމެރިކާގެ ހަރުކަށި ފިއްތުންތަކާ ހެދި އީރާނުން ވަނީ މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމާ އެކަހެރިވެފައެވެ. އެހެންކަމުން މި އެއްބަސްވުމަށް ދިރުމެއް ގެނެވޭނީ އަލުން ވާހަކަދައްކައިގެންނެވެ. އެމެރިކާ އަނބުރާ މި އެއްބަސްވުމަށްގޮސް އީރާނާދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވާލައިފިނަމަ ވާހަކަދެއްކުންތައް ވަރަށް ފަސޭހައިން ފެށިދާނެއެވެ.

ދާރިސުން ވިދާޅުވާ ގޮތުގައި އީރާނުގެ ހަރުކަށި ސިޔާސީ އިސްވާރުން މި އެއްބަސްވުން ބަދަލު ކުރުމާ ބެހޭގޮތުން އަލުން ވާހަކަ ދައްކަން ޤަބޫލުފުޅެއް ނުވާނެއެވެ. މީގެއިތުރަށް ކޮންގްރެސްގައި ތިއްބެވި އިސްރާއީލަށް ތާއީދު ކުރައްވާ މެންބަރުންގެ ފިއްތުންތައް ވެސް މި ކަމުގައި އޮންނާނެއެވެ. މި ބޭފުޅުންގެތެރޭގައި ޑިމޮކްރެޓުން ވެސް ހިމެނެއެވެ.

ތުރްކީ – އެމެރިކާ ގުޅުން

ރިޔާސީ ޙަމަލާތަކުގެ ތެރޭގައި ތުރްކީ – އެމެރިކާ ގުޅުމަކީ ޓްރަމްޕާ ބައިޑްން ދެކޮޅަށް ދެކޮޅަށް ވަރަށް ބާރަށް ދެންމެވި ވަލެކެވެ. ޑިމޮކްރެޓުން ދެކޭގޮތުގައި މެދުއިރުމަތީގެ ވަރަށް މުހިއްމު ފައިލްތަކަކާ ބެހޭގޮތުން ތުރްކީން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ރައީސް ޓްރަމްޕް ވަނީ ފިޔަވަޅެއް ނާޅުއްވައި އިހްމާލު ކޮށްލައްވައިފައެވެ. ރޮއިޓަރު ބުނާގޮތުގައި ބައިޑްން ވެސް މި ފައިލްތަކުގައި (ސޫރިޔާއާއި ލީބިޔާފަދަ މަސްއަލަތަކުގެ ފައިލްތަކުގައި) ގެންގުޅުއްވާނީ ހަމަ މި ކަހަލަ ސިޔާސަތެކެވެ. އެއީ މި ފައިލްތަކުގެ މަސްހުނިކަމާއި އޮޅުންބޮޅުންކަން ބޮޑުކަމުންނާއި ތުރްކީން އެމެރިކާގެ ފަލަކުން ދުރުގައި މުސްތަޤިއްލު މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެން މަސައްކަތް ކުރާތީއެވެ. ރަޝިޔާ އަތުން ތުރްކީ ގަނެފައިވާ މިސައިލުގެ މައިތިރި ނިޒާމު އެސް – 400 އަކީ މި ގުޅުމަށް ނުބައި އަސަރު ފޯރުވަމުންދާ މަސްއަލައެކެވެ.ތުރްކީގެ ރައީސް އުރްދުޣާން މި މައިތިރި ނިޒާމުގެ އަޖުމަ ބައްލަވަން ބޭނުންފުޅުވެއެވެ. ޝަޚްޞީގޮތުން ބަލާއިރު ތުރްކީގެ ރައީސް ތާއީދު ކުރައްވަނީ ބައިޑްނަށްވުރެ ޓްރަމްޕަށެވެ.

ތުރްކީއާބެހޭ މަސްއަލަތަކުގައި ބައިޑްން ދައްކަވާފައި ވަނީ ސުރުމުތީގެ ގަދަފަދަ ސިޔާސަތެކެވެ. ބައިޑްނަކީ އުތުރު ސޫރިޔާގައި ކުރްދީންނަށް ދައުލަތެއް ނުވަތަ ދާޚިލީ މިނިވަން ކިޔާނެއް އުފެއްދުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

މިހެން ކަން އޮތްކަމުގައި ވިޔަސް ބައިޑްނަކީ ނަތަންޔާހޫއާއި، ސަޢޫދީ ޢަރަބިއްޔާއާއި، އެކުވެރި ޢަރަބި އިމާރާތާއި ރައީސް ސީސީއަށް އެއްވެސް ހިފެހެއްޓުމެއްނެތި ތާއީދު ކުރައްވާނެ ބޭފުޅެއްނޫނެވެ. މި ހަތަރު ބާރަކީ ތުރްކީގެ ސަރަޙައްދީ ހަތުރުވެރީންނެވެ.

ތުރްކީއަށް ބަލާއިރު ބައިޑްން ވެރިކަމަށް ވަޑައިގަތުމުން ފައިދާތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ސަޢޫދީގެ ސިޔާސަތަށް ބައިޑްން ފާޑުވިދާޅުވާނެ ކަމެވެ.  ދެވަނަ ކަމަކީ އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމުގެ މަސްއަލައިގައި އެ ސަރަޙައްދަށް ހަމަޖެހުން ގެނެސްދޭނެ ސިޔާސަތަކަށް ލެނބިވަޑައިގަންނަވާ ކަމެވެ. ތުރްކީއަށް ބަލާއިރު އީރާނަކީ ތުރްކީގެ ވިޔަފާރީގެ ވަރަށް ގާތް އެކުވެރިއެކެވެ. ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން މި ގުޅުމަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ރަޝިޔާއަށް ބަލާއިރު ބައިޑްންގެ ސަބަބުން ތުރްކީއަށް ފައިދާކުރާނެތެވެ. ބައިޑްނަކީ ރަޝިޔާގެ ނުފޫޒު ފެތުރިގެން ދިޔުމާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ތުރްކީން ދެކޭގޮތުގައި ބައިޑްން މޮޅުވުމުގެ ސަބަބުން އެމެރިކާއިން ކުރިމަތިލާނީ ޗައިނާއަށްވުރެ ބޮޑަށް ރަޝިޔާއަށެވެ. ތުރްކީން ސޫރިޔާއާއި ލީބިޔާއާއި އަޒަރްބައިޖާނުގައި ގެންގުޅޭ ސިޔާސަތަކީ ރަޝިޔާއިން ތާއީދު ކުރާ ސިޔާސަތުތަކެއް ނޫނެވެ.  އެމެރިކާއިން ރަޝިޔާއާ ކުރިމަތިލުމަށް އިސްކަން ދިނުމަކީ މި ފަދަ މަސްއަލަތަކުގައި ބޯމަތީގައި ދަނޑި އެބުރުމުގެ މައިދާން ތުރްކީއަށް ތަނަވަސްވެގެންދާނެ ކަމެކެވެ. ކައިރި އިރުމަތީގެ ސިޔާސަތުތައް ދިރާސާކުރާ ވޮޝިންގްޓަން އިންސްޓިޓިއުޓްގެ ބާޙިސުން ވިދާޅުވާ ގޮތުގައި ނޭޓޯ އަލުން ދިރުއްވުމަށް ބައިޑްން މަސައްކަތް ފަށްޓަވާނެއެވެ. މިކަމުގެ ތެރޭގައި ރައީސް އުރްދުޣާނާއެކު މަޝްވަރާތައް ކުރައްވާނެއެވެ. ރަޝިޔާއާ ކުރިމަތި ލުމަށް ޓަކައި ތުރްކީއަކީ ވަރަށް މުހިއްމު ޤައުމެއްކަން އެންމެން ވެސް ދަނެއެވެ. ބޯޅަ އޮތީ ބައިޑްންގެ ކޮޅުގައެވެ. ތުރްކީއަށް ފިއްތުންތައް އިތުރު ކުރުމަށްވުރެ ކޮންމެވެސް ވަރަކަށް ދޫދިނުން މުހިއްމުކަމަށް ބާޙިސުން ވިދާޅުވެއެވެ. ސަތާރަ އޮކްޓޫބަރުގައި ބައިޑްން ކުރައްވާފައި ޓުވީޓެއް ބުނާގޮތުގައި އޭނާ އުރްދުޣާނާއެކު "ޙަޤީޤީ" ވާހަކަ ދެއްކުންތަކެއް ބާއްވަވާނެއެވެ.

ފަލަސްޠީނު ޓްރަމްޕުގެ ޒަމާނަށްވުރެ ނުބައިވެގެން ނުދާނެ

ބައިޑްނަކީ ވެސް އިސްރާއީލަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އިސްރާއީލުގެ ޢަސްކަރީބާރު އެސަރަޙައްދުގެ އެހެން ބާރުތަކަށްވުރެ ވަރުގަދަކޮށް ދަމަހައްޓަވާނެ ކަމަށް ބައިޑްން ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެހެނަސް އޭނާއަކީ ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބިންތައް ކަމުގައި ނެހެދުމަށް އޭނާ ނަސޭޙަތް ދެއްވައެވެ.

ފަލަސްޠީނުގެ ޒަޢިމުން ޓްރަމްޕަށް ނާކާމިޔާބު ލިބިވަޑައިގަތުމަށް އުއްމީދު ކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ވައިޓްހައުސްގައި ހުންނަވައިގެން ފަލަސްޠީނު ރައްޔިތުންނަށް އެއްވެސް ކުރިމަގެއް ނުފެންނާނެތެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ކޮންމެ ގޮތަކަށް ބެއްޔަސް ޖޯ ބައިޑްން ، ރައީސް ޓްރަމްޕަށްވުރެ ރަނގަޅުވާނެއެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް އޭނާގެ މޫނުފުޅުގެ ފެންފޮދު ރައްކައުތެރިކުރައްވާނެ ފުރްޞަތެއް ޓްރަމްޕް ވަނީ ނުދެއްވާފައެވެ. އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުން އެމީހުންނަށް ހިންދަމާލެވޭނެ މަގެއް ވަނީ ދައްކަވާ ނުދެއްވައިފައެވެ.

ޖޯ ބައިޑްނަކީ ފަލަސްޠީނު މީހުން އެމީހުންގެ ދައުލަތް ކުރިމަގުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް އިސްރާއީލުގެ ބިންތަކަކަށް ހަދަމުންދާ ދިޔުމާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެމެރިކާގެ އާނ ބަސް ނުލިބި އިސްރާއީލުން މި ބިންތަކަށް އަރައިގަންނާކަށް ނުކެރޭނެއެވެ.

ފަލަސްޠީނުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޖިހާދު ޙަރްބު ވިދާޅުވާ ގޮތުގައި ބައިޑްންގެ ސަބަބުން "މަޙްމޫދު ޢައްބާސަށް ގަހުން ފައިބާ ވަޑައިގަތުމުގެ ފުރްޞަތު ލިބިވަޑައިގަންނަވާނެ" އެވެ. އޭރުން ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ތަންތަނަށް ހެދުން ހުއްޓައިލާނެއެވެ. އަދި ފަލަސްޠީނަށް ދޭން ޖެހޭ ޓެކްސް ފައިސާ ފަލަސްޠީނަށް ލިބުމަށް ދޮރު ހުޅުވިގެންދާނެއެވެ.

ޢުމުރުފުޅުން 84 އަހަރުވީ ޢައްބާސް ދެކެވަޑައިގަންނަވާ ގޮތުގައި ދެ ދައުލަތް ޤާއިމު ކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމަށް ޙައްލެއް ފެނިގެންދާނެއެވެ. މީގެއިތުރަށް ފަލަސްޠީނު މީހުން އުއްމީދު ކުރާ ގޮތުގައި ވައިޓްހައުސްގެ ވަށައިގެން އޮތް ގަނޑުފެންތައް ވިރި އެމެރިކާގެ އެހީ ކޮންމެވެސް މިންވަރަކަށް ފަލަސްޠީނަށް ލިބެން ފަށާނެއެވެ.

ޤުދްސަށް ބަދަލުކުރި އެމެރިކާ އެމްބަސީ ބަންދުކުރާނެ ބާ!

އެހެންކަމުގައި ވިޔަސް އެމެރިކާއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުން ރުޖޫޢަވުން ވަރަށް ދަތިކަމަކަށް ވާނެއެވެ. އެމެރިކާ އެމްބެސީ ތައްލު އަބީބުން ޤުދްސަށް ބަދަލުކުރި ކުރުން އުވާލުން ވަރަށް ބޮޑު ކަމަކަށް ވާނެއެވެ. ބައިޑްންގެ ކުރިމަގަށް ޓަކައި މި ފަދަ ފިޔަވަޅަކާ މެދު ނުވިސްނަވާނެ ކަމަށް ލަފާ ކުރެވެއެވެ.

ދެވަނަ ކަމަކީ ވޮޝިންގްޓަންގައި ހުރި ފަލަސްޠީނުގެ ޑިޕްލޮމެޓިކް އޮފީސް އަލުން ހުޅުވުމުގެ މަސްއަލައެވެ.

ތިންވަނަ ކަމަކީ އެމެރިކާއިން ދެމުން ދިޔަ މާލީ އަދި އިޤްތިޞާދީ އެހީ އަލުން ދިނުމުގެ މަސްއަލައެވެ. މި ކަންކަމުގައި ބައިޑްނަށް ކުރިއަށް ވަޑައިގެންނެވޭނީ ކޮންގްރެސްގެ ވެސް އާނ ބަސް ލިބިވަޑައިގެންނެވެ.

ހަތަރުވަނަ ކަމަކީ ޤުދްސުގައި ހުރި އެމެރިކާގެ ކޮންސްލޭޓް އަލުން ހުޅުވުމުގެ މަސްއަލައެވެ. ފަލަސްޠީނުގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓީކް އޮފީހުގެ މަޤާމު ފުރަމުން ދިޔަ މި އޮފީސް ބަންދު ކުރެވުނީ 2019ގައެވެ. ރައީސް ޓްރަމްޕް ވަނީ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އިޢުލާނު ކުރައްވައިފައެވެ. އެހެންކަމުން ޤުދްސުގައި އޮފީހެއް ހުޅުވޭނީ އިސްރާއީލުގެ ހުއްދައާއެކުގައެވެ. މި މަސްއަލަ  ވަރަށް އުދަނގޫ މަސްއަލައަކަށް ވާނެއެވެ.

މެދުއިރުމަތީގެ ސުލްޙައާބެހޭ ފައުންޑޭޝަންގެ ރައީސް ލާރާ ފްރެޑްމަން ވިދާޅުވާ ގޮތުގައި މިއިން ކޮންމެ ކަމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެހެނަސް އެކަންކަމަށް ސިޔާސީ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.

ރައީސް ޢައްބާސް އެދިވަޑައިގަންނަވަނީ އެމެރިކާއިން ފަލަސްޠީނުގެ މަސްއަލައަށް އިސްކަމެއް ދިނުމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ފިއްތުމެއްނެތި އިސްރާއީލުން ދުލެއް ނުދޭނެއެވެ.

ބައިޑްން ވިދާޅުވާ ގޮތުގައި އޭނާއަށް އިސްކަންދެއްވަން ޖެހިވަޑައިގަންފައިވާ އެތައް ކަންތައްތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ކޮރޯނާ ވައިރަސް ކަމަށް ބައިޑްން ވިދާޅުވިއެވެ. އޭނާ ސާފު ބަހުން ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްރާއީލާއެކު އެއްވެސް ދެބަސްވުމަކަށް ވަޑައެއް ނުގަންނަވާނެއެވެ. ސިޔާސީ މުޙައްލިލަކު ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ކަމެއް ކުރީގެ ޙާލަތަށް އަނބުރާ ދިޔުމަކީ ޚިޔާލީ ކަމެކެވެ.

އުތުރު ކޮރެޔާ ފަރުދާގެ މައްޗަށް އޮތް ފަރުދާއެއް

އެމެރިކާއާއެކު އުތުރު ކޮރެއާއިން ފަށާފައިވާ ވާހަކަދެއްކުންތައް ވަނީ ހުއްޓައިލެވިފައެވެ. ރިޔާސީ ޙަމަލާތަކުގެތެރޭގައި އެއިން އެއްވެސް ބޭފުޅަކު އުތުރު ކޮރެއާމެދު ޚިޔާލު ކުރައްވާ ގޮތެއް ހާމަކުރައްވައިފައެއް ނުވެއެވެ.  (ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *