Support Us

އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ރައީސް ޖޯ ބައިޑްން ގެންނަވާނީ ކޮން ކަހަލަ ބަދަލުތަކެއް؟

ވޯޝިންގްޓަނާއި ސަޢޫދީ ޢަރަބިއްޔާގެ މާމުއި ހަނދު އޮއްސިގެންދާނެބާ!

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑްނަކީ ސިޔާސީ މައިދާނުގައި ވަރަށް ތަޖްރިބާކާރު ބޭފުޅެއް ކަމަށް އެންމެން ވެސް އެއްބަސްވެއެވެ. އެ މަނިކުފާނަކީ ސެނެޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން އެ މަނިކުފާނަކީ ރައީސް އޮބާމާގެ ނާއިބު ރައީސެވެ.

ޓްރަމްޕާ ބައިޑްން ވަރަށް ތަފާތުވާނެކަން ކަށަވަރެވެ. އެތައް މަސްއަލަތަކެއްގައި ދެ ބޭފުޅުންގެ ޚިޔާލު ވަރަށް ތަފާތެވެ. އަރާރުން ވަރަށް ބޮޑެވެ. އިންތިޚާބީ ރޭހުގެ ތެރޭގައި ބޭއްވުނު ބަޙުސްތަކުން ވަނީ އެކަން ފާޅުވެފައެވެ. އެހެންކަމުގައި ވިޔަސް ބައެއް ބޮޑެތި ލަނޑުދަނޑިތަކުގައި ދެ ބޭފުޅުންގެ ޚިޔާލު އެއްގޮތްކަން ވެސް ފާހަގަކުރެވެއެވެ. އޭގެތެރޭގައި މެދުއިރުމަތީގައްޔާއި  އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކުރުމުގެ މަސްއަލަ  ފާހަގަ ކުރެވެއެވެ. ބައިޑްން ތުހްމަތު ކުރައްވާފައިވާ ގޮތުގައި ރައީސް ޓްރަމްޕް މަސައްކަތް ކުރައްވާފައިވަނީ އެމެރިކާގެ އެކުވެރީންނާއެކު ޤާއިމު ކުރެވިފައި ހުރި ޖަމާޢާތްތައް (ނޭޓޯފަދަ) ބަލިކަށި ކުރެއްވުމަށާއި ޚުދްމުޚްތާރު ވެރީންނާއެކު ގުޅުންތައް ބަދަހި ކުރެއްވުމަށެވެ. ބައިޑްން ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު، އީރާނުގެ ނިޔްކްލިއަރ ޕްރޮގްރާމާބެހޭގޮތުން 2015ގައި އެއްބަސްވެފައިވާ މުޢާހަދާއިން ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާ ބޭރުވުމުގެ ސަބަބުން އީރާނުގެ ނިޔުކްލިއަރ އެދުންތައް ހުއްޓުވުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.

ނޭޓޯގެ ކުރީގެ ކޮމާންޑަރެއް ކަމުގައިވާ ރިޓަޔަރޑް އެޑްމިރަލް ޖޭމްސް ސްޓާވްރިޑިސް ވިދާޅުވާ ގޮތުގައި މޫސުމާ ތިމާވެށްޓާ ބެހޭ މަސްއަލަތަކާއި އިރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާއި، ޢިރާޤާއި ސޫރިޔާއާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދު ކުރުންފަދަ ޙައްސާސީ މަސްއަލަތަކަށްވުރެ ބައިޑްނާ އާ ޓްރަމްޕްގެ އަރާރުން ބޮޑުވެފައިވާނީ ނޭޓޯފަދަ އެކުވެރި ޖަމާޢަތްތައް ދެމެހެއްޓުމުގެ މަސްއަލައިގައެވެ.މިފަދަ ޖަމާޢަތްތަކުގެ ބޭނުންތެރިކަމާމެދު އެ ދެބޭފުޅުންގެ ވިސްނުން އުޑާ ބިމާހާ ތަފާތެވެ.

މެދުއިރުމަތި: އެނބުރި ދިޔުމެއްނެތް

މެދުއިރުމަތީގައި ރައީސް ޓްރަމްޕް ގެންގުޅުއްވި ސިޔާސަތާ ދެކޮޅަށް ބައިޑްން ފާޑު ވިދާޅުވިޔަސް  މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އަސާސީ އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ދިރާސާތައް ބުނެއެވެ. ނުވަތަ މި ސިޔާސަތަށް ކުއްލި ބަދަލުތަކެއް މާ ކައިރި މުސްތަޤްބަލެއްގައި ނާންނާނެތެވެ.

ޓްރަމްޕުގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ މެދިއިރުމަތީގެ ކޯޅުންތަކުން ބޭރަށް ނުކުމެވަޑައިގެންނެވޭތޯއެވެ. މިކަމުގެ ސަބަބުން ސޫރިޔާއާއި ލީބިޔާއާއި އަރްމީނިޔާއާއި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދުގައި ހުސްކަމެއް އުފެދިގެން ދިޔައެވެ. ނަތީޖާއަކަށް ވީ ރަޝިޔާއަށާއި ތުރްކީފަދަ ވާދަވެރި ބާރުތަކަށް މި ހުސްކަން ފުރައިލުމަށް ޖާގަ ތަނަވަސް ވުމެވެ.

ބައިޑްންގެ ވެރިކަމުގައި "ބަސްމަގަށް" ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ. ބައިޑްނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ދާޚިލީ މަސްއަލަތަކާއި ސިޔާސީ މަސްއަލަތަކާ ހެދި ބައިޑްން މެދުއިރުމަތީގެ މަސްއަލަތަކުގައި އިދިކޮޅު ސިޔާސަތެއް ގެންގުޅުއްވާނެ ކަމަކަށް އަދި ލަފައެއް ނުކުރެވެއެވެ.

 

ސަޢޫދިޔާއަށް ..ޓްރަމްޕް ވަރެއް ނެތް

ޑިމޮކްރެޓުންނަށް ތާއީދު ކުރާ މަރްކަޒެއް ކަމުގައިވާ "ސެންޗަރީ ފައުންޑޭޝަން"ގެ ބާޙިސެއް ކަމުގައިވާ ޑެނިއަލް ބެނިމް ތައްޔާރު ކުރެއްވި ކަރުދާހެއް ބުނާގޮތުގައި އެއްވެސް ޝަރްޠަކާނުލައި ރައީސް ޓްރަމްޕް، އާލު ސުޢޫދީންނަށް ކުރައްވަމުން ގެންދެވި ތާއީދުގެ ސަބަބުން އެމެރިކާގެ އަގުތަކަށާއި މަޞްލަޙަތުތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މިސާލެއްގެ ގޮތުން އޭނާ ބަޔާންކުރެއްވީ ޔަމަނުގައި ސަޢޫދީން ކުރަމުންދާ ބޭނުމެއްނެތް ފަނާކުރަނިވި ހަނގުރާމައާއި، ސަޢޫދީ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝްޤަޖީ އަވަހާރަކޮށްލުމާއި، ސަޢޫދީ އަރަބިއްޔާގައި އިންސާނީ ޙައްޤުތައް ދިފާޢުކޮށް ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ސަޢޫދީ ސަރުކާރުން ގެންގުޅޭ އިނދަޖެއްސުމުގެ ސިޔާސަތާއި، ސަޢޫދީ ޢަރަބިއްޔާގައި ޑިމޮކްރަސީއެއްނެތި ވެރިކަމަށް ޚުދުމުޚްތާރު އެންމެ ފަރްދަކު އަތްގަދަކުރަމުންދާ އަތްގަދަކުރުމުގެ ވާހަކައެވެ. މިއިން ކޮންމެ މަސްއަލައަކީ ރައީސް ޓްރަމްޕްގެ ތާއީދާހެދި އެމެރިކާއިން ރިޔާޟާ ދެކޮޅަށް ފިޔަވަޅު ނޭޅި އޮތް މަސްއަލަތަކެކެވެ. އެމެރިކާގެ ޤާނޫނުހަދާ ދެ ގޭގޭގައިވެސް މި ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވައިލާ އަޑުތައް ދިޔައީ އިތުރުވަމުންނެވެ.

މިކަންކަމާމެދު އެމެރިކާގެ އައު ސަރުކާރުން ވިސްނާނެއެވެ. މި ކަންކަމުގައި އެމެރިކާގެ ސިޔާސަތުގެ މިސްރާބު ރަނގަޅު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެހެނަސް އެމެރިކާއިން ރިޔާޟާމެދު ދެކޭގޮތަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެއެވެ. ބަދަލު އަންނާނީ މި ގުޅުންތައް ތަންޒީމުކޮށް  ތަރްތީބު ކުރުމުގައެވެ.

ޚަޝްޤަޖީ މަރައިލުން

ޚަޝްޤަޖީގެ މަރުގެ މަސްއަލައަށް ބަލާއިރު ބައިޑްންގެ ތަޤްރީރުތައް ވަރަށް ތަފާތެވެ. ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް އޭނާ ފާޑުވިދާޅުވެފައިވަނީ ވަރަށް ދިލަނަގާފަދަ ގޮތަކަށެވެ. އެމެރިކާގެ ޤާނޫނުހަދާ ދެ ގޭގައި ތިއްބެވި ޑިމޮކްރެޓުން މި މަސްއަލާގައި ސައޫދީ ސަރުކާރަށް އިނގިލިފުޅުތައް ދިއްކުރައްވާފައި ވެއެވެ.

އޮކްޓޫބަރު 2، 2020ގައި ބައިޑްން ނެރުއްވި ބަޔާނުގައި އައިސްފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގައި ރިޔާޟާ ދެކޮޅަށް ޙަރަކާތްތެރިވާ މީހުންނަށް އެމެރިކާއިން ތާއީދު ކުރާނެއެވެ. އަދި ރިޔާޟުގެ ވަކިތަކުން އެމީހުން ޙިމާޔަތް ކުރުމަށް ޓަކައި ވޮޝިންގްޓަނުން ވަސީލަތްތައް ތަނަވަސްކޮށް ދޭނެއެވެ.

ބައިޑްންގެ ބަޔާނުގައި ޚަޝްޤަޖީގެ މަރުގެ ޙާދިސާ ތަޙްޤީޤު ކުރުމަށް ގޮވައިލާ އަޑުތައް އައްސަވާނެ ކަމަށް  ވިދާޅުވެފައި ވެއެވެ. މި ބަޔާނުގައި ސަޢޫދީ ނޫސްވެރިޔާ ޖަމާލް ޚަޝްޤަޖީގެ މަރައިލުމަށް އިޝާރަތް ކުރައްވާފައި ވެއެވެ. އެއީ މިނިވަންކަމަށް ޓަކައި ޤުރްބާން ކުރެވުނު ޝަޚްޞެއްކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޓަކައި ދުނިޔޭގެ ކަންކޮޅުތަކުގައި މީސްތަކުން އުފުލާ އަޑުތައް އޭނާއަށް އިވިވަޑައިގަންނަވާނެއެވެ.

ޔަމަނު ހަނގުރާމަ

އިންތިޚާބީ ޙަމަލާގެ ތެރޭގައި ބައިޑްން ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު ބައިޑްންގެ ރިޔާސަތުގައި ވޮޝިންގްޓަން– ރިޔާޟް ގުޅުން ވަރަށް ބޮޑަށް ފިނިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ވަޢުދުވެ ވަޑައިގެންފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއަށް އެމެރިކާއިން ހަތިޔާރު ވިއްކުން ހުއްޓައިލާނެއެވެ. ބައިޑްން މި ދިޔަ އަހަރު ޚާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހަށް ޚަބަރު ދެއްވި ގޮތުގައި "ސަޢޫދީ ޢަރަބިއްޔާއާއެކު އޮތް ގުޅުން އަލުން އަގުކުރުމަށް" އޭނާ އަމުރު ކުރައްވާނެއެވެ. އެއީ ޔަމަނުގައި ސަޢޫދީން ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިންސާނީ ޙާލަތާއި އިންސާނީ ޙައްޤުތައް ރެކޯޑް ފެންވަރަކަށް ދަށަށް ގޮސްފައިވާތީއާއި، 2018ގައި ނޫސްވެރިޔާ ޚަޝްޤަޖީ މަރައިލެވިފައިވާތީއެވެ. އެ މަސްއަލަ ރަނގަޅަށް ތަޙްޤީޤު ކުރުމަށް އެމެރިކާ ބޭނުންވާ ކަމަށް ބައިޑްން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބައިޑްންއާއި ހެރިސްގެ ސަރުކާރުން ވޮޝީންގްޓަނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ވާ ގުޅުންތައް އަލުން ވަޒަންކޮށް އަގުކުރާނެއެވެ. ޔަމަނުގެ ހަނގުރާމައިގައި އެމެރިކާއިން ސަޢޫދީ ޢަރަބިއްޔާ ކުރާ ތާއީދު ހުއްޓައިލާނެއެވެ. އެހެންކަމުގައި ވިޔަސް ސަޢޫދީން ތެޔޮ ގަތުމުގައްޔާއި ސަޢޫދިޔާއަށް ހަތިޔާރު ވިއްކުމުގައި އެމެރިކާގެ މަޞްލަޙަތު ރިޢާޔަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ތަޖްރިބާކާރެއް ކަމުގައިވާ ޖޭން ފްރާންސުވާ ސުއިޒްނީކް ވިދާޅުވާ ގޮތުގައި ކޮވިޑް- 19ގެ ސަބަބުން ހުއްޓިފައިވާ ދުނިޔޭގެ އިޤްތިޞާދާއި އޭގެ ސަބަބުން ހުއްޓިފައިވާ ދިފާޢީ ޞިނާޢާތް ކުރިއަރުވަން އެމެރިކާއަށް ވަނީ މި ވަގުތު މަޖްބޫރުވެފައެވެ. އެކަމުގެ ސަބަބުން ވަޒީފާތައް އިތުރުވެ އިޤްތިޞާދަށް ދިރުމެއް ލިބޭނެތީއެވެ. ވޮޝިންގްޓަންގައި ހުންނަ ޖޯން ހޮޕްކިންޒް ކޮލެޖްގެ މި އުސްތާޒު ވިދާޅުވާ ގޮތުގައި މިހެންވެ ސަޢޫދީ ޢަރަބިޔާއަށް ހަތިޔާރު ވިއްކުމުގެ ސިޔާސަތަށް ބަދަލެއް ނާންނާނެއެވެ.

ސަޢޫދިޔާޢައެކު އޮތް ގުޅުމަށް ނިމުމެއް އަންނާނެތަ؟

ބާޙިސުންނާއި ދާރިސުން ވިދާޅުވާ ގޮތުގައި އެމެރިކާ ޖެހިލުންވާ ކޮންމެ  ކަމެއް މުޙައްމަދު ބިން ސަލްމާނުގެ ސިޔާސަތުން ދުރުކުރައްވާނެއެވެ. ވަލީ ޢަހްދުގެ މި ސިޔާސަތުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ދާޚީލީ ކަންތައްތަކާ އެމެރިކާއިން ބެހުމަކީ ދުރު ކަމެކެވެ. ސަރަޙައްދީ  ހިރާސްތަކުގެތެރެއަށް އެމެރިކާއިން ވަންނާނެ ކަމަކަށް ނުފެނެއެވެ. އެހެންކަމުން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ދިރުވުމަށް ކުރެވޭ މަސައްކަތް ކުރިއަށް ދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

އިނގިރޭސި ވިލާތުގެ ވެބް ސައިޓެއްކަމުގައިވާ "މިޑްލްއީސްޓް އައި" ގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ވޮޝިންގްޓަން – ރިޔާޟު ގުޅުމުގެ ކަންކާލަށް ބަދަލެއް ނާންނާނެއެވެ. ބަދަލު އަންނާނީ ކުދިކުދި ވަނާތަކަށާއި ބައްޓަންތަކަށެވެ. ވައިޓްހައުސްއިން އަލަށް ލިބޭ އެކުވެރިޔާ ކުރީގެ އެކުވެރިޔާވަރު ނުވެ ހިނގައިދާނެއެވެ. އެހެނަސް އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ މުޅި ތަރަހަ ވަޒަންކޮށް އަގެއް ނުކުރާނެއެވެ.

ރައިސް ޔުނިވަރސިޓީގެ ބޭކަރ އިންސްޓިޓިއުޓްގެ ބާޙިސެއް ކަމުގައިވާ ކްރިސްޓިއަން ކޯޓްސް އޮލަރިކްސަން ވިދާޅުވާ ގޮތުގައި ބައިޑްނަކީ މެދުމިން ސިޔާސަތުގެ ބޭފުޅެކެވެ. އެހެންކަމުން އޭނާ ސަޢޫދީ ޢަރަބިއްޔާއާއެކު އެއްބާރުލުން ކުރިއަށް ގެންދަވާނެއެވެ. އެހެނަސް ކޮންގްރެސްގެ ފިއްތުންތަކުން މުޙައްމަދު ބިން ސަލްމާން ޙިމާޔަތް ކުރައްވަން މާ ބޮޑު މަސައްކަތްޕުޅެއް ނުކުރައްވާނެއެވެ. ބައިޑްންގެ ރިޔާސަތުގައި ސަޢޫދީ – އެމެރިކާ ގުޅުމުގައި ރެނދު އެޅިގެން ދިޔުން މަނާކުރައްވާނެއެވެ.

ޖޭން ފްރާންސުވާ ސިޒިނިކް ވިދާޅުވާ ގޮތުގައި ރިޔާޟުދެކެ ޑިމޮކްރެޓުން ދައްކާ ގަދަ ރުޅިއަކީ ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ " ފަލަ ދަނޑިބުރި" އެކެވެ. އެއީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ގޮވައިލާ ދަނޑިބުރިއެއްނޫނެވެ. ބައިޑްން މި ދަނޑިބުރިން ރިޔާޟުގެ ބުރިކަށްޓަށް ތަދުވާވަރަކަށް ނުޖައްސަވާނެއެވެ. އެހެން ކަމުން މި ސިޔާސަތަށް  އަސާސީ ބަދަލެއް ނާންނާނެއެވެ.  (ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *