"އަލްއިޞްލާޙު"ގެ މާނައަކީ ރިފޯމެވެ. ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ ނުވަތަ ޗާފުކޮށްގެން އާންމުކުރެވުނު ފުރަތަމަ ނޫސްމަޖައްލާ "އަލްއިސްލާޙު" ނެރެން ފެށުނީ 8 ޖުލައި 1933ގައެވެ. މީގެ 87 އަހަރުކުރިންނެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (22 ޑިސެންބަރު 1932)އިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ. އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް ލިބިފައެއް ނުވެއެވެ. އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއް ވެސް އާންމުކޮށް ލިބިފައެއް ނުވޭމެއެވެ.
"ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާ ޚިލާފު ނުވާހައި ހިނދަކު، އެމީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާ ލަފާތައް، ދުލުން ނުވަތަ ގަލަމުން ފައުޅު ކުރުމަށް މިނިވަންކަން ލިބިގެންވެއެވެ."

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 12 ވަނަ މާއްދާގައި ވެއެވެ. އަދި 13 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ. "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާ ޚިލާފު ނުވާހައި ހިނދަކު ފޮތް ގެނުވުމާއި، ނޫސް ގެނުވުމާއި، މިފަދަ ތަކެތި ލިޔެޗާފުކޮށް ފައުޅު ކުޅައުމާއި މިކަންކަމަށް މިނިވަންކަން ލިބިގެންވެއެވެ."


އަލްއިޞްލާޙަކީ ދިވެހި ދައުލަތުގެ ފަރާތުން ނެރުއްވި މަޖައްލާއެކެވެ. މަޖައްލާ ނެރުއްވީ ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ވުޒާރަތުލްމަޢާރިފުގެ ފަރާތުންނެވެ. މަގުސަދަކީ "ދީނާއި ދުނިޔެއަށް ހޭއެރުވުމެވެ." އެ މަޖައްލާގެ އެޑިޓޯރިއަލްގެ އިސްވެރިޔަކީ، ރައީސުއްތަޙުރީރު (އެޑިޓަރ އިން ޗީފް) އަކީފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ޖަސްޓިސް) އެވެ. މުޙައްރިރު (އެޑިޓަރ)އަކީ އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީއެވެ. ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްމަޢާރިފު (މިނިސްޓަރ އޮފް އެޑިޔުކޭޝަން) އެވެ.

އަލްއިސްލާޙުގައި ދީނީ، އަޚްލާޤީ، ޢިލްމީ (ސައިންސް) ތަޢުލީމީ، ތާރީޚީ ލިޔުންތައް ހިމެނެއެވެ. އަދި ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ ލިޔުންތައް ހިމެނެއެވެ. މި މަޖައްލާގެ ލިޔުންތެރިންނަކީ އޭރު ރާއްޖޭގައި ތިއްބެވި އެކަމަށް އެންމެ ކުޅަދާނަ، އެންމެ، ޢިލްމީ ލިޔުންތެރިންކަން ފާހަގަކުރެވެއެވެ.
ދިރާސާތަކުން ސާބިތުވާ ގޮތުގައި އަލްއިޞްލާޙު މަޖައްލާ އުފަންވި 8 ޖުލައި 1933 އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ފެށުމެވެ. ޖާނަލިޒަމްގައި ނިއުސް މެގެޒިނެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް އެ މަޖައްލާގައި ހިމެނެއެވެ.



advertisment