Support Us

ތިނަދޫއަށް އުދައެރުމުގެ ސަބަބުން - އަތިރިމަތީގައި ދިޔަބޮޑުވެފައި. އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

އުދައިގެ ސަބަބުން ތިނަދޫ "ގެނބެނީ"

ލޯޑަރެއް ބޭނުން ކޮށްގެން ފެރީއަކަށް މީހުން އެރުވުމަކީ މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. މަޖުބޫރުވެގެން ނޫނީ ނުކުރާނެ ކަމެކެވެ. އެހެންނަމަވެސް އިހަކަށް ދުވަހު ގދ. ތިނަދޫގައި އެމްޓީސީސީ ފެރީއަށް މީހުން އެރުވީ އެކުންފުނީގެ ލޯޑަރެއް ބޭނުންކޮށްގެންނެވެ. ތިނަދޫ ފަޅުތެރެ އާދަޔާ ޚިލާފަށް ގަދަވެ އުދައެރުމުގެ ސަބަބުންނެވެ.

ތިނަދޫ އަށް އުދަ އެރުމަކީ އާންމު ކަމެކެވެ. ރަށުގެ އުތުރު ކޮޅާއި ދެކުނު ކޮޅުން ބޮޑުބައެއް އެކި ސަރުކާރުތަކުން ވަނީ ހިއްކައިފައެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭ ރަށުގެ ބައްޓަމަށް ވަނީ ބޮޑު ބަދަލު ތަކެއް އައިސްފައެވެ. ރަށް ހިއްކުމަކީ ރަށުގެ ރައްޔިތުންނަށްޓަކައި ކުރެވޭ ކަމެއް ކަމުގައިވިޔަސް މިކަމުގެ ސަބަބުން އެކި މޫސުންތަކުގައި އެކި ކަހަލަ އުނދަގޫތައް ރަށުގެ ރައްޔިތުން ދަނީ ތަހައްމަލު ކުރަމުންނެވެ. ބޯކޮށް ވާރޭވެހިއްޖެނަމަ ގޯތިގެދޮރަށް ފެންވަނުމުގެ މައްސަލައެވެ. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ހުޅަނގު ފަރާތުން އުދަ އެރުމުގެ މައްސަލައެވެ.

އުދައިގެ ސަބަބުން ޖެޓީއަށް ފެރީ ކައިރިނުކުރެވުމުން، ލޯޑަރެއްގެ އެހީގައި ފެރީ އަށް ބަޔަކު އަރަނީ

"މީ ގެއްލުން ލިބުނު ދެވަނަފަހަރު. ކުރީ ފަހަރުވެސް ލޯންޗަށް ވަރަށްބޮޑު ގެއްލުންތަކެއް ލިބުނު. މިފަހަރު އޮއިވަރު އުފެދި ލޯންޗު ނަގާ ބެހެއްޓީ ޖެޓީމަތީގަ. އެހެންވުމުގެ ސަބަބަން ލޯންޗުގެ ބަނޑުފިލާ ފަޅައިގެންދިޔައީ،" މިހާރު ރާއްޖޭގެ ބައެއް ރަށްރަށަށް އަރަމުންދާ އުދައިގެ ސަބަބުން ތިނަދޫއަށް އެރި އުދައިގައި ލޯންޗަށް ގެއްލުން ލިބުނު މިރަށު އިސްވަރު އަބްދުﷲ އަޙްމަދު ބުންޏެވެ.

އުދަ އެރުވުމުގެ މި ހާދިސާގައި ގެއްލުން ލިބުނީ ހަމައެކަނި އަބްދުﷲ އަޙްމަދުގެ ލޯންޗަށް އެކަންޏެއް ނޫނެވެ. ތިނަދޫގައި ލޯންޗު ގެންގުޅޭ އެތައް ބަޔަކާއި ދޯނިފަހަރު ގެންގުޅޭ މީހުންނަށްވެސް ވަނީ ގެއްލުންވެފައެވެ. ރަށުތެރެއަށް ގާތްގަނޑަކަށް 200 ފޫޓަށް ވަނީ ރާޅުއަރުވާފައެވެ. ލޯންޗުތައް ސަލާމަތްކުރުމަށްޓަކައި އެކި މީހުން އެޅީ އެކި ފިޔަވަޅެވެ. އެއްބަޔަކު ދުރު އެހެން ހިސާބުތަކަށް ލޯންޗުތައް ގެންދިޔައީއެވެ. އަނެއްބަޔަކު ލޯންޗުތައް ބަލަހައްޓައިގެން ޖެޓީ މަތީގައި ވަރަށް ގިނަވަގުތު ހޭދަކުރިއެވެ. އަދި ކެރޭން ބޭނުންކޮށްގެން ބައެއް ލޯންޗުތައް ޖެޓީމަތީގައި ބަހައްޓާފައިވެސް އެބަހުއްޓެވެ.

"ގަދަވުމުގެ ސަބަބުން ލޯންޗު އެހެން ތަނަކަށް ގެންދަންވެސް ފުރުސަތު ލިބުނީ ވަރަށް ފަހުން. ދެން ލޯންޗު އެހެން ސަރަހައްދަކަށް މިހާރުވާނީ ގެންގޮސްފައި. އެހެން އެއްވެސް ގޮތެއް ނެތިގެން އެހެން ހެދީ،" ތިނަދޫގައި ލޯންޗު ދުއްވުމުގެ މަސައްކަތް ކުރާ ފެސްގޯ ޖާބިރު މުހައްމަދު ލަތީފް ބުންޏެވެ.

ތިނަދޫއަށް ކުރިމަތިވެފައިވާ އުދައިގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މީހުން އެކި ޚިޔާލުތައް ސޯޝަލް މީޑިޔާއާއި އެކި ފެންވަރުގައި ފާޅުކުރަމުންދެއެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ދެޚިޔާލަކީ ޖެޓީ އުސްކުރުމާއި ބޭރު ތޮއްޓެއް ލުމުގެ ޚިޔާލެވެ. އެހެންނަމަވެސް ރަސްމީ ފެންވަރެއްގައި މިއިން އެއްވެސް ކަމަކަށް އަދި ސަމާލުކަން ދީފައިވާތަނެއް ނުފެނެއެވެ.

"މިކަމަކީ މިރަށަށް އާންމުކޮށް ދިމާވާ މައްސަލައެއް. އެކަމަކު މި މައްސަލައަށް މާބޮޑު ސަމާލު ކަމެއް ދެވިފައިވާތަނެއް ނުފެނޭ. މިސަރުކާރު ވެރިކަމަށް އައިފަހުން ރައީސް މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސްގެ ސަމާލުކަމަށްވެސް މިމައްސަލަ ވަނީ ގެނެސްފައި. އެކަމަކު މިއަދާ ހަމައަށްވެސް އެއްވެސް ޙައްލެއް ލިބިފައެއް ނުވޭ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުން" ތިނަދޫ މީހަކު ބުންޏެވެ.

ގދ.ތިނަދުއަކީ މުޅި ހުވަދު އަތޮޅުގެ ގިނަ ބަޔަކު އެކިއެކި ބޭނުންތަކުގައި ދަތުރު ކުރާ ރަށެކެވެ. ވިޔަފާރި ބޭނުންތަކާއި ސިއްޙީ ކަންކަމުގައެވެ. ކިޔަވަން ބައިތިއްބާފައި ތިބި ދަރީންގެ ޙަލު ބެލުމަށެވެ. މިނޫންވެސް ވަރަށް ގިނަ ބޭނުން ތަކުގައި މިރަށަށް މީހުން ދަތުރު ކުރެއެވެ. މީގެ އިތުރުން ދޮންވެލި ނެގުމަށްޓަކައި ފުވައްމުލަކުންވެސް މީހުން މަރަށަށް ދަތުރު ކުރެއެވެ. މިއަތޮޅުން މިރަށަށް ދަތުރު ކުރާ މީހުން ދަތުރު ކުރާ ދުވަހު އެނބުރި އެމީހުންގެ އަމިއްލަ ރަށަށް ދެއެވެ. ލޯޑަރަށް އަރައިގެންވެސް ދޯންޏަށް އަރަނީ އެހެންވެގެންނެވެ.

"ގަދައަސް މަޑަސް ރަށަށް ދާން މަޖުބޫރު. މިތާނގަ އަހަރެމެން ތިބެން ވެއްޖެއްޔާ އިތުރު ޚަރަދު ތަކެއް އަހަރެމެން ކުރަން ޖެހޭނެ. އަހަރެމެން އަންނަނީ އެގޮތަށް ތައްޔާރުވެގެން،" ދަތުރުވެރިއަކު ބުންޏެވެ.

އުދައެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވަމުން އަންނަނީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށެވެ. އެމީހުންގެ ޝަކުވާތައް އަބަދުވެސް އޮވެއެވެ. އެހެން ނަމަވެސް މިކަމަށް އަދި މިހާތަނަށް ހައްލެއް ލިބިފައި ނުވާތީ އެމީހުން ވަނީ މާޔޫސްކަން މަތީގައެވެ. ސަރުކާރުން މިކަމަށް ހައްލެއް ގެންނާނެ ކަމުގެ އިންތިޒާރުގައެވެ. އުންމީދުގައެވެ. ނޭނގެނީ އުންމީދު ދިގުލައިގެން ދާނީ ކިހާ މުއްދަތަކަށް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *