Support Us

ރަސޫލާއަށް ފުރައްސާރަ ކުރި މަސްއަލައިގައި މުސްލިމުންގެ ރުޅި ހަމަ ކުރިއަށް

ފަރަންސޭސިވިލާތުގެ ރައީސް މެކްރޯނާ ދެކޮޅަށް އިސްލާމީ ދުނިޔޭގައި ރޯވެފައިވާ އިޙްތިޖާޖުތައް މެދުނުކެނޑި ކުރިއަށް އެބަދެއެވެ. ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ފަރަންސޭސިވިލާތުގައި ކުރެހި ކާޓޫނުތައް ކުށްވެރިކޮށް އިތުރު ޤައުމުތަކުންނާއި އިސްލާމީ ޖަމްޢިއްޔާތަކުން 26 އޮކްޓޯބަރުގައި ވެސް ބަޔާންތައް ނެރެފައި ވެއެވެ.

ލެޓިން އެމެރިކާ

ލެޓިން އެމެރިކާއާއި މެދުތެރޭ އެމެރިކާގެ އިސްލާމީ ޖަމްޢިއްޔާތަކާއި މުއައްސަސާތަކުގެ އިއްތިޙާދުން (ފެޑަރޭޝަނުން) 26 އޮކްޓޫބަރުގައި ނެރުނު ބަޔާނުގައި ފަރަންސޭސި ވިލާތް ވަރަށް ބޮޑަށް ކުށްވެރިކޮށް ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން މި ކަމުގައި މަޢާފަށް އެދިވަޑައިގަތުމަށް ގޮވާލައިފާވެއެވެ. މި ފެޑަރޭޝަނަކީ ލެޓިން އެމެރިކާއާއި މެދުތެރޭ އެމެރިކާގެ އެންމެހާ މުސްލިމު ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއި މަރްކަޒުތައް ތަމްސީލު ކުރާ އެންމެ އިސް ފަރާތެވެ. ފަރަންސޭސިވިލާތުން ދުނިޔޭގެ އެންމެހާ މުސްލިމުންގެ ޝުޢޫރުތަކަށް ގޮންޖަހައި ރަސޫލާގެ ކާޓޫނުތައް އަދިވެސް ޢިމާރާތްތަކުގައި ހަރުކޮށްފައި ހުރިހުރުމަކީ އެކަމާ ކަންބޮޑުވާ ކަމެއްކަމަށާއި މިކަމުގެ ސަބަބުން މުސްލިމުންގެ ނަފްރަތު ރައީސް މެކަރޯނަށް ލިބިވަޑައިގެންފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާން ބުނާގޮތުގައި މިއީ ފަރަންސޭސި ސަރުކާރުގެ ފުރިހަމަ ތާއީދު ލިބިގެން ކޮށްފައިވާ ހަޑި މުޑުދާރު ޢަމަލެކެވެ. ފަރަންސޭސި ސަރުކާރުން މި ޢަމަލު ދިފާޢު ކުރަމުންދާތީ މުސްލިމުން އެކަމާމެދު ކަންބޮޑުވާ ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ. ((މި ޢަމަލަކީ މި އިއްތިޙާދަށާއި މި އިއްތިޙާދުގެ ދީނަށް ކޮށްފައިވާ އިހާނެތ ޢަމަލެކެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ނަފްރަތުގެ ފިތުނަ މިވަނީ ރޯވެފައެވެ. މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުން ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި އަމްނާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރުމަށް ގޮވައިލާ ސަޤާފަތް ފެތުރުމަށް ކުރަމުންދާ މަސައްކަތުގައި ރެނދުއަޅުވާފައިވާ ހުތުރު ޢަމަލެކެވެ.))

މި އިއްތިޙާދުގެ ބަޔާން ބުނާގޮތުގައި ކީރިތި ރަސޫލާ ﷺ އަށް މި ކުރި ފުރައްސާރައަށް ޓަކައި ފަރަންސޭސި ސަރުކާރުން މާފަށް އެދެންޖެހޭނެ އެވެ. އަދި މެކްރޯން ފާޅުގައި މި ކަމަށް މާފަށް އެދިވަޑައިގެންނެވުމަށް ވެސް މި ބަޔާނުގައި ގޮވާލައިފައިވެއެވެ.

ރުޅިވެރި ރައްދު ރިވެލިތައް

ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ފަރަންސޭސި ވިލާތުގެ ބަޔަކު ކާޓޫނުތަކެއް ކުރަހާ ސަރުކާރުގެ ބޮޑެތި ޢިމާރާތްތަކުގައި ބަހައްޓާފައި ހުރި މަސްއަލައާ ވިދިގެން މުސްލިމުން ފާޅުކުރަމުންދާ އިޙްތިޖާޖު މެދުނުކެނޑި އަދިވެސް ދަނީ ކުރިއަށެވެ.

އުރްދުނު ސަރުކާރުން މި ޢަމަލު ކުށްވެރިކޮށް ރޭ ނެރުނު ބަޔާނުގައި އެކަމާމެދު ޢައްމާން ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކުރިއެވެ.

ޢިރާޤަށް ބަލާއިރު އެ ޤައުމުގެ ބަރްލަމާނުގެ 25 މެންބަރަކު ފަރަންސޭސި ކޮންސްލޭޓަށް ވަޑައިގެން އިޙްތިޖާޖުގެ ނޯޓެއް ޙަވާލުކުރެއްވިއެވެ.

ޖަޒާއިރުގެ ރައީސް އޮފީހުގެ ދަށުން ހިނގަމުންދާ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ރޭ ނެރުން ބަޔާނުގައި ފަރަންސޭސި ވިލާތް ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. ((ކީރިތި ރަސޫލާ އަކީ ތަސާމުޙުގެ ރަމްޒެވެ. މި ރަމްޒުގެ ތަޞައްވުރު ހަޑިކޮށް ތަޞްވީރު ކުރުމަކީ މުސްލިމުންނަށް ކުރެވޭ ފުރައްސާރައެކެވެ. މިއީ ބަލައި ގަނެވޭނެ ޢަމަލެއްނޫނެވެ.))

އިސްލާމީ ދުނިޔެ ފަރަންސޭސި ވިލާތާ ދެކޮޅަށް އިޙްތިޖާޖުތައް ފެށީ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރަހާ އެ ޤައުމުގެ ދައުލަތުގެ ޢިމާރާތްތަކުގައި ބެހެއްޓުމާ ވިދީގެންނެވެ. އަދި މި ފަދަ ކާޓޫނުތައް ކުރެހުން ހުއްޓާ ނުލައްވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ވިދާޅުވެ އިސްލާމީ ދުނިޔެއަށް ގޮންޖެއްސެވުމުންނެވެ. އޭނާ ދެއްވި ބަޔާނުގައި އިސްލާމްދީނާ ނިރުބަވެރިކަމާވެސް ވަނީ ގުޅުއްވައިފައެވެ. މިކަމާ ވިދިގެން މުސްލިމުން ވަނީ ފަރަންސޭސި ވިލާތުގެ އުފެއްދުންތައް ބޮއިކަޓް ކުރަން ފަށައިފައެވެ.

ނަބިއްޔާއަށް ފުރައްސާރަ ކުރާމީހުންގެ މަސްއަލަ ކޯޓަށް ހުށައަޅާނަން

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރެހި މަސްއަލާގައި "ޙުކަމާއުލްމުސްލިމީން" މަޖިލީހުން ރޭ ވަރަށް ހަރުކަށި ބަޔާނެއް ނެރުނެވެ. މި މަޖިލީހުގެ ރައީސަކީ އަޒްހަރުގެ އިމާމު އައްޝައިޚު ޑރ. އަޙްމަދުއް ޠައްޔިބެވެ. އަޒްހަރުގެ އިމާމު ރޭ ނެރުއްވި ބަޔާނެއް ބުނާގޮތުގައި ފަރަންސޭސި ވިލާތުގެ "ޝާރލީ އިބިޑޯ "ނޫހުގައި ކީރިތި ރަސޫލާއަށް ހަޖޫޖަހައި ކާޓޫނުތައް ކުރަހައި ޝާއިޢު ކުރި މަސްއަލައިގައި އެ ނޫހާ ދެކޮޅަށް ކޯޓަށް ދާން އެ މަޖިލީހުން ނިންމައިފިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިއީ ޚިޔާލުފާޅުކުރުމުގެ ޝިޢާރުގެ ދަށުން، އިސްލާމްދީނުގެ ނަބިއްޔާއަށް ބޭއިޙްތިރާމު ކުރުމަށާއި މުސްލިމުންގެ މުޤައްދަސްތަކުގެ ޙުރްމަތް ކެނޑުމަށް" ރާވައިގެން  މަންހަޖީކޮށް" ކުރަމުންދާ މަސައްކަތެކެވެ. ޙުކަމާއުލް މުސްލިމީން މަޖީހުން އަޒްހަރުގެ އިމާމުގެ ރިޔާސަތުގައި ވީޑިއޯ ކޮންފަރެންސުކޮށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ކީރިތި ރަސޫލާއަށް ކުރާ ފުރައްސާރަތަކާ އަހުރެމެން ކުރިމަތިލާނީ ޤާނޫނި މަގުތަކުންނާއި ކޯޓުތަކުގެ ތެރެއިންނެވެ. އަޒަހަރުގެ އިމާމު ވިދާޅުވި ގޮތުގައި ((ނަފްރަތުގެ ފިތުނަތަކާ އަހުރެމެން ކުރިމަތިލާނީ ޞުލްޙަވެރި ވަސީލަތްތަކުންނެވެ. ހަމަ ބުއްދިއާއި ޤާނޫނީ ޒަރީޢައިންނެވެ.))

ސަޢޫދީ ޢަރަބިއްޔާއިން ވެސް ނުރުހުން ފާޅުކޮށްފި

ސަޢޫދީ ޢަރަބިއްޔާއިން ރަސްމީ ސިފައެއްގައި ރޭ ފަރަންސޭސި ވިލާތާ ދެކޮޅަށް ނުރުހުން ފާޅުކުރިއެވެ. ސަޢޫދީ ޚާރިޖިއްޔާއިން ރޭ ނެރުނު ބަޔާން ބުނާގޮތުގައި ސަޢޫދިޔާއިން ނިރުބަވެރި އެންމެހާ ޢަމަލުތައް ކުށްވެރި ކުރެއެވެ. ސަޢޫދީން ނެރުނު ބަޔާނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ  އިޙްތިރާމު ކުރުމާއި ސުލްޙަމަސަލަސްކަމާއި އަމާންކަމުގެ ތެރޭގައި ކަމަށް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *