Support Us

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ ޒަޢާމަތުގައި ފަރަންސޭސި ރައީސް މެކްރޯން

ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ދެ ބިލިއަނެއްހާ ގިނަ މުސްލިމުން ކީރިތި ރަސޫލާގެ ޒިކުރާ ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ދުވަސްވަރަކާ ދިމާކޮށް ފަރަންސޭސިވިލާތުގައި މާތް ރަސޫލާ ﷺ އަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތާ ކުރެހުންތަކެއް ކުރަހާ ބޮޑެތި ޢިމާރާތްތަކުގައި ހަރުކުރުމާ ވިދިގެން ބައެއް ޢަރަބި ޤައުމުތަކުންނާއި އިސްލާމީ ޤައުމުތަކުން މި ޢަމަލު ކުށްވެރިކޮށް މި ކުރެހުންތައް ނަގައި ނައްތައިލުމަށާއި މުސްލިމުންގެ އިޙްސާސްތަކަށް އިޙްތިރާމު ކުރުމަށް ގޮވައިލަން ފަށައިފިއެވެ.

އިސްލާމްދީނާ ދެކޮޅަށް ހަތުރުވެރި ހުޅުގަނޑުތައް ރޯކުރުން

ތުރްކީގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާގެ (މިނިސްޓްރީ) ގެ ރައީސް ޑރ. އަލީ އުރްބާޝް ވިދާޅުވާ ގޮތުގައި އިސްލާމްދީނާ ހަތުރުވެރި ހުޅުގަނޑުތައް ރޯކުރުމަށް ގޮވައިލާ ނުބައި ވިސްނުން ދޫކޮށް ހަމަބުއްދިއަށް އެނބުރި އަންނަންވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ފަރަންސޭސި ވިލާތުގައި ބަޔަކު މީހުން ރަސޫލާ ﷺ ގެ ކާޓޫންތަކެއް ކުރަހާ އެކަލޭގެފާނަށް ފުރައްސާރަކޮށްފައިވާތީ މި ޢަމަލު ކުށްވެރި ކުރެއްވިއެވެ. އޭނާގެ މި ޓްވީޓްގައި ވިދާޅުވިގޮތުގައި މިއީ ސަރުކާރުން ހިތްވަރުދީގެން ކުރަމުންދާ ނުބައި ޢަމަލެކެވެ. އޭނާ ވިދާޅުވިއެވެ. "ރާވައިގެން އަހުރެމެންގެ ރަސޫލާއަށާއި އަހުރެމެންގެ މުޤައްދަސްތަންތަނާ ދެކޮޅަށް މި ދޭ ޙަމަލާތަކަކީ އެއްވެސް ސިފައެއްގައި އަހުރެމެންނަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. އިސްލާމްދީނާ ދެކޮޅަށް މި ރޯކުރާ ޢުދްވާނީ ހުޅުތައް ރޯކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މަންސާތައް ތެދުވުމަށް ގޮވައިލަމެވެ."

މި ކަމާ ވިދިގެން ފަރަންސޭސި ރައީސް އިމަނުވިލް މެކަރޯން 21 އޮކްޓޯބަރުގައި ފަރަންސޭސި ނޫސްތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ކާޓޫނުތައް ކުރަހާ ޝާއިޢު ކުރުން ފަރަންސޭސި ވިލާތުން ހުއްޓައެއް ނުލާނެއެވެ. އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރެވެން ޖެހޭނެ ކަމެކެވެ. މި ބަޔާނާ ވިދިގެން އިސްލާމީ ދުނިޔެ ފަރަންސޭސި ވިލާތް ދެކެ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިކަމާ ވިދިގެން ފަރަންސޭސިވިލާތުގެ މުދާތައް ބޮއިކަޓް ކުރުމަށް މުސްލިމުން ދަނީ ގޮވައިލަމުންނެވެ. ޓްވިޓަރާއި ފޭސްބުކުގައި މި ގޮވައިލުމަށް ދަނީ ވަރަށް ބޮޑަށް ތާއީދު ލިބެމުންނެވެ.

ބޮއިކަޓް ކުރުމަށް ގޮވައިލުން

މިޞްރުގައި އިޖްތިމާޢީ މީސްމީޑިއާގައި މިޞްރު މީހުން ރައީސް މެކަރޯން ކުށްވެރިކޮށް ފަރަންސޭސިވިލާތުގެ އުފެއްދުންތައް އެކީއެކައްޗަކަށް ބޮއިޖަޓް ކުރުމަށް ގޮވާލައިފާ ވެއެވެ.

މި ބޮއިކަޓްގައި ޢަމަލީގޮތުން އެންމެ ބޮޑަށް ޙަރަކާތްތެރިވާ ޤައުމަކީ ކުވައިތެވެ. ކުވައިތުގެ ސުޕަރމާރުކޭޓްތަކުގެ އިއްތިޙާދުން ފަރަންސޭސިވިލާތުގެ އެއްވެސް އެއްޗެއް އެ ޤައުމުގެ ސުޕަރު މާރުކޭޓުތަކުގައި ނުވިއްކުމަށް ވަނީ އަމުރުކޮށްފައެވެ. މި އިއްތިޙާދުގެ ރައީސް ފަހްދުލްކަޝްތީ ވިދާޅުވިއެވެ. "ލޮބުވެތި ރަސޫލާ ﷺ އަށް ނަޞްރު ދިނުމަށް ޓަކައި ފަރަންސޭސިވިލާތުގެ ހުރިހާ އުފެއްދުންތަކެއް ބޮއިކަޓް ކުރުމަށް އަހުރެމެން ނިންމައި އެ މުދާތައް މިހާރު ވަނީ ހަރުގަނޑުތަކުން ނަގާފައެވެ." ރޮއިޓަރުން ބުނާގޮތުގައި އެ ނޫސްއޭޖެންސީގެ މަންދޫބު އާދިއްތަ ދުވަހު ކުވައިތުގެ ސުޕަރު މަރުކޭޓުތަކަށް ޒިޔާރަތްކޮށް ބެލިބެލުމުން އެނގުނީ ފަރަންސޭސި އެއްވެސް އުފެއްދުމެއް އެއްވެސް ސުޕަރމާރުކޭޓެއްގައި މިހާރު ނެތްކަމެވެ. ކުވައިތުގައި މި ބާވަތުގެ 75 ސުޕަރމާރުކެޓް ހުރެއެވެ. މި ސުޕަރމާރުކޭޓުތަކުގެ އެތައް ސަތޭކަ ގޮފިތަކެއް ކުވައިތުގެ އަވަށްތަކުގައި ހުރެއެވެ. ކާބޯތަކެއްޗާއި ކޮންމެ ދުވަހަކަށް ބޭނުންވާ ޟަރޫރީ މުދާތައް ކުވައިތުގައި ވިއްކަނީ މިފަދަ ސުޕަރމާރުކޭޓުތަކުންނެވެ.

ޤަޠަރު ވެސް މިހާރު ވަނީ މި ބޮއިކަޓްގައި ބައިވެރިވެފައެވެ. އިލްކްޓްރޯނިކް ސާމާނު ގަނެވިއްކުމުގެ ޚިދްމަތްދޭ ކުންފުނިތަކާއި ވިޔަފާރި އެތައް ކުންފުނިތަކެއް މި ޙަމަލާގައި ވަނީ ބައިވެރިވެފައެވެ. ޤަޠަރުގެ ވިޔަފާރި ކުންފުނިތައް ބުނާގޮތުގައި އެ ކުންފުނިތައް މި ބޮއިކަޓުގައި ބައިވެރިވީ ފަރަންސޭސިވިލާތުގެ މުދާތައް ބޮއިކަޓް ކުރުމަށް މުސްލިމުން ފަށާފައިވާ މި ޙަމަލާގައި ބައިވެރިވުމަށް ޓަކައެވެ.ޤަޠަރުގައި ރީޓޭލްކޮށް މުދާ ވިއްކާ އެންމެ މަޝްހޫރު ކުންފުނި ކަމުގައިވާ "މީރާ ކުންފުނި" ބުނާގޮތުގައި އެ ކުންފުނީގެ ފިހާރަތަކުން މިހާރު ވަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ކަނޑައެޅިފައިނުވާ މުއްދަތަކަށް ނަގައިފައެވެ.

ޤަޠަރުގައި ކިރުގެ ބާވަތްތައް ވިއްކާ "އަލްވަޖްބާ" ކުންފުނި ބުނާގޮތުގައި "އަހުރެމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަހުރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަމެވެ. ފަރަންސޭސިވިލާތް ނޫން ޤައުމަކުން އަހުރެމެންނަށް އެ ބާވަތްތައް ގެނެވިދާނެއެވެ."

ޤަޠަރުގައި ގޭގެއަށް ޚިދްމަތް ފޯރުކޮށްދޭ ކުންފުނިތައް ބުނާގޮތުގައި ފަރަންސޭސިވިލާތުގެ އެއްވެސް އުފެއްދުމެއް އަހުރެމެން ގޭގެއަކަށް ނުގެންގޮސްދޭނަމެވެ.

ޤަޠަރު ޔުނިވަރސިޓީން ބޭއްވުމަށް ހަމަޖައްސާފައިވާ "ފަރަންސޭސި ސަޤާފީ ހަފުތާ"ގެ ޕްރޮގްރާމުތައް އެ ޔުނިވަރސިޓީން މިހާރު ވަނީ ފަސްކޮށްފައެވެ. މި މަޖިލީހުން ނެރުނު ބަޔާނުގައި ފަރަންސޭސިވިލާތުގައި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތިރަސޫލާ ﷺ އަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ."

އިސްލާމީ ސަރުކާރުތަކުން ކުށްވެރިކުރުން  

ދީންތަކަށާއި ނަބީބޭކަލުންނަށް ފުރައްސާރަ ކުރުން ހުއްޓައިލުމަށް ކުވައިތުން އިއްޔެ ވަނީ ރަސްމީ ނޯޓަކުން ފަރަންސޭސިވިލާތަށް އަންގައިފައެވެ. ކުވައިތުގައި ހުންނަވާ ފަރަންސޭސީ ސަފީރާ އާން ކްލެއަރ ލޯ ޖެންޑަރ އަށް ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚު އަޙްމަދު ނާޞިރުލް މުޙައްމަދުއް ޞަބާޙު ފޮނުއްވި ނޯޓްގައި ވިދާޅުވެފައިވާ ގޮތުގައި "ބާވައިލެއްވި ދީންތަކަށާއި އެ ދީންތަކުގެ ނަބީބޭކަލުންނަށް ފުރައްސާރަކުރުން ހުއްޓައިލުމަކީ ޟަރޫރީ ކަމެކެވެ." ކުވައިތު ނޫސް އޭޖެންސީ ބުނާގޮތުގައި ކުވައިތުގެ ވަޒީރުގެ ބަޔާނުގައި އިސްލާމްދީން ނިރުބަވެރި ދީނެއްކަމަށް ސިފަކުރާކުރުމަކީ ކުވައިތު އެކަމާ ދެކޮޅުހަދާ ކަމެކެވެ. މަޣްރިބުން ވެސް އިއްޔެ ވަނީ ފަރަންސޭސިވިލާތް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މަޣްރިބުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "އިސްލާމްދީނަށާއި އެ ދީނުގެ ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫންތައް ކުރެހުމުން އެނގެނީ އެކަން ކުރި ބައެއްގެ ސިކުނޑި އަދި ފައްކާވެފައި ނުވާކަމެވެ." މަޣްރިބުގެ ބަޔާނުގައި އައިސްފައި ވެއެވެ. "އެހެންމީހުންގެ މިނިވަންކަމާއި ޢަޤީދާއަށް އަރައިގަނެވޭ ހިސާބުން ފަރްދުންގެ މިނިވަންކަން ނިމޭނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔާފައި ދެ ބިލިއަނަށްވުރެ ގިނަ ބަޔަކު ޤަބޫލުކުރާ ދީނަށް ފުރައްސާރަކުރުމަކީ ބަހަނާއެއް ނޫނެވެ."

ލުބްނާނުގެ ފަތުވާ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަމީނުލް ކުރްދީ ފަރަންސޭސިވިލާތުގެ މި ޢަމަލު ކުށްވެރި ކުރައްވަމުން ފަރަންސޭސި ވިލާތުގެ މުދާ ބޮއިކަޓް ކުރުމަށް ލުބްނާނުގެ މުސްލިމުންނަށް ގޮވައިލެއްވިއެވެ. ކުރްދީ ވިދާޅުވިއެވެ. "ލުބްނާނާއި ދުނިޔޭގެ ހުރިހާ މިނިވަނުންނަށް ފަރަންސޭސި މުދާ ބޮއިކަޓް ކުރުމަށް އިލްތިމާސް ކުރަމެވެ. ފަރަންސޭސިން އަހުރެމެންގެ ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރެހުމާއި ބަޔާންތައް ނެރެ ޝާއިޢުކުރުން ހުއްޓައިލައިފުމަށްދާންދެން މި ޙަމަލާ ކުރިއަށް ގެންދިއުމަށް އަހުރެން ގޮވައިލަމެވެ.

ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރީންގެ އެންމެ މަތީ މަޖިލިސް ((هيئة كبار العلماء)) އިން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. ((ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް އިހާނެތިކޮށް ހިތުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ.)) މި ބަޔާނުގައި ރައީސް މެކަރޯންގެ ނަން ސީދާ ގެނެސްފައެއް ނުވެއެވެ.

ފަރަންސޭސި ރައީސް މެކަރޯނުގެ ބަހަށް ރައްދުދެއްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އިއްޔެ ބާޔާނެއް ދެއްވިއެވެ. އޭނާ ވިދާޅުވިއެވެ. ((ރައީސް މެކްރޯން ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހަން ހިތްވަރުދެއްވުމަކީ އޭނާ އިސްލާމްދީނަށް ދެއްވި ޙަމަލާއެކެވެ.))

މި ކާޓޫނުތައް ސަރުކާރުގެ ޢިމާރާތްތަކުގައި މި ދިޔަ ހުކުރު ބެހެއްޓުމުން މިއީ ފަރަންސޭސި ސަރުކާރުން ހިތްވަރުދީގެން ކުރެވެމުންދާ ކަމެއް ކަމަށް މުސްލިމުން ފާހަގަކުރިއެވެ. ޢިމްރާން ޚާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ((ރައީސް މެކަރޯން މި ވަނީ ގަސްތުގައި މުސްލިމުންނަށް ފުރައްސާރަ ކުރައްވައިފައެވެ. އަދި މިއީ އޭނާގެ ޤައުމުގެ މުސްލިމުންނަށް ކުރެއްވި އިހާނެތި ކަމެކެވެ.)) ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވިއެވެ. ((ހައްދުފަހަނަޅާފައިވާ މީހުންގެ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ރައީސް މެކަރޯނަށް މިއަށްވުރެ މާ ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުއްވިދާނެއެވެ.)) ޚާން ވިދާޅުވިއެވެ. ((އިސްލާމްދީނަށް ހަމަލާދެއްވުމުން ހިތްވަރު ލިބޭނީ ހަރުކަށި ޢަމަލުތަކަށެވެ. ދޮން މީހުން މޮޅުކަމަށް ދަޢުވާކުރާ މީހުންނަށް ހިތްވަރު ދިނުމަކީ ނިރުބަވެރިކަމަށް ހިތްވަރު ދިނުމެވެ.)) ބޮޑުވަޒީރު ޢިމްރާން ޚާން މި މަސްއަލައިގައި ވަނީ ފޭސްބުކްގެ އެގްޒަކަޓިވް ޑިރެކެޓަރަށް  ސިޓީފުޅެއް ލިޔުއްވާ މީސް މީޑިޔާގައި އިސްލާމްދީނާ އިދިކޮޅު ލިޔުންތައް ފެތުރުން މަނާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވަނީ މި މަސްއަލައިގައި ސީދާ ރައީސް މެކަރޯނަށް ޙަމަލާ ދެއްވައި ފާޑުވިދާޅުވެފައެވެ. ރައީސް އުރްދުޣާން ސިފަކުރެއްވި ގޮތުގައި މެކަރޯނަކީ "ބުއްދި ހަމަ މީހެއްނޫނެވެ." މި މަސްއަލައިގައި ރައީސް މެކަރޯން ކޯފާވެގެން އަންކަރާގައި ހުންނަވާ ފަރަންސޭސި ސަފީރު ވަނީ ޤައުމަށް ގެންނަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *