Support Us

ޗައިނާ އިން ދުނިޔޭގެ އިޤްތިޞާދީ ތަޚުތުން އެމެރިކާ ބާލައިފި!

ދުނިޔޭގެ އިޤްތިޞާދާއި ކުރިމަގުގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފައިސާ ފަންޑުން (އައި.އެމް.އެފް) މި ހަފުތާގައި ޝާއިޢުކުރި ރިޕޯޓަކީ ވަރަށް "ވޭންދެނިވި" ވަރަށް "ނުތަނަވަސްކަން ބޮޑު" ރިޕޯޓެކެވެ. އެމެރިކާގެ  National Interest މަޖައްލާ ބުނާގޮތުގައި އެއީ އެމެރިކާ މީހުން އަޑުއަހަން ބޭނުން ނުވާ ރިޕޯޓެކެވެ. މި ރިޕޯޓު ކީ ގިނަ ބަޔަކު ބުނިގޮތުގައި އެމީހުންނަށް މި ވާހަކަ ޤަބޫލެއް ނުކުރެވޭނެއެވެ. މި ރިޕޯޓް ބުނާގޮތުގައި ޗައިނާއިން އެމެރިކާ ދުނިޔޭގެ އިޤްތިޞާދީ ތަޚުތުން ބާލައިފިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދަށް ބޭޖިންގ ވެއްޖެއެވެ.

ކިހިނެއްވީ ކަމެއް؟

މި ރިޕޯޓުގައި ޤައުމުތަކުގެ ޤައުމީ އިޤްތިޞާދުތައް ވަޒަންކުރުމަށް ބޭނުންކޮށްފައިވަނީ އައިއެމްއެފާއި އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) އިން ބޭނުންކުރާ ޚާޢްޞަ މިންގަނޑެކެވެ. އައިއެމްއެފު ބުނާގޮތުގައި ޗައިނާގެ އިޤްތިޞާދު އެމެރިކާގެ އިޤްތިޞަދަށްވުރެ މިހާރު ބޮޑުވެއްޖެއެވެ. އެމެރިކާގެ އިޤްތިޞާދުގެ މިންވަރަކީ 20.8 ޓްރިލިއަން ޑޮލަރެވެ. އެހެނަސް ޗައިނާގެ އިޤްތިޞާދުގެ މިންވަރަކީ 24.2 ޓްރިލިއަން ޑޮލަރެވެ.

އިތުބާރު ކުރެވޭ ދެ މަޞްދަރަކުން މި މަޢުލޫމާތުތައް ހާމަކޮށްފައި ވިޔަސް އެމެރިކާގެ ގިނަ ނޫސްތައް އަދިވެސް ބުނާގޮތުގައި ދުނިޔޭގެ އިޤްތިޞާދުގައި އެއްވަނަ ލިބިފައި ވަނީ އެމެރިކާއަށެވެ. އެމެރިކާގެ ނޫސްތަކުގެ ތެރެއިން މި ކަމާ އެއްބަސްނުވާ މަޖައްލާއަކީ The Economist އެވެ.

ޙަޤީޤަތަށް ބަލާއިރު ޤައުމެއްގެ (ޚާޢްޞަކޮށް އެމެރިކާއާއި ޗައިނާ ފަދަ ޤައުމެއްގެ) އިޤްތިޞާދުގެ ބޮޑުމިން ހޯދުމަކީ ވަރަށް ދަތި، މަސްހުނިކަން ބޮޑު އޮޅުންބޮޅުންކަން ބޮޑު ކަމެކެވެ. ކަމާބެހޭ މަޢުލޫމާތު ޖަމާކުރުމުގެ ބުރަކަމާއި މި މަޢުލޫމާތުތައް ވަޒަން ކުރުމަށް ބޭނުންކުރާ މިންގަނޑުގެ މަސްއަލައެވެ. ޤައުމެއްގެ ޤައުމީ އުފެއްދުންތެރިކަން މިނުމަށް އިޤްތިޞާދީން ގެންގުޅޭ މިންގަނޑަކީ (MER) ނުވަތަ ބާޒާރުގައި ފައިސާ މާރުކުރެވޭ އަގެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ވިދިގެން އައި އަހަރުތަކުގައ އެމެރިކާގެ އުފެއްދުންތެރިކަމަކީ މުޅި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. މި މިންގަނޑުގައި ހިމެނެނީ އެ ޤައުމެއްގައި އުފައްދާ ހުރިހާ މުދަލާއި އެ ޤައުމުން ދޭ ހުރިހާ ޚިދްމަތްތަކެއް އެއްކޮށް އެ ޤައުމުގެ ފައިސާއިން އޭއްޗެހި އަގު ކުރުމެވެ. އެއަށްފަހު ބާޒާރުގައި އެ ޤައުމުގެ ފައިސާގެ އަގު ހުރި ވަރެއް ބަލައިގެން އެމެރިކާގެ ފައިސާއަށް ބަދަލު ކުރުމެވެ.

ދެހާސް ވިހި ވަނަ އަހަރު ޗައިނާގެ އުފެއްދުންތަކާއި ޚިދްމަތްތަކުގެ އަގުތައް 102 ޓްރިލިއަން ޔުވާނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ބާޒާރުގައި ޔުވާނެއްގެ އަގަކީ ޑޮލަރަކަށް 7 ޔުވާން ކަމަށް ބެލުމުން އޭގެ މިންވަރަކީ 14.6 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ އުފެއްދުންތަކާއި ޚިދްމަތްތަކަށް ބަލާއިރު އެމެރިކާގެ އިޤްތިޞާދުގެ މިންވަރަކީ 20.8 ޓްރިލިއަން ޑޮލަރެވެ.

 

ޗައިނާ މޮޅުވީ ކިހިނެއް؟

ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ! މި ނަތީޖާއަކީ ޑޮލަރަކަށް 7 ޔުވާން ގަންނަން ލިބޭނެ ކަމަށް ބުނާ ބުނުމުގެ މަތީގައި އޮތް ހިސާބެކެވެ. ކަން އޮތްގޮތަށް ބަލާއިރު މިއީ ޙަޤީޤަތެއްނޫނެވެ. ޗައިނާ ފައިސާއާ އެމެރިކާ ފައިސާ ވިއްކޭ އަގު އެކި ޤައުމުގައި އެކިވަރެވެ. މި ނުކުތާ ސާފުކޮށްދިނުމަށް ޓަކައި The Economist މަޖައްލާއިން ޢަލާމަތެއް (އިންޑެކްސް) އެއް އުފެއްދިއެވެ. މި ޢަލާމަތުގެ ނަމަކީ Big Mac އެވެ. ތިރީގައި މިވާ ހޫލައަށް ބައްލަވާ ލައްވާށެވެ!

މި ޢަލާމަތް ބުނާގޮތުގައި ޗައިނާގައި އުޅޭ މީހާއަށް ބިގްމެކްގެ ފުރިހަމަ ޕާރުސަލެއް 21 ޔުވާނަށް ގަންނަން ލިބޭނެއެވެ. އެއީ އެމެރިކާގެ 3 ޑޮލަރެވެ. އެހެނަސް އެމެރިކާގައި އުޅޭ މީހާއަށް 3 ޑޮލަރަށް ލިބޭނީ ބިގްމެކް ޕާރުސަލުގެ ދެބައިކުޅަ އެއްބައެވެ. ވީމާ ބަރގަރާއި ސްމާރޓް ފޯނު ދީފައި އެމެރިކާ އަތުން މިސައިލާއި އަޑިންދާބޯޓު ގަންނައިރު ޗައިނާއަށް ކޮންމެ ޑޮލަރަކުން ޑަބަލް ފައިދާ ޖެހޭނެއެވެ.

މި ޙަޤީޤަތަށް ބަލާފައި އައިއެމްއެފުންނާއި ސީއައިއޭ އިން ޤައުމީ އިޤްތިޞާދުތަކާ ގުޅޭ އައު މިންގަނޑެއް ވަނީ ތަޢާރުފުކޮށްފައެވެ. މި މިންގަނޑަށް PPP އޭ ކިޔައެވެ. މި މިންގަނޑުގައި ބަލާނީ ގަތުމުގެ ބާރަށެވެ. ގަތުމުގެ ބާރަށް ބެލުމުން އިޤްތިޞާދުތަކުގައި ހުންނަ އަގުތަކުގެ ފެންވަރުތައް ތަފާތުވާ ތަފާތުވުން ނެތިގެންދާނެތެވެ. ނުވަތަ ކުޑަކޮށްލެވޭނެތެވެ. MER ގެ މިންގަނޑުން އެނގޭނީ ޤައުމެއްގެ މީހުންނަށް އެމެރިކާގެ ޑޮލަރުން ގަނެވޭނެ މިންވަރެވެ. އެއާ ޚިލާފަށް PPP ން އެނގޭނީ އެ ޤައުމެއްގެ މީހުންނަށް އެ ޤައުމުގެ ފައިސާއިން އެއްޗެހި ގަނެވޭނެ މިންވަރެވެ. ޗައިނާ މީހަކު ޔުވާން ޑޮލަރަށް ބަދަލުކޮށް އެމެރިކާއިން ބިގްމެކެއް ގަނެގެން ޗައިނާއަށް ގެނެސްފިނަމަ އޭގެ އަގު ވަރަށް ތަފާތުވާނެއެވެ. ޗައިނާގައި މެކްޑޮނަލްޑްގެ 3300 ގޮފި އެބަ ހުއްޓެވެ. މި ތަނުން މެކެއް ގަތީމާ އޭނާއަށް ލިބޭނީ އެމެރިކާއިން މެކެއް ގަންނަން ލިބޭވަރަށްވުރެ ޑަބަލް އަގު ހެޔޮކޮށްނެވެ.

އެމެރިކާ މީހުން އިޤްތިޞާދު މިނުމަށް އާދަވެފައިވާ މިންގަނޑާ މި މިންގަނޑު ތަފާތެވެ. މި މިންގަނޑުން ހިސާބު ކުރުމުން މީހުންނަށް ފެންނާނީ ޗައިނާގެ އިޤްތިޞާދު އެމެރިކާގެ އިޤްތިޞާދަށްވުރެ ތިން ބައިކުޅަ އެއްބައި ދެރަކޮށްނެވެ. އެހެނަސް ތިބާއަށް ޗައިނާގައި އެމެރިކާ ޑޮލަރަކަށް ގަނެވޭ މިންވަރު އެމެރިކާގައި ގަނެވޭ އެއްޗެއްސަށްވުރެ ޑަބަލް ގިނަވުމުން މި ތަފާތު ތަޞައްވުރުކުރަން ފަސޭހަ ވެގެންދާނެއެވެ. އަދި ދެ މިންގަނޑުގެ ތަފާތު ވެސް ފެންނާނެއެވެ. މިއިން އެނގެނީ އެމެރިކާގެ އިޤްތިޞާދަށްވުރެ ޗައިނާގެ އިޤްތިޞާދު ހަ ބައި ކުޅަ އެއްބައި ވަރުގަދަކަމެވެ.

އެމެރިކާއަށް ބަލާއިރު މީގެ މާނަ

އެމެރިކާގެ އިޤްތިޞާދުގެ މައްޗަށް ޗައިނާ ވެރިވަމުންދާ ގޮތުގެ ކުރެހުމެއް (ނެގީ istock) ވޭތުވެދިޔަ ޖީލަށް ބަލާއިރު ޗައިނާ ވަނީ ދުނިޔޭގެ ޤައުމުތަކުގައި ވިޔަފާރީގެ އެންމެ ބޮޑު ޙިއްޞާދާރަށް ވެފައެވެ. މިއަދު ޗައިނާއަކީ ބޮޑެތި ހުރިހާ ޤައުމުތަކެއްގެ ވިޔަފާރީގައި ބޮޑު ޙިއްޞާދާރެވެ. މި ދިޔަ އަހަރު ޗައިނާ ވަނީ ޖަރްމަނުގެ ވިޔަފާރީގައި އެންމެ ބޮޑު ޙިއްޞާދާރަށް ވެފައެވެ.

އުފެއްދުންތެރިކަމާއި ޞިނާޢަތަށް ބަލާއިރު ޗައިނާ ވަނީ ދުނިޔޭގެ އެންމެ ބޮޑު ކާރުޚާނާއަށް ވެފައެވެ. ކޮރޯނާގެ ޒަމާނަށް ބަލާއިރު ފޭސްމާސްކު އެންމެ ގިނައިން އުފައްދާ އަދި ބޭރު ކުރާ ޤައުމަކީ ޗައިނާއެވެ. މީގެއިތުރަށް ވެސް މި ޖާއިޙާއިން ރައްކައުތެރިވުމަށް ބޭނުންވާ ސާމާނު އެންމެ ގިނައިން އުފައްދާ ޤައުމަކީ ޗައިނާއެވެ. ޗައިނާގެ ދިފާޢީ ބަޖެޓް ވަނީ ޑަބަލް ބޮޑުކޮށްފައެވެ. މި ކަމުގެ ސަބަބުން ސަރަޙައްދީ އަރާރުންތަކުގައި (ޚާޢްޞަކޮށް ޓައިވާނުގެ މަސްއަލައިގައި) ބާރުގެ ތިލަފަތް ޗައިނާގެ އަތަށް ބަރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ދިރާސާތައް ދައްކާގޮތުގައި ދިރާސާކުރުމަށާއި ސައެންސީ ރިސަރޗަށް ޗައިނާއިން ހޭދަކުރާ މިންވަރު އެމެރިކާއިން ހޭދަކުރާ މިންވަރަށްވުރެ އިތުރުވެގެންދާނެއެވެ. މިއީ ކުރިމަގުގައި، ވާދަވެރިކަމުގެ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް ދިރާސަތައް ބުނެއެވެ.

ހާވަރޑް ޔުނިވަރސިޓީގެ ކެނެޑީ ކޮލެޖްގެ އުސްތާޒެއް ކަމުގައިވާ ގްރެހަމް އެލިސަން ވިދާޅުވާ ގޮތުގައި ޗައިނާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އެމެރިކާ މީހުންނަށް މި "ހިތި ޙަޤީޤަތް" ޤަބޫލު ކުރަން އެބަ ޖެހެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ޗައިނާ ވަނީ "އަހުރެމެން ފަހަތަށް ޖައްސައި ކުރިއަރައި ގޮސްފައެވެ." އޭނާ ވިދާޅުވާ ގޮތުގައި 2020 ނިމޭއިރު އިޤްތިޞާދީ ދުވެލި ފައްސިވެފައިވާ ހަމައެކަނި ޤައުމަކަށް ވާނީ ޗައިނާއެވެ. މި އަހަރު ފެށުނުއިރު އެ ޤައުމެއްގެ އިޤްތިޞާދު އޮތް މިންވަރަށް ވުރެ ބޮޑަށް ކުރިއެރުން ލިބިފައިވާ ހަމައެކަނި ޤައުމަކަށް ވާނީ ޗައިނާއެވެ.

ދުނިޔެ ޣަރަޤުވާއިރު ޗައިނާ ފެންމަތީގައި

އައިއެމްއެފް ލަފާކުރާގޮތުގައި މި އަހަރު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކަށް އިޤްތިޞާދީ ކަސާދައެއް އަންނާނެއެވެ. އިޤްތިޞާދީ ދުވެއްޔަށް ހުއްޓި ކުރިއެރުން ނައްސިވާނެއެވެ. މި އިދާރާ ބުނާ ގޮތުގައި އެމެރިކާގެ އިޤްތިޞާދަށް 4 އިންސައްތައިގެ ގުރުޑުވުމެއް އަންނާނެއެވެ. އިނގިރޭސިވިލާތުގެ އިޤްތިޞާދަށް 10 އިންސައްތައިގެ ގުރުނޑުވުމެއް އަންނާނެއެވެ. މިއީ 2009 ވަނަ އަހަރު ދުނިޔެ ދެކެފައިވާ މާލީ އަޑިގަނޑަށްވުރެ ޑަބަލް ބޮޑު ކަމީނާކަމެކެވެ. ވިހިވިހި ވަނަ އަހަރުގެ އެޕްރީލުގައި އިންޑިޔާގެ އިޤްތިޞާދަށް 1.9 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް މިހާރު ލަފާކުރެވޭގޮތުގައި އިންޑީޔާގެ އިޤްތިޞާދު 10.3 އިންސައްތަ ދަށަށް ދާނެއެވެ. ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށް ބަލާއިރު ޗައިނާގެ އިޤްތިޞާދަށް މެނުވީ އިތުރު ކުރިއެރުމެއް ނާންނާނެތެވެ.

ކޮވިޑް-19 ޖާއިޙާގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ އިޤްތިޞާދުތަކަށް ވަރަށް ދިގު މުއްދަތަކަށް މި ބަލީގެ ނުބައި އަސަރު ފޯރާނެތެވެ. The Economist މަޖައްލާ ބުނާގޮތުގައި އައިއެމްއެފް ޤަބޫލުކުރާ ގޮތުގައި 2025 ވަނަ އަހަރާ ހަމައަށް ދާންދެން ދުނިޔޭގެ ބޮލަކަށް ޖެހޭނެ ކަމަށް ލަފާކުރެވުނު އާމްދަނީ ލަފާކުރެވުނު މިންވަރާ ހަމައަކަށް ނުދާނެއެވެ. މި ކަމުގައި އެންމެ ބޮޑަށް ބުރަ އުފުލަން ޖެހޭނީ ފަޤީރު ޤައުމުތަކަށެވެ. ދުނިޔޭގެ އިޤްތިޞާދު ހެދި ބޮޑުވާނެ މިންވަރެއް ކަމަށް ލަފާކުރެވެނީ އެންމެ 4.7 އިންސައްތަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *