Support Us

ތެޔޮ، ކޮރޯނާ، އިސްރާއީލް: މެދުއިރުމައްޗަށް އައިސްފައިވާ ތިން ބިންހެލުން

ވިހިވިހީގައި މެދުއިރުމަތި ފެށުނީ ވަރަށް ހޫނުކޮށެވެ. އީރާނުގެ ޖެނެރަލް ޤާސިމު ސުލައިމާނީ ޢިރާޤުގައި ހުންނަވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރުފުޅަށް އަވަހާރަކޮށްލުމާ ވިދިގެންނެވެ. ނަމަވެސް އެމެރިކާއާއި އީރާނާ ދެމެދުގައި ކުރިމަތިލުމެއް ނުހިނގިއެވެ. ހިނގައިފާނެތީ އެންމެން ތިބީ ބިރުންނެވެ.

ތިންވަނަ މަސް ފެށުނުތަނާ ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ތެލުގެ އަގު ބާޒާރުގައި ވެއްޓިގެން ދިޔައެވެ. އެ ސަރަޙައްދުގައި އިޤްތިޞާދީ، ސިޔާސީ އިޖްތިމާޢީ މަސްރަޙު ބަދަލުވެގެން ހިނގައިދާނެކަމުގެ ނާމާން އިންޒާރާއެކުގައެވެ.

ދެން ކުއްލިއަކަށް ފެނުނީ އިސްރާއީލާއެކު ގުޅުން ނޯމަލް ކުރުމުގެ ޒިލްޒާލެވެ.

އެއް އަހަރުގެތެރޭގައި މެދުއިރުމައްޗަށް މި އައި ތިން ބިންހެލުމުގެ ސަބަބުން އައު އުފަންވުމެއް މި ސަރަޙައްދަށް އަތުވެދާނެ ބާވައެވެ؟

ކާރިސާތަކުގެ އަހަރު ލޭ އޮހޮރުވުމަކުން ފެށުން

ވިހިވިހީގެ ޖަނަވަރީ މަހުގެ 3ވަނަ ދުވަހު ދުނިޔެ ހޭލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އީރާނުގެ  އިންޤިލާބީ ފާރަވެރި ލަޝްކަރުގެ ޤުދްސު ފައުޖުގެ އިސްވާރު ޖެނެރަލް ޤާސިމު ސުލައިމާނީ އަވަހާރަކޮށްލެވުނު ޚަބަރުގެ ނާމާން ޑަނޑޫރާއާއެކުގައެވެ. އެމެރިކާގެ މިސައިލަކުން އޭނާއަށް ޙަމަލާ ދިނީ ބަޣްދާދުގެ ވައިގެ ބަނދަރުން ޢިރާޤުގެ  އަލް ޙަޝްދުއް ޝަޢުބީ (ރައްއިތުން އެއްވުން) ގެ ނާއިބު ރައީސް އަބޫ މަހްދީ އަލްމުހަންދިސުގެ އަރިހުގައި ދަތުރު ކުރައްވަނިކޮށްނެވެ. ނުތަނަވަސް ޙާލަތުގައި އޮތް މެދުއިރުމަތި މިކަމާ ވިދިގެން އިތުރަށް ހޫނުވެ ދޮންވެގެން ދިޔައެވެ.

އެ ވަގުތަކީ ޢިރާޤުގެ މަސްއަރަޙު ކެކި ބޮކިޖަހަމުން ދިޔަ ވަގުތެކެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އިންޤިލާބުގެ އިސްވާރުން  ގޮވައިލައްވަމުން ވަޑައިގެންނެވީ އެމެރިކާއިން ޢިރާޤުގެ ވެރިކަމަށް އިސްކޮށްފައި ތިބި ސިޔާސީ ޖަމާޢަތްތަކާއި މަޒްހަބީ ނިޒާމުތައް ވެރިކަން ދޫކޮށް ދިޔުމަށެވެ. މިއީ 2003 ގައި ޢިރާޤުގެ ވަރުގަދަ ޒަޢީމު ޞައްދާމު ޙުސައިނުގެ ވެރިކަން ފުރޮޅައިލުމަށްފަހު އެމެރިކާއިން ޢިރާޤުގެ ރައްޔިތުންގެ މައްޗަށް އިސްކޮށްފައި ތިބި  ބޭފުޅުންތަކެކެވެ. އެމެރިކާއިން ބޭނުންވާ ދީމުޤްރާޠީ ނިޒާމު ޤާއިމުކުރުމަށް ޓަކައި ޢިރާޤަށް އެރި އެމެރިކާ ސިފައިންގެ ގިނަ ފައުޖުތައް ވަނީ ޢިރާޤުން ބާލައިފައެވެ.

ލުބްނާނުގެ އަހްލީ ހަނގުރާމަ 1990ގައި ނިމުމާ ވިދިގެން އެ ޤައުމަކީ މަޒްހަބީ ޙިއްޞާގެ މިންގަނޑުން ވަޒަންކުރާއިރު ޢިރާޤާ ވަރަށް އެއްފަދަ ބައިބައިވުންތައް އޮތް ޤައުމެކެވެ. ޕާޓީތަކާއި މަޒްހަބުތަކުގެ ޒަޢީމުންގެ ފަސާދައާ ދެކޮޅަށް ލުބްނާނު ވެސް ދަނީ ކެކެމުންނެވެ. ލުބްނާނު ގަޑުބަޑު ކުރުމުގައި ވެސް އީރާނުގެ އަތެއް ވާކަމަށް އެމެރިކާއާއި ހުޅަނގުން ބުނެއެވެ. އެއީ ލުބްނާނުގެ ޝީޢީ ޕާޓިއެއް ކަމުގައިވާ ޙިޒްބުﷲ ޕާޓީއެވެ. ޙިޒްބުﷲ ޕާޓީއަކީ ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން ވަރުގަދަ ބާރެކެވެ. މި އަހަރު ފެށުނީ ސިޔާސީ އަދި އިޤްތިޞާދީ ދަތިތަކަކާ އެކުގައެވެ. ލުބްނާނު މުޅިން ރޫޅިގެން ހިނގައިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ.

މެދުއިރުމަތީގެ ޤައުމުތަކެއް ކަމުގައިވާ ސޫރިޔާއާއި ލީބިޔާއާއި ޔަމަނަށް ބަލާއިރު މި ޤައުމުތަކަށްވުރެ ޢިރާޤާއި ލުބްނާނުގެ ޙާލަތު މާ ރަނގަޅެވެ. މި ތިން ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ޤައުމު ވެއްޓިފައިވާ ވަޅުގަނޑު ވަރަށް ފުނެވެ. މި ޤައުމުތަކުގެ ރައްޔިތުންނާ ކުރިމަތިވެފައިވާ އިންސާނީ ހިތްދަތިކަމާއި ކާރިސާތައް މާ ގިނައެވެ.

ޖަޒާއިރަށާއި ސޫދާނަށް ބަލާއިރު މި ދެ ޤައުމުގައި ވެސް ޢާއްމުވެފައިވަނީ މުޒާހަރާތަކެވެ. ބޫ ތަފްލީޤާއަށްފަހު ޖަޒާއިރަށް އަދި ޢުމަރުލް ބަޝީރަށްފަހު ސޫދާނަށް ހަމަ ޖެހުން އައިތަނެއް ނުފެނުނެވެ. ސޫދާނުގެ ރައްޔިތުން ބަނޑަށްޖެހި ފެންބޮޑުވެ ގެދޮރު ނެތިގެން ދަނިކޮށް ސޫދާނުގެ މިއަދުގެ ޒަޢާމަތަށް އެމެރިކާގެ ރައީސަށް 342 މިލިޔަން ޑޮލަރު އަރުވައިގެން ނިރުބަވެރިކަމުން ލިސްޓުން ސޫދާނުގެ ނަން ފުލެލެވޭތޯ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޢާއްމު ރައްޔިތުން ތާއީދު ކުރާ ކަމެއްނޫނެވެ.

ތޫނިހަށް ބަލާއިރު ޢަރަބި ރަބީޢުގައި ވައްޓައިލެވުނު ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީންގެ ނުފޫޒު ފުހެނުލެވޭނެ ކަމަށް ދާރިސުން ދެކެއެވެ.

ގަލްފްގެ ޤައުމުތަކަށް ބަލާއިރު ގަލްފުވެސް އޮތީ ތެޅިތެޅި އޮތް މަސްރަޙެއްގައެވެ. ޔަމަނުގެ ހަނގުރާމައިގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތު އޮތީ ޗަސްބިމެއްގެ ތެރެއަށް ވެއްޓި ކުރިއަށް ނުދެވިފައެވެ. ގަލްފްގެ ބައެއް ޤައުމުތަކާ އީރާނާ ދެމެދުގައިވާ ގުޅުމަކީ ވެސް ހަމަޖެހުމެއްނެތް ގުޅުމެކެވެ. މި ކަމުގެ ސަބަބުން ގަލްފް ކަނޑުއޮޅިވެސް އޮތީ ނާމާން ކަމެއްގެ ތެރޭގައެވެ.

މި ހުރިހާ މަސްއަލައަކަށްވުރެ ބޮޑު މަސްއަލައަކަށް ވެފައިވަނީ ޤަޠަރުގެ މަސްއަލައެވެ. ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި ބަޙްރައިނާއި މިޞްރުން ޤަޠަރު ޙިޞާރުކޮށް ބޮއިކަޓް ކުރުމުގެ ސަބަބުން މުޅި ޢަރަބި ދުނިޔެ ވަނީ ބައިބައިވެފައެވެ. މިކަމުގެ ނުބައި އަސަރު އިސްލާމީ ބައެއް ޤައުމުތަކަށް ވެސް ވަނީ ފޯރައިފައެވެ. މެދުއިރުމައްޗަށް ހަމަޖެހުން ގެނެއުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ވަނީ ޙާޞިލުކުރުން ދަތި މިންވަރަކަށް ދުރަށްލައި ބައްސާލައިފައެވެ.

 

ދެވަނަ ބިންހެލުން: ތެލުގެ އަގު ވެއްޓުމާއި ކޮރޯނާ

ސައްތައެއްހާ އަހަރު ކުރިން ގަލްފުން ތެޔޮ ފެނުމާއެކު އެއީ ބޮޑެތި ޤައުމުތަކުން އަތްގަދަކުރަން ބޭނުންވާ ސަރަޙައްދަކަށް ވެގެން ދިޔައެވެ. އެއީ ދާއިމީ ގޮތަކަށް އަރާރުން ހިނގަމުންދާ ހަމަޖެހުން ކުޑަ ސަރަޙައްދަކަށް ބަދަލުވިއެވެ. ބޮޑެތި ޤައުމުތަކުގެ އަމާޒަކަށް ވެފައިވަނީ ގަލްފްގެ ތަޚްތުތަކަށް އެ މީހުން އެދޭ ބަޔަކު ވަޑުވައިގެން ދާއިމީ ގޮތެއްގައި ހެޔޮ އަގުގައި ނުވަތަ ހިލޭ ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމެވެ. އެއަށްފަހު 1948ގައި ފަލަސްޠީނުގެ ބިމުގައި އިސްރާއީލޭ މިކިޔާ ޞިހްޔޫނީ ދައުލަތް ޤާއިމު ކުރުމާ ވިދިގެން އިސްރާއީލު ދެމެހެއްޓުމަށް ޓަކައި އެމެރިކާގެ ޒަޢާމަތުގެ ދަށުގައި ހުޅަނގުގެ ވުޖޫދެއް މެދުއިރުމަތީގައި ދަމަހައްޓަން ޖެހުނެވެ.

ތެލުގެ އަގާބެހޭ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރި ސަޢޫދީ ޢަރަބިއްޔާއިންތޯ ނުވަތަ ރަޝިޔާއިންތޯ މިއީ އުފެދިފައިވާ ސުވާލެކެވެ. މި ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމަށް މި ކަމުގައި ތުހްމަތުތައް ކުރާތަން ފެނެއެވެ. ސިޔާސީ މަސްރަޙުގައި ހަމަނުޖެހުންތައް އުފެދިފައިވާ ވަގުތެއްގައި އިޤްތިޞާދީ މަސްއަލަތަކާއި ޞިއްޙީ މަސްއަލަތަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑެތި ލޮޅުންތައް ޤައުމުގެ އަސާސުތަކަށް ގެނުވާނެ ކަމެކެވެ.

 

ތެޔޮ އުފައްދާ ދައުލަތްތަކުގެ އިންފާރު ފަހަނަޅާދާނެ

ބައެއް މީހުން ހީކުރާ ފަދައިން ތެލުގެ އަގު ވެއްޓުމުގެ ނުބައި އަސަރު ކުރާނީ ހަމައެކަނި ތެޔޮ އުފައްދާ ޤައުމުތަކަކަށް ނޫނެވެ. ތެލުގެ އަގުވެއްޓުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ބަޖެޓަށްކޮށްފައިވާ ނުބައި އަސަރު ކުޑަކުރެވޭތޯ ސަޢޫދީ ސަރުކާރުން ވަނީ އިޤްތިޞާދީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ދައުލަތުގެ މުވައްޒަފުންނަށް ދެމުން ދިޔަ އެތައް އެލަވަންސްތަކެއް ވަނީ ކަނޑާލައިފައެވެ. މުދަލުން ނަގާ ޓެކްސް ވަނީ ތިންގުނަ ބޮޑުކޮށްފައެވެ. މިކަމުގެ ސަބަބުން އެ ޤައުމުގެ ލާދަ (އިންފްލޭޝަން) ވަނީ މައްޗަށް ގޮސްފައެވެ. މި ކަމުގެ ނުބައި އަސަރު ކުރަމުންދަނީ ހަމައެކަނި ސަޢޫދީންނަކަށް ނޫނެވެ. ހަމައެކަނި އެ ޤައުމުގައި ވަޒީފާ އަދާކުރާ މީހުންނަކަށް ވެސް ނުމެނޫނެވެ.

ސަޢޫދީ ޢަރަބިއްޔާގައި މިޞްރާއި ތޫނިހާއި އުރްދުނާއި ސޫދާނުގެ އެތައް މިލިއަން ބަޔަކު މަސައްކަތް ކުރެއެވެ. ޕާކިސްތާނާއި ބަންގްލަދޭޝާއި އެފްރިކާ ބައްރުގެ ޤައުމުތަކުގެ އެތައް މިލިއަން ބަޔަކު މަސައްކަތް ކުރެއެވެ. އިޤްތިޞާދީ މި ދަތިކަމާހެދި ސަޢޫދީ ސަރުކާރުން މިހާރު ދަނީ ބޭރު މީހުން މަދު ކުރަމުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ޒުވާނުންނަށް މަސައްކަތް ކުރުމަށް ހިތްވަރު ދެމުންނެވެ.

މި ކަމުގެ ސަބަބުން ސަޢޫދިޔާގައި  މަސައްކަތް ކުރާ މިޞްރު މީހުން ރަށަށް ފޮނުވާ ފައިސާ ވަނީ ނިސްބަތުން 21.5 އިންސައްތަ ދަށަށް ގޮސްފައެވެ. މުޅި ގަލްފަށް  ބަލާއިރު އެ ސަރަޙައްދުން ބޭރަށް ފޮނުވާ ފައިސާ ވަނީ ނިސްބަތުން 20 އިންސައްތަ ދަށަށް ގޮސްފައެވެ. މި ކަމުގެ ސަބަބަކީ ތެލުގެ އަގު ފީފާއެއް 40 ޑޮލަރަށް ދަށަށް ދިޔުމެވެ. ކޮރޯނާގެ ޒަމާނުގައި ތެލުގެ އަގު މައްޗަށް ދާނެކަމަށް އަދި ލަފައެއް ނުކުރެވެއެވެ.

މި ފަހަރުގެ ޙަލަތާ ކުރީގެ ޙާލަތުތައް ތަފާތު

ގަލްފުގެ ސަރަޙައްދަށް މީގެ ކުރިން މި ފަދަ ދަތި ވަގުތުތައް ވަނީ އައިސްފައެވެ. އެހެނަސް އެ ދަތިތަކުގެ އަސަރު އެ ޤައުމުތަކުގެ ސިޔާސަތަށާއި އިޤްތިޞާދަށާއި އިޖްތިމާޢީ ޙާލަތަށް މިހާ ބޮޑަށް ކޮށްފައެއް ނުވެއެވެ. ދާރިސުންނާއި ބާޙިސުން ވިދާޅުވާ ގޮތުގައި ތެލާއި ކޮރޯނާ ގުޅުމުން ހުޅުގަނޑު ވަނީ މާބޮޑަށް ފަޅައިގެން ގޮސްފައެވެ. މީގެ އަސަރު ދިގު މުއްދަތަކަށް ދެމިގެންދާނެއެވެ. މި ކަމުގެ ސަބަބުން އެ ސަރަޙައްދަށް އަސާސީ ބަދަލުތަކެއް އަންނާނެއެވެ.

މީގެ ތިރީހަކަށް އަހަރުކުރިން ޞައްދާމު ޙުސައިން ކުވައިތު ހިއްޕަވައި ޢިރާޤުގެ ޕްރޮވިންސަކަށް ހެއްދެވުމުން ގަލްފަށް ވަރަށް ފުން ލޮޅުންތަކެއް އެރިއެވެ. ކުވައިތު މިނިވަންކުރުމަށް ޓަކައި އެކުލަވައިލެވުނު އިއްތިޙާދުގައި ބައެއް ޢަރަބި ޤައުމުތައް ބައިވެރިވިއެވެ. އެ ބިންހެލުމުގެ ސަބަބުން މެދުއިރުމައްޗަށް އަސާސީ ބަދަލުތަކެއް އައެވެ. ފަލަސްޠީނުންނާ އިސްރާއީލާ ދެމެދުގައި ވާހަކަދެއްކުންތައް ފެށި އޮސްލޯ އެއްބަސްވުމާ ހަމައަށް ދެވުނެވެ. އަދި އުރްދުނާ އިސްރާއީލާ ދެމެދުގައި "ވާދީ ޢަރަބަތި" އެއްބަސްވުން ޤާއިމު ކުރެވުނެވެ.

އެއަށްފަހު އައީ 2001ގެ ސެޕްޓެންބަރުގެ ބޮޑު ޒިލްޒާލެވެ. މި ބިންހެލުން އައިސްފައި ވަނީ އެމެރިކާއަށް ނަމަވެސް މި ބިންހެލުމުގެ ލޮޅުންތައް މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. އެމެރިކާއިން 2003ގައި ޢިރާޤާށް އެރިއެރުމަކީ މިކަމާ ގުޅިފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން އީރާނަށް ޢިރާޤު ލިބިގެން ދިޔައެވެ. އެއަށްފަހު އިރާނުގެ ބާރު ސޫރިޔާއަށާއި ލުބްނާނާ ހަމައަށް ފެތުރުނެވެ. އެންމެފަހުން މި ކަމުގެ އަސަރު މި ވަނީ ޔަމަނާ ހަމައަށް ފެތުރިފައެވެ. އެހެންކަމުގައި ވިޔަސް އެއީ ސިޔާސީ ބަދަލުތަކެކެވެ. އެ ސަރަޙައްދުގެ އެހެން ޤައުމުތަކަށް މި ކަމުގެ އަސަރެއް ނުފޯރައެވެ.

ކޮރޯނާއާއި ތެލުގެ އަގާ ބެހޭގޮތުން ދިރާސާ ކުރުމަށް ޓަކައި ޔޫރޯކިންގްސް އިންސްޓިޓިޔުޓުން އެތައް ނަދުވާތަކަކާއި ސިންތާތަކެއް ބޭއްވިއެވެ. މި ސިންތާތަކުގައި ދުނިޔޭގެ ބޭންކާއި ފައިސާޔާބެހޭ ބައިނަލްއަޤްވާމީ ފަންޑުގެ ތަޖްރިބާކާރުންނާއި ޢަރަބި ޤައުމުތަކުގެ ސިޔާސީ ތަޖްރިބާކާރުން ބައިވެރިވެވަޑައިގަތެވެ. މި ބޭފުޅުން އިޖްމާޢުވެ ވަޑައިގެންނެވި ގޮތުގައި ކޮރޯނާ ރޯގާ ފެތުރުމާއި  ތެލުގެ އަގު ވެއްޓުމުގެ  ކުރިން އޮތް ޙާލަތަށް އެ ސަރަޙައްދަށް  ދެން "އަނބުރައެއް ނުދެވޭނެއެވެ."

ޒުވާނުންނާއި ނާއުއްމީދު

        މުޙައްލިލުންގެ ގިނަ ބަޔަކު ދެކޭގޮތުގައި މި ދެ ބިންހެލުމުގެ އިޤްތިޞާދީ ނުބައި އަސަރުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެއެވެ. އެއީ މި ސަރަޙައްދުގައި ދީމުޤްރާޠީ ނިޒާމު ނެތުމާއި ސަރުކާރުތަކާއި ރައްޔިތުންނާ ދެމެދުގައިވާ ގުޅުމަކީ ރައްޔިތުންގެ ރުޅި މައިތިރިކުރުމަށް ޓަކައި ދަނޑިބުރި ބޭނުންކުރުން ކަމުގައިވާތީއެވެ. ގިނަ ސަރުކާރުތަކުގެ ސިޔާސަތަކީ ރައްޔިތުން ފަޅައިގެން ދިޔުމުގެ ކުރިން މުދަލުގެ އަގު ހެޔޮކޮށްލުމާއި މުސާރަތައް މައްޗަށް ޖައްސައިލަ ދިނުމެވެ. މިއީ އަސްލު މަސްއަލައަށް ގެނެވޭ ޙައްލެއްނޫނެވެ. މި ބާވަތުގެ ފިޔަވަޅުތަކަށް ސިޔާސީ މައިދާނުގައި ކިޔަނީ "ސިޔާސީ ރިޝްވަތެވެ. ނުވަތަ އިޖްތިމާޢީ ރިޝްވަތެވެ."

     މިސާލަކަށް ބަލާނަމަ 2010 އާއި 2011އާ ހަމައަށް ސޮއްސާލަމާ ހިނގާށެވެ! އެއީ ޢަރަބި ރަބީޢުގެ ޒިލްޒާލު އައި ދުވަސްވަރެވެ. މި ރަބީޢު ފެށުނީ ތޫނިހުންނެވެ. ދެން ދިޔައީ މިޞްރަށާއި ލީބިޔާއަށާއި ސޫރިޔާއަށާއި ޔަމަނަށާއި ބަޙްރައިނަށެވެ. މި ޒިލްޒާލުގެ ލޮޅުން ރިޔާޟާ ދުރަށްލުމަށް ޓަކައި ސަޢޫދީ ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މާލީ އެތައް ލުއިފަސޭހަތަކެއް ދިނެވެ. ގަލްފްގެ އެހެން ޤައުމުތަކުން ޢަމަލު ކޮށްފައި ވަނީ ހަމަ މި ބީދައިންނެވެ. އެ ދުވަސްރަކީ ގަލްފް ޤައުމުތަކުގެ ޚަޒާނާތައް ފުރި ބަންޑުންގޮސްފައިވާ ދުވަސްވަރެކެވެ. ރައްޔިތުންނަށް މިފަދައިން މެޓާ ދިނުމުގެ ޤާބިލުކަން އޮތް ދުވަސްވަރެކެވެ.

ގަލްފަށް ބަލާއިރު ސަޢޫދިޔާއަކީ އާބާދީގެ ގޮތުންވެސް އަދި ތެލުގެ މުއްސަނދިކަމުގެ ގޮތުން އެންމެ ބޮޑު ޤައުމެވެ. ސަޢުދީގެ އާބާދީގެ 60 އިންސައްތައަކީ ޒުވާނުންނެވެ. ވަލިއްޔުލްޢަހްދު މުޙައްމަދު ބިން ސަލްމާނުގެ ސިޔާސަތުގައި ޒުވާނުންނަށް އިސްކަން ދެއްވާފައި ވަނީ މިހެން ވެގެންނެވެ. ބައްޕާފުޅު ރަސްގެފާނު ސަލްމާނަށް ވެރިކަން ލިބިވަޑައިގަތުމާ ވިދިގެން އަމީރު މުޙައްމަދު ބިން ސަލްމާނުގެ ބާރު ދިޔައީ ހީވެސް ނުކުރާފަދަ ބާރު ދުވެއްޔެއްގައި މައްޗަށް އަރަމުންނެވެ. މި މިސައިލް ވައްޓައިލެވޭނެ ދިފާޢީ ނިޒާމެއް އަދި ނެތެވެ. ނަމަވެސް ތެލާ މި ކުރިމަތިވި ބިންހެލުމުގެ ސަބަބުންނާއި ކޮރޯނާގެ ސަބަބުން  މުޙައްމަދު ބިން ސަލްމާނުގެ އެޖެންޑާއަށް ވަނީ ހުއްޓުން އަރައިފައެވެ. މުވައްޒަފުންގެ މުސާރަ ބޮޑުނުވުމުން ސަޢޫދީންނަށް ލިބުނު ޙައިރާންކަމަށްވުރެ ބޮޑަށް ޙައިރާންކަން ލިބުނީ އެމީހުން މީގެ ކުރިން ނުދަންނަ ޓެކްހެއްގެ ސަބަބުންނެވެ. ވިއްކާ މުދަލުން ނަގާ  ޓެކްސް ފެށުނީ 5 އިންސައްތައިންނެވެ. ރަޝާއާ ދެކޮޅަށް ވަލިއްޔުލްޢަހްދު ފެއްޓެވި ތެލުގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވެއްޓުނީ ހީފުޅު ނުކުރައްވާހައި ދަށު ދަރަޖައަކަށެވެ. އެއާ ވިދިގެން ދެން ފާޅުވީ ކޮރޯނާ ޖާއިޙާއެވެ. ނަތީޖާއަކަށް ވީ މުދަލުން ނަގާ ޓެކްސް 15އިންސައްތަ އަށް ބޮޑުވުމެވެ. މަޢީޝަތު އަގުބޮޑުވުމެވެ. ކުއްޔަށްދޭ ފްލެޓްތަކުންވެސް ޓެކްސް ނެގުމެވެ. އިތުރު އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ.

ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ ސިޔާސަތުގެ ސަބަބުން ސަޢޫދީ ޚަޒާނާ ވަނީ ވަރަށް ބޮޑަށް އަޑިއަށް ގޮސްފައެވެ. ލިބޭ އެއްޗަކަށްވުރެ ޚަރަދު ވަނީ ބޮޑުވެފައެވެ. ޔަމަނުގެ ހަނގުރާމައާއި އެމެރިކާގެ ރައީސް ޓްރަމްޕްގެ ރުހުން ހޯއްދެވުމަށް ޓަކައި އެމެރިކާ އަތުން ރެކޯޑް ޢަދަދަކަށް ހަތިޔާރު ބައްލަވައިގަތުމުގެ ކޮންޓްރެކްޓްތަކުގެ ސަބަބުންނެވެ. މިހާރު ފެތުރެމުންދާ ކޮރޯނާއިން މާ އަވަހަށް ސަލާމަތްވެވޭނެ ކަމަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަކުން ނުބުނެއެވެ. ތެލުގެ އަގު އެންމެ ދަށްވެގެން ފީފާއެއް 80 ޑޮލަރަށް މައްޗަށް ނާރައިފިނަމަ  މި ބިންހެލުމުގެ އިތުރު ލޮޅުންތައް އަތުވެދާނެކަމުގެ ބިރު އެބަ އޮތެވެ.

މި ދިޔަ މޭމަހު ވޮޝިންގްޓަން އިންސްޓިޓިޔުޓުން ކުރި ދިރާސާތައް ވަނީ މި ކަމުގެ އިންޒާރު ދީފައެވެ. މި ދިރާސާތައް ބުނާގޮތުގައި ސަރަޙައްދީ އަދި ދާޚިލީ އެތައް ގަނޑުބަޑުތަކެއްގެ ތެރެއަށް ޣަރަޤުވެފައިވާ މެދުއިރުމަތީގެ ޙާލަތު ކޮރޯނާ ޖާއިޙާއާއި ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ވަނީ ވަރަށް ވަރަށް ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ. މި ދިރާސާތައް ބުނާގޮތުގައި މާލީ ތަނަވަސްކަމުގެ ސަބަބުން ދިފާޢީ ބާރު ގަދަކޮށް އޮތް ގަލްފްގެ ޤައުމުތައް މިހާރު އޮތީ މި  ދެ ބިންހެލުމާހެދި ކުޑަ ކަކޫ މައްޗަށް ތިރިކޮށްފައެވެ. އެއީ ކޮރޯނާ ޖާއިހާއާއި ތެލުގެ އަގު ވެއްޓުމެވެ.މި ކަމުގެ ސަބަބުން އެ ސަރުކާރުތަކުން ރައްޔިތުންނަށް ތަނަވަސްކޮށްދިން " އަރާމު ދިރިއުޅުން" މިހާރު ވަނީ ތަނަވަސްކޮށް ދިނުމަށް ނުކުޅެދިފައެވެ. މެދުއިރުމައްޗާ ބެހޭ މާހިރުން ނިމުތު ކުރައްވާގޮތުގައި މެދުއިރުމަތި 2011ގައި ފަޅަފަޅައިގެން ދިޔަގޮތަށް ކޮންމެ ވަގުތެއްގައި ވެސް އަލުން ގޮވަން ފަށާފާނެއެވެ. ސޫދާނުން މި މަންޒަރު ފެންނަން އަލުން ފަށައިފިއެވެ. ބަޝީރު ވައްޓައިލި މީހުންނަށް ޤައުމުގެ ޙާލަތު އިޞްލާޙުކޮށެއް ނުދެވުނެވެ. ނަތީޖާއަކަށް ވީ އަލުން ރައްޔިތުން މަގުމައްޗަށް ނުކުތުމެވެ.

 

އިސްރާއީލާއެކު ގުޅުން ނޯމަލްކުރުން

ކޮރޯނާއާއި ތެލުގެ ސަބަބުން ބަތްކޮޅާއި ރޮށިކޮޅުގެ އަގު ބޮޑުވުމުން މެދުއިރުމަތީގެ ޢާއްމު ރައްޔިތުން ކަންބޮޑުވުމާއި ހާސްކަމުގައި ތިއްބާ އެމީހުންނަށް އިތުރަށް ސިހުން ލިބުނީ ރައީސް ޓްރަމްޕް 13 އޯގަސްޓު 2020 ވަނަ ދުވަހު އިސްރާއީލާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދުގައި ގުޅުންތައް ޤާއިމު ކުރުމަށް އެއްބަސްވި ވާހަކަ އިޢުލާން ކުރެއްވުމުންނެވެ. މި ކަން ވެގެން ދިޔައީ މެދުއިރުމަތީގައި ގޮއްވައިލެވުނު ބޮޑު ބޮމަކަށެވެ. ސަޢޫދީ ވައިގެ ސަރަޙައްދު އިސްރާއީލުގެ މަދަނީ މަތިންދާބޯޓުތަކަށް ހުޅުވައިލި ޚަބަރަކީވެސް ސިހުން ލިބުނު ޚަބަރެކެވެ. އިމާރާތާއެކު ގުޅުން ޤާއިމުކުރުމާ ވިދިގެން ބަޙްރައިނާއެކުގައިވެސް މިގުޅުން ވަނީ ޤާޢިމުކުރެވިފައެވެ. މި ގުޅުން ސޫދާނާއެކުގައި ޤާއިމު ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

އިސްރާއީލާއެކު ގުޅުންތައް ނޯމަލްކުރުމުގެ ވާހަކައަކީ އަދިވެސް މެދުއިރުމަތީގައި ޢާއްމު ރައްޔިތުން ޤަބޫލުކުރާ ކަމެއްނޫނެވެ. އިސްރާއީލާއެކު މީގެ ސާޅީސް އަހަރު ކުރިން ގުޅުން ޤާއިމު ކުރި އެންމެ ފުރަތަމަ ޢަރަބި ޤައުމަކީ މިޞްރެވެ. މިޞްރަށް އަދިވެސް ވަނީ އިސްރާއީލާއެކު ގުޅުންތައް ރަނގަޅު މިސްރާބަށް އަޅުވައިނުލެވިފައެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25ވަނަ ދުވަހު މިޞްރު މީހުން އިސްރާއީލު އެމްބެސީއަށް ވަދެގަތުމަށް ކުރި މަސައްކަތަކީ މި ކަމުގެ ރަނގަޅު ދަލީލެކެވެ. ސްޓްރެޓީޖިކް ސްޓާޑީޒާ ބެހޭ ވޯޝިންގްޓަން އިންސްޓިޓއުޓުން ވަރަށްފަހުން ޝާއިޢު ކުރި ދިރާސާއެއް ބުނާގޮތުގައި މިޞްރުގައި އަދިވެސް ގިނަ ބަޔަކު އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމަށް ތާއީދެއް ނުކުރެއެވެ. އިސްރާއީލާއެކު ވިޔަފާރީގެ މައިދާނުގައްޔާއި ކުޅިވަރުގެ މައިދާނުގައި ގުޅުން ޤާއިމު ކުރަން ތާއީދު ކޮށްފައިވަނީ އެންމެ 6 އިންސައްތަ މީހުންނެވެ. މިޞްރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މިކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައެވެ.

އެންމެ ބޮޑު ޢަރަބި ޤައުމުގެ ޙާލަތަކީ މިއެވެ. އެއީ އިސްރާއީލާ ދެކޮޅަށް ބޮޑު ހަތަރު ހަނގުރާމައެއް ކުރުމަށްފަހު އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރި މިޞްރުގެ ޙާލަތެވެ. ދާރިސުންނާއި ބާހިސުން ވިދާޅުވާ ގޮތުގައި ޢަރަބި އެހެން ޤައުމުތަކުގެ ޙާލަތު މިއަށްވުރެ ރަނގަޅެއް ނުވާނެއެވެ. އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމަށް ސޫދާނުގެ މިއަދުގެ ޒަޢާމަތުން ޖެހިލުންވެފައި ވަނީ މިހެންވެގެންނެވެ. ސޫދާނަށް އެމެރިކާގެ އެހީ ބޭނުންކަމުގައި ވިޔަސް މިއަދުގެ ސަރުކާރަށް ވެރިކަމުގައި ދެމި އޮވެވޭނީ އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމުގެ ވާހަކަ ތަންކޮޅެއް ފަހަށް ބާއްވައިގެންނެވެ.

ސައޫދީ ޢަރަބިއްޔާއަކީ މި މަސްއަލައިގައި އެފަދަ މިސާލެކެވެ. މި ސައްތައިގެ ޑީލުގެ ބާނީ ޖެރެޑް ކުޝްނަރަކީ މުޙައްމަދު ބިން ސަލްމާނުގެ ވަރަށް ގާތް އެކުވެރިއެކެވެ. ވަރަށް ގިނަ މުޙައްލިލުން ވިދާޅުވާ ގޮތުގައި މިޞްރުގެ ރައީސް ސީސީ ރަތްކަނޑުގައި އޮންނަ މިޞްރުގެ ދެ ރަށް (ތީރާނާއި ޞަނާފީރު)  2016 ގައި ސަޢޫދިޔާއަށް ދެއްވީ މިޞްރާއި ސަޢޫދިޔާއާއި އުރްދުނާއި އިސްރާއީލު ގުޅިގެން ފަތުރުވެރިކަމުގެ ވަރަށް ބޮޑު މަޝްރޫޢެއް ފަށްޓަވަން ވެގެންނެވެ. އިމާރަތަށާއި ބަޙްރައިނަށް އިސްރާއީލާއެކު ގުޅުން ޤާޢިމު ކުރުމަށް ހިތްވަރުދެއްވީ މުޙައްމަދު ބިން ސަލްމާން ކަމަށް މި އިންސްޓިޓިޔުޓްގެ ދިރާސާތައް ބުނެއެވެ. މުޙައްމަދު ބިން ސަލްމާނުގެ އާނ ބަހެއްނެތި އެ ދެ ޤައުމުން އެފަދަ ކަމެއް ނުކުރާނެތެވެ. މި ކަމަށް ސަލްމާން ރަސްގެފާނު ތާއީދު ނުކުރައްވާކަމަށް މި ދިރާސާތައް ބުނެއެވެ. އެ ރަސްގެފާނުގެ ވެރިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން އިސްރާއީލާއެކު ގުޅުންތައް ރަސްމީކޮށް ޤާއިމު ނުކުރާނެކަމަށް ދާރިސުން ވިދާޅުވެއވެ. މި ގުޅުން ޤާއިމު ކުރެވޭނީ ސަލްމާން ރަސްކަމުން ވަކިވެވަޑައިގަތް ދުވަހަކުންނެވެ. ސުވާލަކީ ސަލްމާން ރަސްގެފާނު އަވަހާރަވަންދެން ތަޚްތުގައި ބައިންދާނެ ބާވައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *