...

Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ހެލްތަށް،

ފޮނުވީ: ފާތުމަތު ދީދީ/ އައްޑޫ ސިޓީ ހިތަދޫ
ގުޅޭ: އީކުއެޓޯރިއަލް ހޮސްޕިޓަލްގައި އެމް.އާރް.އައި ސްކޭނެއް ހަދަން ޖެހުމުން އަޅުގަނޑަށް ކުރިމަތިވި ހާލަތު

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑު މި ސިޓީ މި ލިޔަނީ އައްޑޫ ސިޓީ ހިތަދޫގައި ދާދި ފަހުން ހުޅުވި އީކުއެޓޯރިއަލް ހޮސްޕިޓަލްގައި އެމް.އާރް.އައި ސްކޭނެއް ހަދަން ޖެހުމުން އަޅުގަނޑަށް ކުރިމަތިވި ހާލަތު މަނިކުފާނަށް ބަޔާންކޮށްދިނުމަށެވެ.

އީކުއެޓޯރިއަލް ހޮސްޕިޓަލްގައި އެމް.އާރް.އައި ހެދުމަށް ބޭނުންވާ މެޝިނަރީ އާއި ކޮޓަރިތައް ނިންމައި އެ ޓެސްޓް ހެދޭނެ ގޮތް މަގުފަހިކޮށްދީފައިވާ ވާހަކަ ސަރުކާރުން ބުނެފައި ވީނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިއީ މުޅިން ތެދެއް ނޫނެވެ. ޓެސްޓް ހެދޭނެ ވަކި ދުވަހެއް ނޭނގި، ބޮޑު ކިއުއެއްގައި ބަލި މީހާ މަޑުކުރުމަކީ މައްސަލައަކަށް ނުވާނަމަ، މި ޓެސްޓް ކޮންމެވެސް ދުވަހަކުން ހެދެޔޭ ބުނެވިދާނެއެވެ. އަދި ނަސީބު ރަނގަޅުނަމަ، 40 ދުވަސް ތެރޭގައި މި ޓެސްޓް ހެދިދާނެއެވެ. އެކަމަކު ނަސީބު ރަނގަޅު ނޫން ނަމަ އަދި މިއަށްވުރެވެސް ގިނަ ދުވަސް ވެދާނެއެވެ.

ދާދި އިހަކަށް ދުވަހު، އަޅުގަނޑުގެ އަންހެން ދަރިފުޅުގެ އެމް.އާރް.އައި އެއް ހަދަން ޖެހުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސްކޭން ސެންޓަރުގައި ނަން ނޯޓު ކުރީމެވެ. ޓެސްޓް ހެދޭނެ ވަގުތު އަންގާލަދޭނެ ކަމަށް ބުނުމުން، ކިހާ ބޮޑު ކިއުއެއް އޮތްތޯއާއި ކިހާ ދުވަހަކު މަޑުކުރަންޖެހޭތޯ ސުވާލުކުރީމެވެ. ޖަވާބަކަށް ލިބުނީ "އަޅުގަނޑުމެންނަކަށް ނޭނގޭ. އަދި ވަރަށް ގިނަ ދުވަސް ވެދާނެ" ކަމަށެވެ.

އޭގެ ތިން ހަފްތާ ފަހުންވެސް އަޅުގަނޑުމެން ޓެސްޓާ ބެހޭގޮތުން ހޮސްޕިޓަލާ ސުވާލުކުރުމުން ޓެސްޓް ހެދޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް ހޮސްޕިޓަލުން ޖަވާބު ދިނެވެ. އަޅުގަނޑުމެން އެ ހިސާބުން ހޮސްޕިޓަލަށް ގޮސް ކަމާ ބެހޭ މީހުންނާ ބައްދަލުކުރީމެވެ. ބޭނުންވާ މެޝިނާއި، ޑޮކްޓަރުންނާ ތިބިއިރު ޓެސްޓް ހެދުން މިހާ ލަސްވަނީ ކީއްވެތޯ ސުވާލުކުރީމެވެ. ހޮސްޕިޓަލުގެ އޮފިޝަލެއް އަޅުގަނޑުމެންނަށް ދިން ޖަވާބަކީ މިއީއެވެ. "މިތާނގައި މަސައްކަތް ކުރަނީ އެންމެ ސްކޭން ޑޮކްޓަރެކެވެ. އެހެން ސްކޭންތަކާއި ޓެސްޓްތައްވެސް އެ ޑޮކްޓަރު ހަދަން ޖެހޭތީ އަބަދު ދަނީ ވަރަށް ބިޒީކޮށެވެ. އެހާ ގިނަ ދުވަސް ވަނީ އެހެންވެއެވެ."

އީކުއެޓޯރިއަލް ހޮސްޕިޓަލްގެ އެމް.އާރް.އައި މެޝިން

 

އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުންވާ ވަރަށް މެޝިނާއި ތަނާއި، ޑޮކްޓަރުން ތިބެ، އަޅުގަނޑުމެންގެ ރަށުން މި ހިދުމަތް ނުލިބުމަކީ ކިހާ ބޮޑު ޖޯކެއްތޯއެވެ؟

ކޮވިޑް19ގެ ޕެންޑެމިކްގެ ތެރޭގައި އަޅުގަނޑުގެ ފިރިމީހާގެ ވަޒީފާ ގެއްލި، ދަރިފުޅު ބަލިހާލުގައި އޮތްއިރުވެސް، އަޅުގަނޑުމެންނަށް މަޖުބޫރުވީ މި ޓެސްޓް ހަދަން ވެރިރަށް މާލެއަށް ދާށެވެ. އެމް.އާރް.އައި ހެދުމަށާއި ދަތުރު ކުރުމާއި ތިބުމާއި ކެއުމުގެ ހުރިހާ ހަރަދެއް ކުރަންޖެހުނީ އަޅުގަނޑުމެން އަމިއްލައަށެވެ. މީހުން ގާތު ފައިސާއަށް އާދޭސްކޮށްގެންނެވެ. އަދި މި ހުރިހާ ކަމެއްގެ އިތުރުން، ޓެސްޓް ހަދައި ނިމިގެން ރަށަށް އަނބުރާ އައިސް، 17 ދުވަސް ވަންދެން ކަރަންޓީންވާން ޖެހުމުން އަޅުގަނޑުގެ ދަރިފުޅުގެ ކިޔެވުމަށް ބުރޫއަރައި އަޅުގަނޑުމެންގެ ފަސް މަހުގެ ތުއްތު ކުއްޖާއަށްވެސް މިކަމުގެ ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ.

އީކުއެޓޯރިއަލް ހޮސްޕިޓަލްގެ އެމް.އާރް.އައި މެޝިނުން މީހަކު ސްކޭން ކުރަނީ

މި ކަންކަމަކީ ފިރިމީހާގެ ވަޒީފާ ގެއްލުމުގެ ސަބަބުން ދުވަހު ހަރަދުތައް ކުރަން އުނދަގޫވެފައިވާ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އާއިލާއަށް ކުރިމަތިވި ވަރަށް ދެރަ އަދި ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރުކުރުވި ކަމެކެވެ.

ވީމާ، އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތައް މިއަށްވުރެ ރަނގަޅަށް އިންތިޒާމްކޮށްދެއްވައި، އެކަށީގެންވާ ވަރަށް މުވައްޒަފުން ލައްވަވައި، އަޅުގަނޑުމެންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއި އަވަސްކަމާއެކު ޓެސްޓްތައް ހަދައި، ބޭސްފަރުވާ ކުރެވޭނެ ހަރުދަނާ އުސޫލެއް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.