ތާރީހް:

ލިބެންވީ: ދިރާގަށް،

ފޮނުވީ: ލަތީފު
ގުޅޭ: ދިރާގު ނެޓްވޯކް ދޫކޮށްލައި، "ވަގްތުންވަގްތަށް" އުރީދޫއަށް ބަދަލުވުމަށް ނިންމައިފިން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އިންޓަނެޓަކީ ދިވެހިންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތަކަށް ވެފައި ވީ ނަމަވެސް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮތް ދިރާގުން ވެސް އަބަދުވެސް މަސައްކަތް ކުރަމުންދަނީ އޭގެ ބޮޑު ފައިދާގަނޑެއް ނެގުމަށެވެ. ރަނގަޅު ހިދުމަތެއް ދިނުމުގެ ބަދަލުގަ އެވެ. މި ސަރަހައްދު ގައުމުތަކަށް ބަލާއިރު ވެސް އިންޓަނެޓުގެ އެންމެ އަގުބޮޑީ ރާއްޖޭގަ އެވެ.

އިންޓަނެޓުގެ އަގު ހެޔޮނުކުރި ތާނގައި، ބޮޑު އަގުގައި ދެމުންދާ އިންޓަނެޓްގެ ހިދުމަތް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ކެނޑިގެން ދިއުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑު އުނދަގޫތަކާއި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. މިއަދުވެސް މެންދުރުފަހު 2.30 އިން ފެށިގެން ދެ ގަޑިއިރެއްހާއިރު ވަންދެން ދިރާގުގެ އިންޓަނެޓްގެ ހިދުމަތް މާލެ އާއި ހުޅުމާލެއިން ވެސް ވަނީ ކެނޑިފަ އެވެ. ފޯނާއި އިންޓަނެޓްގެ ހިދުމަތް ކިތަންމެ ކުޑަ އިރުކޮޅަކަށް ނަމަވެސް މެދުކެނޑުމަކީ، ދެ އަތާއި ދެފައި ބިންދާލުމަށް ވެސް ވޭންހުރި ކަމަކަށް މިހާރު މި ވަނީ ވެފަ އެވެ.

މިހާރު ވެސް، ކިރިޔާ ބިލެއް ނުދެއްކުނަސް، ދިރާގުން ފޯން ވަންވޭ ކޮށްލުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެ އެވެ.

ކޮވިޑް19ގެ އާލަމީ ވަބާގައި ރާއްޖެއާއި މުޅި ދުނިޔޭގެ ވިޔާފާރިތައް އިނދަޖެހިގެންދާއިރު، މުވާސަލާތީ ކުންފުނިތަކަށް އެކަހަލަ އެއްވެސް ފިކުރެއް ނެތެވެ. މުޅި ރާއްޖެ ލޮކްޑައުންކޮށް، ގޭބަންދުގަ އާއި ރަށު ބަންދުގަ އާއި ހޮސްޕިޓަލް ބަންދުގައި އެންމެ ތިބި އިރު، ކައިރިއާއި ދުރުގައި ތިބި އެންމެން ގުޅުވައިދިނީ ހަމަ ޔަގީނުން ވެސް މޯބައިލް ފޯނުންނެވެ. އަދި އެކަން އެކަންޏެއް ނޫނެވެ. ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި އޮތްއިރު، މަރުނުވެ އުޅެވުނީ ވެސް، ފޯނުކޮށްގެން، ކާނާ އާއި ބޯފެން ގެޔަށް ގެނެވުނީތީ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ހުއްދަ ހޯދަން ފުލުހުންގެ ކިބައިން އެދެވެނީ ވެސް ޑާޓާ ހުރިއްޔާ އެކަންޏެެވެ. އެހެންވެ ކުރިން ޑާޓާ އަޅައިގެން ފޯނު ބޭނުންނުކުރާ އެތައް ހާސް ބަޔަކު، އަލަށް ޑާޓާ އަޅައިގެން ވެސް ފޯނު ބޭނުންކުރަން ފެށި އެވެ. ރައްޔިތުން ހާލުގައި ޖެހުނު ވަރަކަށް ދިރާގަށާއި އުދީދޫ އަށް ހައްތަހާ ވެސް ފައިދާ އެވެ. އެހެންވެ، ރާއްޖޭގެ ހުރިހައި ވިޔާފާރިއެއް އަޑިއަޅާލި ކަމުގައި ވިޔަސް، ކޮވިޑް19ގައި ވެސް ދިރާގާއި އުރޫދޫގެ ވިޔަފާރި މައްޗަށް އަރައިގެން ގޮސްފައިވާނެ ކަމަށް ގަބޫލްކުރަންޖެހެ އެވެ.


އަޅުގަނޑުގެ ފޯނުންނާއި ގެއަށް ގުޅާފައިވާ ދިރާގު ފައިބަރ ބްރޯޑް ބޭނުންޑުން އިންޓަނެޓުގެ ހިދުމަތް، އެއްވެސް އިޝާރާތެއް ނެތ،ި މިއަދު ކުއްލިއަކަށް ކެނޑުމުގެ ސަބަބުން، ފޫބައްދަން ދަތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި ޑާޓާ ނެޓްވޯކު ނެތިގެން އަޅުގަނޑު ވަރަށް ހާލުގައި މިއަދު އުޅުނުއިރު، އުރީދޫން ޑާޓާ ނަގައިގެން އަޅުގަނޑުގެ އެކުވެރިން އުފާކޮށް، މަޖާކުރަމުން ދިޔަތަން ފެނިފައި އަޅުގަނޑު ވަރަށް ހިތްދަތިވި އެވެ. ދިރާގު ނެޓްވޯކުގައި އުޅޭތީ އެ މީހުން އަޅުގަނޑަށް ވަރަށް މަލާމާތް ވެސް ކޮށްފި އެވެ.


އެހެންވެ ދިރާގުގެ ހިދުމަތް އަޅުގަނޑަށް މިހާރު ކަމުނުދާތީ އާއި، އިތުބާރާއެކު މޯބައިލް ޑާޓާގެ ހިދުމަތް ލިބިގަތުމަށް އެކުވެރިންނާ ބައިވެރިވުމަށްޓަކައި، އެމް.ޕީ އަބްދުﷲ ޖާބިރު ވިދާޅުވާ ގޮތަށް "ވަގްތުންވަގްތަށް" ދިރާގު ނެޓްވޯކް ދޫކޮށްލައި، "ވަގްތުންވަގްތަށް" އުރީދޫ ނެޓްވޯކަަށް ބަދަލުވުމަށް އަޅުގަނޑު ނިންމި ވާހަކަ ދަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.