...

Support Us

ތާރީހް:

ލިބެންވީ: އެމް.ޑީ.ޕީގެ ރައީސަށް،

ފޮނުވީ: ޝުހާން މުހައްމަދު އަލީ 
ގުޅޭ: މަޖިލިސް ރައީސްގެ ޑްރާމާތައް "ވަގްތުންވަގްތަށް" ހުއްޓުވައިދެއްވުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އެމް.ޑީ.ޕީ އުފެއްދި މަގްސަދާއި މެމްބަރުންގެ ފިކުރާއި ޕާޓީގެ ފަލްސަފާއާ ދިމާ އިދިކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އާއި ޕާޓީގެ އަގު އާންމުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓެމުންދާތީ އެމް.ޑީ.ޕީގެ ރައީސްގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން މިވާހަކަ ދަންނަވާ މިލަނީ، މިކަމަށް އަވަސް ހައްލެއް ގެނެސްދިނުން އެދި ދެންނެވުމުގެ ގޮތުންނެވެ.

އަޅުގަނޑަށް ފާހަގަވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ގެންދަވަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް، ވަރަށް ޚުދުމުޚުތާރު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ހިންގަވަމުންނެވެ. އެ މަނިކުފާނުގެ ފިކުރާނުވާ އިދިކޮޅު މެމްބަރުން، އެ މަނިކުފާނުގެ އައުވާނުންނަށް އަމުރުކޮށްގެން، މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރެ ބޭރަށް ހޫރާލަނީއެވެ. އަނެއްކާ ހުރިހާ ޖަލްސާތަކެއް ކަހަލަ ގޮތަކަށް އެ މަނިކުފާނު ހިންގަވަމުން އެ ގެންދަވަނީ މަޖިލީހުގެ ގަވާއިދުތަކާއި އުސޫލްތަކާ ޚިލާފަށެވެ. އެހެން މި ދެންނެވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސުތަކުގައި ބައިވެރިވެ، ޚިޔާލުފާޅުކުރެވޭނެ މެމްބަރެއް ނޫނެވެ. ވޯޓުވެސް ލެވޭނީ ވޯޓެއް އެއްވަރުވެއްޖެ ޙާލަތެއްގައި އެކަންޏެވެ. އެހެން ނަމަވެސް ރިޔާސަތުގައި އިންނަވައިގެން، އެ މަނިކުފާނު ގެންދަވަނީ ހުރިހާ ބަހުސެއްގައި ވެސް ބައިވެރިވެވަޑައިގެން، ތިމަން މަނިކުފާނު ނޫނީ އެއްޗެއް އެނގޭ މީހެއް ނެތް ކަމަށް ދެކެވަޑައިގެން، "އަޅުގަނޑަށް ފެންނަ ފެނުމުގައޭ" ވިދާޅުވެ ބަހުސުތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އަމިއްލަފުޅަށް ޕްރޮމޯޓުވެ ވަޑައިގަތުމަށްޓަކަ އެވެ. ވަޒީރަކާ ސުވާލެއް ކުރައްވަން ވެސް، މެމްބަރަކު ބޭނުން ގޮތަށް ސުވާލު ކުރައްވަން ފުރުސަތު ނުދެއްވައި، އެ ސުވާލު ކުރައްވަނީ އެ މަނިކުފާނެވެ. އަދި ވަޒީރު ދެއްވާ ޖަވާބުގައި ވެސް އެ މަނިކުފާނު ބޭނުންފުޅުވާ ޖަވާބެއް ދެއްވަންދެން އެ ގޮތުގައި ހިފަހައްޓަވަ އެވެ. ބައެއް ފަހަރު "އާނއެކޭ ނުވަތަ ނޫނެކޭ" ވިދާޅުވުމަށް ވެސް، ކޯފާވެ އިންނަވައި ވަޒީރުންނަށް އަމުރުކުރައްވަ އެވެ. ނަވާރަ ވަނަ މަޖިލީހުގެ ރިޔާސަތުން ފެނިގެން މިދަނީ ޚުދުމުހުތާރުކަމުގެ އިންތިހާއެވެ.

މަޖިލީސްގެ ރައީސް އެކި ތަންތަނުގައި ދައްކަވާ ބައެއް ވާހަކަތަކުން ހީވަނީ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ވެސް އެމަނިކުފާނު ގެންދަވަނީ ހާމަކުރައްވަމުންނެވެ.

އަޅުގަނޑުމެން ވެރިކަމަށް އަންނަން 2018 ގައި އުޅުނުއިރު، މި ޕާޓީއަށް މާ ބޮޑު ތާއީދެއް އޭރު ނެތަސް، ރައްޔިތުންނަށް އެތައް ގޮތަކަށް ވިސްނައިދީ، އެ މީހުންގެ ފިކުރު ބަދަލުކޮށްގެން، ވެރިކަމަށް އާދެވިފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ސަރުކާރު ހިންގަން ދަތިކޮށް، ދުއްތުރާކޮށް، އެތައް އުނދަގޫތަކެއް މަޖިލީހުގެ ރައީސް މިހާރު ގެންވަނީ ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ރިޔާސީ ދައުރަކަށް މަގު ތަނަވަސްކޮށްދިނުމަކީ، އެމް.ޑީ.ޕީގެ ރައީސްގެ ހައިސިއްޔަތުން މަނިކުފާނަށާއި އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް ނޫންތޯއެވެ؟ ރައީސް ސޯލިހަށް ރައްޔިތުން ދިން އިތުބާރާއި ޔަގީންކަމަކީ، ރައްޔިތުންނަށް އުފާފާގަތިކަމާއެކު، ޑިމޮކްރަސީގެ ރީތި ހަމަތަކާއެކު ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުން ނޫންތޯއެވެ؟ ތެލާއި ފެނާއި އެހެން ކުލަތައް އެއް ކުރައްވައިގެން ހަދައިފައިވާ ކޯލިޝަން ސަރުކާރު، ބަދަހިކަމާއެކު ރައީސް ސޯލިހު ދަމަހައްޓަވަމުން އެ ގެންދަވަނީ ކިހާ ކެއްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ނޫންތޯ އެވެ؟ މިއީ އެހެން އެއްވެސް ރައީސަކަށް މިހާތަނަށް ވެފައި އޮތް ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ޚުދު އެމް.ޑީ.ޕީގެ ރައީސަށް ނޫންތޯއެވެ؟ އަދި ކާމިޔާބުކަމާ އެކު މި ފަސް އަހަރު ރައީސް ސޯލިހު ފުރިހަމަ ކުރައްވައިފި ނަމަ، އިތުރު ދައުރެއް ވެސް އެމަނިކުފާނަށް ހައްގު ނޫންތޯއެވެ؟ އެކަމުގައި ހުރިހައި ރީއްޗެއް އޮތީ ވެސް އެމް.ޑީ.ޕީގެ ރައީސަށާއި އަޅުގަނޑުމެންނަށް ނޫންތޯއެވެ؟

މަޖިލީހުގެ ރައީސްގެ ކަލްޓް މެމްބަރުން އެދޭ ކަންކަން އެދޭގޮތަށް ކޮށްނުދޭ، މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީން ދެއިރު ދެދަޅަޔަށް މަޖިލިހަށް ހާޒިރުކޮށް، ނޮޅައި، ކޮށައި ހަވަރަށްވެސް ދެނީއެވެ. އަދި ބައެއް ފަހަރު އެ މެމްބަރުން އެދުނު ކަންކަން ކޮށްދިނުމުން ބައެއް ވަޒީރުންނަށް ސަނާކިޔައި، މަދަހަކިޔާ "އޭ ރިޕޯޓު" ދެއްވާތަންވެސް ފެނެއެވެ. މި ކަންކަމަކީ ރައްޔިތުން ވަރަށް ގާތުން ބަލަމުން އަންނަ ކަންކަމެވެ.

ޕާޓީއާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލި، ޕާޓީ އުފެއްދި މަގުސަދު ހާސިލްނުވެ ދާތަން ބަލަން ތިބުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެކެވެ. ކުރީ ފަހަރުވެސް 500 އަހަރަށް މި ޕާޓީން ވެރިކަމަށް އައިސް، ތިން އަހަރާއިބައިން އަތަށް ގޮއްވާލައި، ރައީސްކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ގޮތަށް މިފަހަރު ވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވައިގެން އެ މަނިކުފާނު ކުޅުއްވާ ކުޅިގަނޑުގެ ވާހަކަ އެންމެނަށް ވެސް އެނގެ އެވެ. ޖޭއެސްސީގައި ތިއްބެވި އެ މަނިކުފާނުގެ ލޯޔަރުންގެ ޓީމާ ދެމެދު މާ "ގާތް ގުޅުމެއް" އޮންނަ ކަމަށް ވާހަކަ ދެކެވެއެވެ. އެކަމާ އެ މަނިކުފާނު ޓްވީޓެއް ވެސް މިހާތަނަށް ކޮށްނުލައްވާ ހުންނަވާތީ އެ ދައްކާ ވާހަކަތަކުގެ ކޮންމެވެސް ހަގީގަތެއް އޮތް ކަމަށް މަނިކުފާނަށް ވެސް ބެއްލެވުމުގެ ފުރުސަތު އެބައޮތް ނޫންތޯއެވެ؟ އަދި ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުންނަށް ބިރުދައްކައި، އެ މަނިކުފާނުގެ ހިތްޕުޅާ ނުވާ ހުކުމެއް ނެރޭ ކޮންމެ ގާޒީއެއް ފުރޭމްކޮށް، ސުލޫކީ ޑްރާމާ ގެންދަވަނީ ކުޅުއްވަމުންނެވެ. ކުރިން އަބްދުﷲ ގާޒީ "ވަގަށް ނެގީ" ދަންވަރުއެވެ. މިހާރު އުފުރާލަކަށް ވަކި ވަގުތެއްނެތެވެ. ހިތާނުވާ ހުކުމެއް ނެރުމާ އެކު "އުފުރާލަނީ" ވަގުތުންނެވެ. ޑިމޮކްރަސީގެ ޗެމްޕިޔަން ކަމަށް އަމިއްލަފުޅަށް ދައުވާކުރައްވާއިރު، މިހާ ޚުދުމުހުތާރު، ނޭއްގާނީ، އަދި ބޭއިންސާފު ސިފަތައް މަޖިލީހުގެ ރައީސްގެ އަމަލުފުޅުތަކުން ފެންނަމުންދާތީ އަދުލު އިންސާފު ވަނީ ނެތިކޮށްލެވިފައި ކަމަށް ރައްޔިތުން މިހާރު ދެކޭތީ އަޅުގަނޑުމެންގެ ޕާޓީގެ ތިލަފަތަށް ބަޔަކު ދެން ވޯޓުލާނެ ކަމަކަށް ނުބެލެވެއެވެ.

އަޅުގަނޑުމެންގެ ޕާޓީ އަކީ އަދުލު އިންސާފު ހޯދައިދޭނެ ކަމަށް އެންމެ ބާރަށް ވަކާލާތުކުރި އަދި އެ ވައުދުތައް ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އައި ޕާޓީއެކެވެ. ނަމަވެސް މިއަދު މަޖިލިސްގެ ރައީސްގެ މިދެންނެވި ފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓީއަކީ އަދުލު އިންސާފުގެ ކުނޑިފަށެއްގެ މިންވަރު ވެސް ނެތި، އަދި ދުނިޔަވީ އެއްވެސް ހަމައެއްވެސް ގެންގުޅޭ ބަޔެއް ނޫންކަން މިދަނީ އެންމެހާ ރައްޔިތުންނަށް އެނގި ފާޅުވެ، ބޭޒާރުވަމުންނެވެ.

އަޅުގަނޑުމެންގެ ޕާޓީގެ އިސް ފަރާތްތަކުގެ އެއްވެސް ސުލޫކީ ހަމައެއް ނެތްކަމާއި، ދައްކާ ވަހަކައާއި އަމަލާ ދިމާނުވާކަމާއި، އަމިއްލަ އެދުން ހާސިލް ކުރުމަށްޓަކައި ނުކޮށްދޫކޮށްލާނެ ހަމަ އެއްވެސް ކަމެއް ނެތްކަން ފެނި ހާމަވަމުންދާތީ، ޕާޓީއާ ދޭތެރޭ މީހުން ދެކޭ ގޮތް މިދަނީ ބަދަލުވަމުންނެވެ. މި ދާ ރޭޓުން ދަނީނަމަ ދައުރު ހަމަނުވަނީސް އަނެއްކާވެސް "ދެރަ ގޮތެއް" ވާން އަޅުގަނޑުމެން ބޭނުމެއް ނޫނެއެވެ.

މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާއާ ދެ ބޭފުޅުންނަކީ އެއް ފައިސާފޮތީގެ ދެފުށް ނޫންތޯއެވެ؟ އަދި އެއީ ވަކިވުމެއް ނެތް އެކައްޗެއްކަން ގިނަ ބަޔަކަށް ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން ދެ ބޭފުޅުން ދެ ފެކްޝަން ހަދައިގެން ކަލްޓް ފޮލޯވަރސް ލައްވާ ޒުވާބުކުރުވައި، ޕާޓީ ބައިބައިވެފައިވާކަން ދައްކަން މަޖިލީސްގެ ރައީސް އެ ކުޅުއްވާ ޑްރާމާ ހުއްޓުވާލައްވައި، ޒިންމާތައް ކުޑަ މިންވަރަކަށް ނަމަވެސް އަދާކުރައްވައި، ރައްޔިތު މީހާއަށް ހެވެއް ނޫނީ ލާބައެއް ލިބިދޭނެ ގޮތަކަށް ސަރުކާރު ހިންގަވަން ރައީސުލްޖުމްހޫރިއްޔާ އަށް ފުރުސަތު ދެއްވަން، މަޖިލިސްގެ ރައީސަށް މަނިކުފާނު ދަންނަވަންވެއްޖެ ނޫންތޯއެވެ؟

އެއްކޮޅުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ތިއްބަވާ މިނިސްޓަރުން މަޖިލިހަށް ދަމާގެނެސް، ހަންނޮޅައި، ހަވަރަށް ދޭއިރު، އަނެއްކޮޅުން، ބަދަލުގެ ގޮތުގައި ފައިސާ ދީގެންނާއި ކޮވިޑްގެ ކަންކަމުގައި ދައުލަތުގެ ހަޒާނާ ހުލިކުރަމުންދަނީ ވެސް ހަމަ މި ޕާޓީގެ ބޮޑުންތައް ވެގެން ކަމަށް ވާތީ، މިއީ ކުޅޭ ޑްރާމާތަކެއްކަން އެންމެހާ ރައްޔިތުންނަށް ވަރަށް ސާފެވެ.

މި ޕާޓީ އަށް ވަރަށް ވަފާތެރިކަމާއެކު ހިދުމަތް ކުރައްވަމުން ގެންދަވާ، އަދި ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދެއްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެެއް ނަގަން، މަޖިލީސްގެ ރައީސް އިސްނަންނަގަވައިގެން ފައްޓަވާފައިވާ މަސައްކަތުގެ ސަބަބުން ވެސް، ޕާޓީ ބައިބައިވުން ނޫން އެހެން ކަމެއް ނުވާނެ އެވެ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކާމިޔާބެއްވެސް ނުވާނެ އެވެ. މަޖިލިސްގައި ގިނަވާނީ ވެސް ރައީސް ސޯލިހަށް ވަފާތެރި މެމްބަރުންކަން އަަޅުގަނޑަށް ޔަގީނެވެ. އެހެންވެ މިއީ ވެސް އެމް.ޕީ އަބްދުﷲ ޖާބިރު ވިދާޅުވާ ގޮތަށް "ވަގްތުންވަގްތަށް" ފިޔަވަޅު އަޅައި، ހުއްޓުވަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ.

މި ކަންކަމުގެ ސަބަބުން ރައްޔިތުން މި ޕާޓީ ދެކެ މިހާރު ފޫހިވެ ނަފްރަތުކުރަން ވަނީ ފަށައިފަ އެވެ. ވީމާ، ހިނދުކޮޅުން ނެއްޓި، ހަމަބުއްދިން ވިސްނައި، ގަހުކުރިން ފައިބައި، ހަމަބިމަށް ތިރިވެ، ބުހުތާނު ދޮގު ޝިއާރުތައް އުކާލައި، ތެދުމަގަށް ރުޖޫޢަވެ، ހެޔޮ ލަފާދާރު އަދި އަދުލުވެރި ވެރިކަމެއް ކުރާތަން ނުދެއްކިއްޖެ ނަމަ ދެންވާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނެއެވެ. ނުފެތޭނޭ ބުނެ ފޮނިކެނޑި ޓައިޓޭނިކަށް ވީގޮތް މިއޮތީ މި ޕާޓީއަށްވެ ނިމިފައި ކަމަށް އަޅުގަނޑު މިދަންނަވަނީ ނުހަނު ހިތާމަޔާއެކުގައެވެ.

މި ޝަކުވާތައް އެމް.ޑީ.ޕީގެ ރައީސްގެ ސަމާލުކަމަށް ގެންނަން މި ޖެހުނީ، އަޅުގަނޑުމެންގެ ލޮލާއި ސިކުނޑި، މިރުސް ދުމުން ތަޣައްޔަރުކޮށް، ލަދުހަޔާތް ބުޑުން ކަނޑާލައި އެއްލާލައިގެން އުފެއްދި ޕާޓީގެ އަގު މިކަމުގެ ސަބަބުން ކިނލަބުވެ، ޚަރާބުވެގެންދާތީއެވެ. ގައުމީ މަޖިލީހަށް ހުށަހަޅުއްވައިގެން މި ކަމަށް "ވަގްތުންވަގްތަށް" ހައްލެއް ގެނެސްދެއްވާނެ ކަމުގެ އުންމީދުގަ އެވެ.

ވީމާ، މި ޕާޓީ ވެރިކަމުގައި މިވީ ދޮޅު އަހަރުތެރޭ "ކުރިޔަށް، ކުރިޔަށް ބާރަށް ކުރިޔަށް" ގޮސް ގައުމު ބަނގުރޫޓުވުމާ ދިމާލަށް ފިލާއަޅައި، ހުންގާނު ތަޅުއެޅިފައިވުމާއި ގައުމުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވުމާއި، ގައުމުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ނުރައްކާވަމުން ދާތީ، ކުރީ ފަހަރު ގޮތަށް ޗާޓުން ބޭރަށް ނުގޮސް، މި ކަންކަން އިސްލާހު ކުރައްވައި، ޕާޓީ އަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވާނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުމަށް، ޕާޓީ ދެކެ ލޯބިވާ މެމްބަރެއްގެ ހައިސިއްޔަތުން، ޕާޓީގެ ރައީސްގެ އަރިހުގައި އާދޭސް ދެންނެވުމަށް، މި ފުރުސަތުގެ ބޭނުންކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.