...

Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމަށް

ފޮނުވީ: ނިފާޒު އަލީ
ގުޅޭ: 2500 ހައުސިން ޔުނިޓުގެ މައްސަލައިގައި ސާފު ޖަވާބަކަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފެށި ބޯހިޔާވަހިކަމުގެ "ހިޔާ" މަޝްރޫއުގެ ތެރެއިން 2500 ހައުސިން ޔުނިޓު ލިބޭނެ ފަރާތްތަކުގެ ގޮތުގައި 2500 މީހުންނަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލިއުން ހަވާލުކޮށްފަ އެވެ. އެއީ މާލޭ ރަށްވެހިންނަށް 1000، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 500، ޒުވާނުންނަށް 500 އަދި މާލޭ ދަފުތަރު މީހުންނަށް 500 ފްލެޓެވެ.

ނަމަވެސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިސް، "ފަހި ދިރިއުޅުން" ޕްރޮޖެކްޓުގެ ނަމުގައި 1700 ހައުސިން ޔުނިޓުގެ އާ މަޝްރޫއެއް ހުޅުމާލޭގައި ފެށީ ކަމަށް މަނިކުފާނު ވިދާޅުވިިއިރު، ހަގީގަތުގައި އެއީ ކުރިން އަޅަން އޮތް 2500 ހައުސިން ޔުނިޓުގެ ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރިއަށް ބަދަލުކޮށް، އަދަދު މަދުކޮށްގެން ކުރިއަށް ގެންދާ ހަމަ ކުރީގެ ޕްރޮޖެކްޓް ނޫންތޯއެވެ؟ އެ ފްލެޓްތައް އަޅަނީ ކުރީގެ ސަރުކާރުން 2018 ގައި އެގްރިމަންޓުގެ ކުރި ޗައިނާގެ ސައިނޯހައިޑްރޯ ކުންފުނިން ނޫންތޯއެވެ؟ އެހެންކަމުން މިއީ ނަންބޯޑު ބަދަލު ކުރައްވައިގެން ކުރިއަށް ގެންދާ ހަމަ ކުރީ ސަރުކާރުގެ ޕްރޮޖެކްޓް ނޫންތޯއެވެ؟

"ފަހި ދިރިއުޅުން" ޕްރޮޖެކްޓުގެ ފެށުމުގެ ތެރެއިން.. ފޮޓޯ: ހައުސިން މިނިސްޓްރީ

ވީމާ، "ފަހި ދިރިއުޅުން" ޕްރޮޖެކްޓުގެ ނަމުގައި މި ސަރުކާރުން އަލަށް ބިނާކުރާ ކަމަށް މަނިކުފާނު ވިދާޅުވާ 1700 ހައުސިން ޔުނިޓުން ފްލެޓް ލިބޭނީ ކޮން ބަޔަކަށްތޯ އެވެ؟ އެކަމަށް ޖެހޭނީ އަލުން ކުރިމަތިލާންތޯއެވެ؟ އެހެން ކަމަށް ވާނަމަ، ކުރިން ލިއުން ދީފައިވާ 2500 މީހުންނަށް އަޅާ ފްލެޓްތައް ކޮބައިތޯއެވެ؟ ނޫނީ ކުރިން ލިއުން ލިބިފައިވާ 2500 މީހުންގެ ތެރެއިން އެއްބަޔަކަށް މި 1700 ފްލެޓުން ހިޔާވަހިކަން ދޭނަމަ، ދެން ބާކީވާ 800 މީހުންނަށް ފްލެޓް ދޭނީ ކޮންތާކުންތޯ އެވެ؟

ފްލެޓް ލިބޭނެ ކަމުގެ ލިއުން ލިބިފައިވާތީ އަޅުގަނޑުމެން ތިބީ ވަރަށް އުފަލުންނެވެ. ރަށުން ދޫކުރި ފްލެޓަށް ވެސް ކުރިމަތި ނުލަމެވެ. ނަމަވެސް މިހާރު ތިޔަ ހައްދަވާ ގޮތަކުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވެފަ އެވެ.

ވީމާ އިސްވެ މި ދެންނެވި ސުވާލުތަކަށް މަނިކުފާނުގެ އަވަސް ޖަވާބެއް ބޭނުންވާތީ އެ ވާހަކަ ދެންނެވީމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.