...

Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް

ފޮނުވީ: އަހުމަދު ޝަރީފު
ގުޅޭ: މަގުމަތީގައި ދިރާގުން ޕެލެޓް އަތުރައިގެން ޕާކިން ޒޯނެއް ހިސޯރުކޮށްގެން އުޅޭ މައްސަލަ ހައްލުކޮށްދެއްވީތީ ޝުކުރިއްޔާ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެޗަށް ސައިކަލްގައި ދާ މީހުން ޕާކުކުރަން ދިރާގު ބިލްޑިންގުގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން ޒޯނުގައި، ދިރާގުގެ ފަރާތުން 20 ޕެލެޓް އަތުރައިގެން އެތަން ހިސޯރުކޮށްގެން އުޅޭ މައްސަލައިގައި، އެކަމަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި 26 ސެޕްޓެމްބަރު 2021 ގައި މަނިކުފާނަށް ފޮނުވި ސިޓީއާ ހަވާލާދީ ދަންނަވަމެވެ.

ދިރާގު ބިލްޑިންގުގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން ޒޯނުގައި، ދިރާގުގެ ފަރާތުން 20 ޕެލެޓް އަތުރައިފައި (ކުރިން އޮތް ގޮތް)

ފޮޓޯތަކާއެކު މަނިކުފާނަށް އަޅުގަނޑު އެ ސިޓީ ފޮނުވުމާ ގުޅިގެން، ލަސްތަކެއް ނުކުރައްވައި، ދިރާގުގެ ޕެލެޓްތައް އެތަނުން ނަގައި ސިޓީ ކައުންސިލްގެ ފަރާތުން އެތަން ސާފުކޮށްދެއްވައި ޕާކިން އަށް ޖާގަ ތަނަވަސްކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު އެންމެ އުފާވަނީ މާލޭގައި އުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިފަދަ ތުރާލަކުން ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް އެހާ އަވަސް މަސައްކަތެއް މަނިކުފާނު ކޮށްދެއްވީތީއެވެ. އެ މައްސަލައާ ގުޅިގެން މަނިކުފާނަށް ސިޓީ ފޮނުވިތާ 24 ގަޑިއިރު ވެސް ނުވަނީސް ސިޓީ ކައުންސިލްގެ ވެހިކަލްތަކާއެކު މީހުން ގޮސް، އެ ޕެލެޓްތައް ނަގައި އުކާލިކަން އެއީ، ރައްޔިތުންގެ މިފަދަ ތަކުލީފުތަކަށް މޭޔަރެއްގެ ހައިސިއްޔަތުން މަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި އަޅުގަނޑަށް ފާހަގަވިއެވެ.

ދިރާގުގެ ފަރާތުން އަތުރައިފައި ހުރި ޕެލެޓްތައް ސިޓީ ކައުންސިލުން ނަގައި ތަން ސާފުކުރަނީ (26 ސެޕްޓެމްބަރު)

ހަމަ ޔަގީނުން ވެސް އަޅުގަނޑުގެ "ޝަކުވާ"ގެ ސިޓީ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ކަން ދިމާކުރި ގޮތުން އިއްޔެ އަކީ ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތައްމައްޗަށް ގަސްތައް ވެއްޓި ފަތްތަކާއި އޮފިތައް ފައިބައިގެން، އެ ތަންތަން ސާފުކުރުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރި ދުވަހެއްކަން އަޅުގަނޑުގެ ލޮލުން ދުށީމެވެ. މީސްމީޑިއާގައި އޭގެ ފޮޓޯތައް ވެސް ހުއްޓެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ވެހިކަލްތައް އެ ސަރަހައްދަށް ގޮސް، ދިރާގުގެ ޕެލެޓްތައް ލޮރީއަށް އަރުވައިގެން ގެންގޮސް ރޭ ހަތެއް ޖެހުމުގެ ކުރީން އެތަން ސާފުކޮށްލިތަން ފެނިފައި އަޅުގަނޑު ވަރަށް އުފާވިއެވެ.

މިކަމުގައި މަނިކުފާނު އެޅުއްވި އަވަސް ފިޔަވަޅުގެ ސަބަބުން، މާލެތެރޭގައި ހުރި މިކަހަލަ ކުދިކުދި، އެހެނަސް، ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަންކަން ހައްލުކޮށްދެއްވުމަށް އެދި މަނިކުފާނަށް ދަންނަވައިލުމަށް އިތުރު ފޯރިއަކާއި ހިތްވަރެއް ލިބިގެން ހިނގައްޖެއެވެ. ރައްޔިތުންގެ ޝަކުވާގެ އަޑު މަނިކުފާނު އައްސަވާކަން ވަރަށް ރަނގަޅަށް އެނގި، ސާބިތުވެއްޖެއެވެ. ދިރާގުން ހިސޯރުކޮށްގެން އުޅުނު ސަރަހައްދު ސާފުކޮށްލުމުން ދިރާގުގެ ވެރިން އެކަމާ ކިތަންމެ ހިތްހަމަނުޖެހުނަސް، މަނިކުފާނު އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތުކަންވެސް އެނގިގެން ހިނގައްޖެއެވެ.

މި ސިޓީގައި މަނިކުފާނު އަރިހުގައި އެއްވެސް އިތުރު ޝަކުވާއެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެކަމަކު މަނިކުފާނުގެ ވިސްނުންފުޅު ބަހައްޓަވާން ރަނގަޅު ކަމަށް ފެންނަ ނުކުތާއެއް މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވެއެވެ.

ދިރާގުގެ ފަރާތުން އަތުރައިފައި ހުރި ޕެލެޓްތައް ސިޓީ ކައުންސިލުން ނަގައި ތަން ސާފުކުރަނީ (26 ސެޕްޓެމްބަރު)

ކުރިން ވެސް ދެންނެވި ފަދައިން، ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގެ އިތުރަށް އެންމެ ގިނަ ބޭސްފިހަރާތައް ވެސް ހުރީ އެ ސަރަހައްދުގައި ކަމަށް ވުމުން ހަގީގަތުގައި އެ ސަރަހައްދަކީ މާލޭގެ "މެޑިކަލްސިޓީ"އެވެ. ސިއްހީ އެކި ކަހަލަ ބޭނުންތަކުގައި ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުވެސް އެ ސަރަހައްދަށް ދާއިރު، އެންމެ ކުޑަވެގެން ސައިކަލްތައް ޕާކުކޮށްލާނެ އެކަށީގެންވާ ޖާގައެއް އެ ސަރަހައްދަކު މިހާރަކު ނެތެވެ. ކާރެއް ޕާކުކުރެވޭނެ އެއްވެސް ތަނެއް ނެތެވެ. އައި.ޖީ.އެޗުގެ ހުޅަނގު ފަރާތުގައި (އަތިރިމަތީ މަގުގައި) ކުރިން ކާރާއި ސައިކަލްތައް ޕާކުކުރެވުނު ނަމަވެސް، މިހާރު އެ ތަނުގައި ޕާކުކުރުން އޮންނަނީ މަނާކޮށްފައެވެ. އެހެންވެ އެ ސަރަހައްދުގައި ޕާކިންގެ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ފުލުހުން އަބަދު ތިބެނީ ނުބައިތަނެއްގައި ޕާކުކުރޭތޯ ބަލަބަލައެވެ. ކޮންމެ ސްޓިކާއަކަށް 750ރ. ޗާޖުކޮށް، ދައުލަތުގެ އާމްދަނީ ރަނގަޅުކޮށްދޭން ފުލުހުން ވެސް ބުރަ މަސައްކަތެއް ރެއާއިދުވާލު ދަނީ ކުރަމުންނެވެ. އެހެންކަމުން އެ ސަރަހައްދުގައި އެހުރި ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް އެތަނުން ނަގައި، އެ ޖާގަވެސް ޕާކިންއަށް ހާއްސަކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

މިހެން މި ދެންނެވީ އެހާ ކާރޫބޮޑު ސަރަހައްދެއްގައި ޕެޓްރޯލް ޝެޑެއް ކޮންމެހެން ނެތަސް، ޕެޓްރޯލް ޝެޑަށް އެހެން ދިމާލަކުން ރަނގަޅު ޖާގައެއް ހަމަޖެއްސިދާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އެ ޕެޓްރޯލް ޝެޑް ނޫނަސް، ފިއުލް ސަޕްލައިސްގެ އިތުރު ތިން ޕެޓްރޯލް ޝެޑެއް މާލޭގައި އެބަހުއްޓެވެ. އިންޑަސްޓްރިއަލް ޒޯނުގައި ވެސް ފިއުލް ސަޕްލައިސް އާއި ވިލާ ހަކަތައިގެ ފަރާތުން ދާދި ފަހަކުން ވަނީ ދެ ޕެޓްރޯލް ޝެޑް ހުޅުވައިފައެވެ. އަދި އެ ތަންތަނަކީ އެކަށީގެންވާ ޖާގަ ވެސް އޮތް ތަންތަނެވެ. ވީމާ، މާލޭގައި ހުރި އެންމެ ކުޑަ ޕެޓްރޯލް ޝެޑް އެތަނުން ނަގައި، "މެޑިކަލްސިޓީ"ގެ ޕާކިން އަށް އެތަން ހުސްކުރުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ.

ދިރާގުގެ ފަރާތުން އަތުރައިފައި ހުރި ޕެލެޓްތައް ސިޓީ ކައުންސިލުން ނަގައި ތަން ސާފުކުރަނީ (26 ސެޕްޓެމްބަރު)

މި ކަމުގައި، ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައި، އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނެ ކަމަށް އުންމީދުކުރަމުން މި ސިޓީ ކުރުކޮށްލަމެވެ. ނިންމާލަމުން ވެސް މަނިކުފާނަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.