Support Us

ތާރީހް:

ލިބެންވީ: ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމަށް/ ކޮޕީ: މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

ފޮނުވީ: ފާތުމަތު/ ސިނަމާލެ
ގުޅޭ: ފްލޫ ކުލިނިކު ޕާޓޭންނާއި މަދިރީގެ ގޮނޑަކަށް ބަދަލުވެ، ހިސާބުގަނޑު އެންމެނަށް އުނދަގޫވާ މައްސަލައަށް ހައްލެއް ހޯދުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ގަލޮޅު ސިނަމާލެ ފްލެޓްތައް ކައިރީގައި، ކުރީގެ "ރުމާލު 2″ ޖަގަހައިގައި، ހުސްވި އަހަރު ކުރީކޮޅު ހެލްތު މިނިސްޓްރީން ހުޅުވި "ދަތުރުވެރިންގެ ކްލިނިކު" ފަހުން ބަދަލުވީ "ޑިރެކްޓް ކޮންޓެކްޓް ފްލޫ ކްލިނިކު" އަށެވެ. ކޮވިޑް19ގެ އެންމެ ބާރުބޮޑުވި ދުވަސްވަރު އެތަނުގައި ސިއްހީ ހިދުމަތްތެރިން އަވަދިނެތި ހަރަކާތްތެރިވިއެވެ. އާންމުންގެ ގިނަ ބަޔަކު އެތަނަށް ގޮސް ފަރުވާވެސް ހޯދިއެވެ. ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި، ޕީ.ޕީ.އެމްގެ ކެމްޕެއިން ޖަގަހައެއް ހަދައިފައި ހުރި ތަން، ސިއްހީ ހިދުމަތްދޭ ތަނަކަށް ކުއްލިއަކަށް ބަދަލުކޮށްލުމަށް ކޮވިޑް ބަޖެޓުން ހަރަދުކޮށްފައި ވަނީ ކިތައް މިލިއަން ރުފިޔާ ކަމެއް ނޭނގެއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން މިލިއަނުން ހަރަދުކޮށްގެން ފްލޫ ކްލިނިކަކަށް ބަދަލުކުރިތަން، މިހާރު ހުރި ގޮތުގެ ފޮޓޯތަކެއް މަނިކުފާނުގެ މައުލޫމާތަށްޓަކައި މި ސިޓީއާއެކު އަރިސްކޮށްލަމެވެ.

އެ ތަނުގައި ފްލޫ ކްލިނު ހިންގުން ހުއްޓާލައިފައި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ދިޔައިރު، އެ މީހުން ދިޔައީ އަގުބޮޑެތި ވަރަށް ގިނަ ސާމާނުތައް އެތަނަށް ދޫކޮށްލައިފައެވެ. ނަތީޖާއަކަށްވީ، ފުރުސަތުގެ ބޭނުންކޮށް، ޕާޓޭންނާއި ވަގުން އެތަނަށް ވަދެ، ތަޅުތައް ހަލާކުކޮށްލައި، އެ މީހަކަށް އަތުޖެހުނު އެއްޗެއް ގެންގޮސް ތަން ހުސްކޮށްލުމެވެ. އެތަނުގައި މިހާރު ހުރީ ފަސޭހައިން ގެންގޮސް ވިއްކާނުލެވޭނެ ކަހަލަ ވަރަށް މަދު އެއްޗެކެވެ.

އިއްޒަތްތެރި މިނިސްޓަރުއެވެ. ނިކަން ދެކެވަޑައިގަންނަވާށެވެ! ފުލޫ ކްލިނިކު ހިންގަންވެގެން ރައްޔިތުންގެ ފައިސާ އިން ގަނެފައި ހުރި އަގުބޮޑު އެނދުތަކާއި ގޮނޑި މޭޒާއި ހިފައިގެންގުޅޭ އެހެނިހެން ތަކެތި މިހިރީ ހަލާކުވެ މުޅީން ސުންނާފަތިކޮށްފައެވެ. ހަމަ ގައިމުވެސް މިކަހަލަ އެނދާއި ކަބަޑާއި ގޮނޑިމޭޒު ނުލިބިފައިވާ ކިތަންމެ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލެއް ރާއްޖޭގައި ހުންނާނެއެވެ. ފްލޫ ކްލިނިކު ބަންދުކޮށްފައި އެ ސާމާނުތައް ވެސް އެއިން ތަނަކަށް ފޮނުއްވި ނަމަ، ރައްޔިތުންގެ ފައިސާއިން ކުރި އިސްރާފު ތަންކޮޅެއް މަދުވީސް ކަމަށް އަޅުގަނޑު ގަބޫލްކުރަމެވެ.

އަޅުގަނޑު ކުރިން ހީކޮށްގެން ހުރީ ސަރުކާރު އޮފީސްތަކުގައި ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިންވެންޓްރީއެއް އޮންނަންޖެހޭ ކަމަށެވެ. އަދި ހުރިހައި އެއްޗެއްގައި ނަންބަރެއްވެސް ޖަހަންޖެހޭ ކަމަށެވެ. މިހެން މި ދެންނެވީ ދާދި ފަހަކުން ބައްދަލުވި، ސަރުކާރުގެ އޮފީހެއްގެ ވަރަށް އިސް ވެރިއެއްގެ އޮފީސް މޭޒުމަތީގައި ހުރި ކުޑަ ޓްރޭއެއްގައި ނަންބަރުތަކެއް ޖަހައިފައި ހުއްޓައި ފެނުމުން އެއީ ކޮން އެއްޗެއްތޯ ދަންނަވައިިލުމުން، އެއީ އިންވެންޓްރީ ނަންބަރު ކަމަށާއި އެ ނެތިއްޔާ އޮޑިޓްކުރާއިރު މައްސަލަ ޖެހޭނެ ކަމަށް އޭނާ ވިދާޅުވީމައެވެ. އެހެންވެ އަޅުގަނޑަށް މި އެނގެނީ ކޮވިޑްގެ ބޯޑު އަޅުވައިގެން ކުރާ އެއްވެސް ކަމެއް، ސަރުކާރުގެ ގަވައިދުތަކަށް ކޮންމެހެން ފެތެން ނުޖެހޭނެ ކަމެވެ. ހުރިހައި ކަމެއް ވެސް ހުންނަންޖެހޭނީ ވައްކަމަށް މަގުފަހިވާ ގޮތަށް ކަމެވެ. މަނިކުފާނުގެ ކުރިން ހުންނެވި އަމީނު މިނިސްޓަރު ގެންނަން އުޅުއްވި ވެންޓިލޭޓަރުތަކަށް ވެގެންދިޔަގޮތް އެއީ އެކަމުގެ ސާބިތު ހެއްކެއްނޫންތޯއެވެ؟

(އަޅުގަނޑަށް އެނގިފައިވާ ގޮތުން ސަރުކާރުގެ އޮފީހެއްގައި ބޭނުންކުރާ މުދަލެއް ހަލާކުވެ، ބާވެއްޖެ ނަމަވެސް، މިގޮތަށް އެއްލާލާކަށް ހުއްދައެއް ނުކުރެއެވެ. އެ ތަކެތި ޖެހޭނީ ހަމަޖެހިފައި އޮންނަ އުސޫލަކުން ނީލަމަށް ފޮނުވާށެވެ.)

މިއީ ފްލޫ ކްލިނިކުގައި ހުރި ފާހާނާއެކެވެ. ފާހާނާތަށި ވެސް އެ ވަނީ ނައްޓައިލައިގެން ގެންގޮސް ވިއްކައިލައިފައިކަން ޔަގީނެވެ. އެކަމަކު އަޅުގަނޑު މިހެން ދަންނަވާއިރަށް މަނިކުފާނު ވަރަށް ކޯފާވެފައި ވިދާޅުވާނީ، ތަނެއް ދޮރެއް ބަލައިނުލާ އަޅުގަނޑު ޝަކުވާ ކުރަނީ ކަމަށެވެ. އަދި ރައްޔިތުންނަށް އިހުލާސްތެރި ވާންވެގެން، ނޫސްކޮންފަރެންސްގައި މަނިކުފާނު ވިދާޅުވާނީ ފްލޫ ކްލިނިކު ބަންދުކޮށްފައި ދަމުން ފާހާނާތަށި ގެންގޮސް، ހެލްތު މިނިސްޓްރީގައި، މަނިކުފާނުގެ ފާހާނާކޮޅުގައި ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އެވަރުވެސް ބަލައިނުލާ މީސްމީހުން ޝަކުވާގެ ސިޓީތައް ފޮނުވަނީ ކަމަށެވެ. އެހެންނޫންތޯއެވެ؟

އިއްޒަތްތެރި މިނިސްޓަރުއެވެ. ނިކަން ބައްލަވާށެވެ. މިތަނުގައި ހުރި އެއްވެސް ފަންކާއެއްވެސް، ބޮތްކެއް، ހޮޅިބުރިއެއްވެސް މިހާރަކު ނެތެވެ. ހުރިހައި އެއްޗެއް މިވަނީ ވަގުން ވަދެ ނައްޓާލައިގެން ގެންގޮސްފައިނޫންތޯއެވެ؟ މިއީ ދައުލަތުގެ މުދަލަށްވެފައިވާ ކިހާ ބޮޑު އިހުމާލެއްތޯއެވެ؟

އެންމެ ބޮޑު މައްސަލަ އަކީ މިއީއެވެ. މި ފޮޓޯތަކުން ވެސް ފެނިވަޑައިގަންނަވާނޭ ފަދައިން، ފްލޫ ކްލިނިކުގެ އެތެރެއާއި ބޭރުވެސް އެ ވަނީ ވަރަށް ބޮޑަށް ގޮނޑުވެފައެވެ. މުޅި ތަނުގައި ވަނީ ކުނިބުންޏެވެ. އަދި ފްލޫ ކްލިނިކުގެ ބޭރުގައި ހުރި ގަސްތަކުން އެޅޭ ފަތްތަކުގެ ސަބަބުންނާއި ވިއްސާރަވެ، އެކި އެއްޗެތީގައި ފެން ހެދުމުގެ ސަބަބުން، މަދިރީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސިނަމާލޭ ފްލެޓްތަކުގައި އުޅޭ މީހުންނަށާއި ކައިރީ ހިސާބުގަނޑު ގޭގޭގައި އުޅޭ މީހުންނަށް ވެސް އެންމެ ބޮޑު އުނދަގުލަކަށް މިހާރު ވެފައިވަނީ މަދިރީގެ މައްސަލައެވެ. ކުރުކޮށް ދަންނަވާނަމަ ހެލްތު މިނިސްޓްރީގެ ފްލޫ ކްލިނިކު މިހާރު ވަނީ ޕާޓޭންނާއި މަދިރީގެ ހާއްޔަކަށް ބަދަލުވެފައެވެ.

ފްލޫ ކްލިނިކުގައި ހުރި ފާހާނާތައްޓަށް ދާންދެން ގެންގޮސް ވިއްކައިލުމަށްފަހު، ޕާޓޭން އެތަން މިހާރު ބޭނުންކުރަނީ އެ މީހުންގެ އެކިއެކި ހަރަކާތްތަކަށް ހާއްސަ ތަނެއްގެ ގޮތުގައެވެ. އަނދިރިވެލީމާ އެ މީހުން އެތަނަށް ވަދެ ކުރާ ކަމެއް އެނގޭނީ ރަނގަޅަށް ބެލީމައެވެ. ބިޑި ބުއިމާއި ބިޑި ވިއްކުމާ މިހެން ގޮސް އެ ބާވަތުގެ ހުރިހައި ކަމެކެވެ. ވެއްޓިފައި ތިބޭ މީހުންނާއި ސީދަލަށް ހިނގަން ނޭނގޭ އެތައް ބަޔަކު އެތަނުން ފެނެއެވެ.

ފުލޫ ކްލިނިކުގައި އުޅޭ މަދިރީގެ އުނދަގުލާ ހެދި ކަންބޮޑުވެގެން މި ހިސާބުގަނޑުގެ ބަޔަކު މާލޭ ސިޓީ ކައުންސިލަށް ވެސް ޝަކުވާ އުފުލިއެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނި ކަމަށް ވަނީ އެއީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަނެއް ނޫން ކަމަށެވެ. އަދި ޕާޓޭންގެ އުނދަގޫ ބޮޑުވެގެން ތަފާތު ފަހަރު މަތިން ގަލޮޅު ފުލުހުންނަށް ވެސް ވަނީ އަންގައިފައެވެ. ގަލޮޅު ފުލުސް ހުންނަނީ އެތަނާ މާ ދުރަކުވެސް ނޫނެވެ. ހަމަ އެ ކޮށީގެ އަނެއް ފަޅީގައެވެ. އެކަމަކު ވެސް ވީކަމެއް ނެތެވެ.

އެއީ ސިޓީ ކައުންސިލްގެ ތަނެއް ނޫން ނަމަވެސް، ފްލޫ ކްލިނިކު ހިންގި އިމާރާތް ހުންނާނީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ ބެލުމުގެ ދަށުގައިކަން އަޅުގަނޑަށް ޔަގީނެވެ. މިވަގުތު އަޅުގަނޑަށް މުހިންމީ އެތަން ބަލަހައްޓާ އިދާރާއަކީ ކޮބައިތޯ ބެލުމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ އެތަނުގައި އުޅޭ ޕާޓޭންނާއި މަދިރީގެ މައްސަލައަށް، ހެލްތު މިނިސްޓްރީ ނުވަތަ މާލޭ ސިޓީ ކައުންސިލުން ނަމަވެސް، އަވަސް ހައްލެއް ގެނެސްދެއްވައި، ޕާޓޭންނާއި މަދިރީގެ އަތްދަށުން އެތަން ސާފުކޮށްދެއްވުމެވެ. ހިސާބުގަނޑުގައި އުޅޭ މީހުންނަށް ހަމަނިދި ލިބޭނެ ގޮތެއް ހައްދަވައިދެއްވުމެވެ. މާލޭ ރައްޔިތުންގެ ބަޔަކު މިހާ ބޮޑު ތަކުލީފެއް އުފުލަމުންދާކަން މާލޭ މޭޔަރ ޑރ. މުއިއްޒަށް އެނގިވަޑައިގެންފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މާލޭ މޭޔަރަށް ކޮޕީކޮށް މި ސިޓީ ފޮނުވުމުގެ ބޭނުމަކީ ވެސް އެއީއެވެ. މި ކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ އުންމީދުގައެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.