...

Support Us

ތާރީހް:

ލިބެންވީ: މިނިސްޓަރ އޮފް ހެލްތު ކެރަފާ އަހުމަދު ނަސީމަށް،

ފޮނުވީ: މުހައްމަދު އަލީ/ ސ. ހިތަދޫ
ގުޅޭ: ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރާއި މަނިކުފާނު ވެސް ފޭލިވެއްޖެ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

2020 ވަނަ އަހަރު ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް 19 ޖެހުނު ކަމަށް ރެކޯޑު ކޮށްފައިވަނީ 13 މީހުންނެވެ. ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ކްރިސްމަސް ދުވަހެވެ. އެހެން ކަމުން ކްރިސްމަސް ދުވަހާއި، ޖަނަވަރީ 1 (ނިއުޔިއަރ) އަށް ފަތުރުވެރިކަމަށް ހުޅުވާލައި ކޮންމެ ގޮތެއް ހަދައިފައިވެސް ފައިސާ ހޯދަން ދިވެހި ސަރުކާރުން ބޭނުންވިއެވެ. ޑިސެމްބަރު 26 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތައް މަޑުމަޑުން މައްޗަށް އަރަންފެށިއެވެ. 2021 ޖަނަވަރީ މަހުގެ 29 ވީއިރު، ޑިސެންބަރު 23 ގައި 13 ގައި އޮތް އަދަދު 118 އަށް ބަދަލުވިއެވެ. އެ ބަދަލުވާން ފެށިގޮތަށް މައްޗަށް ދިޔަކަން ފާހަގަވެއެވެ. ވަކި މިންގަނޑެއްގައި ފެބުރުއަރީގައި ހިފެހެއްޓިފައި ހުރިކަން ފާހަގަވެއެވެ.

ބަލިވާ މީހުންގެ އަދަދު 2021 ފެބުރުއަރީ ފަހުކޮޅު މައްޗަށް އަރަން ފެށިއެވެ. އެގޮތަށް ދިމާވީ ދެވަނަ ބޮޅެއް އިތުރުވުމުންނެވެ. އެ ބޮޅަކީ އިންޑިއާގެ ގިނަ ބަޔަކު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރުމަށްޓަކާ ހުޅުމާލެ އާއި، ރާއްޖޭގެ ރަށްތަކުގައި ވަކިން ޚާއްސަކޮށް އަރިއަތޮޅުގެ ރަށްތަކުގައި ކަރަންޓީނުވާން ފެށުމުންނެވެ. މިކަރަންޓީނު ވުމުގައި، އެކަށީގެންވާ މިންވަރެއްގައި، މޮނިޓަރިންގ ކުރެވި ސަލާމަތީ ފިޔަވަޅު އެޅިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އިންޑިޔާގެ ގިނަ ކަރަންޓީނު ފަތުރުވެރިން ރާއްޖެ އައީ ފޭކް ޕީސީއާރު ޓެސްޓްގެ ނަތީޖާ ހިފައިގެންނެވެ. އެކަންކަން ބަލާނެ ސަރުކާރެއް، ވުޒާރާއެއް އަދި އިދާރާއެއް މި ގައުމުގައި ނެތެވެ. އެގޮތުން މަޑުމަޑުން މަތިވަމުން ގޮސް އެޕްރީލް 1 ވަނަ ދުވަހު 300 މީހުން ބަލި ޖެހުނު ކަމަށް ރިޕޯޓު ކުރެވުނެވެ.

އޭގެ ފަހުން އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕެއިން ކުރުމަށް ހުޅުވާލުމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މި ބައްޔަށް ޖޯކު ޖަހަމުން ބައިބަޔަށް ކޯޅިކޯޅިއަށް، އެޗްޕީއޭގެ ގަވާޢިދުތައް ހިތުހުރި ގޮތަކަށް ބަދަލުކުރަމުން މުޅި ރާއްޖޭގެ ދިގަށާއި ހުރަހަށް ދަތުރުތައް ކުރަން ފެށިއެވެ.

އެޕްރީލް 10 އަކުން އެޕްރީލް 27 އާ ހަމައަށް ދިޔައިރު ބަލިޖެހުނު ކަމަށް އެޕްރީލް 27 ގައި ރިޕޯޓް ކުރެވުނީ 386 މީހުންނެވެ. އެޕްރިލް 10ގެ ފަހުން ބަލި ފެތުރުން މަޑުޖެހުމެއް ނެތި، ކޮންޓްރޯލުން ނެއްޓި ސިއްޙީ ނިޒާމަށް ނުކަތާވަރުވެ މިބަލީގައި، ދުނިއެ ދޫކުރާ މީހުންގެ ޢަދަދު އިތުރުވެ، އިންސާނީ ވަސީލަތް ތަކަށް އޮބިނޯވެ އެކަށީގެންވާ ވަރަށް ޓެސްޓް ނުކުރެވި ބަލިޖެހި ޓެސްޓް ނުކުރެވި ތިބި މީހުންނާއި، ގޭގައި، ކަރަންޓީނު ކުރުމުގެ ނިޒާމް ފެއިލްވެފައި ވުމުން ގޭގައި ކަރަންޓީނުވެ ތިބެންޖެހޭ ގިނަބަޔަކު ބޭރަށް ނިކުތުމުގެ އިތުރަށް އިންޑިއާއިން އާދަޔާއި ޚިލާފަށް ކަރަންޓީނު ވުމަށް ރާއްޖެއަށް މީހުން އައުމާއި، އެމީހުންގެ ކަރަންޓީނު މޮނިޓަރ ނުކުރެވި އިންޑިއާގެ ގިނަބަޔަކު ރާއްޖޭގެ އެތައް މިތަނުގައި، ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގެ ކެފޭ ރެސްޓޯރަންޓުތަކާއި މަގުތައް މައްޗަށް ނުކުތުން ހިމެނެއެވެ. މިޙާލަތުގައިވެސް ސަރުކާރުން ބުނަމުންއައީ އިންޑިއާއިން ރާއްޖެ އަންނަނީ ޓޫރިސްޓުން ކަމަށެވެ. ނަމަވެސް މީގެ ތެރެއިން 95 އިންސައްތަ މީހުންނަކީ މެދުއިރުމަތީގެ ގައުމުތަކަށާއި، އަދި ޔޫރަޕުގެ ގައުމުތަކަށް މަސައްކަތު ދާން ކަރަންޓީނުވާ މީހުންނެވެ. އަދިވެސް އިންޑިޔާ މީހުން އިންޑިޔާގެ އާ ވޭރިއަންޓާއެކު ރާއްޖެއައުމެއް ނުހުއްޓުވެއެވެ. މިއަދު އެކަނިވެސް ދެ ފްލައިޓުގެ މީހުން އިންޑިޔާއިން ރާއްޖެ އައިސްފައި ވެއެވެ. މިއަދު އިންޑިޔާ މީހުން ރާއްޖެ އެތެރެކުރި ކަމުގެ މަޢުލޫމާތު ދިނީ އެޗްޕީއޭއިން ހުޅުލެއަށް ދިޔަ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އިންޑިޔާއިން، ރާއްޖެ ބޭނުންކުރަމުން މިދަނީ ޓޫލެއްގެ ގޮތުގައިކަން ދިވެހި ސަރުކާރަށް ނޭނގުމަކީ ދިވެހި ސަރުކާރުގެ ޖާހިލުކަން ނޫން ދެން ކޮންކަމެއްތޯއެވެ؟

މީގެ އިތުރުން ކަންބޮޑުވާންޖެހޭ އަނެއް މައްސަލައަކީ، ބަލިޖެހިފައިވާ 5000 ބިދޭސީން ކަރަންޓީނުގައި ތިބިކަމަށް ބުނެ، އެމީހުން ކަރަންޓީނުވީ ކޮންތާކުކަން ނޭނގުމާއި، އެމީހުން މަގުތައް މައްޗަށް ނިކުތުމެވެ.

ވީމާ، ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރާއި މަނިކުފާނު ވެސް ފޭލިވެއްޖެ ކަމަށް ގަބޫލްފުޅު ކުރައްވައި ވީހާ އަވަހަކަށް އިސްތިއުފާ ދެއްވުން އެދި ދެންނެވީމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.