ފަސް ލައްކަ ރުފިޔާ ލިބޭ ބީ.އެމް.އެލްގެ "ސްޓާޓަޕް ގްރާންޓަ"ށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ބީ.އެމް.އެލް އިން ބުނީ މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކަށް ހިލޭ އެހީ ލިބޭނެ ކަމަށާއި ކޮންމެ ފަރާތަކަށްވެސް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި ފަސް ލައްކަ ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓަޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެ ކަމަށެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.
ސްޓާޓަޕް ގްރާންޓަށް އެދި އަންނަ ނޮވެންބަރު 10 ވަނަ ދުވަހުގެ 2:00 ގެ ކުރިން startupgrant@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ގައުމީ ބޭންކުން ބުނެއެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުއެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.



advertisment

