ކަނޑު އަޑީން ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ދިރާސާ އެމް.ޑަބްލިޔު.އެސް.ސީން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބުނިގޮތުގައި މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން "ފްލޯޝަން"ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގައިފައެވެ. ފުރަތަމަ ސާމްޕަލުން ދެއްކީ އެއީ އާދަޔާޚިލާފަށް ސާފު ފެނެއް ކަމަށާއި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، އެއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ފެން މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށެވެ.
"ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެއެވެ." އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

"މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމް.ޑަބްލިޔޫ.އެސް.ސީ އިން ވަޒަންކުރާނެއެވެ. މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ އިން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެކެވެ."



advertisment

