އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކް އޮފް މޯލްޑިވްސް ބޭންކުން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. ފާއިތުވި ސެޕްޓެންބަރަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.
ތިންވަނަ ކުއާޓަރުގެ ނަތީޖާ ވަރުގަދަވުން:
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެކެވެ.
ރައުސްމާލުގެ ފުދުންތެރިކަން:
ބޭންކުގެ ރައުސްމާލު ވަނީ ވަރުގަދަ ކުރެވިފައެވެ. ހުސްވި ސެޕްޓެންބަރާ ހަމައަށް ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
ކަސްޓަމަރުންގެ އިތުބާރު ބޮޑުވުން:
ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ.
ލޯނު ދޫކުރުމުގެ އައު ރެކޯޑެއް:
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެކެވެ.
ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު:
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ.
ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ފޯރުކޮށްދިނުން: މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު، 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކައިފައިވާއިރު، މިއީ 2025 ވަނަ އަހަރު މަހަކަށްޖެހޭ އެވްރެޖަށްވުރެ %31 އިތުރު އަދަދެކެވެ.
ސެޕްޓެމްބަރަކީ ބޭރު ފައިސާ ލިބުން ދަށް މަހެއް:
ކޮންމެ އަހަރަކުވެސް ސެޕްޓެންބަރު މަހަކީ ބޭރު ފައިސާ ވަންނަ މިންވަރު އެންމެ މަދު މަސް ކަމަށްވާތީ، ބޭންކުން އަބަދުވެސް އެކަމަށް ދުރާލައި ތައްޔާރުވެއެވެ. އަދި ހަތަރު ވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސީޒަން ފެށުމާއެކު ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެއެވެ.
ރެކޯޑް މާލީ ނަތީޖާ
މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކޮށްފައެވެ. މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
މި ކުރިއެރުން ތިންވަނަ ކުއާޓަރުގައިވެސް ވަނީ ދަމަހައްޓާފައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ގެ ތިންވަނަ ކުއާޓަރަށްވުރެ %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ.
ބޭންކުގެ ބެލެންސް ޝީޓްވެސް ވަނީ ފުޅާވެފައެވެ. ސެޕްޓެންބަރު 30، 2026 ގައި ޖުމްލަ އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެސެޓް ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް ތިނެއް ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި %6.0 އިން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން ކަވަރޭޖް ވަނީ %100 ގައި ދެމެހެއްޓިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.
ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ.
"ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން،" ޝަރީފު ވިދާޅުވިއެވެ.
"މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނިވެސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައިވޭ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 2.86 ބިލިއަން ޑޮލަރުގެ ބޭރުގެ މުއާމަލާތްތައް މިވަނީ ފުރިހަމަކޮށްދީފައި. މިއީ ދިވެހި އިގްތިސާދަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެއްކެއް. ސެޕްޓެންބަރު މަހަކީ ބޭރު ފައިސާ ލިބުން އެންމެ މަދު މަސް ކަމުގައި ވީނަމަވެސް، އަޅުގަނޑުމެން ދަނީ ޒިންމާދާރުކަމާއެކު ބޭރު ފައިސާ މެނޭޖްކުރަމުން. އަޅުގަނޑުމެންގެ އިސްކަމަކީ ދިވެހި އާއިލާތަކާއި ވިޔަފާރިތަކަށް އެންމެ މުހިންމު ކަންކަމުގައި އެހީތެރިވުން."
ރައްކާތެރި އަދި ވަރުގަދަ ރައުސްމާލާއި ލިކިއުޑިޓީގެ ހާލަތު:
ރައުސްމާލު
ބީއެމްއެލް އަކީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ރަނގަޅަށް ރައުސްމާލު ބަލަހައްޓާ އެއް ބޭންކެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 38% ގައި ހުރިއިރު މިއީ ރެގިއުލޭޓަރީ ގޮތުން ބަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑު ކަމަށްވާ %12 އަށްވުރެ މަތީ އަދަދެކެވެ. މީގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ބޭންކަށް ލިބިގެންދެއެވެ. ޑިސެންބަރު 31، 2025 އާ އަޅައިބަލާއިރު މި ރޭޝިއޯއަށް އައި ބަދަލަކީ، ބޭންކުގެ ކެޕިޓަލް މެނޭޖްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، އަލަށް ލޯނު ދޫކުރުމާއި އިންވެސްޓަމަންޓް ތަކުގެ ސަބަބުން އައި ބަދަލެކެވެ.
ލިކިއުޑިޓީ
ބޭންކުގެ ލިކިއުޑިޓީ ހާލަތު ހުރީ ވަރަށް ބޮޑަށް ތަނަވަސްކޮށެވެ. ރެގިއުލޭޓަރީ ހުރިހާ މިންގަނޑުތަކަކަށް ބޭންކުން ދަނީ ފުރިހަމައަށް އަމަލުކުރަމުންނެވެ. ބޭންކުގެ ލިކުއިޑިޓީ ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކަމާބެހޭ ކޮމިޓީތަކުން ދަނީ ގަވާއިދުން މުރާޖައާ ކުރަމުންނެވެ.
ސެޕްޓެންބަރު 30، 2026 ގެ ނިޔަލަށް:
• ކަސްޓަމަރުންގެ ޑިޕޮސިޓްގެ %36.5 ރަމްޒުކޮށްދެނީ ލިކިއުޑް އެސްޓް އެވެ.
• ލޯން-ޓު-ޑިޕޮސިޓް ރޭޝިއޯ ހުރީ %77.6 ގައެވެ. (ބޭންކުން އިންޓަރނަލީ ހިފަހައްޓާ މިންގަނޑަކީ %90)
ބޭންކުގެ ލިކިއުޑިޓީއަށް ބަލާއިރު ހާއްސަކޮށް ދިވެހި ރުފިޔާގެ ލިކިއުޑިޓީ ވަރަށް ވަރުގަދައެވެ. ބޭންކުގެ ލިކިއުޑިޓީ ކޮންމެ ދުވަހަކު ޓްރެޜަރީން މޮނިޓަރ ކުރަމުންދާއިރު، އެސެޓް އެންޑް ލައބިލިޓީ ކޮމިޓީއާއި ބޯޑު ރިސްކް ކޮމިޓީން އެކަން ގަވާއިދުން މުރާޖައާ ކުރެއެވެ. މިކަން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ކުރިއާލައި އަންގައިދޭ އިންޑިކޭޓަރތަކާއި، އަދި ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތައް ހިމެނޭ ހަރުދަނާ އޮނިގަނޑެއްގެ ދަށުންނެވެ.
ހިންގުމުގެ މާހައުލު:
ދުނިޔޭގެ ހާލަތު
ޑޮލަރުގެ ފަންޑިން ހޯދުމަށާއި އެ ފައިސާ ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން މިހާރު ކުރިމަތިވަމުންދަނީ ކުރިއަށްވުރެ ބޮޑެތި ގޮންޖެހުންތަކެކެވެ. ފާއިތުވި ދިހަވަރަކަށް އަހަރާ އަޅައިބަލާއިރު ޑޮލަރުގެ އިންޓްރެސްޓް ރޭޓްތައް މަތީ މިންވަރެއްގައި ހުރިއިރު، ސަރަޙައްދީ ސިޔާސީ ނުތަނަވަސްކަމާއި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ ކުރިމަގާމެދު އޮތް ޔަޤީންކަން ދަނީ ކުޑަވަމުންނެވެ. މީގެއިތުރުން، ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ ކުދި އިޤްތިޞާދުތަކަށް އިންވެސްޓްކުރުމުގައި ބައިނަލްއަޤްވާމީ އިންވެސްޓަރުން އިންތިހާއަށް ފަރުވާތެރިވެ، އެ ފަރާތްތަކުން ކަނޑައަޅާ ރިސްކް ޕްރީމިއާތައްވެސް ވަނީ މަތިކޮށްފައެވެ.
މިފަދަ ދަތި މާހައުލެއްގެ ސަބަބުން، ކުދި ޤައުމުތަކުގެ މާލީ އިދާރާތަކަށް ލިބެންހުރި ހޯލްސޭލް އަދި ކޯރެސްޕޮންޑެންޓް ޑޮލަރު ފަންޑިންގ ފުރުޞަތުތައް ވަނީ ހަނިވެފައެވެ. އަދި އެފަދަ ފަންޑިންގތަކުގެ މުއްދަތު ކުރުވެ، އޭގެ ޚަރަދު ވަނީ އިންތިހާއަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން، މި ސަރަޙައްދުގެ އެހެން ބޭންކުތަކެކޭ އެއްފަދައިން މި ބޭންކަށްވެސް ޑޮލަރު ހޯދުމަށާއި، ބެލެހެއްޓުމަށާއި، އަދި މެނޭޖްކުރުމަށް ހިނގާ ޖުމްލަ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
ރާއްޖޭގެ ހާލަތު
ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށެވެ. ނަމަވެސް ބޭރު ފައިސާގެ އާމްދަނީ ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މޫސުމަށެވެ. އެއާ ހިލާފަށް، ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމަށާއި، ދަރަނި ދެއްކުމަށާއި، ދިވެހި އާއިލާތަކުގެ ބޭނުންތަކަށް މުޅި އަހަރު ދުވަހު ބޭރު ފައިސާ ބޭނުންވެއެވެ. ހާއްސަކޮށް ދިވެހިން ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާއި، ކިޔެވުމާއި، ބޭސްފަރުވާ އަދި އޮންލައިން ޝޮޕިންގ އިތުރުވުމުގެ ސަބަބުން ޑޮލަރަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ބޭންކަށް ކުރާނެ އަސަރުތައް
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބޭންކިން ބައިވެރިޔާގެ ގޮތުން، މި ހުރިހާ މާލީ މުއާމަލާތްތަކެއްގެ މައި މަރުކަޒަކީ މި ބޭންކެވެ. ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ހަލުވިކަމާއެކު އިތުރުވަމުން ދިއުމަކީ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ބޭންކުން މި ގޮންޖެހުންތައް މެނޭޖްކުރަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ބެލެންސް ޝީޓް ބަލަހައްޓައިގެންނެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކުރުމާއި ހިފެހެއްޓުމާއި، ދިގުމުއްދަތުގެ ބޭރު ފައިސާގެ ފަންޑިންގ ހޯދާނެ މަގުތައް އިތުރުކުރުމުގެ އިތުރުން، ބޭންކުގެ އުފެއްދުންތަކާއި އަގުތައް ބާޒާރުގެ ހާލަތަށާއި ބޭންކުގެ ރިސްކް އެޕެޓައިޓްއާ އެއްގޮތަށް ގަވާއިދުން މުރާޖައާކުރުން ހިމެނެއެވެ. މި އުސޫލުގެ ސަބަބުން ބޭންކުގެ މާލީ ވަރުގަދަކަން ދެމެހެއްޓި، އޭގެ ނަތީޖާއެއްގެ ގޮތުން ބޭންކުގައި ފައިސާ ރައްކާކުރާ ފަރާތްތަކާއި، ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރުވެގެންދެއެވެ.
ދިވެހި އިގްތިސާދަށް އެހީތެރިވުން:
ކަސްޓަމަރުންނަށް ފުރިހަމަކޮށްދިން ބޭރު ފައިސާގެ މުއާމަލާތްތައް
ބީ.އެމް.އެލް އަކީ ރާއްޖޭގެ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ބޮޑު ބައެއް ހިންގަމުންދާ ބޭންކެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ މުދާ އިމްޕޯޓްކުރުމާއި، ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި، ރާއްޖެއިން ބޭރުގައި ތިބި އާއިލާތަކަށް އެހީތެރިވުމަށާއި، ތައުލީމީ އަދި ސިއްހީ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނެއެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
• ބޭރު ފައިސާގެ ރެމިޓަންސް އަދި އިމްޕޯޓް ލެޓަރ އޮފް ކްރެޑިޓް ހިމެނޭހެން، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ފޮނުވި 2.25 ބިލިއަން ޑޮލަރާ އަޅައިބަލާއިރު %27 ގެ އިތުރުވުމެކެވެ.
• ބޭންކުން ވަނީ ބޭރަށް ފޮނުވި 373,600 އަށްވުރެ ގިނަރެމިޓަންސް މުއާމަލާތް ފުރިހަމަކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ފުރިހަމަކުރި މުއާމަލާތަށްވުރެ %19 އިތުރު އަދަދެކެވެ.
• ބޭރަށް ފޮނުވި ފައިސާގެ އަދަދު މަހެއްގެ މައްޗަށް އެވްރެޖްކޮށް 318 މިލިއަން ޑޮލަރުގައި ހުރިއިރު، މުޅި 2025 ވަނަ އަހަރަށް ބަލާއިރު މަހެއްގެ އެވްރެޖަކީ 273 މިލިއަން ޑޮލަރެވެ.
• ހަމަ މި މުއްދަތުގައި، ރެމިޓަންސް އަދި ކާޑު ސެޓްލްމަންޓްތަކުގެ ޒަރީއާއިން ބޭންކަށް 2.96 ބިލިއަން ޑޮލަރު ވަދެފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅާބަލާއިރު %15 އިތުރު އަދަދެކެވެ. މިއިން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ބޭންކާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުންދާ މިންވަރެވެ.
ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ
ކަސްޓަމަރުންގެ އަމިއްލަ ބޭރު ފައިސާގެ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް ބޭންކުން ދަނީ ދިވެހި ރުފިޔާއަށް ބޭރު ފައިސާ މާރުކޮށްދެމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ 722 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 734 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެކެވެ. އަދި މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 61 މިލިއަން ޑޮލަރަށްވުރެ %31 އިތުރު އަދަދެކެވެ. އަދި 2022 ވަނަ އަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 32 މިލިއަން ޑޮލަރާ އަޅައިބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ބޭންކުން ވަނީ ރުފިޔާގެ ބަދަލުގައި ތިން ބިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ.
• ކާޑު މުއާމަލާތްތައް: 336 މިލިއަން ޑޮލަރު.
ރުފިޔާ އެކައުންޓްތަކުގެ ކާޑުތަކުން ބޭރުގައި ކުރި މުއާމަލާތްތަކުގެ އެވްރެޖަކީ މަހަކު 37 މިލިއަން ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ %15 އިތުރު އަދަދެކެވެ. މީގެ ތެރެއިން އީ-ކޮމާސް މުއާމަލާތްތަކަށް 208 މިލިއަން ޑޮލަރު (ޖުމްލަ %62) ހޭދަކޮށްފައިވާއިރު، ރާއްޖެއިން ބޭރުގެ ޕޮއިންޓް-އޮފް-ސޭލްތަކަށް 93 މިލިއަން ޑޮލަރު އަދި އޭޓީއެމް މެދުވެރިކޮށް 34 މިލިއަން ޑޮލަރު ނަގާފައިވެއެވެ.
• ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ): 224 މިލިއަން ޑޮލަރު.
ކަސްޓަމަރުން ފޮނުވާ ޓީޓީއަށް ބޭންކުން ވިއްކާފައިވާ ބޭރު ފައިސާގެ އަދަދު މިހާރުވެސް ވަނީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 175 މިލިއަން ޑޮލަރަށްވުރެ %28 އިތުރުވެފައެވެ.
• ދަތުރުފަތުރަށް ދޫކުރި ނަގުދު ފައިސާ: 86 މިލިއަން ޑޮލަރު.
މީގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށް ދޫކުރި 5.8 މިލިއަން ޑޮލަރު ހިމެނެއެވެ.
• ތައުލީމީ ބޭނުންތަކަށް: 40 މިލިއަން ޑޮލަރު.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މަހަކު އެވްރެޖްކޮށް 4.4 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.
• ސިއްހީ ބޭނުންތަކަށް: 33 މިލިއަން ޑޮލަރު.
މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި 14 މިލިއަން ޑޮލަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ އިގްތިސާދު ހިންގުމުގައި ބޭންކުން އަދާކުރާ މުހިންމު ދައުރާއި، ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތަށް އަންނަ ބަދަލުތަކާއެކުވެސް، އިތުރުވަމުންދާ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކު ދެމިއޮތް މިންވަރެވެ.
ބޭރު ފައިސާ ލިބުމުގެ މޫސުމީ ބަދަލުތައް
ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މޫސުމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ އެންމެ ރަނގަޅު ދުވަސްވަރު ކަމަށްވާ ޑިސެންބަރު މަހުން އޭޕްރީލް މަހުގެ ނިޔަލަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެފައި، މޭ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް މި މިންވަރު މަދުވެއެވެ. މި ބަދަލުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހަކީ އަބަދުވެސް ބޭންކަށް ބޭރު ފައިސާ ވަންނަ މިންވަރު އެންމެ ދަށްވާ މަހެވެ.
• 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭންކަށް ބޭރު ފައިސާގެ ގޮތުގައި ލިބިފައިވަނީ 257 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެ އަހަރުގެ މަހަކަށް ޖެހޭ އެވްރެޖް މިންވަރަށްވުރެ ގާތްގަނޑަކަށް %17 ދަށް އަދަދެކެވެ. އަދި 2025 ވަނަ އަހަރު ބޭރު ފައިސާ އެންމެ ގިނައިން ބޭރުވެފައިވަނީ ވެސް ސެޕްޓެމްބަރު މަހުގައެވެ.
• 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރު ފައިސާ ވަން މިންވަރަކީ 240 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ އެވްރެޖަށްވުރެ ގާތްގަނޑަކަށް %27 ދަށް އަދަދެކެވެ.
• ސެޕްޓެންބަރު މަހަކީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ތައުލީމީ އައު އަހަރު ފެށޭ ދުވަސްވަރު ކަމަށްވުމުން، ތަޢުލީމީ ޚަރަދުތަކަށް ބޭރު ފައިސާ ބޭނުންވާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ތައުލީމީ ކަންކަމަށް 8.2 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ އެ އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު އެންމެ ގިނަ އަދަދެއް ދޫކުރި މަހެވެ. އަދި މިއީ އެވްރެޖް މަހެއްގައި ދޫކުރާ މިންވަރަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ މޫސުން ފެށުމާއެކު މި ހާލަތު ބަދަލުވެގެންދެއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކަށް ވަން ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާއިރު، 2025 ގެ ޑިސެންބަރު މަހު ލިބުނު 461 މިލިއަން ޑޮލަރަކީ އެ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު %80 އިތުރު އަދަދެކެވެ. ބޭންކުން ކޮންމެ އަހަރަކުވެސް ލިކިއުޑިޓީ ޕްލޭން ކުރަނީ މިފަދަ މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ.
ޒިންމާދާރުކަމާއެކު ބޭރު ފައިސާ މެނޭޖްކުރުން
ބޭންކުން ބޭރު ފައިސާ މެނޭޖްކުރަނީ ހާމަކަން ބޮޑު، އަދި އެންމެ މުހިންމު ބޭނުންތަކަށް އިސްކަންދޭ އުސޫލެއްގެ ދަށުންނެވެ. މި އަހަރު މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
• ކާޑުން ކުރާ މުއާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން. އީ-ކޮމާސް މުއާމަލާތްތަކަށް މަހުން މަހަށް ކަނޑައަޅާފައިވާ މިންވަރާއި، އެކި ބޭނުންތަކަށް ދުވާލަކަށް ދޫކުރާ ބަޖެޓް އާންމުކުރުން. މީގެ ބޭނުމަކީ ލިބެން ހުރި ބޭރު ފައިސާ އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ބަހާލެވޭ ގޮތް ކަސްޓަމަރުންނަށް ހާމަކޮށްދިނުމެވެ.
• އަސާސީ ބޭނުންތަކަށް އިސްކަންދިނުން: ދަތުރުފަތުރުގެ ލިމިޓްތައް ކަނޑައެޅުމާއި، ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމާއި، އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށް ހާއްސަ މަހު ލިމިޓެއް ކަނޑައަޅައި، ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގާ ކްރޮސް-ބޯޑަރ ފީތައް އުނިކުރުން ހިމެނެއެވެ.
• އުފެއްދުންތެރި އިގްތިސާދަށް އެއްބާރުލުން ދިނުން. ވިޔަފާރި މުއާމަލާތްތަކާއި، ދަރަނި އަދާކުރުމާއި، ފަތުރުވެރިކަމުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ދޫކުރުމަށް އިސްކަންދިނުން.
ކުރިމަގު
2026 ވަނަ އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީ ހާލަތެއްގައެވެ. ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި، މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ. ކުރިމަގަށް ބަލާއިރު، ފަންޑިންގ ހޯދާ ވަސީލަތްތައް ބޭންކުން އިތުރަށް ފުޅާކުރާނެއެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓްތަކުން ދިގު މުއްދަތުގެ ބޭރު ފައިސާގެ ފަންޑިންގ ހޯދުން ހިމެނެއެވެ. މީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއަށް ޚިދުމަތްދޭ ވިޔަފާރިތަކާއި، މުޅި ދިވެހި އިގްތިސާދަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ. ބޭންކުން އަބަދުވެސް ދެމިއޮންނާނީ ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި އަދި ގައުމުގެ މަސްލަހަތަށްޓަކައި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ވަރުގަދަކޮށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރިސްކް މެނޭޖްކޮށް، ގަވަރނަންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައެވެ.



advertisment

