Support Us

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް މަރުހަބާ ކިއުމަށް ދިއްދޫގައި ގިޑިގެ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ...

ދިއްދޫ އަށް ބޮޑު އީދެއް: ތާރީހީ މެޗުގެ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ރައްޔިތުން ހޭބޯނާރައި

ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅޭ މެޗަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން ތާރީހީ މެޗަކަށް ވަނީ ވެފައެވެ؛ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ، އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް މާލެއިން އުތުރުގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އެ މެޗުގައި ދިއްދޫ ސްޕޯޓްސް އިން ވާދަކުރަން ޖެހެނީ އެ ރަށުގެ މުޅި އާބާދީހެން ސަޕޯޓްކުރާ، އެ ރަށު ރައްޔިތުންގެ އެންމެ ފޭވަރިޓް ޓީމު، ނިއު ރޭޑިއަންޓާއެވެ. ތާރީހީ މި މެޗު ބަލައިލުމަށްޓަކައި ދިވެހި ކުޅިވަރާއި ފުޓުބޯޅައިގެ ވިދުން ގަދަ ޝަހުސިއްޔަތުންގެ ޓީމެއް ދިއްދޫއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންވެ މެޗަށްޓަކައި ދަނޑު ތަރައްގީކުރުމުގެ އިތުރުން މެހެމާނުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ބަނދަރުމައްޗާއި ރަށުތެރެ ނަލަހައްދައި ޒީނަތްތެެރިކުރުމުގައި ކައުންސިލްގެ ފަހަތުގައި ރައްޔިތުން ވެސް އަންނަނީ ހޭބޯނާރައި މަސައްކަތް ކުރަމުންނެވެ.

"ދިއްދޫއަށް މިއޮތީ ހަމަ ބޮޑު އީދެއް އައިސްފައި. ކުޅިވަރުގެ އިވެންޓަކަށް މީގެ ކުރިން ތައްޔާރުނުވާހާ ބޮޑަށް މިފަހަރު މިއޮތީ ތައްޔާރުވެފައި. އެއީ ދިއްދޫ ފުޓުބޯޅަ ޓީމު ވަރަށް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމުގެ ކާމިޔާބީގެ ސަބަބުން (ޕްރިމިއަރ ލީގުން ޖާގަ ހޯދުމުން) މި ރަށުގައި މި މެޗު ކުޅެވެނީ. އެހެންވެ މިއީ މުޅި ދިއްދޫ ރައްޔިތުންނަށް އަންނަ ކުޅިވަރުގެ އެންމެ ބޮޑު އީދު،" ދިއްދޫ ކައުންސިލްގެ ރައީސް އުސްމާނު ރަޝީދު މިއަދު ވިދާޅުވިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް ދިއްދޫ ބޮޑުމަގުގައި ދިދަ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ…

"ފުޓުބޯޅަ ދަނޑުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން ނިއު ރޭޑިއަންޓު ޓީމަށާއި މެޗަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުލަގަދަ ހަރަކާތްތަކެއް މި އަންނަނީ ރާވަމުން."

އުސްމާނު ވިދާޅުވީ މި ކުޅިވަރު އީދު ކާމިޔާބު ކުރުމަށްޓަކައި ކައުންސިލާއެކު ރައްޔިތުން ނުކުމެ، އެހީތެރިވަމުން އަންނައިރު ދިއްދޫގެ އެކިއެކި ކްލަބުތަކާއި ޖަމިއްޔާތަކާއި އެމް.ޓީ.ސީ.ސީ އާއި ރޯޑް ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ވެސް ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް ދިއްދޫ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ…

"ދަނޑުވެސް މަރާމާތުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް އެބަކުރަން. ވަށައިގެން އަލުން ފެންސުވެސް އެބަޖަހަން. އެއީ ސްޕޯޓްސް މިނިސްޓްރީން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް. ގިނަ ބަޔަކަށް ފަސޭހަކަމާއެކު ކުޅިބަލަން ތިބެވޭނެ ގޮތަށް އެބަ ރާވަން. އަނެއްކާ ރަށުތެރޭގައި ގިޑިގެ ޖެހުމާއި ދިދަ ޖެހުމާއި ދިދަފަތި ދެމުމާއި މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ވެސް އެބަ ރާވަން. ބަނދަރުމަތީގައި ވެސް ވަރަށް ހޫނު މަރުހަބާއެއް އޮންނާނެ. ސަޕްރައިޒިން އިވެންޓުތައް ވެސް ހުންނާނެ. އަދި މެޗުގެ އިންޓަވަލް ގަޑިއަށް ސަގާފީ އައިޓަމްތައް ވެސް ކުރިއަށްދާނެ،" އުސްމާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަޔާތުގައި މި ރަށުގައި އެންމެ ފަހުން ގިޑިގެއެއް ޖެހީ މީގެ 20 އަހަރު ކުރީގައި. އެހެން ނަމަވެސް މިފަހަރު ވަރަށް ފުރިހަމަ، ނަލަ ގިޑިގެތަކެއް މި ތައްޔާރުކުރަނީ ޒަމާނީ ފެންވަރަށް،" އުސްމާނު ވިދާޅުވިއެވެ. "މި ތާރީހީ މެޗު ބައްލަވައިލެއްވުމަށް ބައެއް ވަޒީރުންނާއި ދިވެހި ކުޅިވަރާއި ފުޓުބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތުންތަކެއް ދިއްދުއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަން ވެސް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އެއީ ވެސް ދިއްދޫއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް."

ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް މަރުހަބާ ކިއުމަށް ދިއްދޫގައި ގިޑިގެ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ…

އުސްމާނު ވިދާޅުވީ ހޮނިހިރު ދުވަހު ހަވީރު 3.45ގައި ފަށާ މެޗަށް ބޮޑުތިލަދުންމަތީގެ ހުރިހައި ރަށްތަކަށް ވެސް ކައުންސިލުން ދައުވަތު ފޮނުވައިފައިވާ ކަމަށެވެ.

"ކައުންސިލްގެ ފަރާތުން މިހާރު ދައުވަތު ދީފައި އޮންނާނެ އަތޮޅުގެ ހުރިހާ ރަށްތަކަށް. އަދި ކުޅުދުއްފުއްޓާއި ހަނިމާދޫ ވެސް ހިމެނޭހެން ހދ. އަތޮޅަށާއި ޖުމްލަކޮށް ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ވެސް ވާނީ ދައުވަތު ދީފައި. އޭގެ އިތުރުން މި އަތޮޅުގައި އޮންނަ ދެ ރިސޯޓު ކަމަށްވާ މަނަފަރާއި ހައިޑަވޭ އަށް ވެސް ދައުވަތު ދީފައި އޮންނާނީ."

އުސްމާނު ވިދާޅުވީ ރަށުގައި އެހާ ފޯރިއާއެކު ތައްޔާރީތައް ކުރިއަށްދާއިރު، މި ހުރިހައި ކަމަށް މަގުފަހިކޮށްދިން ފަރާތްތަކެއް ވެސް ވާ ކަމަށާއި އެ ފަރާތްތަކަށް ހައްގު ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށާއި އެފް.އޭ.އެމްގެ ރައީސް އަހުމަދު ތޯރިގަށާއި ރައްޔިތުންގެ މަޖިލިސްގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދަށާއި އެމް.ޓީ.ސީ.ސީ އަށާއި ރޯޑް ކޯޕަރޭޝަނަށާއި ދިއްދޫގެ ކުޅިވަރު ކްލަބުތަކަށާއި ޖުމްލަކޮށް ހުރިހައި ރައްޔިތުންނަށް. ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި މަސައްކަތް މިއީ."

މި އަހަރުން ފެށިގެން ދިވެހި ޕްރިމިއަރ ލީގު ކުޅެމުން މި އަންނަނީ ހޯމް-އެންޑް-އަވޭ އުސޫލުންނެވެ. މިގޮތުން މިދިޔަ މަހު މާލެ އައިސް، ގަލޮޅު ދަނޑުގައި ދިއްދޫ ސްޕޯޓްސް އިން ވަނީ ތިން މެޗެއް ކުޅެފައެެވެ. ތާވަލް ހަމެޖިފައިވާ ގޮތުން މި މަހު ތެރޭގައި މާލެއިން ދާ ތިން ޓީމަކާއެކު ދިއްދޫގައި މެޗު ކުޅޭނެ އެވެ. އެއީ ހޮނިހިރުގައި ނިއު ރޭޑިއަންޓުގެ އިތުރުން، 16 ގައި އީގަލްސް އަދި 20 ގައި ޓީ.ސީއާއެކު އެވެ. އެއަށްފަހު ދިއްދޫ ދަނޑުގައި ޕްރިމިއަރ ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އަހަރުއެވެ.

ހޮނިހިރު ދުވަހުގެ މެޗަށް ނިއު ރޭޑިއަންޓުގެ ޓީމު ދިއްދޫއަށް ދާނީ މިރޭގެ ވަގުތެއްގައެވެ.

  • ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކަށް ދިއްދޫގައި ވަމުން އަންނަ ތައްޔާރީތަކުގެ އިތުރު ފޮޓޯތައް ތިރީގައި.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *