މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާލެއާއި ދ. ކުޑަހުވަދުއާ ދެމެދު އަލުން ފަށަން ނިންމައިފިއެވެ.
ގައުމީ އެއާލައިނުން ބުނީ އަންނަ ބުރާސްފަތި ދުވަހު ފަށާ މި ދަތުރުތައް ކޮންމެ ދުވަހަކު ބާއްވާނެ ކަމަށެވެ.
ކުޑަހުވަދޫ ދަތުރުތައް ފެށުމުގެ ގޮތުން ހާއްސަ އަގެއްގައި ޓިކެޓު ވިއްކުމަށް ވަނީ ނިންމައިފައެވެ. އެއީ ކޮޅަކަށް 1،111ރ. އެވެ. މި ދަތުރުތަކުގެ ޓިކެޓު މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޓިކެޓިން އޮފީސްތަކާއި ސޭލްސް އޭޖެންޓުން މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަން އިން ކުޑަހުވަދޫއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލީ ސެޕްޓެމްބަރު 2021 ގައެވެ. ނަމަވެސް، ކުޑަހުވަދޫ މައި ހަބެއްގެ ގޮތުގައި ބޭނުންކުރާ މަންތާ އެއާގެ އެދުމުގެ މަތިން އެ އެއާލައިނުން ދިޔައީ ޗާޓަރު ފްލައިޓުތައް ކުޑަހުވަދުއަށް އޮޕަރޭޓް ކުރަމުންނެވެ.
މޯލްޑިވިއަންގެ ފްލީޓުގައި، މޫދަށް ޖައްސާ ބޯޓުފަހަރާއެކު ޖުމްލަ 25 މަތިންދާބޯޓު ހިމެނެއެވެ. އެ އެއާލައިނުން އަންނަނީ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ އަށް އުދުހެމުންނެވެ.



advertisment

