ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ މަހަކު 16 މިލިއަން ޑޮލަރު ބޭނުން ކުރެވޭ ގޮތަށް ކަނޑައަޅައިފި އެވެ.
މާދަމާ އިން ފެށިގެން އަމަލު ކުރުމަށް ކަނޑައަޅާފައިވާ މަހުގެ ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ޚިދުމަތްތަކުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ބޭންކުން ވަނީ ކަނޑައަޅައިފައެވެ.
ބީއެމްއެލް އިން ބުނާގޮތުގައި ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވިދާނެއެވެ. ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެއެވެ.
ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ.
ލިމިޓްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް
ބީ.އެމް.އެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެއެވެ. މި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ނުހިމެނޭނެއެވެ. މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނެއެވެ. މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ ތިން މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް
ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅައިފައެވެ. މި ކެޓެގަރީއަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
3. ދަތުރުފަތުރާއި ހޮޓެލް ބުކިން
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު ހަ މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ. މި ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައް
ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު ތިން މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. ބޭންކުން މި ދާއިރާގެ މުއާމަލާތްތައް ބަލަމުންދާނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި ބަދަލުތައް ގެންނާނެއެވެ.
5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް
މަތީގައި ބަޔާންކުރެވިފައި ނުވާ ބޭރުގެ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް އިސްކަން ދިނުމެވެ. ބީއެމްއެލް އިން މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެއެވެ.
6. ސިއްހަތާއި ތައުލީމު
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައެޅިފައެއްނުވެއެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިންނެވެ. އަދި މި ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކާ ވަކިން ހާއްސަ ބަފަރއެއް (އިތުރު މިންވަރެއް) ބޭންކުން ދަމަހައްޓާނެއެވެ. މި ކެޓަގަރީގެ ދަށުން ކުރެވޭ މުއާމަލާތްތައް ބޭންކުން ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް، ކަނޑައެޅިފައިވާ އަދަދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާނެއެވެ.
އިތުރު ތަފްސީލް
ބީއެމްއެލް އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދައެވެ. މިގޮތުން ކުރާ މުއާމަލާތްތަކުގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެއެވެ.
ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށްޓަކައި ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މީގެތެރެއިން ވެސް އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފައެވެ. ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން މި ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.
ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ދުވާލަކަށް ބޭނުންކުރެވޭނެ ލިމިޓްތަކެއް ބީއެމްއެލް އިން މިވަނީ ކަނޑައަޅާފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅިފައިވާ މި ލިމިޓްތަކަށް އަމަލުކުރަން ފަށާނީ 13 ސެޕްޓެންބަރުން ފެށިގެންނެވެ.



advertisment

