ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމެވި ނިންމެވުމަށް އެމް.ޑަބްލިޔު.އެސް.ސީ އެމް.ޑީ ހުސެއިން ފަހުމީގެ ތައުރީފު ކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ބަޔާނެއްގައި ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކަކީ "އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމުމެއް" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވީ ސަރުކާރުގެ ދެ ކުންފުންޏެއް އުވާލައްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ފެނަކަ އުވާލައްވައި، ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް، ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި އާރު.ޑީ.ސީ އުވާލައްވައި، އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރައްވައި، ކުންފުނިތައް ރަނގަޅު ސައިޒަށް ކުޑަކުރެވި، އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment

