ބީއެމްއެލްގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނަތީޖާ ދައްކާ ގޮތުން ގައުމީ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކޮށްފައެވެ. މިއީ ދިވެހީންގެ ބޭންކުން ވޭތުވެދިޔަ އަހަރުތަކުގައި ހޯދަމުން އައި ރެކޯޑު ކާމިޔާބީތަކާއި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދި ކުރިއެރުން ދަމަހައްޓައި، ހޯދައިފައިވާ ނަތީޖާއެކެވެ. ގައުމީ ބޭންކުން ދަމަހައްޓަމުން އަންނަ ކުރިއެރުމާއި، ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި، ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން، ބޭރުގެ ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކުވެސް، މި ކުރިއެރުން ދެމެހެއްޓުމަށް މަގުފަހިވިއެވެ.
ވަރުގަދަ މާލީ ނަތީޖާއެއް
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެކެވެ.

އާމްދަނީގެ ކުރިއެރުމާއި ހިންގުން ހަރުދަނާވުން
ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ.
ބެލެންސް ޝީޓަށް ލިބުނު ކުރިއެރުން
ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

އެކި ބޭނުންތަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު (261,168 މުއާމަލާތް)، 20 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ ގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ.

ކަސްޓަމަރުންނާއި ޑިޖިޓަލް އީޖާދުތަކަށް ކުރާ އިންވެސްޓްމަންޓް
ބޭންކުގެ އުފެއްދުންތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް ބޭންކުން ދަނީ އިންވެސްޓް ކުރަމުންނެވެ. މީގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގއަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ލީޑަޝިޕް ތަރައްގީކުރުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނެއެވެ.
ކުރިމަގަށް ބަލައިލުން
ބީއެމްއެލް އިން މި އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި، ރަނގަޅު ކެޕިޓަލް އަދި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ.. ބޭންކުގެ ދުރުރާސްތާ ސްޓެރެޓެޖީތައް ފަރުވާތެރިކަމާއެކު ތަންފީޒުކޮށް، ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ އިތުރުން ގައުމީ އިގްތިސާދީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު އޮންނާނީ ސާބިތުކަމާއެކުގައެވެ.



advertisment

