ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބީ.އެމް.އެލް އިން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި ފިޔަވަޅުތައް އާންމު ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ އަދި އެމް.ޑީ މުހައްމަދު ޝަރީފެވެ.
މިގޮތުން ބީ.އެމް.އެލް އާއި މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަނާ އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ވަނީ ހަމަޖައްސައިފައެވެ. މިހެންކަމުން ރާއްޖޭގައި ތިބޭ މީހިންގެ ކާޑު (ކާޑުގެ ވެރިފަރާތާ ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ވަނީ ހަމަޖައްސައިފައެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެ ކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާ ކުދިންނަށް ދީފައިވާ ޚާއްސަ ލިމިޓާއެކު ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މިކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެއެވެ. ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދޭނެއެވެ.
އަދި ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށް ގިނަ ޢަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާ ގަންނަން ބޭނުންކުރާތީ އެކަމަށް ވެސް ހައްލެއް ހޯދައިފައެވެ.
"…ބޭންކުން ވަރަށްގިނަ ޢަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދު ފަރާތްތަކަށް. ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ކުރިން މިދެންނެވި ފަދަ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓުން،" ބީ.އެމް.އެލް އިން ބުންޏެވެ.
އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިން އިންސައްތައަށް ވުރެ މަދު އަދަދެއްކަން ބޭންކުން ފާހަގަ ކުރެއެވެ.
"މިއީ ކުރިން ދެންނެވި ފަދަ މުދާ ގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތައް. އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން."
މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާ ނުލައި ބޭނުންކުރެވޭނެ ކަމަށް ވެސް ބީ.އެމް.އެލް އިން ބުންޏެވެ.
ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅޭ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅޭ ފަރާތްތަކަށް ހަމަ އެކަނި އެއް ކާޑަށް އަހަރީ ފީ ނަގާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު އިތުރު ކާޑުތަކަށް އަހަރީފީ ނުނަގާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އަދި ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ވަނީ ހަމަޖައްސައިފައެވެ. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާ ގަޑިއެއްގައި ފޮނުވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
"ޓީޓީތައް ސްޕްލިޓްކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން،" ބީ.އެމް.އެލް އިން ބުންޏެވެ.



advertisment

