މުޅި ރާއްޖެއަށް ހުޅުވާލައިގެން "މޯލްޑިވްސް ކަރޯކޭ ޗެލެންޖް" އަންނަ ޖުލައިގައި އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޖުލައި 19 އިން 30 އަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ލަވަކިއުންތެރިންކުގެ ހުށަހެޅުންތައް ލައިވްކޮށް ހުށަހަޅާ ގޮތަށެވެ.
"މި މުބާރާތުގެ މަޤްސަދަކީ ރާއްޖޭގައިވެސް ކަރޯކޭއަކީ ގިނަ އަދަދެއްގެ މީހުންގެ ބޮޑު ޝަޢުގުވެރިކަމެއް އޮންނަ ފަންނީ ކަމަކަށްވާތީ، އަދި ގިނަ ބައެއްގެ ތެރޭގައި އެކި ފެންވަރުގެ ކަރޯކޭ މުބާރާތް ބާއްވަމުންދާތީ އެ ފަރާތްތަކަށް ޕްރޮފެޝަނަލް ޕްލެޓްފޯމެއްގައި ބައިވެރިވުމުގެ ފުރުސަތުދިނުން،" މި އިވެންޓް އިންތިމާޒްކުރާ އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނިގޮތިގައި މޯލްޑިވްސް ކަރޯކޭ ޗެލެންޖްގެ ފުރަތަމަ ބުރުގެ ހުށަހެޅުންތައް އޮންނާނީ 19 އަދި 20 ޖުލައިގައެވެ.
"ފުރަތަމަ ބުރުގެ ހުށަހެޅުންތަކުގެ ތެރެއިން ފައިނަލް ރައުންޑަށް 60 މީހެއް ހޮވާނެ. އެ މީހުން ހޮވާނީ މި މުބާރާތަށް ޚާއްސަކުރެވިފައިވާ، މިފަދަ މުބާރާތްތަކުގައި ޖަޖުކަން ކޮށްފައިވާ ތަޖުރިބާކާރު ޖަޖުންގެ ޕެނަލަކުން. ފައިނަލް ރައުންޑަށް ހޮވުނު 60 މީހުންނަށް އެސް.އެމް.އެސް މެދުވެރިކޮށް އާއްމުންގެ ވޯޓް ދިނުމަށް ހުޅުވާލެވޭނެ. އެއަށް ފަހު ފައިނަލަށް ހޮވުނު މީހުންގެ ހުށަހެޅުންތައް އޮންނާނީ 29 އަދި 30 ޖުލައިގައި. މުބާރާތުގެ ރަން ވަނަތައް އިޢުލާންކޮށް އިނާމު ދިނުން އޮންނާނީ 30 ޖުލައިގައި. އެކަމަކު ފައިސާގެ އިނާމުތައް އަދި މުޅިން ފައިނަލްނުވޭ،" އޮފިޝަލް ބުންޏެވެ.
"މޯލްޑިވްސް ކަރޯކޭ ޗެލެންޖްގައި ބައިވެރިވުމަށް މިހާރުވަނީ ހުޅުވާލެވިފައި. ބައިވެރިވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ހޮޓްލައިން ނަންބަރަކީ 7874841. އަދި އިންތިޒާމުކުރާ ފަރާތުގެ ސޯޝަލް މީޑިއާ ޕޭޖް DOT EVENTS މެދުވެރިކޮށްވެސް މުބާރާތުގައި ބައިވެރިވެވޭނެ."
ކަރޯކޭ ޗެލެންޖް އިންތިޒާމްކުރާ ފަރާތުން ބުނީ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ގިނަ މީހުން ބައިވެރިވާ، އެންމެ ބޮޑު ކަރޯކޭ މުބާރާތަށް ކަމަށެވެ.



advertisment