އެހެން މީހުން ވައްޓައިލުމަށް ވަޅުގަނޑެއް ކޮންނަ މީހާ އަށް، އިލާހީ އަދަބުން ސަލާމަތްވެވޭނެ ކަމަށް ހީކުރާނަމަ އެއީ ކުށް ހީއެކެވެ. އޭނާ އެ ހަނދުމަނެތިކޮށްލަނީ ތަޤުދީރުގެ ޤާނޫނަކީ ވަކި ފަރާތަކަށް ބުރަވުމެއް ނެތް، އިންސާފުވެރި ޤާނޫނެއްކަމެވެ. ބިމުގައި އިންދި އޮއްޓަރަކުން އެ ވައްތަރުގެ ގަސް ފަޅާނެކަމެވެ. ނުބައި އޮއްޓަރެއް ނަމަ، ނުބައި މުޑުވަކެވެ.
މާތް الله ފޮރުއްވާފައިވާ، މުސްލިމެއްގެ އައިބު ކަންތައްތައް ފަޅާއަރުވައި ބޭޒާރުކޮށްފިނަމަ، އެފަދަ މީހުންގެ މާ ބޮޑެތި އައިބު ކަންތައްތައް الله ބޭޒާރުކުރައްވާ ހާމަކުރައްވާނެއެވެ. އަނެކާގެ އަގުވައްޓައިލި ފަދައިން، އޭނާގެ ވެސް އަގުވައްޓައިލައްވާނެއެވެ.
މި ދުނިޔޭގެ ތިލަފަތަކީ، އަހަރެމެންގެ ލޮލަށް ފެންނަވަރަށް ވުރެ މާ ކަވި، މާ އިންސާފުވެރި ތިލަފަތެކެވެ. ދުނިޔޭގެ ކަންތައް ހިނގަނީ ހަމައެއް، މިންގަނޑެއްނެތި ގަހުގަތްބުރަށް ކަމަށް ހީކުރުމަކީ ގޯހެކެވެ.
ކާއިނާތުގެ ދުނިޔަވީ ލޯގަނޑުން އިންސާނާގެ ޢަމަލުތައް އޭނާ އާ އަރައިހަމަކުރާތަން ފެންނާނެެއެވެ.
އަނިޔާވެރިކަމަކީ ނަތީޖާއެއް ނެތް ގޮތަކަށް ކޮށްލާ އާދައިގެ ޢަމަލެއް ނޫނެވެ. އަދިކިއެއްތަ؟ އެއީ، އަނދިރި ހަކަތައެކެވެ. އޭގެ ދުން އަނެކަކުގެ ގައިގައި ޖެހުމުގެ ކުރިން އެ ހަކަތައިގެ ހުޅުގަނޑު ރޯކޮށްލި މީހާއާ ދިމާއަށް އެނބުރި އަންނާނެއެވެ.
އަނިޔާވެރިކަމަކީ އަނިޔާވެރިކަމުގެ އަލިފާންރޯކޮށްލި އަތް ނާނދާގޮތަށް އޭގެ ހުޅުރޯކުރެވޭ އެއްޗެއް ނޫނެވެ. މިއީ އެކަލާނގެ ޤާނޫނެވެ.
އިންސާފުގެ އޮއްޓަރު އިންދައިފިނަމަ، އެމީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.
އަދި ގެއްލުންދިނުމުގެ ކަށިގަސް އިންދައިފި މީހާގެ ގަޔަށް އޭނާގެ އަމިއްލަ އަތުން އިންދި ގަހުގެ ތޫނު ކަށިތައް ހެރޭނެކަން ގައިމެވެ.
* މިސްރުގެ އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރ މުޞްޠަފާ މަޙްމޫދުގެ ލިޔުއްވުމެއްގެ ترجمة އެއް




advertisment