ހުޅުމާލޭ ގޮނޑުދޮށަށް ހަވީރުގެ އިރުގެ އަލިދޯދިތައް އެޅިފައި އޮތެވެ. މުނާ، ޝާހާއަށް ރައްޔާން ތަޢާރަފުކޮށްދިނީ އެ ހަވީރުއެވެ. ރައްޔާން އޭރު ހުރީ އޭނާގެ ޓެނިސް ޕްރެކްޓިސް ނިންމާފައި އައިހެވެ. ދާހިއްލައިފައެވެ. އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ކޮނޑުމަތީގައި ޓެނިސް ރެކެޓް އަޅުވާލައިގެން، ކޯޓުން ނުކުމެ ކަނޑުގެ ވައިރޯޅިތަކުން ހަށިގަނޑަށް ތާޒާކަން ހޯދަމުން މަޑުމަޑުން ހިނގަމުން އައެވެ.
"މިއީ ހަތްވަނަ ގްރޭޑުން ފެށިގެން ހުރި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ،" މުނާ ފަޚުރުވެރިކަމާއެކު އޭނާގެ ބެސްޓްފުރެންޑް ތައާރަފުކޮށްދިނެވެ.
"އައްސަލާމް ޢަލައިކުމް،" ރައްޔާން ލަދުރަކި ހިނިތުންވުމަކާއެކު ބުންޏެވެ.
ޝާހާ ހީކުރީ އެއީ އާދައިގެ ކުއްޖެއް ކަމަށެވެ. އެކަމަކު ރައްޔާން ތަފާތެވެ. ވަރަށް ހިތްގައިމު މިޒާޖެއް ހުރި ކުއްޖެކެވެ. ވިސްނުންތެރި ކުއްޖެކެވެ. ބަސް މަދު މީހެކެވެ. ހަމަ ކުއްލި ގޮތަކަށް އޭނާގެ ހިތުތެރޭގައި އެއްވެސް އިރަކު ނުއުފެދޭ ފަދަ ހިލިގަތުމެއް އުފެދިގެންފިއެވެ. އޭނާ މަސައްކަތް ކުރީ އެކަންކަމަށް ފަރުވާލެއް ނުބެހެއްޓުމަށެވެ.
އެތިން މީހުން އެކުގައި ގޮނޑުދޮށުގެ މަގު ކައިރީގައި ހުރި ކެފޭއެއްގައި ކޮފީއެއް ބޯން އިށީނދެ ތިއްބެވެ. މުނާ އިނީ އުފަލުން ފޮޅިފައެވެ. އެމީހުން ސްކޫލާއި އެސައިންމެންޓްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުންދިޔައެވެ. ރައްޔާން ގިނައިރު އިނީ އަޑުއަހާށެވެ. މުނާއަށް ބަލަމުން ދިޔައީ ފިރިހެން ކުދިންގެ ހިތް މިހާރުވެސް އަތުލައިފައިވާ މީހަކަށް އެ ހިތް މިލްކުވެފައިވާ ގޮތް ދައްކުވައިދޭ ފަދަ ހިމޭން، ސަމާލު ގޮތަކަށެވެ.
ޝާހާ އެ ދެމީހުންނަށް ބަލަމުން ދިޔައެވެ. އެ ސަމާސާތައް، އެ ހިތްހަމަޖެހުން ފެނުމުން އޭނާގެ ހިތަށް ތޫނު ކަށިތަކެއް ހެރުނެވެ. އެއީ އޭނާ ގަބޫލުކުރަން ނޭދޭ ކަހަލަ ޙަސަދައެކެވެ.
މުނާގެ ފޯނަށް ޝާހާ މެސެޖެއް ފޮނުވާލިއެވެ. "ހޭ… އޭނާގެ ނަންބަރު އަހަންނަށް ދެވިދާނެތަ؟ ވަރަށް މުހިންމު ކަމެއް ޖެހިއްޖެ ކަމަށް ވަންޏާ އޭނާއަށް އޭރުން އަހަންނަށް ގުޅާލެވޭނެނު."
މުނާ ހީނގަތެވެ. "މުހިންމު ކަމެއް؟ ކޮން ފަދަ ކަމެއް؟ ލޯބީގެ ކުއްލި ނަސޭހަތެއް ދިނުން ފަދަ ކަމެއްތަ؟" މުނާ އޭނާ އަށް ޖެއްސުމުގެ ގޮތަކަށް އަތް އަޅާލިއެވެ.
ރައްޔާން އަށް މި ދައްކާ ވާހަކައެއް ނޭނގެއެވެ. އެކަމަކު އެވަގުތު މުނާ އޭނާގެ ގާތުގައި ބުންޏެވެ.
"ޝާހާއަށް ތީނަގެ ނަމްބަރު ދިނަސް ހެޔޮތަ؟"
"މުނާ ދޭން ބޭނުމިއްޔާ."
ޝާހާ ހިނިތުންވިއެވެ. އެކަމަކު އޭނާގެ ހިތުތެރޭގައި ސުވާލުތައް އެނބުރިގަތެވެ. "އެހެންވީމަ، ނަމްބަރެއް ދޭވަރަށް ވެސް އަހަރެންގެ މައްޗަށް އިތުބާރެއް ނެތީދޯ؟"
ދެ ދުވަސް ފަހެވެ. ޝާހާ ހުރީ ސްކޫލު ގޭޓު ކައިރީގައި ރައްޔާނާ ނުހަނު ގާތުގައެވެ. ދަރިވަރުންގެ ބޮޑު ތޮއްޖެހުމެއް އެތާނގައި އޮތެވެ. ކުޅިވަރާއި ސަކަރާތްޖެހުން ހިނގަމުން ދިޔައެވެ.
"ރައްޔާން،" އޭނާ ކުއްލިއަކަށް ބުންޏެވެ. "އަހަންނަށް ތީނަގެ ނަންބަރު ދޭންވީނު؟"
އޭނާ ނުދޭން ގަދަ އެޅިއެވެ. އޭނާގެ ހިތް ވަގުތުކޮޅަކަށް ހާސްވެގެން ދިޔައެވެ.
"އަހަރެން… އެއީ އެހާ ރަނގަޅު ކަމެއްހެން ހިއެއްނުވެއޭ،" އޭނާ އެންމެ ފަހުން ބުންޏެވެ. "މީހުން އެކިކަހަލަ ވާހަކަ ދައްކާނެ. އަހަރެން މައްސަލައެއް ޖެހޭކަށް ބޭނުމެއް ނޫން. ތީނައަށްވެސް އެކަން ވިސްނޭނެ."
ޝާހާ ދެލޯ ބޮޑުކޮށްލިއެވެ. "ގޯސް ކަމެއް؟ ކީއްވެ ގޯސްކަމަކަށް އެކަންވާނީ؟" އޭނާ ހީނލާފައި ބުންޏެވެ. "އަހަރެން ބައްދަލުވުމަކަށް ދާކަށް އެދުނީކީ ވެސް ނޫނެއްނު."
"އަހަންނަށް އެނގޭ،" އޭނާ އަވަސްއަވަހަށް ބުންޏެވެ. "އަހަރެން ހަމަ… މައްސަލައެއް ނުޖެހުމަށް ބޭނުންވާތީ. މުނާވެސް ނުދިނެއްނު؟"
އޭނާގެ ވާހަކަ ހުރީ އަދަބުވެރިކޮށެވެ. އެކަމަކު އެ ދެކޮޅުހެދުން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
މިނެޓެއް ފަހުން، މުނާ އުފާވެފައި ހުރެގެން އައެވެ. އޭނާއަކަށް މި ދެކެވުނު ވާހަކައެއް ނޭނގެއެވެ.
ޝާހާ އެމީހުންގެ ކައިރީގައި ހިނގާފައި ދިޔައިރު، މޫނުމަތިން ހިނިތުންވުމެއް ފެންނާކަށް ނެތެވެ. އޮޅުންބޮޅުން ބޮޑުވެ ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ.
އެ ރޭ، ޝާހާ މުނާއަށް މެސެޖު ކުރިއެވެ.
ޝާހާ: ތީނަގެ ބޯއިފްރެންޑް މިއަދު އުޅުނީ ވަރަށް އާދަޔާޚިލާފަށް.
މުނާ: އާދަޔާޚިލާފަށް ކިހިނެއް؟
ޝާހާ: އަހަރެންގެ ނަންބަރު ހޯދަން ވެސް އުޅުނު.
މުނާ: އެއީ ކީއްކުރަން؟؟
ޝާހާ: އޭނާ ވާހަކަ ދެއްކީ ވަރަށް ދިފާޢީ ގޮތަކަށް. ލަދުވެތި ގޮތަކަށް.
ޖަވާބު ދިނުމުގެ ކުރިން މުނާ ވިސްނާލިއެވެ.
މުނާ: އޭނާ ތިޔަ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. އަހަރެން އޭނާ ކައިރިން އަހާނަން.
އެއަކަށް ޝާހާ އެއްޗެއް ނުބުންޏެވެ. އޭނާއަށް ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް މި ހަދާލެވުނު ދޮގުން އިޙްސާސްވިއެވެ.
އަނެއް ދުވަހު، މުނާ ރައްޔާން ކައިރިއަށް ގޮސް ބުންޏެވެ.
"ޝާހާ ބުނީ ތީނަ އޭނާގެ ނަންބަރު ހޯދަން އުޅުނިއްޔޭ."
ރައްޔާން ހުރީ އޮޅުން އަރާފައެވެ. "ކިހާ ރީތި. މަގޭ ގާތު ނަމްބަރު ދޭށޭ ބުނީމަ އަހަރެން ބުނީ އޮޅުންއަރާ ކަހަލަ ކަމެއް ކުރަން ބޭނުމެއް ނުވެޔޭ. މުނާވެސް ނުދިނެއް ނޫންހޭ."
"އެހެންވީމާ ތީނަ އޭނާގެ ހިތް ނުތަނަވަސްކުރީތަ؟"
"އަހަރެން އެކަން ކުރާކަށް ބޭނުމެއް ނުވޭ،" އޭނާ މަޑުމަޑުން ބުންޏެވެ. "އެކަމަކު އޭނާ އެހެން އެހީ ކުއްލިއަކަށް. އަހަރެން ކުޑަކޮށް ބިރުގަތް."
"ކީއްވެ ބިރުގަންނަންވީ؟"
"އަހަރެން ހަމަ… ތީނައާ ދޭތެރޭ އޮޅުމެއް އަރާފާނެތީ."
އެ ބަސްތަކުގެ ސަބަބުން މުނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އަދިވެސް ކަމެއް އޭނާއަށް ސާފެއް ނުވިއެވެ. ޝާހާ ކީއްވެ ދޮގުހަދައިގެން އެވާހަކަ ދެއްކީ؟" މުނާ އެވާހަކަ ފަހުން ޝާހާ ކުރެން އެހިއެވެ.
ޝާހާ ނުރުހުންވެގެން އަޑުގަދަ ކުރިއެވެ. "ކިހާ ރިވެތި ބަހަނާއެއް؟ ފަހަރެއްގައި އޭނާ ބޭނުންނުވީ ކަންނޭނގެ ތީނަ ގާތު މާ ސާލިހުވާން."
"ކީއްވެ؟" މުނާ ހަރުކަށިކޮށް އެހިއެވެ.
ޝާހާ އެހެން ދިމާލަކަށް ބަލައިލިއެވެ. "އަހަރެން ބުނީ… އަހަރެމެން ޗެޓްކުރާކަން އެނގޭކަށް އޭނާ ބޭނުމެއް ނުވާނެ."
އޭނާގެ އަޑު ހުރީ މާ ގަދަވެފައެވެ. އޭނާ އަނެއްކާވެސް މުނާގެ ހިތުގައި ޝައްކުގެ ކުޑަ އޮށެއް އިންދާލިއެވެ.
"ދެން ހިނގާ އެވާހަކަ ނުދައްކަމާ."
އެއް ހަފްތާ ފަހުން، އެރި އޮޅުމެއްގެ ސަބަބުން ކަންތައްތައް އިތުރަށް ގޯސްވިއެވެ.
ވާރޭ ވެހެމުން ދިޔަ ހަވީރެއްގައި، މުނާގެ ކޮޓަރީގައި ޝާހާ އާއި މުނާ ތިބީ ފިލާވަޅު ހަދާށެވެ. މުނާ ސައި ހަދަން ދިޔައީ، އޭނާގެ ފޯނު ބާއްވާފައެވެ.
ސްކްރީނަށް ނޮޓިފިކޭޝަނެއް އެރިއެވެ:
ރައްޔާން: ފަހުން ގުޅާލާނަންތަ؟ ކަމެއް ސާފުކުރަން ޖެހިފައި އެބައޮތް.
ޝާހާ އެއަށް ބަލަހައްޓައިގެން ހޢީޏޭޥޭ. އޭނާގެ ހިތް ތެޅެމުން ދިޔައެވެ. "ކަމެއް ސާފު ކުރަން؟ ކޮން ކަމެއްގެ ވާހަކަ؟ އަހަރެންގެ ވާހަކަތަ؟ ނުވަތަ މުނާގެ ވާހަކަތަ؟"
އޭނާ އެފޯނު ހުޅުވާލިއެވެ. މުނާގެ ޕެޓާން އޭނާއަށް އެނގެއެވެ. އަދި ޗެޓް ހުޅުވާލިއެވެ.
އެތާޏގައި ކުރީ ދުވަހުގެ އިތުރު މެސެޖެއް އޮތެވެ:
ރައްޔާން: އެ ކުއްޖާ އަހަންނަށް މެސެޖު ކުރަނީ. އަހަރެން ތީނަ ގާތު އެވާހަކަ ދެއްކީ ކީއްކުރަންހޭ؟
ޝާހާ ހުއްޓުން އެރިއެވެ. އެ ކުއްޖާ؟ އަހަރެން؟ އަހަރެން މެސެޖު ކުރަނީއޭ؟
އޭނާ އެހެން ބުނާނެޔެކޭ ހިޔެއްވެސް ނުކުރެއެވެ.
އެކަމަކު…
އޭނާގެ ސިމް-2 ނަންބަރުން އައިސްފައިވާ މިސްކޯލަކީ އޭނާ ގުޅަން މަސައްކަތް ކުރިކަމުގެ ހެއްކެކެވެ.
ރުޅިއާއި ލަދުގަތުމުގެ އިޙްސާސްތައް އެކުވެގެން އޭނާގެ ހަށިގަނޑުގައި އަލިފާން ރޯވިއެވެ. އޭނާ ހުރިހާ ކަމެއް ބޭޒާރުކޮށްލަނީއެވެ.
އޭނާ ރައްޔާންގެ ކޮންޓެކްޓް ހުޅުވާލިއެވެ. އަދި އަވަސްއަވަހަށް އެ ޗެޓްތައް އޭނާގެ އަމިއްލަ ފޯނަށް ކޮޕީ ކުރިއެވެ.
މުނާ އެނބުރި އައިއިރު، ޝާހާ އިނީ ނޯޓްތައް ކިޔަނީ ކަމަށް ހެދިގެންނެވެ. އެކަމަކު އޭނާގެ ހިތް އަވަސްއަވަހަށް ތެޅެމުން ދިޔައެވެ.
އެ ރޭ، އޭނާ ރައްޔާނާށް އެ މެސެޖުތައް ފޮނުވިއެވެ.
ޝާހާ: ތީނަ މުނާ ކައިރީގައި އަހަރެން މެސެޖު ކުރަނީއޭ ކިޔައިގެން ވާހަކަ ދެއްކީ ކީއްވެ؟
ރައްޔާން: އަހަރެން ކީއްކުރީ؟
ޝާހާ: އަހަންނަށް ތީނަ ފޮނުވާފައި ހުރި މެސެޖުތައް ފެނިއްޖެ.
ރައްޔާން: ތީނައަށް އަހަރެމެންގެ ޕްރައިވެޓް ޗެޓް ލިބުނީ ކިހިނެއް؟
ޝާހާ: މިވާހަކަ ދެން އޮޅުވާނުލާ.
ރައްޔާން އިރުގަނޑަކަށް ހުއްޓުން އެރުމަށްފަހު ޖަވާބު ދިނެވެ.
ރައްޔާން: ތީނަ އަހަންނަށް ގުޅީ އެހެން ނަންބަރަކުން. އަހަރެންނަކަށް އޭރު ކާކުކަމެއް ވެސް ނޭނގޭ.
ޝާހާ: އެއީ އަހަރެން ނޫން ކަމަށް ވެސް ވެދާނެނު؟
ރައްޔާން: އެހެންވިއްޔާ ދެން އެއީ ކާކު؟
ޝާހާ: ތީނަ ކުށެއް ނެތް މީހެއްހެން ހެދެން އަހަރެން ބަދުނާމުކުރުން ހުއްޓާލާ.
ރައްޔާން: އެހެންވީރު އަހަރެން މި ނަންބަރު ބްލޮކް ކުރަނީ. އަހަރެން މައްސަލަ ޖެހޭކަށް ބޭނުމެއް ނޫން. މިހާރު ދެން މެސެޖެއް ނާންނާނެ.
ޝާހާއަށް ހީވީ ހަށިގަނޑުން ހަކަތަ ހުސްވީ ހެންނެވެ.
އަހަރެން ފްލާޓެއް ވެސް ނުކުރަމޭ. ނޫނޭ! އެކަމަކު މިހާރު ހީވަނީ އަހަރެން އެކަން ކުރިހެން.
އެކަމަކު ފަސްޖެހުމުގެ ބަދަލުގައި، އޮޅުން ބޮޅުން ބޮޑުވުމުގެ ސަބަބުން އޭނާ އިތުރަށް މާޔޫސް ވެގެން ދިޔައެވެ. އޭނާ ދެވަނަ ސިމް އިން އަނެއްކާވެސް މެސެޖު ކުރީ ވާހަކަ ސާފުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޭނާ އެ ސިމް ވެސް ބްލޮކް ކޮށްލައިފިއެވެ.
އޭނާ ގަތް ލަދާއި އައި ރުޅިވެރިކަމުން އޭނާގެ ހިތް ފިތިގެން ދިޔައެވެ.
ކުޑަ ދުވަސްކޮޅެއް ފަހުން، ރައްޔާން މުނާއަށް މެސެޖުތަކާއި މިސްޑް ކޯލްތައް ދެއްކިއެވެ.
"އަހަރެން ޖަވާބު ދިނީ ހަމަ ހުއްޓާލާށޭ ބުނަން އެކަނި،" އޭނާ ބުންޏެވެ. "އަހަރެން ބޭނުންވަނީ ތެދުވެރި ގޮތުގައި އުޅެން."
މުނާ ސްކްރީނަށް ބަލަހައްޓައިގެން އިނެވެ. ނޭނގޭ ނަންބަރުތައް ޝާހާގެ ސިމް-2 ގެ ނަންބަރާ ދިމާވިއެވެ. މެސެޖުތަކުގެ ޓޯން އޮޅުންބޮޅުންވެފައި، ޖަޒުބާތީއެވެ. އޭނާގެ އަޑުތުރުތުރުލައެވެ.
އެކަމަކު ޝާހާ ހަރުކަށިކޮށް ބުނީ އެއީ އޭނާ ނޫން ކަމަށެވެ.
އަދި މިހާރު ރައްޔާން ހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ.
"މުނާ… އޭނާ ބޭނުންވަނީ ކީއްކަމެއް އަހަންނަކަށް ނޭނގޭ،" އޭނާ މަޑުމަޑުން ބުންޏެވެ.
މުނާގެ މޭގެތެރޭގައި ތަދެއް އުފެދިގެންފިއެވެ. އެއާއެކު ތިންމީހުންގެ ދެމެދު ޝައްކުގެ އޮއިވަރެއް ދެމިގެން ދިޔައެވެ.
އެ ރޭ، އޭނާ ޝާހާ ކައިރީގައި މުނާ ވާހަކަ ދެއްކިއެވެ.
"ތީނަ އޭނާއަށް މެސެޖު ކުރީތަ؟"
"ނޫން،" ޝާހާ އަވަސްކޮށް ބުންޏެވެ. "އޭނާ ދޮގު ހަދަނީ."
"އޭނާ އަހަންނަށް ދެއްކި." މުނާގެ އަޑު ތުރުތުރު އެޅިއެވެ. "ތީނަގެ އަނެއް ނަންބަރުން ގުޅާފައި ހުރި."
"އަހަރެން އޭނާއަށް ނުގުޅަމޭ! ފަހަރެއްގައި އަހަރެންގެ ސިމް އެހެން މީހަކު ބޭނުންކުރީކަން ނޭނގޭ!" އޭނާގެ އަޑު ހުރީ ވަރަށް ކަސިޔާރު ކޮށެވެ، އަމިއްލަ ނަފްސަށް ވެސް އޮޅުން އަރާފައެވެ. "އޭނާ ހުރިހާ އެއްޗެއް ވެސް އޮޅުވާލަނީ."
"ތީނައަށް އޭނާގެ ނަންބަރު ލިބުނީ ކިހިނެއް؟"
ޝާހާ ހުއްޓުން އެރިއެވެ.
މުނާއަށް އެ ޖަވާބު އިވުމަކާ ނުލައި ވެސް އެނގުނެވެ. އޭނާގެ ހިތް ހާސްވިއެވެ. "ތީނަ އަހަރެންގެ ފޯނު ހުޅުވީ."
"ނޫން އަހަރެން ބުނީ އާނ، އެކަމަކު ތީނައަށް އެކަމެއް ނޭނގޭނެ."
"އަހަރެން ތީނައަށް ވަރަށް އިތުބާރު ކުރިން،" މުނާ މަޑުމަޑުން ބުންޏެވެ. "އަދި މިހާރު ދޮގު ހަދަނީ ކާކުކަމެއް ވެސް އަހަންނަކަށް ނޭނގޭ."
ޝާހާގެ ހިތުގެ ތެރޭގައި އެއްޗެއް ފުރޮޅިގެން ދިޔަ ހެން އިޙްސާސްވިއެވެ. "މުނާ، އަހަރެން ހުވާކުރަން."
އެކަމަކު މުނާ ފަސްޖެހުނެވެ. “އަހަރެން ވިސްނަން ވަގުތު ބޭނުން. ތި ދެމީހުންގެ ކައިރިން ވެސް.”
އެންމެ ފަހުން، އެތިންމީހުންގެ ރަޙުމަތްތެރިކަން ފުރަތަމަ ފަހަރަށް ކެނޑިގެން ދިޔައެވެ.
އެއާއކު ލޯބީގެ ގުޅުން ވެސް ކެނޑިގެން ދިޔައެވެ.
އަދި ކޯލްތަކާއި މެސެޖުތަކުގެ ފަހަތުގައިވާ ޙަޤީޤަތް— ވަނީ އޮޅުން ބޮޅުން ވެފައެވެ. އެއްކަމެއް ވެސް މުޅިން ސާފެއް ނުވިއެވެ.
މުނާ ދެމީހުންކުރެ މީހަކާ ނުގުޅައެވެ. އެއިން މީހަކު ގުޅިޔަސް ފޯނު ނުވެސް ނަގައެވެ.
މަސްތަކެއް ފަހުން، މުނާ ޓީވީ އިން ރައްޔާން ޓެނިސް މެޗެއް ކާމިޔާބު ކުރާތަން ބަލަން އިނެވެ. އަދި ފަހުން ހުޅުމާލޭ ގޮނޑުދޮށުގައިޝާހާ އެކަނި އިނދެ، ރާޅުތައް ގުނާތަންވެސް ފެނުނެވެ.
އެރި އެންމެ އޮޅުމެއްގެ ސަބަބުން ތިން މީހުންގެ ގުޅުން ކެނޑުނު ގޮތް ނުވެސް އެނގުނެވެ. އެކަން އެކަކަށްވެސް ރަނގަޅެއް ނުކުރެވުނެވެ.
ބައެއް ކަންތައްތައް، މުނާއަށް ވިސްނުނެވެ. މުޅިއަކުން އެގުޅުންތައް ހިތަކުންވެސް ފިލާވެސް ނުދިޔައެވެ.
އެކަމަކުވެސް އެގުޅުންތަކާ ވަގުތީ ގޮތުން ނަމަވެސް ދުރަށް ދިއުން ނޫން ގޮތެއް މިވަގުތަކު ނެތެވެ. ހިތުގައިވާ ޝައްކު ފިލަންދެން ނެވެ.



advertisment