ޖުމްހޫރީ ވެރިކަން ނުވަތަ (Republicanism) އަކީ، ވެރިކަމުގެ ބާރުތައް ރައްޔިތުންނަށް ނުވަތަ ރައްޔިތުން ހޮވާފައިވާ މަންދޫބުންނަށް ލިބިގެންވާ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމުގައި، ވެރިކަމުގެ އެންމެ މަތީގައި ހުންނަ ފަރާތަކީ ވާރުތަވެރިއަކަށް ނުވެ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރެވޭ ފަރާތަކަށް ވެއެވެ. ޖުމްހޫރީ ވެރިކަމުގައި ރައްޔިތުންނަކީ ވެރިކަމުގެ އަސާސީ ބާރު ކަމުގައި ބެލެވެއެވެ. ގިނަ ޖުމްހޫރިއްޔާތަކުގައި ދައުލަތް ހިންގުމުގެ ބާރުތައް (ޤާނޫނު ހަދާ ބާރާއި، ޤާނޫނު ތަންފީޒުކުރާ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރާ ބާރު) ވަކިވަކި ދާއިރާތަކަށް ބަހާލެވިފައި ހުރެއެވެ.
ޖުމްހޫރީ ވެރިކަމުގެ އެންމެ ބޮޑު ފައިދާއަކީ ރައްޔިތުންނަށް ޤައުމު ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ. ރައްޔިތުންގެ ވޯޓުން ދައުލަތުގެ އެންމެ އިސް ވެރިޔާއާއި މަޖިލީސް މެންބަރުން ހޮވުމުގެ ބާރު ލިބި، ވެރިކަމުގެ ސިޔާދަތީ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތުމެވެ.
ޖުމްހޫރީ ވެރިކަމުގެ ނިޒާމެއްގައި ދައުލަތުގެ ކަންތައްތައް ހިންގާ ބަލަހައްޓަވަން ތިއްބަވާ ވެރިން ޖަވާބުދާރީކުރެވެއެވެ. އެބޭފުޅުން ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވައެވެ. ރައްޔިތުން ހިތްހަމަނުޖެހޭނަމަ އިންތިޚާބުތަކުގައި ރައްޔިތުގެ އަޑު އިއްވައި ބޭނުންވާ ބަދަލު ގެނެއެވެ. މިއީ ޤާނޫނާއި ގަވާއިދާއި ރައްޔިތުންގެ މަޞްލަޙަތަށް މަސައްކަތްކުރެއްވުމަށް ދައުލަތުގެ ވެރިންނަށް ބާރުއަޅާ ކަމެކެވެ.
ޖުމްހޫރީ ވެރިކަމުގެ ނިޒާމުގައި އެންމެންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެކެވެ. ހުރިހާ އެންމެންގެ މައްޗަށް ވެސް ޤާނޫނުގެ ބާރު ހިނގާނެއެވެ. އެއްވެސް މީހެއް އަދި އެއްވެސް މުއައްސަސާއެއް ވެސް ޤާނޫނަށްވުރެ މަތީގައެއް ނުހުންނާއެވެ. ދައުލަތުގެ ބާރުތަކާއި ސަލާމަތީ ބާރުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ތަންފީޒީ އިދާރާ ވެސް ހިނގާނީ ޤާނޫނާ އެއްގޮތަށެވެ. ޤާނޫނުގެ ވެރިކަން ހިންގުމަކީ މިއީއެވެ. ޖުމްހޫރީ ވެރިކަމުގައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށް ޤާނޫނުގެ ވެރިކަން ހިންގުމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ.
ޖުމްހޫރީ ވެރިކަމުގެ ނިޒާމެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމެވެ. ގިނަ ޖުމްހޫރިއްޔާތަކުގައި މި ޙައްޤުތަކާއި މިނިވަންކަން ޤާނޫނު އަސާސީން ރައްކާތެރިކޮށްދެއެވެ. މިކަމުގެ ސަބަބުން، ވެރިކަން ހިންގާ ބާރުތަކަށާއި ވެރިކަން ދިފާޢުކޮށް ހިމާޔަތްކުރާ ބާރުތަކަށް ވެސް ލިބިގެންވާ ބާރުތައް ވަކި މިންވަރެއްގެ ތެރޭގައި ހިފެހެއްޓިފައި ހުރެއެވެ.
ޖުމްހޫރީ ނިޒާމުގައި، ވެރިކަމުގެ ދައުރު ހަމަވުމުން ނުވަތަ އިންތިޚާބު ކުރުމުން، ވެރިކަން ހިންގުމުގެ ބާރު އެކުވެރިކަމާއެކު އަލަށް އިންތިޚާބުވާ ފަރާތަކާ ޙަވާލުކުރެއެވެ. މިއީ ޤައުމީ ހަމަޖެހުމާއި ސުލްޙަވެރިކަމަށް މަގުފަހިކުރާ ކަމެކެވެ. ގަދަބާރު އަދި ޣައިރު ޤާނޫނީ އަދި ޣައިރު ދުސްތޫރީ ޢަމަލަކުން ވެރިކަން ހޯދުމުގެ ފުރުސަތަކީ ޖުމްހޫރީ ނިޒާމު ދަންނަކަމެއް ނޫނެވެ.
ޖުމްހޫރީ ވެރިކަމުގައި ރައްޔިތުންނަށް ޤައުމު ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭތީ، ޤައުމުގައި ހަމަޖެހުމާއި ޞުލްޙަ ދެމެހެއްޓެއެވެ. އެއްބައިވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ވަރުގަދަވެއެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއެކު ޤައުމަށް ތަރައްޤީ ގެނެވެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމުގެ މުސްތަގުބަލު ބައްޓަން ކުރެވެއެވެ. މިފަދަ ގިނަގުނަ ފައިދާތަކުގެ ސަބަބުން ޖުމްހޫރީ ވެރިކަމުގެ ނިޒާމު ވެފައިވަނީ ދުނިޔޭގެ އެންމެ ގިނަ ޤައުމުތަކުން ބަލައިގަނެފައިވާ ވެރިކަމުގެ ނިޒާމަށެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment