ކޮވިޑް19 ޖެހޭ މިންވަރު ދަށަށް ޖެހިފައި ކުޑަ ދުވަސްކޮޅަކު އޮތުމަށްފަހު އަނެއްކާ ވެސް މަތިވެ، މިއަދު 121 މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑަށް މިއަދު ޕޮޒިޓިވްވި 121 މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސިޓީން މި ބައްޔަށް ޕޮޒިޓިވްވި މީހުން ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުން 19 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވި 121 މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި 46 ބިދޭސީންނެވެ.
ކޮވިޑް19 ރާއްޖެއިން މިހާތަނަށް 9173 މީހުންނަށް ވަނީ ޖެހިފައެވެ. އޭގެތެރެއިން 7326 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 1809 ހިމެނޭއިރު އައިސޮލޭސަން ފެސިލިޓީޒްތަކުގައި 1087 މީހަކު އެބަތިއްބެވެ. މި ބަލި ޖެހިގެން 113 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.
ކޮވިޑް19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލޮޓީޒްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ އުމުރުން 58 އަހަރުގެ އަންހެނަކު މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ. މި އަންހެން މީހާގެ މަރާއެކު މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.



advertisment