Support Us

ފުލުހުންގެ އިންޒާރު: އެއްވުންތައް ބާއްވައި، ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން

ކޮވިޑް19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ގައިޑްލައިންތަކާ ހިލާފަށް އެއްވުންތައް ބާއްވައި އެ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ ޓޫވީޓެއްގައި ބުނެފައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް އާއްމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުންގެ އެއްނުވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާފައިވާއިރު އެ އެންގުންތަކާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާއްވަމުން ގެންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެން އެންގުމާ ހިލާފަށް އެއްނުވުމަށާއި އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކުރިއަށް ނެރެ ހުރިހާ ފަރާތްތަކުން ވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލްތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ވަނީ އެކިއެކި އެއްވުންތައް މާލެ އާއި އަތޮޅުތެރޭގައި ބާއްވާފައެވެ. މިއަދު ވެސް މާލޭގައި މިފަދަ އެއްވުމެއް ބާއްވަން ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ކެންޕެއިން ކުރަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދިވެސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ އެއްވެސް ސިޔާސީ ހަރަކާތެއް މިއަދު ނޯންނާނެ ކަމަށެވެ. އަދި މާލޭގައި މިއަދު ބާއްވަން އުޅޭ އެއްވުމަކީ އެ ކޯލިޝަނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ކޯލިޝަނުން އެއްވުމެއް ނުބާއްވާނެ، ޕާޓީގެ ސަޕޯޓަރުން ތިބިދާނެ، ސަޕޯޓަރުންނަކީ ހަމަ ދިވެހި ރައްޔިތުން. އެހެންވީމަ ރައްޔިތުންނާއި ޒުވާނުން ކުރާ ކަމެއްގައި ސަޕޯޓަރުން ތިބޭނެ ދެއްތޯ، ޕާޓީގެ ކުލައާ ލޯގޯވެސް ބޭނުމެއް ނުކުރާނެ، ސަރުކާރުގެ ކަންކަމާ މެދު ރައްޔިތުން ކަންބޮޑުވެ، ހިޔާލު ފާޅުކުރާ އެއްވުމެއްގައި އަޅުގަނޑުމެން އެއަށް ތާއީދުކުރާނެ، ހުދު އަޅުގަނޑު ވެސް ބައިވެރިވާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމު ވިއްކާލުމާ ދެކޮޅަށް" އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލް ބުރަށްފަހު ބޭއްވި އެއްވުމަކާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ފަރާތްތައް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފްވެގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވަޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އިދިކޮޅުން ބޭއްވި އެއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެޕާޓީ ވެސް 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އިދިކޮޅުގެ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެ ދެޕާޓީން ވަނީ ބުނެފަ އެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކޮން ގާނޫނީ ފިޔަވަޅެއް. ތިޔައީ ޚުދުމުޚުތާރު ފިޔަވަޅެއް. އިންޑިއާއަށް ގައުމު ވިއްކާލާ މައްސަލައެއް ފުލުހުންނަކަަށް ނުބެލޭނެއެއްނު؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *